ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެން މެންބަރުން އިސްނަގައިގެން މިއަދު ހެނދުނު މާލޭގައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސް އަޅައި އެކަން ހުއްޓުވައިފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުން، އިސްވެ ތިބެ މިއަދު ހަތެއް ޖަހާކަންހާއިރު މ. ކުނޫޒު ކައިރިން ހިނގާލުން ފަށަން އުޅެނިކޮށް ބައިވެރިން ފުލުހުން ވަނީ، އެ މީހުންނަށް އެ ސަރަހައްދުން ދުރަށް ނުދެވޭނެ ހެން ބެރިކޭޑް ބަހައްޓައި ބަންދުކޮށްފަ އެވެ. އެ ސަރަހައްދު ބަންދު ކުރުމުން އެއްވުމުގެ ބައިވެރިން ކުނޫޒު ކުރިމަތީ މަޑުކޮށްގެން ތިބެ ޝުއޫރު ފާޅުކުރަން ފެށީ އެވެ.
އެ އެއްވުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. މިއަދުގެ އެއްވުމަކީ ސިޔާސީ އެއްވުމަކަށް ނުވާ އިރު އެ ކަމަށް ފުލުހުން ހުރަސް އެޅުމުން ހިތާމަކުރައްވާ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.
ގައުމު ބިނާކުރުމުގެ މުހިންމު ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވަމުން ދާއިރު އެ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ބުނެފަ އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި ސަރުކާރުން އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އެގޮތުން އަންހެނުން ވަޒީފާ އިން ވަކިކޮށް ދަތިތަކާ ކުރިމަތިކުރުވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމްގެ އަނބިކަނބަލުންނާއި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ އަހަރު މަރުވި އަބްދުﷲ ރަޝީދުގެ އަނބިކަނބަލުންގެ ހިތްވަރު ފާހަގަކޮށް ޝިފާ ވަނީ އެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.
ހިނގާލުމުގެ ފުރުސަތު ނުދިނުމުން މިއަދުގެ އެއްވުން ނިންމައިލީ އަށެއް ޖަހާކަންހާއިރެވެ.