ރިޕޯޓް

މުއައްސަސާތަކަށް "ވާކަމެއް ހަރާން"، މައްސަލަތަކަކީ ކޮބާ؟

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތިން މެންބަރަކު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޮމިޝަންތަކުގެ މަސައްކަތްތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައި - ފޮޓޯ: މިހާރު

މީގެ 15 އަހަރު ކުރިން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން އުފެއްދި މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާއި އެ ތަންތަނުން މަސްއޫލިއްޔަތު އަދާކުރާ ވަރާ މެދު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެކެވަޑައިގަންނަވަނީ މިހެނެވެ؛

"ވާކަމެއް ހަރާން"

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންނާ ބައްދަލުކުރި ބައްދަލުވުމުގައި ނާޒިމް ދެއްކެވި ވާހަކަގައި ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިނިވަން މުއައްސަސާތައް އެއްވެސް ގޮތަކަށް ނުހިނގަ އެވެ. އެ ތަންތަނަށް އަދާ ކުރެވޭ އެއްވެސް ޒިންމާއެއް، އެއްވެސް މަސްއޫލިއްޔަތެއް ނެތެވެ. ކަމެއް ނުކުރެވި، އެއްވެސް ނަތީޖާތައް ނެތެވެ.

"ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" ނާޒިމް އެ ދުވަހު ވިދާޅުވި އެވެ.

ނާޒިމް ފާހަގަ ކުރެއްވި ގޮތަށް، އޭސީސީން ކޮރަޕްޝަންގެ މައްސަލަތައް ރަނގަޅަށް ނުބަލާ ކަމާއި އެކަށީގެންވާ ފިޔަވަޅުތައް ނާޅާ މައްސަލާގައި އެ ކޮމިޝަންގެ މެންބަރުންނާ ކިތަންމެ ފަހަރަކު ބަދަލުކޮށްފި އެވެ. ސަރުކާރާ އެކު ކޮމިޝަންތައް ވެސް ބަދަލުވާ ތަން ފެނެ އެވެ. ނަމަވެސް، ތަނުގެ މަސައްކަތަށް ކުރިއެރުމެއް އަންނަ ތަނެއް ނުފެނެ އެވެ. އޭސީސީ އިން ވެސް މިކަން ގަބޫލު ކުރެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކަކީ ކޮންމެ ސަރުކާރެއް އޮތަސް، އަބަދުވެސް ފެންމަތިވާ މައްސަލަތަކެވެ. އެކަމަކު، ކުންފުނިތައް ކޮރަޕްޝަންގައި ހުލިވާއިރު ވެސް އޭސީސީއަކަށް އެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅޭ ވަރެއް ނުވެ އެވެ. އެހެން ކަންތައްތައް ހިނގަން މެދުވެރިވާ "ބަހަނާތައް" ކޮމިޝަންތަކުން އަބަދުވެސް ދައްކަ އެވެ.

"ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއިރަކު ތިއްބަވާ މުވައްޒަފުންގެ ބަޔާން ނެގުމަށް ވަރަށް ބޮޑަށް އުނދަގޫވޭ. ރާއްޖޭގެ ގާނޫނީ ނިޒާމްގައި ނެތް ހެކިވެރިން ރައްކާތެރި ކުރާނެ ގާނޫނީ ނިޒާމެއް ނެތް. އެ ސަރުކާރު އޮތް ވަގުތުގައި އެ ސަރުކާރަށް ނިސްބަތްވާ އެމްޑީއިންގެ މައްސަލަތައް ނުބަލާ ނުހުންނާނެ،" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެފައިވެ އެވެ.

"އެކަމަކު ސާބިތު ކުރަން ހުރި ގޮންޖެހުން މި ފާހަގަކުރީ."

އޭސީސީ އެކަންޏެއް ނޫނެވެ. ކުންފުނިތައް ހުލިވިގެންދާއިރު ވެސް އޮޑިޓްތަައް ހާމައެއް ނުކުރެ އެވެ. އެ ލަސްވާ ސަބަބަށް އޮޑިޓަ ޖެނަރަލްގެ އޮފީހުގެ ވެސް ސަބަބުތައް އެބަ އޮތެވެ؛ ބައެއް އިދާރާތަކުން އޮޑިޓަށް ލިޔުންތައް ނުދޭކަމާއި މުވައްޒަފުންނަށް ރައްކާތެރިކަން ނެތްކަމާއި އެ މުވައްޒަފުންނަށް އިދާރާތަކުން ބިރު ދައްކާ ކަމުގެ ޝަކުވާ އެވެ. އެކަންކަމާ މެދު އެ އޮފީހުން އަޅާ ފިޔަވަޅެއް ނެތެވެ. އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތިން މެންބަރަކު ކޮމިޓީ ބައްދަލުވުމެއްގައި: ކޮމިޝަންތަކުގެ މަސައްކަތްތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައި - ފޮޓޯ: މިހާރު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ފަދަ ތަންތަނަށް އާންމުން މައްސަލައެއް ހުށަހަޅައިގެން، އެ ނުނިމި އެތައް އަހަރެއް ހޭދަކުރަން ޖެހެ އެވެ. އަތް އުރައިގެން ތިބުން ނޫން ކަމެއް ކޮމިޝަންތަކުން ނުކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ ބޮޑެވެ.

