އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ކޮމިޓީގައި ވާހަަަކަ ދައްކަވަނީ: ފެނަކައިގެ 60 މަޝްރޫއުއެއް ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް ބަލަމުން އަންނަ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 ޖުލައި 2024 - 16:59
ފެނަކަ ކޯޕަރޭޝަންގެ 60 މަޝްރޫއެއް ނުނިންމައި، އެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓް ހުސްކޮށްލި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ ފެނަކައިން ކުރިއަށް ގެންދިޔަ 60 މަޝްރޫއުއެއް ނުނިންމައި، ބަޖެޓް ހުސްކޮށްލި ކަމަށް ތުހުމަތުވާ މައްސަލަ ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ ކަމަށެވެ.
އެ މަޝްރޫއުތަކަކީ ފެނަކައިގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކެވެ. މީގެ ތެރެއިން ނިމިފައި ވަނީ އެންމެ 14 މަޝްރޫއު ކަމަށާއި ބާކީ ހުރި މަޝްރޫއުތައް ނުނިމެނީސް ބަޖެޓް ހުސްވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި ފެނަކައަށް ތުހުމަތުކުރެވޭ ކޮރަޕްޝަންތަކާ ގުޅިގެން ތަހުގީގަށް މިހާތަނަށް ހޯދުންތަކެއް ހޯދިފައިވެ އެވެ. މި މައްސަލަތަކުގައި ޝައްކު ކުރެވޭ މީހުން ވެސް އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި އޭސީސީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ތުހުމަތުވާ މީހުންގެ ބޭންކް ޓްރާންސްސެކްޝަންތައް ދިރާސާކުރުން ކަމަށެވެ.
"އެ ބަލައިގެން ނޫނިއްޔާ އެ ބޭފުޅުން މި ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް ދެނެގަނެވޭކަށް ނެތް، މައްސަލަތަކުގެ ހިމެނޭ މީހުންގެ ނެޓްވޯތު އެނާލިސިސް ހެދިގެން. ބޭންކު ޓްރާންސްސެކްޝަންތައް ހިނގާފައިވާ ގޮތް ބެލިގެން މާލީ މަންފާތަކުގެ އެނާލިސިސް ހެދިގެން،" ޝާމިލް ވިދާޅުވި އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ކޮމިޓީގައި ވާހަަަކަ ދައްކަވަނީ: ފެނަކައިގެ 60 މަޝްރޫއުއެއް ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް ބަލަމުން އަންނަ ކަމަށް ވިދާޅުވި. - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓްރާންސެކްޝަންތައް ދިރާސާކޮށް ނިމުމުން، ނުހައްގު މުއްސަނދިކަން ލިބިފައި އޮތް ގޮތާއި ލިބިގަނެފައިވާ މުއްސަނދިކަން ތަހުގީގަށް ދެނެގަނެވޭނެ ކަމަށް ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ޝައްކު ކުރެވޭ މީހުންގެ މައްޗަށް ޖުމްލަ ފަސް ކުށެއްގެ ތުހުމަތާ އެކު އެވެ. އެއީ، މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުމާއި ހިޔާނާތާއި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަމެވެ.
މަޖިލީހުގެ ކޮމިޓީގައި އޭސީސީން އިއްޔެ ބުނެފައި ވަނީ، ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، އޭސީސީން ބުނި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި އެ ކުންފުނި ހިންގަވަން ތިއްބެވި ވެރިންނަށް ތުހުމަތުކޮށް ހުށަހެޅި ހަ މައްސަލައެއް ވެސް ހިމެނެ އެވެ. އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް މަޝްރޫއުތައް ކުންފުނިން އަމިއްލަ އަށް ހިންގުމަށް އިންހައުސްކޮށް ކުރިޔަށް ގެންދަން ނިންމުން ހިމެނޭ ކަމަށެވެ.
