މަރުގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރަނީ: ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު އެތައް ބަޔަކު އެތައް އަހަރެއް ވަންދެން ބަންދުގައި ތިބެންޖެހޭ މައްސަލާގެ ޝަކުވާ އަބަދުވެސް ބޮޑު --- ފޮޓޯ/މިހާރު
10 ޖުލައި 2024 - 08:23
ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ ވާނުވާގެ މައްސަލައަކީ އަބަދުވެސް އެންމެންގެ ފާޑުކިޔުމާއި ކަންބޮޑުވުން އޮތް ބޮޑު މައްސަލައެކެވެ. އެތައް އިސްލާހެއް ގާނޫނަށް ގެނެސް، އެތައް އުސޫލެއް ބަދަލު ކުރިޔަސް، މި ޝަކުވާއަކަށް ހައްލެއް ނުލިބި، މިގޮތަށް ވާނުވާ ބަންދުގައި ތިއްބާ އެތައް ބަޔަކު ޖަލުގައި މަރުވެއްޖެ އެވެ.
އެހެންވެ، ވާނުވާގެ މައްސަލައަކީ ކޮންމެ ސަރުކާރަކަށް ވެސް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އަދި އެ އިރެއްގެ އިދިކޮޅުގައި ތިބޭ ބަޔަކު ރައްޔިތުންގެ ތާއީދު ހޯދަން ބޭނުންކުރާ އެއް ސަބަބެވެ.
ވާނުވާގެ ހަގީގީ މައްސަލައަކީ މީހުން ބަންދު ކުރުމެއް ނޫނެވެ. މައްސަލައަކީ ބަންދު ކުރުމަށް ފަހު، ގާނޫނު ތަސައްވުރުކުރާ އަވަސް މިނުގައި ޝަރީއަތްތައް ކުރިއަށް ނުދާ މައްސަލަ އެވެ. ކޯޓުތަކުގެ ވަސީލަތްތަކާއި ޖާގައިގެ ދަތިކަމުގެ އިތުރުން ގާނޫނު މިހާރު ލިޔެފައި އޮތް އިޖުރައާތުތަކުގެ ސަބަބުން އެތައް މަރުހަލާއަކަށް ޝަރީއަތްތައް ދިގު ދެމިގެންދާ ދިއުމުގެ އާހިރު ގެއްލުމާއި ތަކުލީފު އުފުލަން ޖެހެނީ ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި، ވާނުވާ ބަންދުގައި ތިބޭ މީހުންނެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން، ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ބާރު ދީފައި އޮންނަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުން ނުވަތަ ފިލާފާނެތީ ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުން ފަދަ އިސްތިސްނާ ހާލަތްތަކުގަ އެވެ. ނަމަވެސް މި ދެންނެވި އިސްތިސްނާ ހާލަތު އަބަދުވެސް އޮންނަނީ އާންމު ހާލަތަކަށް ބަދަލުވެފަ އެވެ. އެއްވެސް ކަމަކަށް ބެލުމެއް ނެތި ހަމައެކަނި ކުރެވޭ ކުށެއްގެ ތުހުމަތަށް އެކަނި ބިނާކޮށް އަދި ބަންދު ކުރާކަމުގެ ޝަކުވާ ވެސް އެހާމެ ބޮޑެވެ.
"ތި ބޭފުޅުން ނިންމަވަންވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ބަންދުގައި ނުބައިތިއްބަން ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ބައެއް ނޫން ކަމަށް."
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވާ ގޮތުން ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭނީ މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނެވެ. އެފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ ބަޔަކު މައްސަލަ ނުނިމޭތީ ކަމަށް ބުނެ، ބަންދުން ދޫކޮށްލުމުން އެތައް ބަޔަކަށް އެ މީހުންގެ ފަރާތުން ނުރައްކާ އޮންނަ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މީގެ އަހަރެއް ކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ކޮންމެވެސް ގޮތަކުން ދޫވި. އަނެއްކާވެސް ތުހުމަތު ކުރެވުނީ އެގޭ އެހެން ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް. އަނެއްކާވެސް ބަންދަށް ލާން ޖެހުނީ،" އެފަދަ މައްސަލައެއް އޭނާ ފާހަގަ ކުރެއްވި އެވެ.
ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު
ނަމަވެސް ވާނުވާ އުވާލަން ގާނޫނުގައި ހިމަނައިފި ނަމަ އެކަން ތަންފީޒު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނަށް ގެންނަން ބަދަލަކުން ތި ބޭފުޅުން ނިންމަވަންވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ބަންދުގައި ނުބައިތިއްބަން ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ބައެއް ނޫން ކަމަށް. އެހެން ކަނޑައަޅުއްވައިފިއްޔާ އަޅުގަނޑުމެން އެކަން ތަންފީޒު ކުރާނަން،" ވާނުވާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަށް އޮތް ހައްލަކީ ވާނުވާ ބަންދުގައި ބޭތިއްބުމުގެ ބަދަލުގައި ފައިގައި ޓެގް އަޅުވައިގެން ނުވަތަ ކަފާލާތުގެ އުސޫލުން ނުވަތަ އެހެން ވެސް ގޮތަކަށް މީހުން މޮނީޓާ ކުރުމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ވާނުވާގެ މައްސަލާގެ އެއް ހައްލަކީ ކަފާލާތާއި އެހެން ވެސް މޮނީޓަރިންގެ ނިޒާމެއް ގެނައުމެވެ. ކުދި މައްސަލަތައް އެހެން ނިޒާމަކުން ހައްލުކޮށް، ހަމައެކަނި ބޮޑެތި މައްސަލަތައް ކޯޓަށް ފޮނުވުމުގެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަފާލާތުގެ ބައި ރަނގަޅު ކުރެއްވިއްޖިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ އޭގެ ތެރެއިން ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް. މިހާރު މައްސަލަ ބެލުމުގެ ތެރޭގައި ކަފާލާތު ދިނުމުގެ ކަލްޗަރެއް ނުވަތަ އެ ސަގާފަތެއް ނެތް. އެކަން އަޅުގަނޑުމެންނަށް މެއިން ސްޓްރީމަށް ގެނެވިއްޖިއްޔާ އަޅުގަނޑަށް ހީވަނީ މިއީ އޭގެ އެއް ފަރުވާހެން،" މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ދާދިފަހުން ސުއޫދު ވިދާޅުވި އެވެ.
"އަނެއް ފަރުވާއަކީ މައްސަލަތަކުގައި ނަސޭހަތް ދީ، މައްސަލަތައް ސިސްޓަމްގެ ތެރެއަށް ނުގެނައުން."
"ބަންދުން ދޫކޮށްލާފައި ކިހިނެތްތޯ އެއިން ކޮންމެ މީހެއްގެ ފަހަތުގައި 24 ގަޑިއިރު ފުލުހަކު ބަހައްޓާނީ."
ކަފާލާތާއި މޮނީޓަރިންގެ އުސޫލު މިހާރު ވެސް ގާނޫނުތަކުގައި އެބައޮތެވެ. ނަމަވެސް މައްސަލަ ދިމާވަނީ ތަންފީޒު ކުރުމާ ހަމައިންނެވެ. އޭގެ މިސާލަކީ މީހަކު މެރުމުގެ ތުހުމަތެއްގައި ބަންދުގައި ހުރި މީހަކު 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ދޫކޮށްލިތާ މަހެއް ނުވަނީސް އޭނާ ގޮސް ދެ ވަނަ މީހަކު މަރާލި ހާދިސާ އެވެ. އެ މީހާ ކޯޓުން ފުރަތަމަ ދޫކޮށްލި ދޫކޮށްލުން ގައުމީ މައްސަލައަކަށް ވެ، ފުލުހުން އެލާޓްގައި އޮއްވާ އޭނާ ގޮސް ދެވަނަ މީހާ މަރާލުމުން، މީހުން މޮނީޓާ ކުރުމުގެ ނިޒާމު އޮތް ހާލަތު ކިތަންމެހާ ވެސް ސާފެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ އިސް ބޭފުޅަކު ވެސް ވިދާޅުވި ގޮތުގައި ކަފާލާތަކީ ފުރިހަމަ ހައްލެއް ނޫނެވެ.
