ރިޕޯޓް / އުމަރު ނަސީރު

އަޅުގަނޑު ސަރުކާރުގައި ނެތް ނަމަ އަދީބު ރައީސަކަށް އައުން ވަރަށް ގާތް: އުމަރު

އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރެއްގައި ބޭއްވި ފުލުހުންގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާއި އުމަރު ނަސީރު ވާދަކުރެއްވިއިރު، ޔާމީނަށް އޭރު އުމަރު ދެއްވި ބަހުގެ ހަމަލާތަކާއި ކުރެއްވި ތުހުމަތަކަށް ފަހު، ގިނަ ބަޔަކަށް ހީވީ އޭނާ އަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު ހަތުރަކަށް ވާނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ފެނުނީ އެހެން މަންޒަރެކެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން އުމަރަށް ދެއްވީ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ ވަގުތު [ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވުން] އެންމެ ކައިރި ކުރެއްވި ތަން ވެސް ފެނުނީ އުމަރެވެ.

ތިރީގައި މިވަނީ އެކަމާ ގުޅޭ ގޮތުންނާއި އަދި ސިޔާސީ އެހެން ކަންކަމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތިދުވަހު އުމަރު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ފަހު ބައެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތައް އުމަރު އެޅުއްވީ ސިޔާސީ ގޮތުން އެމަނިކުފާނު ބަލިކޮށްލަން ކަމަށް ދެކޭ ބަޔަކު އެބަތިބި. އުމަރު ދެއްކެވި ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށް އެ މީހުން ދެކޭ.

ކެމްޕެއިންގައި ޔާމީނާ ބެހޭ ގޮތުން އަޅުގަނޑު ދޮގެއް ނުހަދަން. އަދި ފަހުން ސަރުކާރަށް އައިސް ވެސް ދޮގެއް ނުހަދަން. އަޅުގަނޑު ބުނީ ދޮގެއް ކަމަށް ބައެއް މީހުން ގަބޫލުކުރާ އެއް ވާހަކައަކީ ތިޖޫރި ހުރި ތަނުގައި ހުންނާނީ ވަޅުގަނޑެކޭ ބުނުން. އެއީ ތެދެއް. ތިޖޫރި ހުރި ތަނުގައި ހުންނާނީ ވަޅުގަނޑެއްކަން އެނގިގެން ވަޒީރަކަށް އައީ ވެސް. އެކަމަކު ވަޒީރަކަށް އައި ސަބަބަކީ 2013 ވަނަ އަހަރުގެ ދެވަނަ ބުރުގައި އަޅުގަނޑުމެންނަށް ޗޮއިސް ނެތުމުން. ދެވަނަ ބުރުގައި ދިވެހި ރައްޔިތުންނަށް ލިބުނީ ދެ ހޭންޑްގްރެނޭޑް. އަޅުގަނޑުމެންނަށް އެނގޭ ކޮންމެ ހޭންޑްގްރެނޭޑެއް ވެސް ގޮވާނެކަން. އޭގެ ތެރެއިން ނެގީ ޔާމީން.

ދެން އޮތީ ޑރ. އަފްރާޝީމްގެ މަރުގެ ވާހަކަ. ޑރ. އަފްރާޝީމް މަރާލި މީހުންނާ ޔާމީނާ ގުޅުން އޮތެކޭ އަޅުގަނޑު ނުބުނަން. އެކަމާ ގުޅޭ އެއްވެސް އެވިޑެންސެއް ނެތް. ދެން ބައެއް މީހުން ބުނަނީ ޑރ. އަފްރާޝީމްގެ މައްސަލާގައި އަޅުގަނޑު ބުންޏޭ ޔާމީނާއި އަފްރާޝީމްގެ މަރާ ގުޅުން އެބަ އޮތޭ. އަޅުގަނޑު ނުބުނަން އެހެންނެއް. އަޅުގަނޑު ބުނީ އަފްރާޝީމްގެ މަރާ ގުޅިގެން ހައްޔަރުކުރި ކުއްޖަކު ދޫކޮށްލީމާ ޔާމީންއާ ބައްދަލުކުރަން ގޮސް ޕީޕީއެމްގެ އޮފީހުގައި އިންދާ ދުށީމޭ. އަދިވެސް މިބުނަނީ އެ ވާހަކަ. އަޅުގަނޑު ނުބުނަން ޔާމީންއާ އަފްރާޝީމްއާ ގުޅުން އެބަ އޮތެކޭ.

