ރިޕޯޓް / ޓޫރިޒަމް

ރާއްޖޭގެ ރީތިކަމަށް ފަސްއަޅައި "ފޮރުވަނީ"!

ތައިލެންޑްގެ ސިންގަ އެސްޓޭޓް ކޮމްޕެނީން މާލެ އަތޮޅުގެ އެނބޫދޫފަޅު ހިއްކަނީ --ފޮޓޯ: އުސްމާން

މަތިންދާބޯޓެއްގައި ރާއްޖޭގެ މަތިން އުދުހޭއިރު ފެންނަނީ ހިތްގައިމު ބޮޑެތި ފަރުތަކާއި ފަޅުތަކާއި ރަށްތަކެވެ. އެއީ ދިވެހިން ވެސް ބަލާ ފޫހިނުވާ ވަރުގެ ރީތި މަންޒަރެކެވެ. ބޭރު މީހުން އަގުބޮޑުކޮށް މަތިންދާބޯޓު ޗާޓަރުކޮށްގެން އެމަންޒަރުތަކުގެ ފޮޓޯ ނަގަނީ އެ ހިތްގައިމުކަން ދުނިޔޭގެ އެހެން ތަނަކުން ނުފެންނާނެތީ އެވެ.

ނަމަވެސް އެ މަންޒަރުތައް މިހާރު ދަނީ ގެއްލެމުންނެވެ. ކޮންނަބޯޓުން ބޮޑެތި ފަޅުތަކަށް ފަސް އަޅައި ރިސޯޓްތައް ހަދަނީ އެވެ. ހާއްސަކޮށް މާލެ އަތޮޅުގެ ގިނަ ސަރަހައްދެއްގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ. ތިމާވެއްޓާއި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުން ސިފަކުރަނީ އެއީ ގުދުރަތުގެ ރީތިކަން ހަލާކުކޮށްލުން ކަމަށެވެ.

ތިމާވެށީގެ ގޮންޖެހުންތައް ބޮޑު

ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރައްވާ އިސް ބޭފުޅަކު ވިދާޅުވީ ފަޅުތަކާއި ފަރުތައް އެއްގޮތަކަށް ވެސް ހިއްކައިގެން ނުވާނެ ކަމަށެވެ. އެފަދަ ތަނެއް ހިއްކަން ޖެހޭނީ އެނޫން ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިސޯޓް ހަދަން ރާއްޖޭގެ ފަޅުރަށްތައް ހުސްވީއެއް ނޫން. ފަޅުތައް ހިއްކުމުން މުރަކަތައް ހަލާކުވެ ޑައިވް ސައިޓްތައް ގެއްލޭނެ. އަދި އޭގެ އިތުރުން މަސްވެރިކަމަށާއި އެންވެރިކަމަށް ވެސް ނޭދެވޭ އަސަރުކުރާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ކައިރީގައި ހުރި ފަޅުތައް ހިއްކުމުން އޭގެ ސަބަބުން ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ހިއްކުމުގެ މަސައްކަތްކުރާއިރު ކައިރީގައި ހުރި ރަށްތަކަށް ވެސް ކިސަޑުގެ އަސަރުކުރުން. މިހާރު ވެސް ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން އެބަ ފާޅުކުރޭ. ކަންބޮޑުވި ނަމަވެސް ކީއްތޯ ކުރާނީ؟" ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހިއްކައިގެން ބައެއް ރިސޯޓްތައް ބޮޑުކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ. އޭރު އެ ރަށްތައް ހިއްކުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. މިހާރު އެ ފަޅުތައް ވިއްކަނީ ސަރުކާރުންނެވެ. މިހާތަނަށް ކިތައް ފަޅުގައި ރިސޯޓް ހަދަން ސަރުކާރުން ހުއްދަ ދިންތޯ "މިހާރު"ން ރަސްމީކޮށް ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ "އެއީ ތަހުގީގުކުރަމުން ދާ މައްސަލައަކަށް ވާތީ އެ މައުލޫމާތު ދެވެން ނެތް" ކަމަށެވެ. ތަހުގީގޭ އެ ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ނިސްބަތްކޮށެވެ.

