މީހުން / ރަމަޟާން 2024 މީހުން

ރާއްޖެއިން އިސްލާމްވި ކޮރެއާގެ މި ފޯވާޑްގެ ދިރިއުޅުން މުޅިން ބަދަލުވެފައި

ދެކުނު ކޮރެއާގެ ސަންގް މޯ، ރާއްޖެގެ ކުރީގެ ކްލަބް، ވިޔަންސާ އަށް 2007 ގެ ސީޒަނުގައި ކުޅެން އައީ ވިއެޓްނާމާއި މެލޭޝިއާގެ ކްލަބްތަކުން ފުރުސަތެއް ހޯދަން އޭނާގެ އެޖެންޓް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. ރާއްޖެ އަށް ވުރެ ފެންވަރު ރަނގަޅު އެ ދެ ގައުމުން ކުރެ ކޮންމެވެސް އެއް ގައުމަކުން ފުރުސަތު ހޯދުން އެއީ އޭރު އޭނާގެ އުންމީދެވެ. ރާއްޖެ އަށް ވުރެ ފުޓްބޯޅައިގެ އިންވެސްޓްމެންޓް އެ ދެ ގައުމުގައި ފުޅާ ވާނެކަން އެނގޭތީ އެ ފުރުސަތަށް އޭނާ ހުރީ ވަރަށް ބޮޑަށް އެދިއެދި އެވެ. އެ ދެ ގައުމުން އޭނާގެ އެޖެންޓް ވާހަކަ ދެއްކި ކްލަބްތަކުން އޭނާ ސޮއި ކުރުވަން ބޭނުމެއް ނުވި އެވެ.

ރާއްޖޭގެ ހުށަހެޅުމަށް ދީލާލަން އޭނާ ނިންމީ ވިއެޓްނާމާއި މެލޭޝިއާއިން ފުރުސަތު ނުލިބުމުގެ މާޔޫސްކަމުގައި ހުރެ އެވެ. އެކަމަކު ރާއްޖޭގެ އެ ފުރުސަތުން އޭނާގެ ދިރިއުޅުމަށް، "އަލުން އުފަންވުން ފަދަ" ބަދަލެއް އަތުވެދާނެ ކަމަށް ހިތަށް ގެންނަން ވެސް ސަންގް މޯ އަކަށް އޭރަކު ނޭނގެ އެވެ. އޭނާގެ ދިރިއުޅުމަށް އެވަރުގެ ބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް އޭނާ ހީ ވެސް ނުކުރެ އެވެ.

ކެތޮލިކް ކްރިސްޓިއަނެއްގެ ގޮތުގައި ހުރި އޭރު އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް އިސްލާމްކަމުގެ މަތިވެރި ނިއުމަތް ދެއްވަން މާތް ރަސްކަލާންގެ މެދުވެރި ކުރެއްވީ މި ރާއްޖެ އެވެ.

މިހާރު އުމުރުން 38 އަހަރުގެ ސަންގް ގަބޫލުކުރާ ގޮތުގައި އޭނާ ކުޅެން ބޭނުން ވި ކްލަބްތަކަށް ނުދެވި ރާއްޖެއާ ހަމައަށް އޭނާ ގެނައީ އިސްލާމްކަމުގެ މަތިވެރި ނިއުމަތް އޭނާ އަށް ދެއްވަން ތަގުދީރު ކުރައްވާފައި ވާތީ އެވެ.

"ގިނަ ކްލަބްތަކެއްގެ ޓްރެއަލްގައި އަހަރެން ބައިވެރިވިން. ދެކުނު ކޮރެއާގެ ޗިއޯންބުކް ހައިޔުންޑާއި [ކްލަބް] އާ ވާހަކަތައް ކުރިއަށް ގެންދެވުނު. އެކަމަކު ކޮންޓްރެކްޓެއް ނުލިބުނު. މެލޭޝިއާ އާއި ވިއެޓްނާމްގެ ކްލަބްތަކުގައި ޓްރެއަލް ހޭދަ ކުރިން. އެކަމަކު އެއިން ކްލަބަކުން ވެސް އަހަރެން ސޮއި ކުރުވާކަށް ބޭނުމެއް ނުވި،" އާޖެންޓީނާގައި ދިރިއުޅޭ ސަންގް ބުންޏެވެ.