ދެން ކެމްޕެއިން ތެރޭގައި އެ ވާހަކަ ދެއްކެވުމުގެ ބޭނުމަކީ ކޮބައިތޯ؟

އަޅުގަނޑު ދައްކުވައިދިނީ އެކަހަލަ ފީކަޅާ މީހުންނާ ރިޔާސީ ކެންޑިޑޭޓަކު ބައްދަލުކުރާ ވާހަކަ. މިސާލަކަށް އަޅުގަނޑު އިނީ ކުޑަކުދިންނާ ބެހޭ މީކާ ބައްދަލުކުރަން. އެ މަންޒަރު ޔާމީނަށް ފެނިވަޑައިގަތީމާ، ޔާމީން ވިދާޅުވާނެ ކުޑަކުދިންނާ ބެހޭ މީހަކާ އުމަރު ނަސީރު ބައްދަލުކުރަން ހުއްޓައި ފެނުނޭ. މީގެ ޕޮއިންޓަކީ އެކަހަލަ ފީކަޅާ މީހުންނާ [ރިޔާސީ ކެންޑިޑޭޓުން] ބައްދަލުކުރާ ވާހަކަ. މިހާރު ވެސް މި ބުނަނީ ދައުލަތުގެ ވަޒީރަކަށް ހުރެ، އަޅުގަނޑު ބެލިން އަފްރާޝީމްގެ މަރުގެ މައްސަލަ ވަރަށް ގާތުން. އެއްވެސް އެވިޑެންސެއް ނެތް ރައީސް ޔާމީންއާ އަފްރާޝީމްގެ މަރާ ގުޅުވާކަށް. އެކަމަކު އިދިކޮޅު މީހުންނަށް ހީވީ އަޅުގަނޑު ނުކުމެ ބުނާނެހެން އަފްރާޝީމްގެ މަރާ ޔާމީނާ ގުޅުން އެބަ އޮތޭ. އެކަމަކު އެ ގުޅުމެއް ފެންނާކަށް ނެތް. އެކަން ބަލަން ވެސް ބެލި.

ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވުނު ކަމަށް އުމަރު ވިދާޅުވޭ.---ފައިލް ފޮޓޯ

ސަރުކާރުގެ ތެރޭގައި އުމަރު ހުންނަވައިގެން ކަންކަން ރަނގަޅުވިތޯ؟

ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވުނު. އަޅުގަނޑު [ސަރުކާރުގައި] ނެތް ނަމަ ވަރަށް ގޯސްކޮށް ދާނެ ކަންކަން، އަޅުގަނޑު އެހެން ހުރުމުގެ ސަބަބުން ވަރަށް ރަނގަޅުވި.

އޭގެ މިސާލަކީ އަދީބުގެ މައްސަލަ. އަދީބުގެ ނުރައްކާތެރިކަން މެދުކެނޑުމެއް ނެތި [ރައީސް ޔާމީނަށް] ބުނެދިން މީހަކީ އަޅުގަނޑު. އެ ވާހަކަތައް ޔާމީންގެ އަރިހުގައި އަޅުގަނޑު ދަންނަވަން ދާން އުޅުނީމާ ބައެއް ވަޒީރުން ވިދާޅުވޭ ތި ވާހަކަ ޔާމީން އަރިހުގައި ނުބުނައްޗޭ. އުމަރުގެ ނަމްބަރު ކަޓާނެއޭ. އެހެން އެ ބޭފުޅުން ވިދާޅުވީމާ ވެސް އަޅުގަނޑު ރައީސް އަރިހަށް ވަދެ، ދަންނަވަން މިވެނި ކަމެއް އަދީބު އެބަ ކުރެއޭ. އެކަން އެ ކުރަނީ ވަރަށް ގޯސްކޮށޭ. މިއީ އެހެން އެއްވެސް މީހަކަށް ބުނަން ނުކެރޭ އެއްޗެހި. ބޮން ގޮއްވީމާ ދެން ރައީސް ޔާމީނަށް އެނގިވަޑައިގަތީ އުމަރު ނަސީރު އެ ދުވަހު އެ ވާހަކަތައް ދެއްކީ ރަނގަޅަކަށޭ.

އަދި އަދީބުގެ ޖީބަށް ނުވެއްޓި ސަރުކާރުގައި އުޅެވުމަކީ ވެސް ވަރަށް ބޮޑު ކަމެއް ނޫންތޯ؟ އަޅުގަނޑުގެ ވިޔަފާރި ކުރިއަރުވަން އަޅުގަނޑާ ހަމައަށް އަދީބު ފޮނުވިއޭ ހަ މިލިއަން ރުފިޔާ. އަޅުގަނޑު ބުނީ ލާރިއެއް ބޭނުމެއް ނެތޭ. އަޅުގަނޑު ވިޔަފާރި ކުރާނީ އަޅުގަނޑު ވިޔަފާރި ކުރާ އުސޫލުންނޭ. މާނައަކީ އަޅުގަނޑު ނުގަނެވުނޭ. އަޅުގަނޑު ސަރުކާރުގައި ހުރުމުން ވަރަށް ބޮޑަށް ޑެމޭޖް ކޮންޓްރޯލްވި.

