ރިޕޯޓް

ނަޝްވާ: 28 އަހަރުގެ ހިދުމަތަށް ސެލިއުޓް ހައްގު

ފުލުހުންގެ އެގްޒެކެޓިވް ރޭންކްގައި ހުންނެވި ފުރަތަމަ އަންހެން އޮފިސަރު: ހިދުމަތުގައި 28 އަހަރު ހޭދަކުރެއްވިއިރު ދިމާވި ކަންކަން ކިޔައިދެއްވި. -- ފޮޓޯ | ޕޮލިސް

ދެން ނުވާނެއޭ ހިތަށް އަރައި ތަމްރީނުތަކުގައި ފާތިމަތު ނަޝްވާ ހިތްވަރު އެލުނު ކިތަންމެ ދުވަހެއް އަ އެވެ. އެކަމަކު، ފުން ނޭވާއަކަށް ފަހު ކޮންމެ ފަހަރަކު ވެސް އަލުން ފަށައިގަންނަނީ 100 ގުނަ ހިތްވަރުންނެވެ.

ކުށެއްގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި މީހެއްގެ އަނބިމީހާ, ދަރިންނާ އެކު ފުލުސް އޮފީހަށް ގޮސް ހިތުގައި ޖެހިފައި ހުރެގެން ދޫކޮށްލި ބަސްތައް އަޑުއަހަން ޖެހުނެވެ. ކުޑަ ފިރިހެން ކުއްޖާގެ ރުޅިވެރި ބަލާލުމަކީ ޔުނިފޯމުގައި ހުންނެވި ނަޝްވާ އެ ކުއްޖާގެ ކުރިމަތީގައި އެ ދުވަހު ކުށްވެރިޔަކަށް ވުމެވެ.

އެ ކުއްޖާ އަށް އަޅާނުލައިފި ނަމަ ދެން ވެދާނެ ގޮތަކާ މެދު ވިސްނަން މަޖުބޫރުވި އެ ހާދިސާއަކީ ފުލުހުންގެ މުއައްސަސާއިން މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމްތައް ހަދައި ހިންގެވުމުގެ ވިސްނުން ނަޝްވާއަށް އައި ގޮތެވެ.

ޑިއުޓީތަކުގައި ރަށުން ބޭރުގައި އުޅެން ޖެހުމުން ދަރިން ބޭނުންވި ސަމާލުކަން ނުދެވިދާ ކަން ހިތަށް ގެނެވުނީ ފުލުހުންގެ ހިދުމަތުގައި އޭނާ އެންމެ ބުރަކޮށް އުޅެން ޖެހުނު ދުވަސްވަރު, ގްރޭޑް 4 ގައި ކިޔަވަމުން ދިޔަ ދަރިފުޅުގެ ފޮތުގައި ލިއުނު ޖުމުލަތަކުންނެވެ.

"ޑޭޑް ލަވްސް ގްރީން ޓީ. މައި މަމް އިޒް ޓޫ ބިޒީ."

ބައްޕަ އާއި މަންމަ އެންމެ ކުރާ ހިތްވާ ކަމެއްގެ ވާހަކަ ލިޔަން އިން ތަނުގައި ދަރިފުޅު ލިއުނީ އެގޮތަށެވެ. އެހެންވެ، ރަށުން ބޭރުގައި އުޅެން ޖެހުނަސް ވަޒީފާގެ ބިޒީކަމާ އެއްވަރަށް، ދަރިންގެ ކަންކަމަށް ވަގުތު ދޭން ދަސްކުރި އެވެ. ތަމްރީންތަކަށް އޭގެ ފަހުން ދާން ފެށީ ދަރިން ގޮވައިގެންނެވެ. ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅުއްވަން ނަޝްވާއަށް އެނގިވަަޑައިގަންނަވާތީ އެވެ.

ނަޝްވާ ތަމްރީނެއްގައި ފުލުހުންނަށް ސެޝަނެއް ނަންގަވައިދެއްވަނީ.