"ދެން އަހަރެންގެ އެޖެންޓް ބުނި ރާއްޖެ އަށް ދާށޭ. ފުރުސަތު ލިބިފައޭ އޮތީ. އެހާހިސާބުން ރާއްޖެ ދާން ނިންމީ."

ސަންގް މޯ، ރާއްޖޭގައި ކުޅުނު ސީޒަންގައި ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރަނީ --- ފޮޓޯ: މޯލްޑިވްސް ސޮކާ

އެ ސީޒަނުގައި ވިޔަންސާ އަށް ކުޅެން ސަންގް ރާއްޖެ އައި އިރު އޭނާ ބަލާ އެއާޕޯޓަށް ގޮސް ހުރީ އޭރުގެ އެ ޓީމުގެ ކޯޗު ފަހުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާ ކުރި އަހްމަދު މަރުޒޫގެވެ.

"މަރޭ އަހަރެން ރިސީވް ކުރީ... ދެން އަހަންނަށް ވިޔަންސާގެ ކޮންޓްރެކްޓް ދިނީ، ކްލަބްގެ ރައީސް ވިޝާމް އާއި އެސިސްޓެންޓް ކޯޗު ނިޝާމް އަދި އަހަރެންގެ އާއިލާއެއް ފަދަ ވިލިމާލޭގެ ކޮމިޔުނިޓީ އަށް ޝުކުރު،" ސަންގް ބުންޏެވެ.

އޭނާ ބުނިގޮތުގައި ވިޔަންސާ އަށް ސޮއި ކުރުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ އެ ކްލަބަށް ކާމިޔާބު ހޯދައި ދިނުމުގައި އޭނާ އަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރުމަށެވެ.

"ޕްރެކްޓިހުގައި ވެސް ބުރަކޮށް މަސައްކަތް ކުރަން އަހަރެން އިސްކަން ދިނިން. ފަސޭހަކޮށްނުލައި ހީވާގިވެގެން މަސައްކަތް ކުރީ،" ސަންގް ކިޔައިދިނެވެ.

"ރާއްޖޭގައި އެ ހޭދަ ކުރި މުއްދަތުގައި ލިބުނު އެންމެ އަގު ހުރި ހަދިޔާއަކީ އިސްލާމްކަން."

ކިޔެވީ ކޮތޮލިކް ސްކޫލުން، ދިޔައީ އިވެންޖެލިކަލް ޗާޗަށް

ސަންގް އާއި އޭނާގެ އާއިލާ އާޖެންޓީނާ އަށް ބަދަލުވީ އޭނާގެ އުމުރުން އަށް މަހުގަ އެވެ.

"އަނެއްހެން ބުނަންޏާ އަހަރެން އާޖެންޓީނާ އަށް ބަދަލުވީ މަންމަގެ އަތް މަތީގައި،" އޭނާ ބުންޏެވެ.

ދެކުނު އެމެރިކާއިން ކްރިސްޓިއަން ސްކޫލްތައް އެންމެ ގިނަ އެއް ގައުމަކީ އާޖެންޓީނާ އެވެ. އޭނާގެ މައިންބަފައިން އޭނާ ވެއްދީ ކެތޮލިކް ސްކޫލަކަށް ކަމަށް ސަންގް ބުންޏެވެ. އެ ދީނަށް ތަބާވާން އޭނާގެ ހޭނުވީ ސްކޫލް މަރުހަލާއިންނެވެ. އޭނާ އަޅުކަން ކުރަން ގެންދިޔައީ އިވެންޖަލިކަލް ޗާޗަށެވެ.

