04 ޖޫން 2024 - 06:14
މިދިޔަ އާދީއްތަ ދުވަހު ހަނދަށް ތިރިކުރި ޗައިނާގެ ޖައްވީ އުޅަނދުގެ މޮޑިއުލްއެއް ހަނދުން ސާމްޕަލް ނަގައިގެން އެނބުރި އަންނަން ކާމިޔާބުކަމާ އެކު ދަތުރު ފަށައިފި ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނެފި އެވެ.
ހަނދުން ދުނިޔެއަށް ނުފެންނަ ފަޅިއަށް ތިރިކޮށް އެތަނުން ސާމްޕަލް ނަގައި އަލުން އެނބުރި އަންނަން ދަތުރު ފެށުމަކީ އަދި މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންވެ މި ކާމިޔާބީ އަކީ ޗައިނާއިން 2030 ވަނަ އަހަރުގެ ކުރިން އިންސާނުން ހަނދަށް ފޮނުވަން ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ޝިންހުއާ ނިއުސް އެޖެންސީން ޗައިނާ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އާ ހަވާލާދީ ބުނީ ޗަންޖީ 6 ގެ ޕްރޯބް ހަނދުގެ ބިމުން ކާމިޔާބުކަމާ އެކު އުދުއްސާލައި ދަތުރު ފަށާފައިވާ ކަމަށާއި މިއީ ހަނދުގެ ދިރާސާތަކުގައި މުޅި އިންސާނިއްޔަތަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ހަނދުގެ ދުރު ފަޅީގެ ގަދަފަދަ ޓެމްޕަރޭޗަރުގައި މި އުޅަނދު ވަނީ ސަލާމަތްވެފައި،" ސީއެންއެސްއޭ އިން ބުންޏެވެ.
މި ޕްރޯބްގެ އުނދަގޫ 53 ދުވަހުގެ މިޝަން ފެށީ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ. މި ޕްރޯބުން ހަނދުގެ ބިން ތޮރުފައިގެންނާއި ބިންމަތިން ވެސް ސާމްޕަލް ނަގާފައިވެ އެވެ.
ހަނދުން އުދުއްސާލުމަށް ފަހު ޕްރޯބް މިހާރު ވަނީ ހަނދުގެ އޯބިޓްގައި ޕްރޯބަށް ކުރިން ކަނޑައެޅި ސަރަހައްދަށް ވަދެފައި ކަމަށް ވެސް ޖައްވީ އިދާރާއިން ބުންޏެވެ. އޭގެ ކުރިން އެ ޕްރޯބުން ވަނީ ހަނދުގެ ދެކުނު ތަނޑީގައި ފުރަތަމަ ފަހަރަށް ޗައިނާގެ ދިދަ ވެސް ހަރުކޮށްފަ އެވެ.
ހަނދުގެ ދުރު ފަޅި އަދި އަނދިރި ފަޅީގެ ގޮތުގައި ވެސް ކިޔައި އުޅޭ ސަރަހައްދަށް އެހެން ކިޔަނީ އެއީ އަވި ނުދޭ ހިސާބަކަށް ވާތީއެއް ނޫނެވެ. އެހެން ކިޔަނީ ދުނިޔެއަށް އެ ހިސާބު ނުފެންނާތީ އެވެ. މިއީ ދިރާސާތަކަށް މުހިންމު ސަރަހައްދަކަށް ވަނީ ހަނދުން ދުނިޔެއަށް ފެން ފަޅިއަށްވުރެ އިހުގެ ލާވާގެ އަސަރު ކުޑަކަމުންނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހުރާބު
04 June 2024
ބޭކާރު ކަމެއް. ތި ޔަކުން ވާނެ އެއްވެސް ފައިދާ އޮތް ހެނެއް ނުފެނޭ. ތިޔަށް ވުރެ ރަނގަޅު ވާނެ ރާއްޖޭގެ ފަރަކުން ސާމްޕަލެއް ނެގިޔަސް.
ސަކަރާތް
04 June 2024
ތި ވީޑިއޯއިންވެސް އޭލިއަނެއް ނުފެނޭ
ދޮން ހަސީނާ
04 June 2024
އެމެރިކާ މީހުން 1969 އަހަރު ހަނދަށް މީހުން ފޮނުވިކަމަށް ބުނޭ. ނަމަވެސް 55 އަހަރު ފާއިތުވެގެން ދިޔައިރުވެސް 2ވަނަ ފަހަރަށް މީހުން ފޮނުވާނެ ގާބިލްކަމެއް ނުލިބުނު.
މަކްރާން
04 June 2024
އެމެރިކާ ވަތް ހޮރަށް ޗައިނާމީހުންވެސް އެމީހުން ފަހަތުން ވަންނަން ދާން އުޅޭހެން ހީވަނީ.