"މަންމަ ކުރާ ކަންތައް (އޮފިސަރުން ތަމްރީންކުރާތަން/ ސްކޫލް ކުދިންނަށް ހުނަރު ދަސްކޮށްދޭތަން) އެ ކުދިންނަށް ފެންނަން ފެށީމާ އަހާ ކޭމްޕްތަކުގައި މި ހުރިހާ ކުދިންނާ މަންމަ ހެއްޔޭ ބައްދަލުކޮށްފައި ވާހަކަ ދައްކަނީ. މަންމަހޭ ލީޑަރަކީ؟ ފަހުން ވަރަށް ހިތްހަމަޖެހިފައި ދަރިފުޅު ހުރީ އެނގުނީމާ، ކިޔައިދިނީމަ ބިޒީވަނީ ކޮން ކަމެއްގައި ކަން،" ނަޝްވާ ވިދާޅުވި އެވެ.

އުމުރުން 16 އަހަރުގައި ފުލުހުންގެ ޔުނިފޯމު ލީ ގޮތަށް ހިދުމަތުގައި 28 އަހަރު ހޭދަކުރެއްވުމަށް ފަހު، މަދު ސޮފްހާތަކެއް އަންހެނުންގެ ދުވަހު, ނަޝްވާ މި ހުޅުވައިދެއްވީ އެހެން މީހުންނަށް ހިތްވަރާއި ކުރިއަށް ދިއުމުގައި ޕޮޒިޓިވްކޮށް ވިސްނަން ބާރުއެޅުއްވުމުގެ ގޮތުންނެވެ.

އުނދަގޫތަކާއި ގޮންޖެހުންތަކުގެ ތެރެއިން ފަހަރަކު ހަރުފަތަކުން މައްޗަށް އަރައި ނަޝްވާއަކީ މިހާރު ފުލުހުންގެ އެގްޒެކެޓިވް ރޭންކާ ހަމައަށް ފުރަތަމަ ފަހަރަށް އާދެވުނު އަންހެން އޮފިސަރެވެ. ފުލުހުންގެ ހިދުމަތުގެ ދިގު ތާރީހުގައި އޭނާ އެ ހުންނެވީ ސެލިއުޓް ހައްގު, ތާރީޚީ މަގާމެއްގަ އެވެ.

"ވަރަށް އުފާވޭ އަޅުގަނަޑަށް އަންހެނަކަށް ވެ ހުރެ ނުކުމެ، ޕޮލިސިންގެ ކަންތައްތަކެއް ކިޔައިދީ ކޮމިއުނިކޭޝަންގެ ކަންކަން ކިޔައިދީ ލީޑިން ރޯލް ކިޔައިދީ، މަސައްކަތް ކުރާނެ ގޮތް އަންހެނުންނަށް ވިޔަސް ފިރިހެނުންނަށް ވިޔަސް ކިޔައިދެވޭ ހިސާބެއްގައި ހުރެވޭތީ،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާއަށް މި ކާމިޔާބީ ފަސޭހައެއް ނޫނެވެ. އެހެން ދާއިރާތަކެކޭ އެއްގޮތަށް ފުލުހުންގެ ތެރޭގައި ވެސް ގުނާލާއިރު ކޮންމެ 10 މީހެއްގެ ތެރޭގައި އެކަކު ނުވަތަ އެ އަށް ވުރެން ވެސް މަދުން އަންހެނަކު ހުރުމުން ކަންކަމުގައި އޭނާގެ އަޑު ފަނޑުކޮށްދިޔަ ފަހަރުތައް ދިޔަ އެވެ.

ފުލުހުންގެ އެގްޒެކެޓިވް ރޭންކަށް ނަޝްވާ ހަމަޖައްސަވައި ކުރީގެ ކޮމިޝަނަރު މުހައްމަދު ހަމީދު ލިއުން ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ޕޮލިސް