"އަހަރެން ބޮޑުވީ ކްރިސްޓިއަނެއްގެ ފަސްބައިގައި. އަހަރެން ކިޔަވަން ވެއްދީ ކެތޮލިކް ސްކޫލަކަށް. އަޅުކަން ކުރަން އަހަރެން ގެންދިޔައީ އިވެންޖެލިކަލް ފައްޅި އަށް،" އިސްލާމްވުމުގެ ކުރިން އޭނާގެ ދީނީ ފިކުރު ބިނާވެފައި ހުރި ގޮތް ކިޔައިދެމުން، ސަންގް ބުންޏެވެ.

"ރާއްޖޭގައި އޭ ހޭދަ ކުރި މުއްދަތުގައި ލިބުނު އެންމެ އަގު ހުރި ހަދިޔާއަކީ އިސްލާމްކަން."

ރާއްޖެ އައިސް އޭނާގެ ލޮލުގައި އަޅައިގަތީ މިސްކިތްތަކެވެ. ކައިރިކައިރީގައި މިސްކިތައް ހުރި އިރު ވެސް ހަމަ ކޮންމެ މިސްކިތްތަކަށް ދިވެހިން ކުރާ އިހްތިރާމް އޭނާ އަށް މާ ޝައުގުވެރި ކަމަކަށް ވި އެވެ. އޭނާ ބުނީ އެކަންކަމާ ބެހޭ ގޮތުން ޓީމުގެ އެކި ކުޅުންތެރިންނާ ވާހަކަ ދައްކަން ފެށި ކަމަށެވެ. މިސްކިތުގެ ވާހަކަ ދައްކަން ފެށުމުން އޭނާ އަށް މިސްކިތް ދައްކަން ޓީމުގެ ބައެއް އޮފިޝަލުންނާއި ބައެއް ކުޅުންތެރިން އޭނާ ގޮވައިގެން މިސްކިތަށް ވަދެ މިސްކިތްތައް ދައްކަ އެވެ. އިސްލާމް ދީނާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނާ އޭރު ދައްކާ ކަމަށް ސަންގް ބުންޏެވެ.

"އަހަންނަށް ވިސްނިފައި އޮތީ އަހަރެން ގަބޫލުކޮށްގެން ހުރީ އީސާގެފާނުގެ ދީންކަން. މުސްލިމުން ގަބޫލު ކުރާ ފަދައިން އީސާގެފާނަކީ ރަސޫލެއްކަން ވެސް އަހަރެން ގަބޫލު ކުރަން. އެކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު އަހަންނަށް އޭރު ގަބޫލެއް ނުކުރެވޭ މުހައްމަދުގެފާނަކީ ރަސޫލެއް ކަމަކަށް. އެންމެ ފަހުގެ ރަސޫލާއާ މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދިފައި އޮންނަނީ،" އިސްލާމް ދީނާ މެދު ޝައުގު އުފެދެން ފެށި ގޮތް ސަންގް ކިޔައިދިނެވެ.

"ދީނާ ބެހޭގޮތުން މައުލޫމާތު ދެވޭ ފެންވަރުގެ ވަރަށް ގިނަ މީހުންނާ އެކު އަހަރެން ވާހަކަ ދެއްކިން. ވާހަކަ ދެއްކީމަ އަހަންނަށް ކަންކަން ސާފު ވަނީ ވެސް ރަސޫލާއާ ބެހޭގޮތުން ސުވާލު އުފެދޭތީ އެ ވާހަކަ ވެސް ދައްކަން. ދެން ވަކި ހިސާބަކުން އަހަންނަށް ޔަގީން ކުރެވިއްޖެ އެއީ އެންމެ ފަހުގެ ރަސޫލާކަން. ގުރުއާނަކީ އެންމެ ފަހުގެ ވަހީ ބަސްފުޅުކަން ވެސް ގަބޫލު ކުރެވިއްޖެ."