މާލެ އަތޮޅުގައި ހިންގާ ރިސޯޓެއް: ފަޅު ހިއްކުމުން ބައެއް ރިސޯޓްތަކުގެ ފަޅުތެރެއަށް ކިސަޑުގެ އަސަރުކުރޭ.

މާލެ އަތޮޅުގެ ބައެއް ފަޅުތައް ހިއްކައި، ރަށްރަށް ހަދަމުން ދާ މަންޒަރު ފެނެ އެވެ. އެއީ ސަރުކާރަށް ވެސް ފޮރުވޭނެ ހަގީގަތެއް ނޫނެވެ. މާލެ ކައިރީގައި އޮންނަ އެނބޫދޫ ފަޅުގައި 11 ރަށެއް ހިއްކުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. ތައިލެންޑް ކުންފުންޏެއް ކަމަށްވާ ސިންހަ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ކިޔާ ކުންފުންޏަކުން ތަރައްގީކުރާ ރިސޯޓްތަކުގެ މަސައްކަތާ ގުޅިގެން އެ ސަރަހައްދު ބައެއް ޑައިވިން ސްޕޮޓްތަކަށް ކިސަޑުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެނބޫދޫ ފަޅުގެ އިތުރުން މާލެ ކައިރީގައި އިތުރު ތިން ފަޅެއް ހިއްކައިގެން ރިސޯޓްތައް ތަރައްގީ އެބަ ކުރެ އެވެ. ނަމަވެސް އެތަންތަން ތަރައްގީކުރަން ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އަދި އެއީ ކޮން ކުންފުނިތަކަކާ ކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓް ތަރައްގީކުރަންވާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ރަނގަޅަށް ދެނެގަތުމަށް ފަހު ކަމަށެވެ.

ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް އެކަންކަން ކުރަންވާނީ ތިމާވެއްޓަށް ކުރާ އަސަރު ރަނގަޅަށް ބެލުމަށް ފަހު. އެކަމަކު މިހާރު އެ މަސައްކަތްތައް ކުރަމުން ދަނީ ކޮން އުސޫލަކުން ކަމެއް ނޭނގެ -ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅެއް

"ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް އެކަންކަން ކުރަންވާނީ ތިމާވެއްޓަށް ކުރާ އަސަރު ރަނގަޅަށް ބެލުމަށް ފަހު. އެކަމަކު މިހާރު އެ މަސައްކަތްތައް ކުރަމުން ދަނީ ކޮން އުސޫލަކުން ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އެ ތަޖުރިބާކާރު ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓްތައް ތަރައްގީކުރުމުން އޭގެ ނުބައި އަސަރު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން އެކި ކަހަލަ ޝަކުވާތައް އެބަ ކުރޭ. ޑައިވް ސައިޓްތަކަށާއި ބައެއް ރިސޯޓްތަކުގެ ފަޅުތަކަށް ވެސް ކިސަޑުގެ އަސަރުކުރާ ކަމުގެ ޝަކުވާ ލިބޭ. އެކަން އަޅުގަނޑުމެންނަށް މިދަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރަމުން،" އޭނާ ވިދާޅުވި އެވެ.

ފަޅު ހިއްކާނެ އަދަދެއް ވެސް ނޭނގެ

އެމްއެމްޕީއާރުސީން ބިޑަށް ލުމެއް ނެތި ނުއަގުގައި މާލެ އަތޮޅުގެ ބޮޑެތި އެތައް ފަޅެއް ވިއްކާފައިވެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މާލެ އަތޮޅުގެ ދިހަ ވަރަކަށް ފަޅު ހިއްކަން ދަނީ ތައްޔާރުވަމުންނެވެ. އަދި އެތަން ތަން ހިއްކަނީ މުޅިން ވެސް ރިސޯޓްތައް ތަރައްގީކުރުމަށެވެ.