ކޮބައިތޯ ތީގެ މާނައަކީ؟

އަޅުގަނޑު [ސަރުކާރުގައި] ނެތް ނަމަ މި ގައުމުގެ ރައީސަކަށް އަދީބު ހުރުން ވަރަށް ގާތް. ވިސްނާލައްވާ އަދީބު މި ގައުމުގެ ރައީސަކަށް ހުރި ނަމަ ދެން ވާނެ ގޮތް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވަޒީރަކަށް ހުރެ، މި ގައުމަށް އަޅުގަނޑަށް ކޮށްދެވުނު އެންމެ ބޮޑު ހިދުމަތަކީ އަދީބު ޖަލަށް ލުން. އަޅުގަނޑުގެ ސްޓޭންޑް ދުލެއް ނުކުރަން. އެ ބުނާ ދަގަނޑު ސްޓޭންޑްގެ ސަބަބުން މި ގައުމު އަދީބުގެ ކިބައިން ސަލާމަތްވީ.

ރައީސް ޔާމީނަށް އެހާ ވަރަށް ފާޑުވިދާޅުވެފައި އެމަނިކުފާނުގެ ސަރުކާރާ ގުޅިވަޑައިގަތުމަކީ އުމަރުގެ ފެއިލިއާއެއް ނޫންތޯ؟

ނޫން ނޫން. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުގެ ލޯ ވަރަށް ބޮޑަށް ހުޅުވި، ދައުލަތް ވަރަށް ބޮޑަށް ދަސްވެ، ދައުލަތުގެ ގޯސް ކަންތަކާއި ރަނގަޅު ކަންތައް ހުރި ދިމާތައް ވަރަށް ބޮޑަށް ދަސްވި. އަދި ހާއްސަކޮށް އަޅުގަނޑު މީގެ ތެރެއަށް ހަރާބު ނުވެ، [ސަރުކާރުގެ] ޑެމޭޖް ކޮންޓްރޯލް ކޮށްފައި ނުކުތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑު ހަރާބު ނުވެ، އެއްވެސް ގުޔެއް، ހިރަފުހެއް ގައިގައި ނުޖެހި، މި ގައުމަށް އަޅުގަނޑަށް ކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދީފައި ނުކުމެ މިހުރީ. ސަރުކާރަށް ވަތް އިރު ވެސް އެނގޭ މިކަންތައް މިހެން ހިނގާނެކަން. އެކަމަކު ސަރުކާރަށް ވަނީ ގެއްލުން ކުޑަކުރުމަށް. ސަރުކާރަށް ނުވަދެ ހުރި ނަމަ ކަންކަން މިއަދަށް ވުރެ މާ ގޯސްވީސް. އަޅުގަނޑު ބުނާނީ އެހެންވެއްޖިއްޔާ މި ގައުމުގެ ވެރިކަމުގައި އަދީބު ހުރުން ވަރަށް ގާތޭ.

އުމަރު މިދިޔަ ބުރާސްފަތިދުވަހު "މިހާރު"އާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ

ރައީސް ޔާމީނަށް އެހާ ބޮޑަށް ފާޑުވިދާޅުވެފައި ދެން ކެބިނެޓުގައި އިންނަވަން ދައްޗެއް ނުވޭތޯ؟

އެއްވެސް އުނދަގުލެއް ނެތް. އަޅުގަނޑު ކެބިނެޓަށް ދިޔައީ އަޅުގަނޑުގެ އަމިއްލަ ސިޔާސީ ބަރުދަނުގައި. އަޅުގަނޑަށް ކޮށްދެއްވި ހެޔޮ ކަމެއް ނޫން ވަޒީރުކަން ދެއްވުމަކީ. އަޅުގަނޑަށް ވަޒީރުކަން ދެއްވީ އަޅުގަނޑުގެ ސިޔާސީ ބުރަދަނަށް ބަލާފައި. ރައީސް ޔާމީން ބޭނުންފުޅުވީ ސިޔާސީ ބަރުދަން ހުރި އެންމެން އަރިހުގައި ބައިތިއްބަން. ޔާމީން ބޭނުންފުޅުވޭ އެމަނިކުފާނުގެ އަރިހުގައި އަޅުގަނޑު ހުންނަން. ޖުމްހޫރީ ޕާޓީ އަށް ލިބުނު ސްލޮޓެއްގައި އަޅުގަނޑު ވަޒީރުކަމަށް ދިޔައީ. ވަޒީރުކަން ކުރެވުމަކުން އެކަމާ އަޅުގަނޑު ދެރައެއް ނުވޭ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އުމަރު ނުކުނަންވާއިރު، ރައީސް ޔާމީންގެ ބާރު ވަރަށް ގަދަކަން ފާހަގަކުރެވޭ. ގާތްގަނޑަކަށް ހުރިހާ މުއައްސަސާތައް ހުރީ މި ސަރުކާރުގެ ކޮންޓްރޯލްގެ ދަަށުގައި. މިއީ ކެމްޕެއިނަށް ފަސޭހަ ކަމެއްތޯ؟