އެންމެ ތުއްތު އިރުން ފެށިގެން އޭނާ އެ ދީނެއްގެ މައްޗަށް އޭނާގެ ވިސްނުން ބިނާ ކުރި ކެތޮލިކް އަގީދާ ދޫކޮށް މުސްލިކަށްވާން އޭނާ ނިންމި އެވެ.

އޭރު ރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ މަޖިލީހުގައި [މިހާރުގެ އިސްލާމިކް މިނިސްޓްރީ] ގެ ކަމާ ގުޅޭ ޑިޕާޓްމެންޓްގައި ހެކިންގެ ކުރިމަތީގައި އޭނާ އިސްލާމް ދީން ގަބޫލުކޮށް މުސްލިމަކަށް ވި އެވެ.

"އަހަރެން އިސްލާމް ވީ ހިތުގެ އަޑިން އެކަން ގަބޫލުކޮށްގެން،" އޭނާގެ އިހްސާސްތައް ސަންގް ބަންޑުންކޮށްލި އެވެ.

އިސްލާމްވުމަށް ފަހު އޭނާގެ ނަން، އަސްލަމް ސަންގްގެ ނަމަށް ބަދަލު ކުރި އެވެ.

"އަސްލަމް ސަންގް - ސަލާމާތްތެރިކަން އަމާންކަން އަދި ކާމިޔާބު،" އޭނާ ބުންޏެވެ.

މުސްލިމެއްކަން އާއިލާ އަށް އަންގަން އޭނާ އަށް އުނދަގޫވި

އެކާވީސް އަހަރުވަންދެން، އެހެން ދީނެއް ގަބޫލުކޮށްގެން ހުރުމަށް ފަހު މުސްލިމަކަށް ވީކަން، އޭނާގެ އާއިލާ އަށް ކިޔައިދޭން އުނދަގޫވި ކަމަށް ސަންގް ބުންޏެވެ.

"އަހަރެންގެ އަންހެނުން އެ މުއާމަލާތް އާއިލާ އާ ކުރީ. އަހަންނަށް އެކަން ކުރަން ވީ ވަރަށް އުނދަގޫ ކަމަކަށް،" އޭރުގެ ހަނދާންތައް ސަންގް އާ ކުރި އެބެ.

މިއީ މުސްލިމެއްގެ ގޮތުގައި އޭނާ ހޭދަ ކުރާ 17 ވަނަ އަހަރެވެ. އޭނާ އަކީ އެހެން ދީނެއްގެ މީހަކަށް ވިޔަސް އޭނާ ބަލައިގަންނަށް އާއިލާ އަށް މިހާރު އުނދަގުލެއް ނެތް ކަމަށް ސަންގް ބުންޏެވެ.

"އާޖެންޓީނާ އަކީ އެކި ދަރިކޮޅުތަކާއި އެކި ދީންތައް އޮންނަ ގައުމެއް. އެކިއެކި ސަގާފަތްތައް އޮންނާތީ އާއިލާ އަށް އަހަރެން ބަލައިގަތުމުގައި ދަތިކަމަކަށް ނުވޭ،" ފޮތީ ވިއްކުމުގެ ވިޔަފާރިގައި ހަރަކާތްތެރިވާ ސަންގް ބުންޏެވެ.

ރާއްޖެ އަށް ހިދުމަތެއް ކޮށްދޭން ބޭނުން!

ރާއްޖޭން ލިބުނު އިސްލާމްކަމުގެ ނިއުމަތާ އެކު، ރާއްޖެ އާއި ދިވެހިންނާ މެދު ސަންގްގެ ހިތް އޮތީ ޝުކުރުން ފުރިފަ އެވެ.

"ރާއްޖެއަކީ އަހަރެންގެ ހިތުގައި ވަރަށް ހާއްސަ ކަމެއް އޮތް ތަނެއް. މިއަދު އަހަރެން މިހިރަ ހިސާބަށް މަގުދައްކައި ދިނީ ރާއްޖޭން،" ސަންގް ބުންޏެވެ.