ރައްޔިތުންގެ އިތުބާރެއް މުއައްސަސާތަކަށް އެއްގޮތަކަށް ވެސް ނެތެވެ. މަސައްކަތުގައި ބުންވަރު ހުރި ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ކޮންމެ މުއައްސަސާއަކަށް ގާނޫނުން ބޮޑެތި ބާރުތައްދީ، މިނިވަން މެންބަރުން އައްޔަންކޮށްފައިވާއިރު، މިހެން ވަނީ ކީއްވެ ހެއްޔެވެ؟

ސިޔާސީ ނުފޫޒާއި ވަޒީފާގެ ބިރު

މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމުތަކެއް ނަމަވެސް، އެ ބޭފުޅުން ޒިންމާދާރުކޮށް ވަކިކުރުމުގެ ބާރު އޮތީ މަޖިލީހަށެވެ. ގިނަ ފަހަރަށް ފެންނަނީ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ކޮމިޝަންތަކަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަންނަ މަންޒަރެވެ. ސަރުކާރުގެ މައްސަލައެއް ބަލާ ނަމަ، އެ ކޮމިޝަނަކަށް ސިޔާސީ އަދަބު ލިބެ އެވެ. މެންބަރުން ވަކިކުރެ އެވެ.

އެކި ކޮމިޝަންތަކުގެ މެންބަރުން މިގޮތަށް އެތައް ފަހަރަކު ބަދަލުކޮށްފި އެވެ. ސަރުކާރާ ދެކޮޅު ރިޕޯޓެއް ކޮމިޝަނަކުން ހަދައިފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަން އެއީ މިހާރު ސަގާފަތަކަށް ވެފައި އޮތް ކަމެކެވެ.

އެހެންވެ، އެ ސަރުކާރެއް އޮންނައިރު، ބޮޑެތި މައްސަލަތައް އެއްވެސް ބެލުމެއް ނެތި ސަރުކާރު ބަދަލުވުމާ އެކު ކުރީގެ ސަރުކާރުގެ މައްސަލަތައް އިންތިހާއަށް ބަލަން ފަށާ މަންޒަރު ވެސް ފެނިގެންދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި މިނިވަން މުއައްސަސާތައް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ޒިންމާ އުފުލަން ޖެހެނީ ހަމައެކަނި އެ ކޮމިޝަންތަކެއް ނޫނެވެ. މަޖިލީހުގެ މެންބަރުން މުއައްސަސާތަކަށް ކޮންމެ ފަހަރަކު އެ "ބްލޭމް" އަޅުވައިގެން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭ ސަބަބަކީ، ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ގޮތްޕަކަށް ވެފައި އޮތުމެވެ.

"ބާރުތައް ވަކިވެފައި އޮތް ނަމަވެސް ވައްކެއް ނުވޭ. މަޖިލިސް ރަނގަޅަށް މިނިވަން ކަމާ އެކު މަސައްކަތް ނުކުރާތީ މިނިވަން މުއައްސަސާތައް މަސައްކަތް ނުކުރަނީ. މަޖިލިސް މިނިވަން ނަމަ އެ ތަންތަނަށް ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން: އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކަށް ވަޒީފާގެ ބިރު އޮތުން - ފޮޓޯ: މިހާރު

އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން ތަހުގީގުކޮށް ބެލުމާއި ފިޔަވަޅު އަޅަން މިނިވަން މުއައްސަސާތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި މަޖިލީހުން ކުރާ ކަމަކީ، އެފަދަ ކަމެއް އެއިން ތަނަކުން ކުރާ ނަމަ، ބިރު ދެއްކުން ކަމަށެވެ.

"ވަޒީފާގެ ބިރު މި އޮންނަނީ. އެއިން މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވެސް ވަޒީފާއިން ވަކިވެއްޖެ ނަމަ ކުލި ދައްކައިގެން މާލޭގައި ނޫޅެވޭނެ. އެހެންވީމާ ކޮންމެ މީހަކަށް ވެސް އެހެން ހުރިހާ ކަމަކަށް ވުރެ ވަޒީފާ މުހިންމީ،" އަލީ ވިދާޅުވި އެވެ.

"ވަޒީފާ ގެއްލުނީމާ އޭނާ ދެން ކޮންތާކަށް ދާނީ؟ ކައިގެން ބޮއެގެންތާ އޭނާ ވެސް އުޅެން ޖެހޭނީ. މާލޭގެ އެންމެ ބޮޑު ވިޔަފާރިތަކަކީ ދައުލަތުގެ ވިޔަފާރިތައް. ނުހުންނާނެ ދެން ވަޒީފާ ލިބޭނެ ގޮތެއް. ދެން ކީއް ކުރާނީ؟ ކޮން ތާކުން ވަޒީފާ ދެން ހޯދާނީ؟."

އަލީ ހުސައިން ވިދާޅުވީ ވަޒީފާ ބިރު ދެއްކުމުގެ ސަގާފަތެއް އޮތީ ސަރުކާރަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެފައި، ސަރުކާރު ދިފާއު ކުރުމާއި ސަނާ ކިޔުމަކީ މަޖިލީހުގެ ޒިންމާ ކަމަށް މެންބަރުން ދެކޭތީ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ޒިންމާއަކަށް ވާން ޖެހޭނީ މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއި ބިރެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދީ، ސަރުކާރު ތެރޭ ހިނގާ ކަންކަން ބަލައި، ފިޔަވަޅުތައް އަޅަންޖެހޭ ނަމަ، އެކަން ކުރޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީއިން ނިޒާމް ބައްޓަން ކޮށްފައިވަނީ އެގޮތަށް ކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ.

އެންމެ ބޮޑު ގޮންޖެހުން: މާލީ މިނިވަންކަން ނެތުން

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ގަބޫލު ކުރައްވާ ގޮތުގައި މިނިވަން މުއައްސަސާތައް ގާނޫނުއަސާސީގައި ތަސައްވުރު ކުރި ގޮތަށް ނުހިނގައިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެ ތަންތަނަށް މާލީ މިނިވަންކަން ނެތުމެވެ. ބައެއް ސަރުކާރުތަކުގައި ސިޔާސީ އަދި އިދާރީ މިނިވަންކަން މުއައްސަސާތަކަށް ކޮންމެ ވެސް ވަރަކަށް ލިބުނަސް މާލީ މިނިވަންކަމަކީ މިހާތަނަށް އެއްވެސް މުއައްސަސާއަކަށް ލިބިފައިވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަންކަމާ އެކު މަސައްކަތް ކުރަން އެ މުއައްސަސާތަކަށް އެކަށީގެންވާ ބަޖެޓް ނުލިބޭ. ފާސްކޮށްފައި ހުންނަ ބަޖެޓް ވެސް ބޭނުން ކުރަން ފިއްތުންތައް އޮވޭ. ބަޖެޓު ފާސްކޮށް، އެ ބޭނުން ކުރުމުގެ ފުރިހަމަ މިނިވަންކަން މުއައްސަސާތަކަށް ދޭން ޖެހޭ. އެ މާލީ މިނިވަންކަން ދީގެން މެނުވީ އުނދަގޫވާނެ މުއައްސަސާތަކަށް މަސައްކަތް ކުރަން،" އާހިދު ވިދާޅުވި އެވެ.

"އެއީ އެންމެ ބޮޑު ގޮންޖެހުމަކީ. މި މައްސަލައަށް އޮތް ފުލް ސޮލިއުޝަނެއް ނޫން، އެކަމަކު އެންމެ މުހިންމު ކަން އެއީ، އެ ރަނގަޅަށް ލިބިއްޖެ ކަމަށްވާ ނަމަ ދެން ހުރި ކަންކަމަށް ފަސޭހަވަގެންދާނެ."