މިއީ އަދި ރާއްޖެ ނުދެކޭ ވަރުގެ އުނދަގޫ ދުވަސްވަރެއް. އެކަމަކު ލީޑަރުންނަކީ ގޮންޖެހުންތަކާ ކުރިމަތިލާ މީހުން. ގޮންޖެހުންތަކާ ކުރިމަތިލާން ތިބި ލީޑަރުންނަށް ބަލާއިރު އަޅުގަނޑު ނޫނީ އެކަށީގެންވާ މީހެއް މިވަގުތަކު ނެތް. ކުރިއަށް އޮތީ ވަރަށް ގަދަ ކަނޑެއް. ވަރަށް ގިނަ ކަންތައް ހިނގާނެ. ޕީޕީއެމްގެ ޕްރައިމަރީ އަށް އެކަނި ބެލިޔަސް އެކަން އެނގޭނެ. އެ ޕްރައިމަރީގެ ދުވަސްވަރު އަޅުގަނޑުގެ ކާރަށް ރާފުޅި ވެސް އެރުވި. ދެން ވިސްނާލާ މި ފަހަރު ހިނގާނެ ކަންތައްތައް. އެކަމަކު މިއީ އަޅުގަނޑުގެ އެކަނި ގައުމެއް ނޫންތޯ؟ މިއީ އެންމެންގެ ވެސް ގައުމު. އަޅުގަނޑު އުންމީދު މިކުރަނީ އަޅުގަނޑު މި ކުރިމަތިލާ ގޮންޖެހުމުގައި ހުރިހާ އެންމެންގެ އެހީތެރިކަން ލިބޭނެ ކަމަށް. ހުރިހާ އެންމެންނަކަށް ނުނުކުމެވޭނެ މި ގޮންޖެހުމާ ކުރިމަތިލާކަށް. އުންމީދަކީ މި ގޮންޖެހުމުގައި އުންމީދަކީ އަޅުގަނޑުގެ ކޮނޑުގައި މި ބަރު ބާއްވާފައި އެހެން ހުރިހާ އެންމެން މި ބަރުގައި ހިއްސާކުރުން. މިއީ އަޅުގަނޑު އެކަނި ކޮނޑަށް ލައިގެން އުފުލެވޭނެ ބަރެއް ނޫން. މި ބަރު ކޮނޑަށް ލައިގެން އަޅުގަނޑަށް ރިޔާސީ އިންތިޚާބާ ހަމައަށް ދެވޭނީ އެންމެންގެ އެހީތެރިކަމާ އެކުގައި.

އުމަރު އަބަދުވެސް ވިދާޅުވޭ އުމަރަކީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއް ކަމަށް. އެކަމަކު އެއާއެކު ބައެއް މީހުން ފާހަގަކުރާ ގޮތުގައި ގޮތް ދޫނުކުރުމުގެ ނަތީޖާއަކަށް ވާނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ޑިކްޓޭޓަރެއްގެ ސިފަ އުމަރުގެ ކިބައިން ފެނުން. އެހެން ވެއްޖެ ނަމަ ރައީސް ޔާމީނަށް ވުރެ އުމަރު މާ ގޯސްވެދާނެ ކަމަށް ދެކޭ މީހުން އެބަ ތިބި.

