ލޯކަލް ގަނަވެންސް މިިނިސްޓަރު އާދަމް ޝަރީފް: ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
03 ޖުލައި 2024 - 17:05
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން ސަރުކާރުން މިއަދު އަންގައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެހެންވެ، ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ދަންނަވާ ކަމަށް އެ ސިޓީގައި ބުންޏެވެ.
މި ވަގުތު ކޮންމެ ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލްތަކަށް ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:-
• ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން.
• މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުން.
• އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުން.
• ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.
"ރާއްޖޭގެ ދަރަނި އަދާކުރުމަށާއި ރިކަރަންޓް ހަރަދު ކުޑަކުރުމަށް ކައުންސިލްތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އެންގިއިރު، ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފަ އެވެ.
އިގްތިސާދީ ހާލަތު ހުރި ގޮތުން، ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަންތާ
04 July 2024
ގައުމަށް ލިބޭހާ ފައިސާ ހަރަދު ކުރަނީ މާލެ އަށް. ގައުމު ދަރުވާލާފާ ބޮޑަތި ލޯނުތައް ނަގައިގެންވެސް ކުރަނީ އެކަން. އެކަމުގެ ދަތިތަކާ ކުރިމަތިލާ ގުރުބާންވާން މިޖެހެނީ ރާއްޖެތެރޭ ރައްޔިތުން. މިގައުމުގެ ޒަމާނުއްސުރެ މިގެންގުޅޭ ތަފާތުކުރުމާ ނަސްލީ އިމްތިޔާޒުގެ ސިޔާސަތު ނައްތާލައިގެން ނޫނީ ގައުމެއްގެ ގޮތުގައި މިގައުމު ކުރިޔަކަށް ނުދެވޭނެ. ވަކި ރަށަކަށް ނިސްބަތްވާ 15ވަރަކަަށް ހާސް މީހުންގެ މަންފާ އަށްޓަކައި މުޅި ގައުމުގެ އާބާދީ ދަންތުރައެއްގައި ތާށިކޮށްފަ
ށުނާބު
04 July 2024
މާލެ ބޭފުޅުންނަށް 50 ބިލިޔަން ރުފިޔާގެ ބިން ހަމަ މުޅިން ހިލޭ ބަހާފަ ހަރަދު ކުޑަކުރަން ވީމަ އެންމެ ފުރަތަމަ ވެސް އަހަރުމެން ރޓ މީހުން ފަހަތުން ދޯ! ޥަރަށް ފައްކާ އިނގޭ؟
ވޯލް
04 July 2024
ކައުންސިލްގެ ޚަރަދުވެސް ކުޑަ ކުރަންޖެހޭ. އެކަމަކު ފުރަތަމަ ސަރުކާރުނާ ސަރުކާރު މެމްބަރުން އެބަޖެހޭ އަމަލު ތިޔަކަންކަން ދައްކަން. ސަރުކާރުގެ ޚަރަދު ކުޑަ ކުރާތަނެއް ނުފެނޭ. އަދިވެސް ހަމަ ސިޔާސީ މަގާމުތަކަށް މީހުން ލަމުން ދަނީ. 1 މީހަކުވެސް މަދު ކުރިތަނެއް ނުފެނޭ.
ޖަމިލު
04 July 2024
ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަކީ ހަރަދު ކުޑަކުރުމުގައި ނަމޫނާ ދައްކައިގެން ލީޑް ކުރަން ސަރުކާރުން ބޭނުންވާކަން ދައްކުވައިދޭ ކެރިގެން އެޅި ފިޔަވަޅެއް
ޤާސިމު
04 July 2024
ރިކަރެންޓް ހަރަދު ކުޑަކުރުމަށް މި އަޅާ ފިޔަވަޅު ތަކަކީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް މިއަށްވުރެ ދެމެހެއްޓެނިވި އިޤްތިޞާދީ މުސްތަޤްބަލެއް ލިބިގެންދާނެ ހެޔޮ ފިޔަވަޅެކަށް ވާނެ
ކަލާމު
04 July 2024
ދަތުރުފަތުރާއި ހަފްލާތައް މަދުކުރުމަކީ ބުއްދިވެރި ނިންމުމެއް. އެއިން ދައްކަނީ ސަރުކާރުން މާލީ ޒިންމާއާ މެދު ސީރިއަސް ކަން.
އަސީލު
04 July 2024
ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުމަށް ދޭ ސަމާލުކަން އަޅުގަނޑު ފާހަގަކުރަން. މިއީ އަޅުގަނޑުމެންގެ ޤައުމީ ދަރަނި ބެލެހެއްޓުމަށް އެހީތެރިވުމަށް އެޅި މުހިންމު ފިޔަވަޅެއް
އަލި އަނަސް
04 July 2024
ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ޕްރޮއެކްޓިވް ފިޔަވަޅުތައް އަޅަމުންދާތަން ފެނުމަކީ ވަރަށް ބޮޑު އުފަލެއް
އަތޮޅުވެރިޔާ
04 July 2024
ކޮން ހައިސިއްޔަތަކުންބާ!
ރަށު ކައުންސިލް
04 July 2024
ތިޔަ މިނިްތްރީއަކީ އުވާލަންޖެހޭ މިނިސްޓްރީއެއް. އެލްޖީއޭގެ ޤާނޫނީ ހައިސިއްޔަތު އޮތީ. ތިޔަ މިނިސްޓްރީ އުވާލާ ވަޒީފާތައް އުނިކުރުމުން ސަރުކާރުގެ ޚަރަދު ބޮޑުތަނުން ކުޑަވާނެ. ކައުންސިލްތަކުގެ މަސައްކަތްތައް ކައުންސިލްތަކަށް ދޫކޮށްލައްވާ، އެއީ ޤާނޫނީ ހައިސިއްޔަތެއް ލިބިގެން ސީދާ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔެއް. ކައުންސިލްތަކުންވެސް އިސްރާފުކޮސްގެން ނުވާނެ އިޚުލާސްތެރިވާންވާނެ.