އިންހައުސްކޮށް މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ ކޮންޓްރެކްޓް އުސޫލުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނެގުން ކަމަށާއި އެހެން ނަމަވެސް ވަކި އަދަދެއް ކަނޑަނާޅައި މުވައްޒަފުން ނެގުމުން ބޮޑު ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"15މިލިއަން ރުފިޔާ އަށް ހެދޭ އިންޖީނުގެ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އިންހައުސް މުވައްޒަފުން ނަގައިގެން ކުރީމަ 38 މިލިއަނަށް އެބަހުރި އަގު ބޮޑުވެފައި. އަގު ބޮޑުވާ ސަބަބަކީ މުވައްޒަފުންގެ މުސާރަ އަށް،" ސަލާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކަ އިން މުވައްޒަފުންނަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. އެ ފަރާތްތަކުގެ ކެއުމަށް ޑަބަލްކޮށް ފައިސާ ހަރަދު ކޮށްފައި ހުރި ކަމަށާއި ފައިސާ އަތަށް ދިނުމުގެ އިތުރުން ރަށުގެ ރެސްޓޯރަންޓުތަކަށް ވެސް ދެ ފަހަރަށް ފައިސާ ދައްކާފައިވާ މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަންޑިޔާ
17 July 2024
"15މިލިއަން ރުފިޔާ އަށް ހެދޭ އިންޖީނުގެ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އިންހައުސް މުވައްޒަފުން ނަގައިގެން ކުރީމަ 38 މިލިއަނަށް އެބަހުރި އަގު ބޮޑުވެފައި" ސޯލިހުގެ ވެރިކަން .. ރައްޔިތުންގެ މާލިއްޔަތު ލޫޓުވުން . ގައުމު ދަރުވާލުން
ނިޝާމްް
17 July 2024
ނުހައްގުން ގާތް މީހުން މުއްސަނދިކުރުމާއި ރައްޔިތުންގެ ފައިސާ ގޯސްކޮށް ބެލެހެއްޓުމުގެ ތުހުމަތް ތަކުން ކުރީގެ ވެރިކަމުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ. ސީދާ ފެއިލް ވެފަ ތިބި ބަޔެއް އެމްޑީޕީ މީހުންނަކީ
ފާރިޝްް
17 July 2024
މިލިއަނުން އަގު އަރާ އިންޖީނުތައް ގެންނަން އަގު ނަގަނީ. އާހިރަތުގަ މި ގެންނަނީ އެންމެ ކަޑަ އެއްޗެސް. ކޮރަޕްޝަނަކީ މީހެއް ނަމަ ސައީދު އެއީ މިބުނާ މީހާ. 2 ރުފިޔާ އަށު ދޭ އަންގިއެއް ފެނަކަ އިން މިނަގަނީ 95 ރުފިޔާއަށް. ބާޒާރުގައި 200 ރުފިޔާ އަށް 100 އަންގި ލިބެން ހުރި އިރު ފެނަކަ އިން 100 އަންގިއަށް 9500 ރުފިޔާގެ ޕީއޯ އެއް ރެއިސް ކުރީމަ ކޮރަޕްޝަން އޮތް ވަރު ވިސްނާލާ. ސައީދު ހީކުރި ކަހަލަ ތިމަންނާއާ ތިމަންނާގެ މީހުން ދުވަހަކުވެސް އަތެއް ނުވާނޭ
ސަމޫހް
17 July 2024
ޗެކް ނުކުރެވި ހުރި ހަރަދުތަކާއި ކޮރަޕްޝަނާއި މިހުރީ ކަމަކަށް ބަލާފަ އަދި ރިޕޯޓްތަކުން ދައްކާ ގޮތުންވެސް މި ގައުމު ނުދެކޭހާ ވަރުގެ ކަޑަ ވެރިކަމެއް ކުރި މީހެއް އިބުރާހިމް މުހައްމަދު ސޯލިހު އަކީ
ލާމިހް
17 July 2024
ފެނާކާ ކޯޕަރޭޝަންގައި މިފަދަ ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި އިހުމާލު ތަކުރާރު ނުވާނެ ގޮތަށް ރައްޔިތުންނަށް ޖަވާބުތަކާއި އިސްލާހުތައް ހައްގު ކަމަށް ދެކެން. ޑރ.މުއިއްޒުގެ ސަރުކާރެއްގައި މިހެން ނުވާނެ ކަމަށް މިބަލަނީ
ޖައިލަމްް
17 July 2024
ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ރަނގަޅަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ބޭނުންކުރެވޭތޯ ބެލުމަށް އޭސީސީ ފަދަ ތަހުގީގީ އިދާރާތަކުން މި ކަންކަން ފުރިހަމައަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ
ތޮފާތު
17 July 2024
އިންސާނުން ލައިގެން ގައުމުހިންގުން މާޒީއަށް ދޫކޮށް އޭއައި އާއި ހަވާލު ކޮށްގެން ގައުމުހިންގުމާ މެދު ވިސްނަންވީ ވަގުތު ޖެހިއްޖެ.
ބަޝީރްް
17 July 2024
ރައްޔިތުން ބުރަ މަސައްކަތުން ހޯދި ފައިސާ ނުނިމި ހުރި މަޝްރޫއުތަކާއި ކޮންމެހެން ބޭނުން ނުވާ ހަރަދުތަކަށް ބޭކާރުވެގެންދިޔައީ ރައްޔިތުންނާމެދު އެއްވެސް ވިސްނުމެއް ފިކުރެއްނެތް ބަޔެއްގެ ފީކަޅާ އަމަލުތަކުން
ނިޝާންް
17 July 2024
މި ހާލަތުން ހާމަވަނީ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ހަރުކަށި ގަވާއިދުތަކާއި އެތެރޭގެ ކޮންޓްރޯލްތައް ރަނގަޅު ކުރުމުގެ އަވަސް ބޭނުންތެރިކަން
ރާސްތާާ
17 July 2024
އޭސީސީގެ ހޯދުންތަކުން ދައްކާ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގުމުގެ އިހުމާލެއް އޮވެމެ އެކަމަށް މިދިޔަ ސަރުކާރުން ފިޔަވަޅު ނޭޅުމަކީ އެމްޑީޕީގެ ވެރިންގެ ނާގާބިލުކަމުގެ މިސާލެއް