"އޮގަނައިޒްޑް ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކިތަންމެ ވަރުގަދަ ޝަރުތަކެއް ކޮށްފައި ދޫކުރިޔަސް، ކޮންމެވެސް ގޮތަކުންއެ މީހުން އޭގެ ތެރޭގައި ހަރަކާތްތެރިވާނެ. އެފަދަ މީހަކު ދެވަނަ ފަހަރަށް ބޮޑު ކުށެއް ކޮށްފިއްޔާ ދެން އަންނާނެ ސުވާލަކީ ކީއްވެހޭ ކުރިން ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.
"އިހަކަށް ދުވަހު މީހަކު ރަހީނު ކޮށްފައި ޕަވާ ޓޫލަކުން މީހެއްގެ އިނގިލި ބުރިކޮށްލީ. އެ މީހުންނަށް ވާނުވާ ނުޖަހަން ވެގެން އެ މީހުން ބަންދުން ދޫކޮށްލާފައި ކިހިނެތްތޯ އެއިން ކޮންމެ މީހެއްގެ ފަހަތުގައި 24 ގަޑިއިރު ފުލުހަކު ބަހައްޓާނީ،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނު ތަސައްވުރުކުރާ ގޮތަކީ ޝަރީއަތް ފެށޭނެ ދުވަހާއި ނިމޭނެ ދުވަހެއް ދައުވާ ލިބޭ މީހާ އަށް ވެސް އެނގި އަދި މެދުކެނޑުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންގޮސް ހުކުމް ކުރުމެވެ. އެކަމަކު، ކޯޓުތަކުގެ ވަސީލަތްތަކާއި އެހެން ވެސް ސަބަބުތައް ހުރިގޮތުން ޝަރީއަތެއް އެވްރެޖްކޮށް ބޭއްވެނީ ހައެއްކަ މަހުން އެއް ފަހަރު އެވެ. އެހެންވުމުން ޖިނާއީ ބޮޑު މައްސަލައެއްގައި ހުކުމަކާ ހަމައަށް ދާން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް އެންމެ މަދުވެގެން ވެސް އެބަ ހޭދަވަ އެވެ.
"ކޮންޓިނުއަސް ޓްރަޔަލްއަކަށް ލެވިގެން ޖެހިޖެހިގެން ތިން ދުވަހު ޝަރީއަތް ބޭއްވޭ ކަމަށް ވަންޏާ މި މައްސަލަ ހައްލުވެގެން ނިމުމަކަށް އަންނާނެ."
ނަތީޖާއަކީ ހުކުމެއް ނެތި 300 އަށް ވުރެ ގިނަ މީހުން ވާނުވާ ބަންދުގައި އަބަދުވެސް ތިބެން ޖެހުމެވެ. އޭގެ ތެރޭގައި ބަންދުގައި ތިބޭތާ ފަސް އަހަރުވާން ގާތްވެފައި ތިބި މީހުން ވެސް ހިމެނެ އެވެ. އަނެއްކޮޅުން، އެވްރެޖްކޮށް ކޮންމެ މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުތަކުން އަމުރު ކުރެ އެވެ. މާނައަކީ އެއްކޮޅުން ވާނުވާ ޖަހާ މީހުން ގިނަ ވާއިރު، އަނެއްކޮޅުން ވާނުވާ ބަންދު ނިމޭ މީހުން މަދެއް ނުވެ އެވެ. މިކަމާ ހެދި ޖަލުތައް ވެސް ތޮއްޖެހޭ ހިސާބަށް އޮތީ ގޮސްފަ އެވެ.
