ފިނޭންސް މިނިސްޓަރު ޝަފީގު މަޖިލިހުގެ ކޮމިޓީއެއްގައި
24 ޖޫން 2024 - 23:04
ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އާންމުކޮށް ހުޅުވާލައިގެން ކިޔަވައި ދެއްވަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެ ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އަންނަ ބުދަ ދުވަހު ބާއްވާ ބައްދަލުވުމަށް ވަޑައިގެން މާލީ ހާލަތު ކިޔައި ދެއްވަން މިނިސްޓަރު ވެސް ބޭނުންވާ ކަމަށެވެ.
"އެ ބައްދަލުވުން އޯޕަންކޮށް [ސިއްރު ނުކޮށް] ބޭއްވިޔަސް އެންމެ ރަނގަޅު ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވި،" ކޮމިޓީގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަތައް ކިޔަވައި ދެއްވަން ނިންމެވިއިރު، މިއަދު ވެސް އެފަދަ ބައްދަލުވުމެއް ބާއްވަން ތާވަލްކުރި އެވެ.
މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންނެވި ކަން ކޮމިޓީ އަށް އޮތީ އަންގަވައިފަ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުން ބާއްވަން އޭނާ އެދިވަޑައިގެންފައި އޮތީ ސިއްރު ކޮށްގެންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް މިނިސްޓަރު ފޮނުއްވި އެވެ.
އެހެންވެ، މިނިސްޓަރު ފޮނުއްވި ލިޔުންތަކާ ބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރުމައްޓަކައި ސިއްރު ބައްދަލުވުމެއް ބޭއްވުމާ މެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އެ ބައްދަލުވުން ސިއްރު ކުރާށެވެ.
ފިނޭންސް މިނިސްޓަރާ އެކު މިއަދުގެ ބައްދަލުވުން ބާއްވަން ނިންމީ މިދިޔަ އަޟްހާ އީދު ބަންދުގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށްޓަކަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް އެދިވަޑައިގަތީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ.
"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި. އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ވެސް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ގައުމުގެ މާލިއްޔަތުގެ މަސްލަހަތު އިނގޭތޯ."
އެ ދުވަހުގެ ބައްދަލުވުމުގައި ނާޒިމް ވަނީ ސްރީ ލަންކާގެ އިގުތިސާދު ފުނޑުފުނޑުވި ގޮތުގެ މިސާލު ދައްކަވައި މާލީ ހާލަތު ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިްން ޝާމް
26 June 2024
ފިނޭންސް މިނިސްޓްރީން 27 ވަނަ ދުވަހު މުސާރަ ޖަމާ ނުކުރާ ކަމަށް ވަނީނަމަ ރައްޔިތުންނަށް ދަތިވާނެ އެހެންވީމާ ފޮރިންގ މިނިސްޓްރީން ވީހާވެސް އަވަހަކަށް އިންޑިޔާއިން ފަހުންދޭ ގޮތަށ.ް ނަމަވެސް ފައިސާ ހޯދާފަ ސަރުކާރު މުއައްޒަފުންނަށް މިފެށޭ ބަންދުގެ ކުރިން މުސާރަ ދޭން ޖެހޭ . 30 ވަނަ ދުވަހު ހަވީރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާ ކުރާނަމަ ދިމާވި ސަބަބު ބަޔާންކޮށް ވީހާވެސް އަވަހަކަށް މިއަދު މެންދުރު 15:00 ހުރިހާ އިދާރާއެއްގެ ފައިނޭންޝަލް ކޮންޓޮރޯލާ
އާއިޝް އަލީ
26 June 2024
މަހުވާ ވަރަށް ދެފުއް ފެންނަ ސަރުކާރެއް މީ
މިޝާލް
26 June 2024
ގައުމުގެ އިގްތިސާދާ ގުޅުން ހުރި ކަންކަން ވިއްޔާ ރައްޔިތުންނަށް އިނގުން މުހިންމު ކަމަށް ދެކެން
ލަބާން
26 June 2024
މި އެމްޑީޕީގެ ކަންތަކޭ މީ. މުޅި ގައުމު ދަވާލާފަ ދިޔައީ
ހާމިދް
26 June 2024
މީ މި ދައްކާ ވާހަކަ. ރައްޔިތުންނަށް އޮޅުވާލާނެ އެއްޗެއް ނެތް މިތާކު
ޖާހިދު
26 June 2024
މި ސަރުކާރުން ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަން މީގެންވެސް މި އިނގެނީ
ބަރުބާދު
25 June 2024
މިނިސްޓަރ މީ މާލީހާލަތޭ ފަޅޮލޭ ބަނބުކޭލޭ ކިއްޔާ އާންމުމީހާޔަށް އޭގެން އެއްޗެއް އެނގޭނެތޯ؟.
ޓިނު
25 June 2024
އިންތިޚާބުތަށް ނިމުނީ.
ގޭމްނުކުޅެބަލަ
25 June 2024
މާލީހާލަތު ކިޔައިދޭންވީ ރައްޔިތުންނަށްތޯ ނުވަތަ ރައީސަށްތޯ؟ ޑަޒަން ޑަޒަނުން ސިޔާސީ މީހުންތައް ވަޒީފާއަށް ނަގަނީ ގައުމުގެ ހާލަތު ރަނގަޅުވީމަ. އާސަންދަ އިތުރަށް ފުޅާކުރާނީ ގައުމުގެ މާލީ ހާލަތު ރަނގަޅުވީމަ. ސިފައިންނާއި ފުލުހުންގެ މުސާރަތައް ބޮޑުކުރާނީ ގައުމުގެ މާލީ ހާލަތު ރަނގަޅުވީމަ. ބޮޑެތި ޓީމުތައް ހަދައިގެން ރާއްޖެއިން ބޭރަށް ދަތުރުތައް ގިނަގިނައިން ކުރާނީ މާލީ ހާލަތު ރަނގަޅުވީމަ. ޢީދު ކުޅިވަރަށް ބޮޑެތި ޚަރަދުތައް ކުރާނީ މާލީހާލަތު ރަނގަޅުވީމަ.
65676
25 June 2024
ބަރަހަނާވުމަކީ ރަނގަޅު ގޮތެއްނޫން. ވަލްނަރަބިލިޓީ މީހުނަށް އެނގުނީމަ އޭގެ ނުބައި ފައިދާނަގާނެ. ދުޝްމަނުން ތިބޭނީ ފުރުސަތަކަށް ބަލަބަލާ.