އެކަމަކު، ފިރިހެނުންނާ އެއް ލެވެލް އަށް ޓާސްކްތައް ނަގައި، ނަޝްވާ ނިންމެވި އެވެ. އެޑްމިން އޮފިސާ ލެވެލް އިން ފައްޓަވައި އެކި ލެވެލްއަށް އަރަމުން، އަތޮޅު ތެރޭގެ ކޮމާންޑަރު ކަމާއި ރީޖަނަލް ކޮމާންޑަރު އަދި ޑިވިޝަން ކޮމާންޑަރު ކަން ވެސް ކުރެއްވި އެވެ. އޭނާއަކީ މިހާރު ޗީފް ސުޕްރިންޓެންޑެކެވެ. އެގްޒެކްޓިވް ލެވެލްއާ ހިސާބަށް އާދެވެނީ އެ ރޭންކުން މަތިވީމަ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރު ގަބޫލުކުރެއްވި ގޮތުގައި ނަޝްވާ، ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ އެވެ. އެ ހިތްވަރު ވީ ނަޝްވާ ވިދާޅުވި ގޮތުގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންސް އިން މާސްޓާސް އަދި މާސް ކޮމިއުނިކޭޝަނުން ޑިގްރީ އަށް ކިޔަވައި ވިދާޅުވާން ހުޅުވުނު މަގަށެވެ. ބޭނުމަކަށް ވީ ފުލުހުންނާ މެދު އާއްމުން ދެކެމުން އައި ގޮތް ބަދަލުކުރައްވައި، އިތުބާރު އޮތް މުއައްސަސާއަކަށް ހެދުމަށް ކުރެވެން އޮތް މަސައްކަތެއް ކުރެއްވުމެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި، މުޅި މުއައްސަސާގެ މަސައްކަތުން، އެ އިތުބާރާއި ބަދަލު އޭނާއަށް ފެނިވަޑައިގަންނަވަ އެވެ.

ފުލުހުންގެ ހިދުމަތުގެ ތެރެއަށް 1995 ގައި ނަޝްވާ ވަދެވަޑައިގަތީ އަމިއްލައަށް ބޭނުންވެގެން ނޫނެވެ. އުމުރުން 16 އަހަރުގައި ގަދަކަމުން ވެއްދީ އޭރު ގައުމަށް ހިދުމަތް ކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން އަމަލުކުރަމުން އައި ސިޔާސަތުންނެވެ.

ނަޝްވާ: އޭނާ ވަނީ ފުލުހުންގެ މުއައްސަސާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި.

"ކުރިން ކިޔާ ގަދަކަމުން ވެއްދި މީހުންނޭ, ހޮވާލި މީހުންގެ ތެރެއިން އިޖާބަދިން މީހުންނޭ, ޕޮޒިޓިވިޓީ ނެރެން އަޅުގަނޑުމެން ކިޔަނީ ޗޫޒަން ބައެކޭ" ހިދުމަތަށް މިހާރު އޮތް ލޯބި ދައްކަވަމުން ނަޝްވާ ވިދާޅުވި އެވެ.

"އެކަޑަމިކަލީ ވަރަށް އެންޖޯއިކުރިޔަސް ފިޒިކަލް އެކްސަސައިޒްތަކުގައި ދިޔަ ވަކި ހިސާބަކުން ދެން ނުވާނެއޭ ހިތަށް އެރި. އެކީގައި އޭރު އުޅޭ އެހެން އަންހެން ކުދިންނާއި އިންސްޓްރަކްޓަރު ގޮވާނެ ހިތްވަރުކޮށްލައިގެން އަންނާށޭ އަންނާށޭ. އަޅުގަނޑުގެ އަތުގައި ހިފައިގެން ދުވި ފަހަރުތައް ވެސް ދިޔަ," ނަޝްވާ ކިޔައިދިނެވެ.

"ހިތްވަރެއް އަޅުގަނޑު ލާން ޖެހުނު. އެ ހިތްވަރުން ކުރިއަށް ދެވުނީ,"

"މައްޗަށް އަރަނީ އެއް އަތް ތިރިކޮށްގެން"

ނަޝްވާ ވިދާޅުވި ގޮތުގައި، ކާމިޔާބީގެ ފަހަތުގައި އޮތީ އޭނާ ކުރެއްވި މަސައްކަތެވެ.

"ޕާސަނަލް އެޓޭކްސް ވެސް އާދޭ. ތި ރޭންކަށް ކީއްވެހޭ އާދެވުނީ. އެހެން މީހަކާ ހެދިހޭ؟ އެކަމަކު ހަގީގަތަކީ މި ނެގެޓިވް ކޮމެންޓްސްތަކެއް ނޫނޭ. އަޅުގަނޑު ކުރާ މަސައްކަތޭ ލިބުނު ކުރިއެރުމަކީ."

"އަޅުގަނޑު އަބަދުވެސް ބަލަން އަޅުގަނޑު މައްޗަށް އަރާއިރު އެއް އަތް ތިރިކޮށްފައި ބަހައްޓަން. އެއީ އެހެން މީހަކު މައްޗަށް އަރަން ފުރުސަތު ދޭން."