މުއައްސަސާތަކަށް ބަޖެޓް ހަމަޖައްސައި، ފާސްކޮށްދެނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ތަންތަނުގެ އަބަދުވެސް ޝަކުވާއަކަށް ވެފައި އޮންނަނީ ތަން ހިންގުމަށް ބޭނުންވާ އެކަށީގެންވާ ބަޖެޓެއް ނުލިބޭ ކަމުގެ އެވެ. ބަޖެޓް ނެތުމުގެ ސަބަބުން ވަސީލަތްތަކާއި މުވައްޒަފުން ހޯދުމަށް ދަތިވާ ކަން ކޮމިޓީތަކުގައި މުއައްސަސާތަކުން އަބަދުވެސް ފާހަގަކުރެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ މިނިވަންކަން ނެތުން - ފޮޓޯ: މިހާރު

ގާނޫނީ ގޮތުން މުއައްސަސާތަކަށް ބޮޑެތި ބާރުތަކާއި މަސްއޫލިއްޔަތު ދީފައި އޮތަސް، އާހިދު ވިދާޅުވާ ގޮތުގައި އެ ކަންކަން ތަންފީޒު ކުރަން އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްނުދީ، އެ ތަންތަނުން ނަތީޖާ ނެރެވިދާނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ އެވެ. މުއައްސަސާތަކުގަައި ވަސީލަތްތައް މަދުއިރު، މުވައްޒަފުން މަދުކަމާއި ގާބިލްކަން ކުޑަވުމަކީ ވެސް އޮތް. ވަރަށް ބޮޑު މައްސަލައެއް ކަން އާހިދު ފާހަގަކުރެއްވި އެވެ.

ގާނޫނީ ބޮޑެތި ބާރުތަކެއް ގާނޫނުގައި ކަނޑައެޅުމަށް ފަހު، އެ ކަންކަމަށް ހުރަސް އެޅޭ ގޮތަށް އެހެން ބައެއް ގާނޫނުތަކުގައި ކަންކަން ކަނޑައަޅާފައި ހުންނަ ކަމަށާއި މުއައްސަސާތައް އޮތީ ގާނޫނީ ގޮތުން ވެސް ގިނަ އުނދަގޫތަކެއްގެ ތެރޭގައި ކަމަށް އާހިދު ވިދާޅުވި އެވެ. މީގެ އެއް މިސާލަކީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އޭސީސީ އަށް ކަމެއް ހުއްޓާލަން އެންގުމުގެ ބާރު ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ނެތުމެވެ. އެހެންވެ، އެ ކޮމިޝަނުން ނެރޭ އެފަދަ އަމުރުތަކާ މެދު ގާނޫނީ ސުވާލު އުފައްދާއިރު، މައްސަލަތައް ތަހުގީގު ކުރަން ކޮމިޝަނަށް ދަތިވެ އެވެ.

ރައްޔިތުންގެ އިތުބާރެއް ނެތް، ހާމަކަމެއް ނެތް

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ވާހަކަ ދެއްކެވި ސަރާ ނަސީމް ވިދާޅުވި ގޮތުގައި މުއައްސަސާތަކުގައި އަމިއްލަ އަށް އިސްވެ މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ނެތުމާއި ކަންކަން ވަންހަނާ ކުރުމުގެ ސިޔާސަތެއް އޮތުމަކީ އެ ތަންތަނާ މެދު ރައްޔިތުންގެ އިތުބާރު އިތުރު ނުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މުއައްސަސާތަކުން ކުރާ މަސައްކަތްތައް ގިނަ ފަހަރަށް ރައްޔިތުންނާ ހަމައަށް ހާމަ ނުކުރާ ކަމަށާއި އެހެންވެ، އަބަދުވެސް ސިފަވެފައި އޮންނަނީ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަން ކަމަށެވެ. ހަމައެއާ އެކު، މުއައްސަސާތަކުން "ޕްރޯ-އެކްޓިވް" މަސައްކަތްތަކެއް ކުރަމުން ނުދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"...މިސާލަކަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކުރިއަށް ދިޔައިރު އަޅުގަނޑުމެން ވެސް އަދި އެހެން ފަރާތްތަކުން ވެސް އެތައް ކަމެއް ސަމާލުކަމަށް ގެންނަމުން ދިޔައިރު ވެސް އެ ކަންކަން އިސްވެ ބެލުމުގެ އެއްވެސް ރޫހެއް ކޮމިޝަންތަކުން ނުފެނުނު،" ސަރާ ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މިފަދަ މައްސަލައެއް ވިޔަސް، އިންތިހާބީ ޝަކުވާއެއް ވިޔަސް، އެ ކޮމިޝަނަކަށް މީހަކު ހުށަހެޅުމުން ނޫނީ ގިނަ ފަހަރަށް ނުބަލަ އެވެ. އެކަމަކު، ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މިފަދަ އަމަލުތަކުގެ ތެރެއަށް ކޮމިޝަންތަކުން އިސްވެ ވަދެ، އަވަހަށް ފިޔަވަޅުތައް އެޅުމަކީ އެ ތަންތަނާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމެއް ކަމަށް ސަރާ ވިދާޅުވި އެވެ.