އަޅުގަނޑަކަށް ނުފެނޭ އެކަމެއް. އަޅުގަނޑު މި ހިފަހައްޓަނީ ހެޔޮ ގޮތް. ހަރުކަށި އެ ބަސް ބޭނުން ކުރެވިދާނެ. އެކަމަކު އެއީ ހައްގުގެ މަގުގައި. ތެދުމަގުގައި. ހަރުވާން ޖެހޭ ތަނުގައި ހަރުވުން. މަޑުވާން ޖެހޭ ތަނުގައި މަޑުވުން. އެއީ ހެޔޮ މަގު. މިކަން ކުރެވިދާނެ ދެ ގޮތަކަށް. އެއީ ނުބައި މަގުގައި ހަރުކަށިވެ ނުބައިވުން. ހެޔޮ މަގުގައި ހަރުކަށިވެ ރަނގަޅުވުން. އަޅުގަނޑު ދޭ ޔަގީންކަމަކީ އަދުލުވެރިކަމާ އެކުގައި ނޫނިއްޔާ އެއްވެސް ކަމެއް ނުކުރާނަމޭ. މިނިސްޓަރުކަން ކޮށްފިން ގާތްގަނޑަކަށް ތިން އަހަރު ވަންދެން. އާންމުންނަށް ހުންނާނީ އަޅުގަނޑު ޓެސްޓް ކުރެވިފައި. އަޅުގަނޑުގެ ހަރުކަށިކަން ބޭނުން ކުރާނީ ކޮން ތަނެއްގައި ކަން އެނގޭނެ. ރަނގަޅު ގޮތުގައިތޯ ގޯސް ގޮތުގައިތޯ ކަން އެނގޭނެ. އަޅުގަނޑުގެ މިނިސްޓަރު ކަމުގައި ނޯންނާނެ އެއްވެސް މީހަކަށް ނާއިންސާފުން ކަމެއް ކޮށްފައެއް. އެކަމަކު އިންސާފުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައި އޮންނާނީ. އަދި އަމާނެއް ވެސް ނުދެން. ގޭންގްތަކަށް ވެސް އަމާނެއް ނުދެން. އަދީބު މުޅި ގައުމު ގަނެގެން ދިޔައިރު ވެސް އަދީބަކަށް ވެސް އަމާނެއް ނުދެން. ކުރަން ޖެހުނު ހުރިހާ ކަމެއް ކުރިން. އެހެންވީމާ އަޅުގަނޑަކީ ދައުލަތުގެ އެންމެ މަތީ އެއް މަގާމުގައި މިހާރު ޓެސްޓް ކުރެވިފައިވާ މީހެއް. އަޅުގަނޑަކީ ހަރުކަށި ވެގެން ޑިކްޓޭޓަރަކަށް ވެދާނެ މީހެއްތޯ އެކަން މިހާރު ކޮންމެވެސް ވަރަކަށް މީހުންނަށް އެނގޭނެ. އެއީ ތެދެެއް. އެކަމަކު އަޅުގަނޑަކީ ފުށްގަނޑެއް ނޫން. ބޭނުންހާ ގޮތަކަށް ނުމޮޑެވޭނެ. އޭނާ ބުނާ ގޮތަކަށް މިކޮޅަށް. މީނާ ބުނާ ގޮތަކަށް މިކޮޅަށް. އެހެންނެއް ނުހެދޭނެ.

އުމަރު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: ސަރުކާރުން އިސްތިއުފާ ދެއްވި ސަބަބު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

ރައީސް ޔާމީނާއި އުމަރާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟

އަދުލުވެރިކަމާއި ތެދުވެރިކަން. މި ފަހަރުގެ އިންތިޚާބުގައި އަޅުގަނޑު ގެންގުޅޭނެ މައިގަނޑު ތީމަކީ އެއީ. އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ ފުރަތަމަ ސިފައަކީ އަދުލުވެރިކަމުގެ ސިފަ. އޭނާ ޖެހޭނެ އަދުލުވެރިކަމާ އެކު ހުރިހާ އެންމެންނާ ދޭތެރޭގައި އަމަލުކުރަން. ހަމަހަމަކަމާ އެކު ހުރިހާ އެންމެންނާ ދޭތެރޭގައި އަމަލުކުރަން. މީހަކު މިސާލަކަށް ބުނެފާނެ ޖުޑިޝަރީ އަކީ އެހެން މީހަކު ބަލަހައްޓާ ތަނެކޭ. އެއީ މިނިވަން ތަނެކޭ. އެކަމަކު ދައުލަތުގެ އެންމެ މަތީ ވެރިޔާ އަށް އަބަދުވެސް އޮވޭ ގާނޫނުއަސާސީން ބާރުދީފައި އަދުލުވެރިވުމަށްޓަކައި އެ މީހަކަށް ކުރެވޭ ހުރިހާ ކަމެއް ކުރަން. މި ސަރުކާރުގައި އަދުލުވެރިކަން ނެތް ކަމުގެ މިސާލު ނާޒިމްގެ މައްސަލައިން އެ އޮތީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން. އެ ނޫން ވެސް ބައިވަރު މިފަދަ މިސާލުތައް އެބަހުރި. އެހެންވީމާ އަޅުގަނޑުގެ ފުރަތަމަ ތީމަނީ އަދުލުވެރިވުން. އެއަށް ފަހު ތެދުވެރިވުން. ތެދުވެރިވުމަކީ ދައުލަތަށް ހިޔާނާތްތެރި ނުވުމާއި ދައުލަތުގެ ފައިސާ އިން ވައްކަން ނުކުރުމާއި ދައުލަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރުން. މިކަން އަޅުގަނޑުމެންނަކަށް ނުފެނޭ. ރައީސް ޔާމީނަށް ބަލާއިރު ވެސް އެކަން އޮތީ އެހެން. ނަޝީދު ވެސް ހަމަ އެއްވަރު. އަޅުގަނޑު [ވެރިކަމަށް] ނާންނާނަން ދޮގެއް ހަދައިގެން. ނުކުރެވޭ ވަރުގެ ކަމެއް ކުރާނަމެކޭ ވެސް ނުބުނާނަން. ދިގު ވައުދެއް ނުވެ ވެރިކަމަށް އަންނާނީ. އެހެން ނޫނީ ނާންނަނީ.