ޓޫރިޒަމް ދާއިރާގެ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ގިނަ ފަޅުތައް ލިބުނު ފަރާތްތަކުން ވަނީ އެހެން ފަރާތްތަކަށް ވިއްކާލައިފަ އެވެ.

"އެއާޕޯޓާ އެހާ ކައިރި ސަރަހައްދަކުން ތިލަފަޅެއް ލިބުނީމަ އިންވެސްޓަރުން ތިބެނީ ވަރަށް އުފަލުން. އެއްވެސް ޖެހިލުމެއް ނެތި އެތަންތަން ގަނެ ހިއްކަން ތައްޔާރުވަމުން އެދަނީ،" އެ ބޭފުޅާ ވިދާޅުވި އެވެ.

މާލެ އަތޮޅުގެ ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރާ ހިސާބަށް ދިޔައީ ކީއްވެގެންތޯ އިންޑަސްޓްރީގެ ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އޭގެ އެއް ބޭނުމަކީ ސަރުކާރުގެ އާމްދަނީ އިތުރުކުރުމެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ތަޖުރިބާއަށް ބަލާއިރު ޚިޔާނާތުގެ މައްސަލަ ވެސް އެހާ ބޮޑުވާނެ ކަމަށް، އެއް ބަޔަކު ގަބޫލުކުރެ އެވެ. ރައްޔިތުންގެ ހައްގުތައް ވިއްކަންޏާ އޭގެ ހުރިހާ ތަފުސީލެއް ހާމަކުރަން ޖެހުނު ނަމަވެސް ސަރުކާރުން އެ މައުލޫމާތު ނުދެނީ، އެ މުއާމަލާތްތަކުގައި "އެހެން ނުބައެއް" އުޅޭތީ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ގުދުރަތީ ނިޒާމުތައް ބެލުމެއް ނެތި ހަލާކުކުރުމުގެ ނުބައި އަސަރު، ޓޫރިޒަމުން ލިބޭ އާމްދަނީއާ ވެސް ނުބައްދަލު ގޮތަކަށް ފެނިދާނެ އެވެ. ވިޔަފާރިވެރިންނަށް ތިމާވެއްޓެއް މުހިންމެއް ނުވެ އެވެ. ލާރި ލިބެންޏާ ތަންތަން ހަލާކުކުރަން ސަރުކާރުން ވެސް ޖެހިލުންނުވާކަން މި ފެންނަނީ އެވެ. ގިނަ ދިވެހިންނަށް ވެސް މިއީ މައްސަލައެއް ނޫނެވެ.

"ޑައިވް ސައިޓްތައް ނެތިދިއުމުން ޓޫރިސްޓުންނަށް އަޅުގަނޑުމެން ކިހިނެއްތޯ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކާނީ؟ މާލޭގެ ސަރަހައްދުގައި ހުރި މުހިންމު ވަރަށް ގިނަ ޑައިވް ސައިޓްތައް މާ ގިނަ ދުވަހެއް ނުވެ ގެއްލިގެންދާނެ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ހަމައެކަނި ޑައިވް ސައިޓްތަކެއް ނޫނެވެ. މި ފެންނަނީ ރާއްޖޭގެ ގުދުރަތީ މުޅި ނިޒާމާ ވެސް ކުޅޭ ތަނެވެ.

63 ކޮމެންޓް, 223 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 15%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޅު

21 February 2017

ތިފާޑަށް އުޅެގެން 2018 ފެންނާނީ ހުވަފެނުން. ވަރަށް ވާހަކަ މީ ...

The name is already taken The name is available. Register?

ވަޙީދު

21 February 2017

ޖަމީލްދީދީގެ ވާހަކައެއް އޮންނާނީ ކޮންމެ ދުވަހަކު ރަން ބިހެއް އަޅާ އަސްދޫއްޏެެއްގެ ވާހަކަ. އޭތީގެ ވެރިމީހާ އެއްފަހަރާ ހުރިހާ ބިސް ބޭނުންވީމަ އަސްދޫނި ކަތިލީ. އެކަހަލަ އެއްޗެއް މިވަނީ. ދެން އެނގޭތަ އެއްކަލަ އަސްދޫނި ކަތިލައިގެން ބަނޑު ތެރެ ބެލިއިރު އޮތީ އެންމެ ބިހެއް،

The name is already taken The name is available. Register?

