ހައި ކޯޓުގެ ބެންޗުގައި ތިއްބަވާ ތިން ފަނޑިޔާރުން: މައްސަލާގައި ޖޭއެސްސީއަށް ދާން ޕީޖީ އޮފީހުން ދަނީ ވިސްނަމުން --
18 މެއި 2024 - 12:08
ހައި ކޯޓުން މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލުނުކޮށް ހައި ކޯޓުން ދޫކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ، ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގަ އެވެ.
ސައްމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެވެ. އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދުނު ނަމަވެސް، ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ނިންމާފައިވަނީ ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމާފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްނުކޮށް ކަމަށެވެ. އެހެންކަމުން، ހަތް ދުވަސް ތެރޭގައި ސައްމާހުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ހައި ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އެންގި އެވެ.
އެ ހަތް ދުވަހުގެ މުއްދަތުގައި ސައްމާހު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ބަންދުގައި ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ. ހަތް ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ.
ހައި ކޯޓުން ހަތް ދުވަސް ހަމަވީއިރު ވެސް ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ނުބޭއްވުމުން، ސައްމާހު ބަންދުން ދޫކޮށްލަން ވަނީ ޖެހިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެކަން ހައި ކޯޓުގެ ސަމާލުކަމަށް ފޯނުން ގުޅައިގެން އަދި ސިޓީ ފޮނުވައިގެން ވެސް ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް، ހައި ކޯޓުން އެކަމަށް އިޖާބައެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެހެންކަމުން ގަބޫލެއް ނުކުރެވޭ މިއީ ހައި ކޯޓަށް ނޭނގި ހިނގައިގެން ގޮސްފައިވާ ކަމެއް ކަމަކަށް،" ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ހައި ކޯޓުން އަމަލުކޮށްފައިނުވާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވާނީ ސުޕްރީމް ކޯޓަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ. އަދި އެކަމުގައި ދެން އަޅާނެ ފިޔަވަޅުތަކާ މެދު ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވެސް ވިސްނަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ހައި ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.
މި މައްސަލާގެ ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއް މާނިއު ހުސެއިން އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ތިން ފަނޑިޔާރުން ވެސް މި ވަގުތު ތިއްބެވީ ޗުއްޓީގަ އެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވުމަށް ބޭއްވި ދެ އަޑުއެހުމެއްގައި ފަނޑިޔާރު މާނިއު އަދި ފަރުހީޒާ ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންތަށި
19 May 2024
ފިިތިގެން ގޮސް ގުޑި ނުލެވޭ ހިސާބުގަ ތިބޭ މީހުން ކަމަށް ބެލެވެނީ ބޮޑެތި މަގާމުތަކުގަ ރީތި ހެދުން ލައިގެން.
އިބްރ
19 May 2024
އަމަލު ނުކުރީ ކީއްވެތޯ ބަލާފަ ކުއްވެރިވާ ބަޔަކު ގެއަށް ފޮނުވާލައްވާ. އެމްޑީޕީން ވަނީ ޝައުއީ ދާއިރާ އިތުރަށް ހަލާކުކޮށްފައެވެ.
ބަލަންތިބެމާ
19 May 2024
ފަނޑިޔާރުންވެސް ތިބެނީ ފަތްބޯމީހުންގެ އަތްދަށުވެފައިކަން މިފަދަ ކަންކަމުން ދޭހަވެގެން މިދަނީ. ވެރިކަމުގެ ބާރުތަކާއި މަޖިލީހުގެ ބާރުތައް އެކެއްގެ އަތަށް ބޮޑުތަނުން ރައްޔިތުން ވަނީ ދީފަ. ދެން ވާގޮތެއް ބަލަން ތިބެމާ.
ޖާދޫގަރު އައްބާސް
18 May 2024
އަލީ ވަހީދު އައް ސކޯޓުން އިއްވި އަމުރު ދެނެހުރިކަމައްވެސް ނުހަދާ! ވީކަމެއް ހަރާން!
އޮޑިހަނު
18 May 2024
ހުސް ވެރިން ތިބޭ ޤައުމެއްގަ ތިކަންތައްތަސް ހިނގާނެ. މިއުޅެނީ ހުކުމްތަކާ އޮފީސް އޮފީހުގެ ވެރިން ކުރާ އަމުރުތަކާ ހަދާ އުސޫލުތަކާ ޤަވައިދުތައްވެސް ހޮޅުއަށީގަ އޮންނަ ދޮންބެއަކު ބުނެގެން އެއްކަލަ ސިޔާސީން ހުރެގެން ކަންކަމުގެ ތެރެއަށް ވަންނަވަރުން އެއްވެސް އުސޫލެއް ހަރުދަނާކަމެއް ޤައުމުގަ ނުބޭއްވިގެން.