އޭނާ ވިދާޅުވި ގޮތުގައި ކުރިއަރައިދާން އަދި ދެގޮތެއް ނުވެ ހިދުމަތް ކުރުމުގައި ހުންނެވުނީ ކުރިމަތިވި ހުރަސްތަކަކާ ވެސް އެކުގަ އެވެ.

ފުލުހުންގެ އެގްޒެކެޓިވް ރޭންކްގައި ހުންނެވި ފުރަތަމަ އަންހެން އޮފިސަރު

"އަޅުގަނޑު އަބަދުވެސް އަޅުގަނޑުގެ ސްވޮޓް އެނަލިސިސްއެއް ހަދަން. އޭގައި އަޅުގަނޑުގެ ސްޓްރެންތާއި ވީކްނަސްއަކީ ކޮބައިކަމާއި ލިބެން ހުރި ފުރުސަތުތަކާއި ތްރެޓްސްއަކީ ކޮބައިކަން ވެސް ބަލަން. ދެން ބަލަނީ ވީކްނަސްގެ ދެތިން ކަމެއް އިތުރު ކޯހެއް ހަދައިގެން ނަމަވެސް ސްޓްރެންތަށް ބަދަލުކުރަން. ވަރިހަމަ އިތުރު ކަމެއް ދަސްކޮށްގެން ނުވަތަ އެހެން ދިމާލަކަށް ބަދަލުވެގެން ވިޔަސް."

ނަޝްވާ ކުޑައިރު ސިންގަޕޫރުން އެނބުރި މާލެ ވަޑައިގަންނަވަން ބައްޕައާ އެކު ކަނޑުމަތީގައި 14 ދުވަހު ހޭދަކުރައްވަން ޖެހިވަޑައިަގަތުމަކީ ކެތްތެރިވުން ފަދަ އެތައް ފިލާވަޅެއް، ފުލުހުންގެ ފޯސްތެރޭގައި ވެސް ބޭނުންކުރައްވަން ދަސްވި ކަމެކެވެ.

ފުލުހުން ހިންގި "ރެޑީ" ކޭމްޕްގައި ނަޝްވާ ވާހަކަ ދައްކަވަނީ.

ނަޝްވާ ވިދާޅުވި ގޮތުގައި ބައްޕައަކީ ބޯޓު ކެޕްޓަނަކަށް ވެފައި އިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ ކިޔަވަން މެލޭޝިއާއަށް ފޮނުވި އެވެ. މަންމަގެ ހިލްމުން ވަރަށް ގިނަ ނަސޭހަތްތައް ވެސް ދެއްވި އެވެ. އެކަމަކު މާ ސީރިއަސްކޮށް އޭރު ކިޔެވުން ނުނެގުނީތީ ފަހުން ހިތާމަކުރަން ޖެހުނެވެ.

"އެއީ ލައިފްގައި ހެދުނު މިސްޓޭކަކީ. އެހެން ހެދުނީމާ ދެރަވި. އެ ކުރެވުނީ ކޮން ކަމެއް ކަން އިހްސާސްވީ ދެ އަހަރާ ބައިގެ ދަރިފުޅާއި ބޮޑު ބަނޑަކާ އެކު ރާއްޖެއިން ބޭރުގައި ކިޔަވަން ދާން ޖެހުނީމަ. ކުޑަ ކުއްޖަކާއި ބަނޑަކާ ގޮވައިގެން ކްލާހަށް ވަނީމަ އޭރު އެންމެން ބަލާ ވެސް ހަދާނެ. އެކަމަކު ހިތްވަރު ކޮށްފައި ގޯސްކޮށް ވި ކަންކަން ރަނގަޅު ވެސް ކުރިން," ނަޝްވާ ވިދާޅުވި އެވެ.

"މާސްޓާސްގެ ފައިނަލް ޕޭޕާ ހަވީރު ހަވާލުކޮށްފައި އެރޭ އަޅުގަނޑު ދެ ވަނަ ދަރިފުޅު ވިހެއީ."

ފުލުުހުންގެ ހިދުމަތުގައި އޭނާއަށް ކުރިއަށް ދެވެން އޮތީ، އެ ކޯސްތައް ނިންމައިގެން ކަމަށްވާތީ އެކަން ދޫކޮށްނުލެއްވީ އެވެ.

