ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ގްލެން ޕަވަލް.
21 ޖުލައި 2024 - 06:19
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި އެވެ.
"ޓޮޕް ގަން: މެވެރިކް" އާއި "އެނީވަން ބަޓް ޔޫ" އަދި "ޓްވިސްޓާސް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތް ކުރި ޕަވަލް ޑިގްރީ ހަދަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސް އިންނެވެ. އޭނާ ޑިގްރީ ހަދަނީ "ސްޕެނިޝް އެންޑް އާލީ އެމެރިކަން ހިސްޓްރީ" އިންނެވެ.
އުމުރުން 35 އަހަރުގެ ޕަވަލް އަކީ އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ އޮސްޓިންއަށް އުފަން އެކްޓަރެކެވެ. ހޮލީވުޑް ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުމަށް ފަހު އޭނާ މިހާރު ވަނީ އާއިލާ ކައިރިއަށް އޮސްޓިންއަށް ބަދަލުވެފަ އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ "އިންޑީވަޔާ" އަށް ދިން އިންޓަވިއުއެއްގައި ޕަވަލް ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދަ ރަނިން މޭން"ގެ ޝޫޓިންއަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ދާތީ ކޯހުގެ ފުރަތަމަ ކުލާސްތަކުގައި ބައިވެރިވާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އެކަމަކު އިމްތިހާނުތައް ހަދަން ޔުނިވާސިޓީއަށް ދާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ކޮންމެ ސެމިސްޓާއަކު ދޭއް ނުވަތަ ތިން ފަހަރު ޔުނިވާސިޓީއަށް ގޮސް ކުލާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy