ޕީޖީ ހުސައިން ޝަމީމް: މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ނިންމުމުން އަނެއްކާވެސް ސުޕްރީމް ކޯޓަށް އެ މައްސަލަ ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
02 ޖޫން 2024 - 12:41
މީގެ ހަތް އަހަރު ކުރިން މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
ސެޕްޓެމްބަރު، 2017 ގައި އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދަށް ހަމަލާދީ މަރާލި މައްސަލާގައި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ކުރިން ނިންމީ އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ކުރިން ހުށަހެޅުމުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އޭރު އަމުރުކުރި އެވެ.
ސައްމާހުގެ ބަންދާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމުމަށްފަހު ހައި ކޯޓުން މިދިޔަ ހަފުތާގައި އަނެއްކާވެސް ނިންމީ ސައްމާހު ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މޫސަގެ މަރުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވިޔަސް، ބާކީ ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގޯލް
02 June 2024
ޝަމީމްމެން މިދިޔަ 5 އަހަރު ކީއްތަ ތިކުރީ؟ މަހީކުރީ ހުރިހާ މައްސަލައެއް ނިންމާނެ ކަމަށް. މުޅި ދައުލަތް ލިބިގެން ވެސް ވީ ކަމެއް ހަރާމް. ދެން މިހާރު ކޮން އަނގައެއް ތި ތަޅަނީ.؟
ބަދީއު އަކީ
02 June 2024
ޤާނޫނު އަދި ޝަމީމާ އަރާ ހަމަޖުރާނެ.