"ފުރާވަރު" ކޭމްޕް: އުފާވާ ބަދަލެއް

ކޮމިއުނިޓީއާ ގުޅިގެން ކުށް މަދުކުރުމާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ރާވައި ހިންގި ޕްރޮގްރާމްތަކުގައި ނަޝްވާ އިސް ދައުރެއް އަދާކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ފާހަގަކުރެއްވި ހާދިސާގައި ކުޑަ ކުއްޖާގެ ރުޅިވެރިކަން ހިތުގައި ބިންވަޅު ނެގުމަކީ ކުށްމަދުކޮށް ފުލުހުންނާ މެދު އާއްމުންގެ ވިސްނުން ރަނގަޅު ކުރެވޭ ގޮތަށް ޕޮރޮގްރާމްތައް ރާވަން އޭނާއަށް އިސްކަން ދެއްވުނު ސަބަބެވެ. އޭގެތެރެއިން "ފުރާވަރު" ޕްރޮގްރާމް ތައްޔާރުކުރެއްވީ، އޭނާގެ ޑިގްރީ ކޯހުގެ ތެރެއިންނެވެ.

ޕޮލިސް އެކަޑަމީން ހިންގާ އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ސެޝަން ނަންގައިދެއްވި ނަޝްވާ އުފެއްދެވި "ފުރާވަރު" ޕްރޮގްރާމް އެތައް ކުދިންނެއް މިހާތަނަށް ނިންމާފައިވާ އިރު އެއީ ވަރަށް އުފާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަޝްވާއަށް ރެހެންދި އެވޯޑު، ކުރީގެ ނައިބު ރައީސް ޖިހާދު ހަވާލުކޮށްދެއްވަނީ.

"ކޮންމެ ކޭމްޕެއް ނިންމާލާފައި ކުދިންނާއި ބެލެނިވެރިން, އެ ވަރިހަމަ އަޅުގަނޑުގެ ކޮނޑަކު ނޫން އެ ޕްރޮގްރާމް ހިންގި ކޮންމެ ކުއްޖެއްގެ ކޮނޑުގައި ވެސް ޖަހާލާފައި ތިމަންނަ ވަރަށް އުފާކޮށްފީމޭ މި ކަންތައްތައް ރަނގަޅު ކުރަން ކިޔައިދިނީމަ. ކުދިންގެ އުޅުމަށް ހެޔޮ ބަދަލު އައީމަ," ނަޝްވާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ކުދިންނަށް ދިރިއުޅުމުގެ ރީތި އަދަބުތަކާއި ހުނަރާއި ރަނގަޅު އަޚުލާގުގެ މަތީގައި ކުރިއަށްދާން ގިނަ ކަންކަން ކިޔައިދެ އެވެ. އެ ބަދަލު ކުދިންނަށް ގެނައުމަށް ބެލެނިވެރިންނާއި ޓީޗަރުން ވެސް މި ޕްރޮގްރާމްގެ ސެޝަންތަކުގައި ބައިވެރިކުރެ އެވެ.

ނަޝްވައަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ފުލުހުންގެ އެކި ރޭންތަކުގައި އަންހެނުން ކުރިއަރަމުން އައުމެވެ. ލޯންޗް ކެޕްޓަންކަމާއި އިންޖިނޭރުންނާއި ފޮރެންސިކް ޓެކްނީޝަނުންނާއި ޓެކްޓިކަލް އޭރިއާތަކުގައި ޓީމް ލީޑަރުންގެ ގޮތުގައި ވެސް އަންހެން އޮފިސަރުންގެ ހިދުމަތް ފުރިހަމަކަން ފާހަގަކުރެއްވި އެވެ.

"މި އޮގަނައިޒޭޝަނަށް އަދިވެސް އިތުރަށް އަންހެން ކުދިން ބޭނުންވޭ. ވަރަށް ރަނގަޅު ފުރުސަތުތަކެއް ފުލުހުންގެ ތެރޭގައި އެބަހުރި," ނަޝްވާ ވިދާޅުވި އެވެ.

ފުލުހުންގެ އަހަރީ ދުވަހު އަންހެން އޮފިސަރުންނާ އެކު ނަޝްވާ ފޮޓޯއެއް ނަންގަވަނީ.