ސޮއްޓި
18 May 2024
ސަރުޢީ ނިޒާމަށް ޖޯކް ޖަހާ މީހުން ގިނަ ކަމުން މަ އެވާހަކަ ނުދައްކަން މި ހުންނަނީ. ފަނޑިޔާރުން ހޮޅުއައްޓާ ހަމައަށް ދެވޭ ނަމަ އެގޭނެ ހަޅަޖަހާ ވަރު.
ސޮއްޓި
18 May 2024
ސަރުޢީ ނިޒާމަށް ޖޯކް ޖަހާ މީހުން ގިނަ ކަމުން މަ އެވާހަކަ ނުދައްކަން މި ހުންނަނީ. ފަނޑިޔާރުން ހޮޅުއައްޓާ ހަމައަށް ދެވޭ ނަމަ އެގޭނެ ހަޅަޖަހާ ވަރު.
ސަރިދާލޭސް
18 May 2024
ތިޔަ ވިދާޅުވީ ރަނގަޅަށް...
އޮނަރަބްލް އަފީފު ދީދީ
18 May 2024
ރައީސް ނަޝީދަށް ފަހު މަޖިލީހުގައި އިންނެވި "ހާޒިރީ ރެކޯޑް ރައީސް" ވެސް ވަނީ ސްޕްރީމް ކޯޓްގެ އަމުރަށް މަޖިލިސް ތަބާޖުވާނެ ވާހަކަ ރިޔާސަތުގައި އިންނަވައިގެން އިއުލާން ކުރައްވާފައި. # އެދުވަހު އޭނާގެ މައްޗަށާއި އެނިންމުން ނިމުމުގައި ބައިވެރިވިމީހުންގެ މައްޗަށް ސްޕްރީމް ކޯޓުން އަދަބުދީ ކުރިއަށް އޮތް އިންތިޙާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަޑައެޅިނަމަ މަޖިލީހުގައި އެކަން ތަކުރާރު ނުކުރާނެ. މިކަމުގައިވެސް "އަޅާނުލާ ދޫކޮށްފިނަމަ" އިތުރު ގޯސްތައް ހަދާނެ.
ހޯހޯވިލް
18 May 2024
ފާޅުގަ ހުދުމުހުތާރު ވެވޭވަރައްވުރެ ގާނޫނުތައް ފުޅާ.
އޮނަރަބްލް އަފީފު ދީދީ
18 May 2024
ވާން މިއުޅޭ ގޮތަކީ ސުޕަރ މެޖޯރިޓީއާއި އެކުގައި ދައުލަތުގެ ސުޕްރީމް ކޯޓްގެ ޗީފް ޖަޖް އާއި އެ ކޯޓްގެ ބެންޗަށް ބަދަލު އައުން ކަމަށް ނުވާނެ ކަމަށް ހީކުރަން. # ސިޔާސީ ބައެއް ފަރާތް ތަކުން މިހާރުގެ ސުޕްރީމް ކޯޓާއި ބެހޭގޮތުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައިވިޔަސް މިހާތަނަށް ސްޕްރީމްކޯޓްގެ އެއްވެސް ޙުކުމެއް ނިންމުމެއް ޝަރުއީ ޤާނޫނީ ހަމަތަކުގެ ބޭރުން ނިންމާފައިނެތް ކަން ރާއްޖޭގެ ޤާނޫނީ ފަރާތް ތަކަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ.
ސުންގަނޑި.
19 May 2024
އަފީފު މިކަހަލަ އިޝާރާތެއް ކުރާނީ ކޮންމެވެސް ހިސާބަކުން މިފަދަ އަލާމާތެއް ނިޝާނެއް ފެނުމުންކަން މަށަށް ޔަޤީން ކުރެވޭތީ މަޖިލިސް ފެއްޓުމާއި އެކު ސުޕްރިމް ކޯޓަށް އަފީފު އެބުނާ ބަދަލު ގެންނާނެ ކަމާއި މެދު އެއްވެސް ޝައްކެއްނެތް.
ބަތްކައްކާގާޒީ
18 May 2024
ހައިކޯޓަށް އެއުޅެނީ ސައިޒު އޮޅިގެން. ދެން ސައިޒު ވެދާނެ ވ އަވަހަށް.