GAN Island

20 February 2017

އެއެއްމިއެއް ނުބަލައި ފައިސާހުރި މީހެއްނަމަ ''އިންވެސްޓަރެކޭ ކިޔާފަ'' ގެނެސް ޤައުމަށް އަރުވާއިރު އަދި ހަމައެއް ލަމައެއްނެތި މި ޤައުމުގެ ޤުދުރަތީ ވަސީލަތް ހަލާކު ކޮށްލާއިރު އެހެންބަޔަކަށް ލިބެން ހުރި އެއްޗެއް ހުއްޓުވާ ތިމާމެން ނޫން ބަޔަކަށް ތަނަވަސް ދިރި އުޅުމެއްލިބިދާނެތީ ހަސަދަވެރިވާ މީހުންނަށް ވެސް ''ކުރެވުނު ކަންތަކުގެ ހިތިނަތީޖާގެ ރަހަ ލިބޭ ދުވަހަކުން'' އޭރު އެކަން އެހެން ނުކުރެވުނު ނަމައޭ ހިތަށް އަރާނެ. . . . . ތިޔަ ހުރިހާ މަސައްކަތެއް ކުރަނީ ރާއްޖެތެރޭގެ ކުޑަ ރަށް ގަނޑެއްގައި ކުރަމުންގެންދާ މުޤައްދަސް ވެރިކަން ދެމެހެއްޓުމަށާއި އެއްވަނަ ދަރަޖައިގެ ބިންވެރިންގެ އަޅުންގެ އަދަދު ގިނަ ކުރުމަށް. . . . މިކަންކަން އަހަރުމެން ޖެހޭ ބަދަލު ކުރަން. ކޮންމެހެން ރާއްޖެތެރޭގެ ކުޑަ ރަށް ގަނޑެއް އެއީ މާ މުޤައްދަސް ތަނެއްކަމަށް ދެކިގެން ތާއަބަދު ތިބޭކަށް ނުޖެހޭ.

The name is already taken The name is available. Register?

ކުޑަދޫ އަހްމަދު

20 February 2017

މިއީ ފައިސާގެ ދަހިވެތި ކަމުގައި އަދި ވަގުތީ އަމިއްލަ އެދުމުގައި މުޅި ގައުމުގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ހަލާކުކޮށްލުން. މިކަމާއި، ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ މައި ޖަމްއިއްޔާ މަޓީ އިން ޗުއްޕު ކިޔައިގެން އޮތުމަކީ ދިވެހިރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ހިޔާނާތެއް. މަދު ވިޔަފާރިވެރިންތަކެއް ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ފޭރިގަންނަ މަންޒަރު މިފެންނަނީ. މިކަމާއި ދިވެހިރައްޔިތުން ހޭލަންވެއްޖެ. މިގައުމަކީ ޒިންބާބުވޭގޮތަށް 30 މީހުން ކޮންޓްރޯލް ކުރާ ގައުމަކަށް ވިޔަދޭން ޗާންސް ދީގެން ނުވާނެ! ރައްޔިތުންގެ މުޅި މިލްކިއްޔާތު މިދަނީ ލޫޓުވާލަމުން. މިކަމާއި ވިސްނާ ފިކުރުކުރެވޭ. މިއީ އެންމެހާ ދިވެހިންގެ ފަރުދީ ޒިންމާއެއް. މާދަމާ އަހަރުމެންގެ ދަރީން ބަނޑަށް ޖެހުނީމާ، މިއަދު ފަސާދައާއި، ނޭއްގާނީ އަމަލުތަށް ހިންގާ އިސްވެރީން ނުތިބޭނެ އަހަރުމެންނަށް އެހީވާކަށް. ވީމާ ގައުމާއި މެދު ވިސްނާ! މިއީ ފަރުވާކުޑަކުރެވޭ ވަރުގެ ކަމެއްނޫން.