"އަޅުގަނޑު ތަމްރީންތަކުގައި ވެސް ކުދިންނަށް ކިޔައިދޭ އެކައްޗަކީ މައްޗަށް އަރައިގެންދާއިރު ދެ އަތް މައްޗަށް ނަގައިގެން ނުދާށޭ. އެއް އަތް ތިރީގައި ބައިންދާށޭ. އޭރަށް އެކީގައި އެހެން މީހަކު މައްޗަށް އެރުވޭނީ. އަޅުގަނޑު އެންމެ އުފާވަނީ ރެކްރޫޓްކޮށްދިން ކުދިން ރޭންކަކަށް ފަހު ރޭންކެއް މަތިވަމުންދާ ތަން ފެނުނީމަ, އަހަރެންގެ ހިއްސާ އޭނާ އެ ހިސާބަށް އައުމުގައި އޮތް ކަން އިހްސާސްވީމަ އެއީ ކާމިޔާބީއަކީ."

ފުލުހުންގެ ހިދުމަތުން ރިޓަޔާވާ އިރު ވެސް ނަޝްވާގެ ވިސްނުން ހުރީ އޭނާގެ އެ އިލްމާއި ހިލްމާއި ތަޖުރިބާ އިން މުޖުތަމައަށް ފައިދާ ހުރި އެހެން ކަމެއް ކުރެއްވޭނެ ސިއްހީ ހާލަތާއި އުމުރު އޮއްވައި ރިޓަޔާވެވަޑައިގަތުމެވެ.

7 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮއްހޯ

09 March 2024

ކިޔާ ޚިދުމަތްހޭ!

The name is already taken The name is available. Register?

އަބްޑޫޅް +

09 March 2024

ބުރުގާ ނާޅާ ތިބި ފުލުހުން މާ ދިވެހިވަނަތަ.

The name is already taken The name is available. Register?

ރަހުމާ

08 March 2024

ކޮވިޑް ތެރޭގައި ހދ.ކުޅުއްދުފުށީ ގައި ޑިއުޓީ ކުރި ފުލުހުންނަށް އެންމެ ރަގަޅަށް އިނގޭނީ ކަމަނާއަށް ސެލިއުޓް ހައްޤުވާ މިންވަރު؟؟؟ މިބުނި އެއްޗެއް ކުޅުދުއްފުށީ ސްޓޭޝަންގެ ފުލުހުންނަށް އަދި އެމީހަކަށް އިނގޭނެ.. ޕީއާރް ސްޓަންޓް ނުޖެއްސުމަށް ނަސޭހަތްތެރިވަން..

The name is already taken The name is available. Register?

މުބީނު

09 March 2024

މިއޮތީ ފަޅާ އަރާފަ!

The name is already taken The name is available. Register?

ސަލީމު އިދުރީސް

08 March 2024

ކިތެމެ ރީތިކޮއް ލިއުނަސް ފުލުހުން އެއީ ރައްތުންގެ ލޯތްބާ އިހުތިރާމު ލިބިގެންވާ ބަޔެއްނޫން ގިނަ ރައްޔިތުން ގަބޫލު ނުކުރޭ ފުލުހުން އެއީ ފުލުހުންގެ ޒިންމާ އަދާ ކުރާ ބަޔެއްކަމައް

The name is already taken The name is available. Register?

އަހާ

08 March 2024

ބައެއް ފުލުހުންނަކީ މިހާރު އިތުބާރުކުރަން ހެޔޮވާވަރު ބައެއްނޫން. ދޮގުހުވާކުރުމާއި، މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ބައެއް ފުލުހުން ކަށީގައި ހިފާފައިވާ ކަމެއް. މަސާޖް ޕާލާތައް ހިންގުމާއި ގައުމުގެ އެންމެ ނުބައި ކަންތައްތައް ކުރުމުގެ އަޑީގައި މިހާރު ގިނައިން ތިބެނީ އެމީހުން

The name is already taken The name is available. Register?

އަހާ

08 March 2024

އެއީ ނަޝްވާއަށް ބުނި އެއްޗެއްނޫން. އެއްގޮތަކަށްވެސް ނަޝަވާ ދެރަވާނެކަމެއްނެތް. ނަޝްވާ ވަރަށް ރަގަޅުވާނެެކަމަށް ލަފާކުރެވެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454