ސަރުކާރުން އިސްތިއުފާ ދެއްވި ސަބަބަކީ ކޮބައިތޯ؟

އަޅުގަނޑު ތިއަށް އަދި ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. ވަޒީރެއްގެ ހައިސިއްޔަތުން ވަޒީރާއި އޭނާގެ ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި ދައްކާ ވާހަކަ އަކީ ސިއްރު ވާހަކަތައް. އަޅުގަނޑާއި ޔާމީނާ ދޭތެރޭގައި ދެއްކެވިފައި ހުރި އެއްވެސް ވާހަކައެއް އަޅުގަނޑު ކުރިއަށް އޮތް ތާނގައި ވެސް ހާމައެއް ނުކުރާނަން، ޔާމީން ވާހަކައެއް ހާމަކުރައްވަންދެން. ޔާމީން ހާމަކުރައްވައިފިއްޔާ އަޅުގަނޑު ދެން ހާމަކުރާނަން. އެކަމަކު އަޅުގަނޑު އިސްވެ ހާމައެއް ނުކުރާނަން. ސަބަބަކީ އަޅުގަނޑު ހުރީ ހުވައެއްގައި. އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވުމަށާއި ދައުލަތަށް ވަފާތެރިވުމަށް. އަޅުގަނޑު ހިދުމަތް ކުރީ ވެސް އެގޮތަށް. ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިކަންމަތީގައި ހުރީމާ، ރައީސުލްޖުމްހޫރިއްޔާ ގޯސްކޮށް ދާއިރުގައި ދަންނަވަނީ މިވެނި ކަމެެއް ގޯހޭ. ބައެއް މީހުން ހީކުރި އަޅުގަނޑު ސިޔާސީ ޕޯޑިއަމްތަކަށް އަރައި އެ ވާހަކަތައް ދައްކާނެއޭ. އެކަމެއް ނުކުރާނަން. ކެމްޕެއިނެއްގައި ވެސް އެކަމެއް ނުކުރާނަން. އެއީ އަންއެތިކަލް ކަމެއް.

ރައީސް ޔާމީން ބަލިކުރެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެންތޯ ނުވަތަ އެކަކަށް ވުރެ ގިނަ މީހުން ނެރެގެންތޯ؟

އެއް ކެންޑިޑޭޓަކު ނެރުން އެންމެ ރަނގަޅު ގޮތަކީ. އެކަމަކު އެކަމަށް މަގުފަހި ކުރެވޭތޯ އަޅުގަނޑު ބަލާނަން. އެކަމަކު ނަޝީދަކީ އެ ކެންޑިޑޭޓެއް ނޫން.

142 ކޮމެންޓް, 264 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 2%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސޭލާ

23 February 2017

މަޖީދީމަގުގަ ފޮށާގަނޑު ބާލައިގެން އުޅެންވެސް މީނަ ލަދެއްނުގަންނާނެ. މަވރު މީހަކު ނެތޭ ހީވާނީ މޮޔައިންނަށް.

The name is already taken The name is available. Register?

އަޅުގަނޑު

21 February 2017

ތީ ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ މީހެއްނޫން. ރަނގަޅުވާނީ ކުޑަ ގޮޅިއަށް. ބަޢާވާތުގައި ބައިވެރިވި މީހެއް. ނާޒިމް އިމްރާން އަދީބު މަޚުލޫފް ފަދައިން ހަމަޖަލަށް ދިއުން ބުއްދިވެރިވީ.