އޭނާ ބުނީ ފުރުސަތު ލިބޭނަމަ، ރާއްޖެ އަށް ހިދުމަތެއް ކޮށްދޭން ބޭނުންވާ ކަމަށެވެ.

"ފުރުސަތު ލިބެންޏާ ސްޓްރެޓެޖިކް މަސައްކަތްތަކެއް އަހަންނަށް ކުރެވިދާނެ. ފުޓްބޯޅަ އާ އަހަންނާ ގުޅުން އެބައޮތް. ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ފުޓްބޯޅަ ކޮންސެޕްޓް ވަރަށް ގިނަ ގައުމުތަކަށް ކަމުދޭ. އަހަރެންނަށް އެބަ އޮތް އެ ރައިޓްސް، އެ ކޮންސެޕްޓް ފޯރުކޮށް ދިނުމުގެ. ދެކުނު ކޮރެއާގައި އޭގެ މަސައްކަތްތަކެއް އަހަރެމެން ވާނީ މިހާރު ފަށާފަ. އެ އެހީތެރިކަން ރާއްޖެއަށް ވެސް ފޯރުކޮށްދޭން ފުރުސަތު އޮތީޔާ އަހަރެންގެ ޝައުގު އެބަހުރި."

12 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 1%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު123

24 March 2024

ރާއްޖެއަށް ކޮންމެ އަހަރަކު މިލިއަނުން ޣައިރު މުސްލިމުން އަންނައިރު އެމީހުންނަށް ހަޤީޤީ އިސްލާމްދީން ފެންނަ ގޮތެއް ނުވޭ. އެއާޕޯޓުތަކާއި ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ވެސް އިސްލާމްދީނަށް ނިސްބަތްވާ ތަނެއް ނުވަތަ އެއްޗެއް ވިޔަސް އެ މީހުންނަށް ފެނިދާނެތީ ކަންތައް ބޮޑުވާހެން ހީވޭ. ކައިރި ގައުމުތަކަށް އަހަރެމެން ދާއިރު އެއާޕޯޓު ތެރެއިންނާއި މަގުމަތިންނާއި ހޮޓާތަކުގެ ރިސެޕްޝަން އޭރިއާއިން އެމީހުންގެ ބުދުތަކާއި ނިޝާންތަކާ އެއްޗެތި ފެނޭ.

The name is already taken The name is available. Register?

ޥިޔަންސާގެ ސަޕޯޓަރެއް

23 March 2024

ރާއްޖެއަށް އަންނަމީހުންނަށް އިސްލާމްދީ އުގަންނައިދެއްވީ.

The name is already taken The name is available. Register?

ކިނާރީ

23 March 2024

ރޯދަމަސް ވީމަ ، ލިޔުމުގަ ކުށް ގިނައީ ދޯ .

The name is already taken The name is available. Register?

ޙިނި

23 March 2024

މިރާއްޖޭގައިއުޅޭ ބޭރުމީހުނައް އިސްލާމްދީނައް ދައުވަތުދޭން ޖަމިއްޔާތައް އުފެއްދުން ބުއްދިވެރި، އެމީހުންގެ ނޭޓިވް ބަހުން ދަރުސް ދީ ސުވާލުތަކައް ޖަވާބުދީ، ލުއި މައުލޫމާތު ފޮތް ބެހުމުގެ އިންތިޒާމްތައް ހަމަޖެއްސުން ވަރައް ރަންގަޅުވާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 March 2024

ވަރަށް ރަނގަޅު ހިޔާލެއް.ނަމަވެސް އޭގެކުރިން @ޙިނި އެބަޖެހޭ ނޫންތޯ ދިވެހިބަހުގަ ސުކުންކުރަންޖެހޭ ތަނުގަ ރަނގަޅު އަކުރު އަދި ހުސްނޫނު ބޭނުންކުރާނެގޮތް ދަސްކުރަން. (ބޭރުމީހުންނަށް ، ސުވާލުތަކަށް ، ވަރަށް ، ރަނގަޅުވާނެ).މިހެންބުނީމަ އަހަރެންދެކެ ކޯފާ އިސްނުކޮށް ނަސޭހަތެއްގެ ގޮތުގަ ބަލައިގަތުން އެދެން. މަަށަށް ވެސް ކުށް ލިޔެވޭ ބައެއްފަހަރު. ވ.ވެދުން ބްރަދާ.