މީހަކު މަރާލި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
ޝަމީމް ވެސް ވިދާޅުވި ގޮތުގައި ވާނުވާގެ ފެށުމަކީ އަދި ނިމުމަކީ ވެސް ކޯޓުތަކުން މައްސަލަ ނުނިމި ލަސްވާ ލަސްވުމެވެ. ގާނޫނު ތަސައްވުރުކުރާ އަވަސް މިނުގައި ޝަރީއަތްތައް ކުރިއަށް ނުދާއިރު، ޝަރީއަތްތައް ކުރިއަށް ދާނެ ގޮތުގެ ތާވަލް ވެސް ގާނޫނުގައި ބުނާ އުސޫލުގެ ތެރެއިން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މާލޭގައި ކޯޓުތަކުގެ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން އެކަމުގައި ހުރިކަން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
"ސިޓީއަކުން ވެސް ދަންނަވައިފިން ތާވަލް ދެއްވާށޭ. ތާވަލް ދިނީމާ ބަންދުގައި ހުންނަ މީހާ އަށް އެނގޭނެ އޭނާގެ މައްސަލަ އޮންނާނެ ދުވަހާއި ނިމޭނެ ދުވަހާ. އޭރަށް ވާނުވާއަކަށް ނުވާނެ. ގާނޫނު ތަސައްވުރު ކޮށްފައި އޮތްގޮތުން އެއް އަހަރާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި މައްސަލަތައް ނިންމުމުގެ ފުރުސަތު އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ކޯޓުގައި މައްސަލަތައް ގިނަވެ، ވަސީލަތްތައް މަދުވުމަކީ މައްސަލައެއް."
ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަތައް ނުނިމި ލަސްވާ މައްސަލަ ހައްލު ކުރުމަށްޓަކައި، ކޯޓުތަކުގެ ބައެއް އުސޫލުތައް ބަދަލު ކުރަންޖެހެ އެވެ. ސުއޫދު ހުށަހެޅުއްވި އެއް ހުށަހެޅުއްވުމަކީ އިބްތިދާއީ އަޑުއެހުންތައް ފަނޑިޔާރަކު ނޫން އެހެން ބޭފުޅަކު ކުރިއަށް ގެންދިއުމެވެ.
"ކޮންޓިނުއަސް ޓްރަޔަލްއަކަށް ލެވިގެން ޖެހިޖެހިގެން ތިން ދުވަހު ޝަރީއަތް ބޭއްވޭ ކަމަށް ވަންޏާ މި މައްސަލަ ހައްލުވެގެން ނިމުމަކަށް އަންނާނެ. އަނެއް ބަދަލަކީ ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ކްރިމިނަލް ކޯޓުގެ ކޮންމެ ގާޒީއަކަށް މެޖިސްޓްރޭޓް ލެވެލްގެ ބޭފުޅެއް އެހީތެރިއެއްގެ ގޮތަށް އެޓޭޗް ކުރެވިގެން މަސައްކަތް ކުރެވިއްޖިއްޔާ މައްސަލަ ބަލާއިރު އިބްތިދާއީ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް މެޖިސްޓްރޭޓް ލެވެލްގެ ޖަޖަކަށް ކުރެވޭނެ،" ސުއޫދު ވިދާޅުވި އެވެ.
"އޭރުން ޓްރަޔަލް ހޭންޑް ކުރައްވާނީ އަސްލު ގާޒީ."
ވާނުވާގެ މައްސަލައަކީ އަވަހަށް ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލައެކެވެ. ނަމަވެސް ގާނޫނަކަށް އިސްލާހު ގެނެސްގެން ދެން އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތެވެ. މައްސަލަތައް އަވަހަށް ނިމޭނެ ނިޒާމެއް ގާއިމްވެގެން ނޫނީ މިކަމަށް ހައްލެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަޅު
10 July 2024
ވާނުވާ އުވާލުމަކީ ހައްލެއް ނޫން. މިޤައުމަށް އެންމެ ފިޓް އެއްޗަކީ ވާނުވާ. މިހާވަރަށް ހަމަޖެހުން ޤައުމަށް ލިބިފައި މިއޮތީ ވާނުވާގެ ސަބަބުން. މިއީ މަގޭ ޚިޔާލު
ޙައްލަކީ ޢުމަރު
10 July 2024
ޙައްލަކީ ޝަރީޢަތްތައްކޮށް ޙުކުމަކާ ހަމައަށް ދަންދެން ކުށްވެރިޔާގެ ފައިގައި ޓެގެއް އަޅުވާފައި ގޭގައި ބަންދުކުރުމެއް ނޫންތަ؟ އެކަމަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ޅަކުދިންގެ އިއްފަތްފޭރޭ މީހުންނާއި މީހުންމަރާ މީހުން މިކަމުން އިސްތިސްނާވާން ޖެހޭނެ އިނގޭ! އެމީހުން ތިބެންޖެހޭނީ ވާވިޔަސް ނުވަތަ ވާނުވާވިޔަސް ހުކުމް ތަންފީޒުކޮށް ނިމެންދެން ޖަލުގައި. އެއީ ނުރައްކާތެރި ކުށްވެރިން.