The name is already taken The name is available. Register?

ޙައްލަކީ ޢުމަރު

21 February 2017

ޢުމަރަށްވެސް ވެރިކަން ދިނީމަނޫންތޯ އެނގޭނީ އެއީ ކިހާވަރެއްގެ މީހެއްކަން. އެއްވެސް އިންސާނަކަށް ނޭނގޭނެ ކުރިއަށް ވާން އޮތްގޮތެއް ޢުމަރުވެދާނެ އެންމެ ރަނގަޅުމީހަކަށްވެސް ނުބައި މީހަކަށްވެސް. ރަނގަޅުވާނެކަމަށް ގެނައި އަދި 30 އަހަރުވީމަ ކަމުނުގޮސްގެން މުސްކުޅިމީހަކު ހުރީމަ ޒުވާނަކު ގެނައީ އޭނައަށް ނުވި ދެމީދާ ފެހި ބުޅަލަށްވީވަރުވެސް، ކޮންކަމެއްތޯ ރައްޔިތުންނަށް ކޮށްދެވުނީ،ހިއްކި ބިމެއްވިއްޔާ ހިއްކީ ޖެހިގެން އަންނަ މަހު ގިރާލާ ގޮތަކަށް ނޫންތޯ. ފެނިފަހުރީ އެކަން. މިހާރު ދަވްލަތުގެ ފައިސާއަށް ވާނުވާ ނޭގޭ ބީދައިން އޭރުވެސް ދަވްލަތުގެ ފައިސާއާއި ވެށިފަހިކިޔާއިންގެ ދޫކުރަން ހުރި ބިންތަކަށް ވާނުވާވެސް ނޭނގޭ، ދެން ކާޅެއްކަމަށް ނުވަތަ ބާޣީއެއްކަމަށް ބުނި މީހާވެސް ހަމަ އެހެން. އެއްވެސް ކަމެއް ގޯހުން ގޯހަށް ދިޔައިރުވެސް ކޮންޓްރޯލެއް ނުކުރެވުނު. މިހާތަނަށް އެންމެ މަތީދަރަޖައަކަށް ކިޔަވައިގެން ހުރި މީހާއަށްވެސް ވީވަރު، ދެން ގޭންގް ބޮޑުމީހާއޭ އަބަދުވެސް ކިޔާ މީހާ ނޫންތޯ މިހާރު ވެރިކަމުގައި މިހުރީ. ހަމަ ރައްޔިތުން ގެނައީ ވޯޓްލައިގެން. ޢުމަރުވެސް އެ ދައްކާ ވާހަކައިގެ ބުރަދަން ހުރިވަރެއްވެސް އެނގޭނީ ޓެސްޓް ކުރީމަތާ. މި ޤަވްމު ހަލާކު މިވަނީ ޒާތީއާއި ފިތުނަ ފަސާދަކުރާމީހުން ގިނަވެގެންގޮސް. ޢުމަރު ޓެސްޓް ކުރަންނުޖެހޭ ސަބަބަބެއް ނެތް.

The name is already taken The name is available. Register?

ކެހިވެރިޔާ

21 February 2017

އުމަރަކީ ވަފާތެރި ކެހިވެރިޔާ

The name is already taken The name is available. Register?

ޗޮއްޕަޑަ

21 February 2017

"އަޅުގަނޑު ބުނީ އަފްރާޝީމްގެ މަރާ ގުޅިގެން ހައްޔަރުކުރި ކުއްޖަކު ދޫކޮށްލީމާ ޔާމީންއާ ބައްދަލުކުރަން ގޮސް ޕީޕީއެމްގެ އޮފީހުގައި އިންދާ ދުށީމޭ." މިއީ މައްސަސައެރއްތޯ؟ އަފްރާޝީމްގެ މަރާ ގުޅިގެން ހައްޔަރުކުރި ކުއްޖަކު ދޫކޮށްލީމާ އެކުއްޖާއާއި ބައްދަލުކުރަން ޔާމީން ގޮސް އިންދާތޯ ޢުމަރަށް ފެނުނީ. އެހެންކަމަށް ވާނަމަ، އެއީ ފޯރިއަރުވާފައި ދައްކަން ރަނަގަޅު ވާހަކައަކަށް ވެއްޖައިސް. އުމަރާ ! ހަމަ ރަނގަޅަށް މިބުނީ، ސިޔާސީ މައިދާނުގައި އުމަރަކީ އެއްވެސް ބުރަދަނެއްހުރި މީހެއްނޫން. ހުދުވަލާއި، ކަޅުވާ ހިފައިގެން ބަރު ކޮނޑަށްލައިގެން ތިޔަ ގަންނަ ސަކަރާތްގަނޑު ދޫކޮށްލާފައި އެ ލޯބިލޯބި ދެދަރިންނާއި، ލޯބިލޯބި އަނބިމީހާ ގޮވައިގެން ރީތި ދިރިއުޅުމެއް ފަށާބަލަ. ސިޔާސީ ގޮތުން ތިޔަކުރާ ތާކުންތާކުނުޖެހޭ މަސައްކަތްތައް ދޫކޮށްލާ.