The name is already taken The name is available. Register?

އާސީނުތަށިލޮލް

23 March 2024

އާސީނުތަށިން ނުނެއްޓިގެންދޯ ތިއުޅެނީ އަދިވެސް. އެކަމަކު ލ ގަ ވެސް ސުކުންކުރެވޭ ބަސް ދިވެހިބަހުގަ ހުރޭ. އ ސުކުނާ ށ ސުކުނުގެ ތަފާތެއް މަށަކަށް ނުފެނޭ.

The name is already taken The name is available. Register?

ތާއީދުރަދީފަށް

23 March 2024

ދިވެހިބަހުން ލިއަން ބޭނުންވާނަމަ ރަގަޅު ދިވެހި ބަހުން ލިއަންވީ. އެހެންނޫނީ ނުބައި ގޮތަށް ދިވެހި ބަސްތައް ލިއުން އާލާވެގެންދާނެ. އެ ބަހެއް އޮންނަ ގޮތަކަށް ބޭނުންކުރުމަކީ ހުތުރުކަމެއް އަދި ލަދުވެތިކަމެއް ނޫން. އެއީ ބަހުގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް އެޅޭ ބާރެއް. ދިވެހިބަސް އުވިގެން ނުދިއުމަށްޓަކައި ދިވެހި ބަސް ގަވައިދުން ބޭނުންކުރަން ދަސްކުރެވޭތޯ ބެލުން ރަގަޅީ.

The name is already taken The name is available. Register?

މައާފް

24 March 2024

ނޭނގޭ ކަންކަން އެނގޭނީ ހޯދައި ބަލައި ދަސް ކުރީމަ. އ ސުކުނާއި ށ ސުކުނުގެ ތަފާތުވެސް، ދަސްކުރީމަ ނޫނީ ނޭނގޭނެ. ށ އާއި ޝ ގެ ތަފާތު ނޭނގޭ މީހުން އެ 2 އަކުރު އޮޅުވާލައިގެން ލިޔެފަ ހުންނަ ތަންވެސް ފެނޭ. ހަމަ މިގޮތަށް ޏ އާއި ޔ ވެސް އޮޅުވާލާފަ ހުރޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

23 March 2024

މަރުހަބާ އަލް އަޙް އަސްލަމް ސަންގް.

The name is already taken The name is available. Register?

މުހަންމަދު

23 March 2024

މާތް ﷲ އަށް ހަމްދުކުރަން އެފަދަ ނިއުމަތެއް އެމީހާއަށް ދެއްވީތީ މިނިއުމަތުގާ އޭނާގެ އުމުރު ސާބިތުކުރައްވާ އިސްލާމް ކަންމަތީގައި މަރުގަންނަވާށި އާމީ!

The name is already taken The name is available. Register?

آمنة

23 March 2024

?? الله أكبر ماشاء الله مرحبا ??

The name is already taken The name is available. Register?

ފުންއަސަރު

23 March 2024

މަރްހަބާ އަސްލަމް. ﷲ ގެ ހެޔޮ ރަހްމަތާއެކު މިހާރު ތިއޮތީ ކަންވެފަ. ދެންއޮތީ އިތުރުހިތްވަރާއެކު ދީނުގެ ކަންކަމުގާ ދެމިހުރުން. އެކަން ފުރިހަމަކުރަމުން ދާނަމަ ދެދުނިޔެ ކަށަވަރުވީ. މީހަކަށް ކަމެއް ވާންވީމާ ލަހެއްފަހެއް ނުވާނެ. އެކަމެއް ހާސިލްވާންވީމާ ނުކަސިޔާރު ހުރިހާ މަގެއް ބަންދުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454