The name is already taken The name is available. Register?

ފޮނަދޫ

20 February 2017

ތީގެ އީ.އައި.އޭ ހެދި އުމް.ޔޫ.އޯ ގެ އެންވަޔަރަމަންޓް މިނިސްޓަރ އަސްލަމް ގެ ބަހެއް ނެތީމަ ވަރަށް ދެރަ!

The name is already taken The name is available. Register?

ފައިސަލް

20 February 2017

މިކަމަށް ހުއްދަދިން މީހުން ހިފާ ހައްޔަރުކުރަންވާނެ، ރާއްޖޭގައި ހިންގާ ކޮރަޕްޝަން އެއީ ފަހުން ނޭގޭނެކަމަށް ހިންގާ ކޮރަޕްޝަން، އެކަަމަކު އެމީހުން ދޫކޮށްގެން މައާފްދީގެންނުވާނެ އެމީހުން މުޅި އުމުރަށް ޖަލައްލައި އެމީހުންގެ މުދާތަށް ސަރުކާރަށް ނަގަންވާނެ

The name is already taken The name is available. Register?

ޝަހާމު އިދްރީސް

20 February 2017

ފަޅެއް ގުދުރަތީ ގޮތުން ހިކި ރަށެއް އުފެދެން 1000 އަހަރުވެސް ނަގާފާނެ. އެއަށްވުރެއް ދިގު މުއްދަތެއްވެސް ހޭދަވެދާނެ. އެކަމަކު، އުޅޭނެ ބިން މަދު ފަޅު ގިނަ ކަނޑުގެ ސަރަހައްދު ގިނަ ރާއްޖޭގައި، ޒަމާނުގެ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއެކު، ފަޅެއް ހިއްކާފައި އެތަނުގައި އިތުރު ރިޒޯޓެއް ތަރައްގީކޮށްގެން ގިނަ މަންފާތަކެއް ހޯދުންތޯ ނުވަތަ "ތިމާވެއްޓޭ" ކިޔާފައި ދެފައި ދަމައިލައިގެން ތިބުންތޯ ރަނގަޅީ...! މިއީ ހަމަ ހިތުގައި އުފެދޭ ސުވާލެއް. އެކަމަކު އިނގޭހާވެސް ކަމަކީ، އެނބޫދޫ ފަޅު ހިއްކުމަކުން ކުރިމަތިވާނޭ ގުދުރަތީ ނުރައްކަލެއް، ތިމާވަށީގެ މައްސަލައެއް ނެތޭ. ފަހަރުގައި ކޮނެގެން ފަސްނަގާ ސަރަހައްދު ކިލަނބުވެގެން ދުވަސްކޮޅެއް ވަންދެން ނުސާފުކަމެއް ހުރެދާނެ. އެކަމަކު، ސެޑްމެންޓްސް ތައް ރަނގަޅަށް އޮބި ނިމުނީމާ ދިރުން އަދި އިހުނަށްވުރެއް ރަނގަޅުވެގެންވެސް އެބަދޭ. ހޮޅި ވާހަކަ ނުދައްކާ ގައުމު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާ...!

The name is already taken The name is available. Register?

ފަޅުމީހާ

20 February 2017

ފަޅުތައް ދެއްވެވީ މާތް ރަސްކަލާނގެ، އެ ކަލާނގެ ދެއްވި ރިޒްގަށް ޝުކުރުވެރި ވާންޖެހޭ!

The name is already taken The name is available. Register?

ޢަލީ

20 February 2017

މާލެއަތޮޅު އެނބޫދޫ ފަޅު އެއްކޮއް ހިއްކާފަ ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަހައްދައް ބަދަލުކުރަންވީ

The name is already taken The name is available. Register?

މެހް

20 February 2017

ކޮނެފަ ހަލާކުކޮށް ސުންނާފަތިކޮށްފަ ބަހައްޓާ! ލާރި އަށް ބޫތު ކެއިމަ ވާނެ ހައެތި ތިވަނީ. ތިޔަ ކަންތައްވެސް އަތަށް ގޮވާނެ އަދި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454