The name is already taken The name is available. Register?

އާދަމް ޝަރީފް

21 February 2017

ޔާމީން ގެ ފަތިފުށް ހާމަކުރަން ނުކެރިގެން އެއުޅެނީ ހަމަ ބިރުން. ދެމީހުންވެސް ތިބީ ދެމީހުން ދެމީހުންނަށް ނަގޫ ގޮށްޖެހިފަ.

The name is already taken The name is available. Register?

GAN Island

21 February 2017

ތިޔަ ''އަޅުގަނޑު'' ހުންނަވަނިކޮށް ނޫންތޯ ރާއްޖޭގެ ނޫސްވެރިއެއްވަގަށް ނަގާ އެމައްސަލަ މިއަދާއި ހަމަށް ނޭގި އަދިވެސް ''ގާފުރޮޅަފުރޮޅާ'' އެތިބީ. . . . ތިޔަ ''އަޅުގަނޑު'' މަޤާމް ގައި ހުންނަވަނިކޮށް ފުލުހުންގެ އިންޓެލިޖަންސް އިން މަހުންމަހަށް ފަހުތާއިން ފަހުތާއަށް ރައީސުލް ޖުމްހޫރީއްޔާ އަށް ފޮނުވަންޖެހޭ ރިޕޯޓް ނުފޮނުއްވާކަމަށް ގައިމު ރައީސް އާންމު މީޑީޔާގައި ވިދާޅުވި. . . . ތިޔަ ''އަޅުގަނޑު'' ގެ ދައުރުގައި ފުލުހުންގެ އިސްވެރިންގެ ފަރާތުން ''ހީވެސް ނުކުރާފަދަ ހިޔާނާތުގެ ފަސާދަ ފެނިވަޑައިގެންނެވި'' ކަމަށް ރައީސްވިދާޅުވެފައިނުވޭތޯ ؟؟ . . . މިނިވަން 50 ހުގެ ނަމުގައި ބައިތުލް މާލުން ކުރެއްވެވި ހަރަދު ތަކާއި ބެހޭ ގޮތުން ''އަޅުގަނޑު'' ޖަވާބުދާރީވާން ތައްޔާރުތޯ ؟؟

The name is already taken The name is available. Register?

އުމަރު

20 February 2017

އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ބަސްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..

The name is already taken The name is available. Register?

ތާ1

20 February 2017

އުމަރު މަނިކްފާނަކީ އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން ތި ބަރު ކޮނޑައް ލައިގެން ގޮސް ނުކުތް ތަނައް ވަދެ

The name is already taken The name is available. Register?

މަންސޫރު

20 February 2017

1. އުމަރު ބުނާގޮތުން ޑރ އަފްރަޝީމްގެ ގާތިލް ވަނީ މަރުގެ ހުކުމް ކޮއްފައި ޖަލުގައި. އެހެން ކަމަށް ވަންޏާ އެމައްސަލައިގައި ހައްޔަރުކޮށް ދޫކޮއްލި މީހަކު ފީކަޅާ މީހަކަށް ވަނީ ކޮންގޮތަކުން؟ ސުވާލު ކޮއްލަން ފުލުހުން ގެންދާ ކޮންމެ މީހަކީ ކުއްވެރިއެއްތޯ؟ 2. ތިޔަ ބުނާ ލޯންޗެއްގައި ބޮމެއް ގޮވިކަމުގެ އެއްވެސް ހެއްކެއް އެކަން ބެލި އެއްވެސް ބަޔަކަށް ނުފެނުނު. އެފްބީއައި ވެސް އައިސް މިކަން ބެލި. ހުރިހައި ޓެސްޓަކަށް ފަހު ފެނުނު އެއްޗެއް ހަރާމް. އެކަމަކު އުމަރު އެބަ ދައްކާ ގޮއްވާލި ބޮމެއްގެ ވާހަކަ. ދެން ތިޔަ ބުނަނީ 'އަޅުގަނޑު' ވަރު މީހަކު ނެތޭ ވެރިކަން ކުރަން ކުފޫ ހަމަވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454