ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: ހަފްސީ އަބްދުﷲ
16 މެއި 2024 - 11:38
ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި މިދިޔަ ހޯމަ ދުވަހު ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްޕޯޓަމް ހަދަން އިންޑިއާ އަށް ގެންދަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ބަނޑޭރިކޮށީގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ.
ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި ފެނުނު ދިވެހި ފިރިހެން މީހާއަކީ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެއް ކަމަށް ވިޔަސް، އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މާފު ދީ، ދޫކޮށްލާފައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓުން ފެނުނީ ގދ. ހޯނޑެއްދޫ، ހައްމާދު ސައީދު، 30، އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ކުރިން ބުނީ، ހައްމާދު ދިރިއުޅެނީ އޭނާގެ އާއިލާއާ އެކު މާލޭގައި ކަމަށެވެ. އެއީ މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ހޯނޑެއްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް އެއާޕޯޓުން ހައްމާދު އަތުލައިގަނެ، 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކަމަށާއި އޭނާ ދޫކޮށްލީ މިދިޔަ އަހަރު ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ކުރިން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށެވެ. އެއީ އެއްވެސް ބަޔަކު ދިރިނޫޅޭ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މަރުވެފައި އޮއްވާ ފެނުނު ހައްމާދުގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ މަރުވެފައި އޮންނަތާ އޭރު ތިން ދުވަސްވި ކަން ވެސް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜިން
16 May 2024
މާފު ދިނުމަކީ މައްސަލަ އެއް ބުން! ޢޭނަ ނެތް މީހަކު މަރާފައެއް! ޢޭނަ ފަރާތުން މީހަކަށް ގެއްލުމެއްނުވަންޏާ ނޫނީ ކުށުގެ ރިކޯޑް ހުރި ގޮތް ބަލާފަ ދޫކޮށްލުމަކީ ހިތް ތިރި ކަން!
ރިން
17 May 2024
އޭނާ އެތެރެކުރި ޑްރަގްގެ ސަބަބުން މީހަކު މަރުނުވާކަން ކިހިނެތް އެނގެނީ؟ ޔަގީނުންވެސް އޭނާ އެތެރެކުރި ޑްރަގް ބޭނުންކޮށްގެން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެފައިވާނެ. ތިހެން ހިތްތިރިވެގެން އުޅެން ހަދައިގެން ޑްރަގްގެ މައްސަލަތައް ކޮންޓްރޯލްނުވަނީ. މާފު ދިނުމަކީ މައްސަލައަކަށްވާނެ އޮންނަ އުސޫލަށް ނުފެތި ނުގަވައިދުން މާފު ދީފައިވާނަމަ. އަނެއްކާ އެވަރުގެ ކުށްވެރިއަކަށް ދައުލަތުން އިތުރު ހަރަދު ކޮށްގެން ޕޯސްޓްމޯޓަމް އެހަދަނީ.
ބެއްޔާ
16 May 2024
ޗާއިނާއިން ޕޯސްޓް މޯޓަމް ނުހެދޭތަ
ދޮން ހަސީނާ
16 May 2024
އިންޑިޔާއަށް ގެންގޮސްގެން ނޫނީ މިކަން ނުކުރެވޭތޯ. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ނުތެދުވިގެން މިއުޅޭ ސަބަބު ހޯދައި ބަލަންވެއްޖެ. ދިވެހިން މަސައްކަތެރި ބަޔަކަށް ވާންވެއްޖެ. އާއީޖާދު ތަކާއި ތަހުލީލުތައް ކުރާބަޔަކަށް ވާންވެއްޖެ. މިކަން ނުވާނަމަ އަވައްޓެރި ގައުމަކާއި ދިމާލަށް އެއްޗެހިގޮވަން ލަދުގަންނަން ވެއްޖެ.
މަރު
16 May 2024
ދެން ކޮބައިތަ އިއްޔެ ހުޅުމާލެއިން މަރުވެގެން ފެނިފައިވާ މީހާގެ ވާހަކަ؟
އަޖީބް
16 May 2024
ތިޔަ މައުލޫމާތު ދިނުމުގެ ބޭނުމެއްނެތް..ރިޕޯޓް ލިބުނަސް ކަމެއް ސާފުކޮށްދޭނީއެއްނޫން.. ފުލުހުން ކޮންމެ ކަމެއް ދައުލަތުގެ ބޮޑުސިއްރަކަށް ހަދަނީ..އެހެން ގައުމުތަކުގައި ރިޕޯޓް ލިބުމާއިއެކު ހާމަކުރޭ..
ރަދީފްއޮފިޝަލް
16 May 2024
މައްޔިތާއަށް އިތުރު އަނިޔާ ދިނުމުގެ ބޭނުމެއް އެބައޮތްތަ؟؟
ދެރަކަމެއް
16 May 2024
ނޭނގެ. ކީއްކުރަން ކުރާކަމެއްބާއޭ ހިތަށްއަރާ. އަދި އެވަރަށް ކުނިވެފައި އޮއްވާ ގެންގޮސްގެން ކޮންހާ ސަކަރާތެއް ޖަހާކަށް. އަދި ތިޔަ ބުނާ ރިޕޯޓެއް ދުވަހަކުވެސް ރައްޔިތުންނާ ހަމައަކަށް ނާދޭ. އޭނާ އޯވަރޑޯޒްވެގެން މަރުވިއަސް، ހާޓެޓޭކެއް ޖެހިގެން މަރުވިއަސް ނުވަތަ ބަޔަކު އޭނަ މަރާލިއަސް ދެން އެނބުރި އޭނާ ނާންނާނެ. އިތުރު އަނިޔާތަކެއްދިނުމުގެ ބޭނުމެއްނެތް. ކާފަރުން ކުރާހާކަމެއް މިހާރު އަހަރެމެންވެސް ކުރަންޖެހޭހަކަހަލަ
އބްރާހިމް
16 May 2024
އޭނާ މަރާލާފައި އޮތްކަމަށް ޝައްކުކުރެވޭތީވެ.. އެކަން ޔަޤީން ވީމަ ނޫނީ ތަޙްޤީގް ނުހިންގޭނެނު
ށަވިޔަނި
17 May 2024
ކޮބައޮތަ މީގެ ކުރިން ހެދި މީސްމީހުންގެ މައުލޫމާތު؟