119 ކިލޯ ޑްރަގްގެ މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުންގެ ތެރެއިން އެކަކުގެ ބައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
02 ޖުލައި 2024 - 16:56
މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި ދެ މީހުންގެ ތެރެއިން އެކަކުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ ތެރެއިންނާއި ބައެއް ގޭގެއިން 2021 ވަނަ އަހަރު އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި އެރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ.
މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ނިންމީ އޭގެ ތެރެއިން ޒުބައިރުގެ މައްޗަށް ކުށް ސާބިތުވިޔަސް، ދެން ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން ސުނައިނުގެ ބައި ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުޖާހިދުގެ ބައި އިސްތިއުނާފް ނުކުރަން ނިންމީ އޭނާގެ ބައި ހައި ކޯޓުން ކާމިޔާބުވެދާނެ ކަމަށް ނުބެލެވޭތީ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ފުލުހުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ. އެހެންވެ، އެކަމުގައި ހޯމް މިިނިސްޓަރާއި ފުލުހުންގެ އިސްވެރިން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ކުރިން ނިންމި އެވެ.
ސުނައިނުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކުރަން ނިންމިއިރު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް ހައި ކޯޓުގައި މިހާރު އެބައޮތެވެ. އެ މައްސަލާގެ އަޑުއެހުންތައް ވެސް ހައި ކޯޓުން ކުރިން ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލީވްމީ ސެންސްމޭކް
02 July 2024
އެނިމުނީނު އެކަން.... ސިންޕަލް ކަމެއްނު ތީ.