ސީޒަން ޖެކްޝަން
10 July 2024
ވާނުވާ ނޭންގޭހިސާބަށް ކަންކަން ހިގައްޖެނަމަ އެންމެ ރަގަނޅު ގޮތަކީ އިސްތިއުފާދިނުން.
ލޮއްލަ
10 July 2024
ފަނޑިޔާރުންގެ އިންސުރެންސް ފުޅާކޮށް އިތުރު އިނާޔަތް ތަކެއް ތައާރަފު ކުރަނިކޮށް މައްސަލަތަށް އަވަސްްއަވަހަށް ނިމިގެން ދާތަން ފެންނާނެ.. ނުކުޅެދޭ ގާނޫނު ތަކަކުން އިންސާފު ހޯދޭނީ ކޮން ގޮތަކުން. އެއްމުވައްސަސާ މިއޮންނީ އަނެއްމުވައްސަސާއަށް ގުދޯގުދޯ ގޮވަން. ގާނޫނު ހަދާމީހުންތިބީ ޑޯން ހެދިގެން އަމިއްލަ ވިޔަފާރީގަ. ހުރިހާ ގޮތަކުންވެސް މުސީބާތް މިޖެހެނީ އެއްކަލަ އާއްމު ރައްޔިތު މީހާއަށް.
ވާނުވާ އަށް ހައްލެއް
10 July 2024
ވާނުވާ އުވާލަންވީކީ ނޫނެވެ. ވާނުވާގައި ހުރެފައި ކުއްސާބިތު ނުވެ ނުކުންނަ މީހާ އަށް އެކަށީގެންވާ މަދަނީ ބަދަލެއް އެއްފަހަރާ ގަނޑު ކޮއް ދޭންވީއެވެ. އޭރުން ވާނުވާގައި ތިބުމަކީ ވެސް އާމްދަނީ ލިބޭ ވަޞީލަތަކަށްވީއެވެ. ޝަކުވާ ތަށް މަދުވާނެއެވެ. ޖަލު ހަރަދު ތަށް ކުޑަ ކޮއްގެން ވެސް ކޮމްޕަންސޭސަން ދޭން ޖެހެއެވެ.
ވާނުވާބެ
10 July 2024
ޝަރީއަތްތައް އަވަސްކުރުން ހައްލަކީ. މަސައްކަތަށް ފަރުވާ ކުޑަކުރާ ފަނޑިޔާރުން އެއްފަރާތްކޮށް، މަސައްކަތަށް ވަގުތުދޭނެ ފަނޑިޔާރުން އައްޔަންކުރުން. ރޭގަނޑު ބަންދުކުރާ ގަޑިއަށް ކާޑުޖަހާފަ އިތުރުގަޑި ނަގާ މުވައްޒަފުން ހަމަޔަށް އަޅުވާ މަސައްކަތްކުރެވޭނެ ގާބިލު މުވައްޒަފުން ކޯޓުތަކުގެ ބޭތިއްބުން. ފަނޑިޔާރުންނާ މުވައްޒަފުންނަކީ މަސައްކަތްނުކޮށް މުސާރަ ނަގާ ބަޔަކަށްވެގެން ވާނުވާ ހައްލެއްވެސް ނުވާނެ ވާނުވާ ނުވެސް އެނގޭނެ
ކާކަ
10 July 2024
ހައްލަކީ އުމަރު. އެނޫން ހައްލެއް ނެތް.
ޖަލީލީ
10 July 2024
ފަސް އަހަރު ރިމާންޑްގަހުރެ މައްސަލަ ސާބިތުނުވީމަ އެމީހަކަށް އެ ލިބެނީ ހާދަބޮޑު އަނިޔާ އެކޭ އެކަމަކު. ދައުލަތުން ބަދަލުދޭން ޖެހޭ.