އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭ ހުރަވީ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޖަޒީރާވަންތަ ރާއްޖެ ތަރައްގީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ޑްރާފްޓް ކޮށްފައިވާ ކަމަށާއި މަޖިލިހަށް ބިލް ހުށައަޅާނީ ކޮންފަރެންސްގައި ކައުންސިލަރުން ހުށަހަޅާ ހިޔާލުތަކާއި މަޝްވަރާތައް ހިމަނައިގެން ކަމަށެވެ. އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހާމަކުރައްވައިފަ އެވެ. އެކަމަކު އެ ކަންކަމުގެ މާ ބޮޑު ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމި އިސްލާހުތަކުގެ ތެރޭގައި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ 100 ޕަސަންޓު ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ފީ ނަގަން ފެށުމުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ހެޔޮ ބަދަލުތައް މި ގާނޫނަށް ގެނައުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 ޕަސަންޓް ޖާގަ އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްގީ ގެނެވޭނީ، އަންހެނުންގެ ހިޔާލާއި އިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން،" ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި އެމްޑީޕީގެ މަޖިލިހުގެ މެމްބަރުންނާއި ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.