ގިނަ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތްއިރު، އެ އިތުބާރު އުފައްދަން މަސައްކަތް ކުރާ މުއައްސަސާތަކަށް ވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަން ވެސް ސަރާ ވިދާޅުވި އެވެ. އޭނާ މިސާލެއްގެ ގޮތުން ދެއްކެވީ އިންފޮމޭޝަން ކޮމިޝަންގެ އޮފީހެވެ.

އެ އޮފީހުން ގެންދަނީ މައުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތައް ވަރަށް އަވަސް ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. އަދި ގިނަ މައްސަލަތަކެއްގައި މައުލޫމާތު ހާމަކުރަން ވެސް ދައުލަތުގެ އެކިއެކި އިދާރާތަކުގެ މައްޗަށް އިއްވަމުންދާއިރު، އެ މުއައްސަސާއާ މުއާމަލާތް ކުރަން ރައްޔިތުންނަށް ވަނީ ފަސޭހަވެފަ އެވެ. އެކަމަކު، ސަރާ ވިދާޅުވީ އެ ކޮމިޝަނުން ނިންމާ ނިންމުންތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރަމުން ނުދާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ އިތުބާރު އުފެއްދިޔަސް ސަރުކާރުން އެކަމަށް އަޅާނުލުމުން މިވާ ގޮތަކީ ރައްޔިތުންނަށް އިހުސާސް ކުރެވެނީ އެ ތަންތަނުން ހާސިލްވާނެ ކަމެއް ނޯންނާނެ ކަން،" ސަރާ ވިދާޅުވި އެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސްގެ ސަރާ ނަސީމް: މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

ބޭނުންވަނީ ނިޒާމީ ބޮޑު ބަދަލެއް

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ ނިޒާމް ރަނގަޅަށް ނުހިނގައިގެން އުޅޭ މައްސަލައަކީ ހަމައެކަނި އެ މުއައްސަސާތަކުން އެކަނި އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށާއި ދައުލަތުގެ މުޅި ނިޒާމް ބަދަލުވާން ޖެހޭ ކަމަށެވެ.

"ކަމެއް ރަނގަޅަށް ނުހިނގައިފި ނަމަ އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން މި އޮންނަނީ، އެއަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ކަމެއް ރަނގަޅަށް ނުހިނގުމުގައި ބައިވަރު ސަބަބުތައް ހުންނާނެ. އެންމެ ކަމެއް ގޯސްކޮށްފައި އެކަން ރަނގަޅު ކޮށްލައިގެން މުޅި މައްސަލަ ހައްލެއް ނުވާނެ،" އާހިދު ވިދާޅުވި އެވެ.

އޭނާ މިސާލެއްގެ ގޮތުން ދެއްކެވީ ބައެއް މުއައްސަސާތަކުގެ މެންބަރުން ކަމުނުދާ ކަމަށް ބުނެ އެ މެންބަރުން ބަދަލުކުރާ މައްސަލައަށެވެ. އެއްވެސް ކޮމިޝަނަކުން މެންބަރުން އެއްކޮށް ބަދަލުކޮށްގެން ވެސް މިހާތަނަށް ލިބުނު ކުރިއެރުމެއް ނެތް ކަން އާހިދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ މުޅި މައްސަލައިގެ އެއް ބައި ކަމަށާއި މެންބަރުން އެގޮތަށް ބަދަލުކޮށްލުމަކީ ކުރު މުއްދަތުގެ ހައްލެއް ކަމަށެވެ.

"މުޅި މައްސަލައަށް ހައްލެއް ނުހޯދާ ނަމަ ހަމަ މިގޮތަށް ދާނީ،. ސަރުކާރުން މެންބަރުން ކަމު ނުގޮސްގެން ވަކި ކުރުމުގެ ސައިކަލް އެގޮތުގައި ދާނީ. މުޅި މައްސަލަ ހައްލެއް ނުވާނެ،" އާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ނިޒާމަށް ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށާއި އެކަން ކުރެވޭނީ ހުރިހާ މައްސަލަތަކާ މެދު މަޝްވަރާކޮށް އެންމެން އެކުގައި ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ މަޝްވަރާ ކުރެވި ހައްލުތަކެއް ހޯދުން. އިނގިލި ދިއްކުރުމެއް ނޫން. އެއަށް ވުރެ ފުޅާކޮށް ވިސްނަން ޖެހޭ. ތަންކޮޅެއް ސިވިލްކޮށް އެންމެން ތިބިގެން މަޝްވަރާ ކުރުން. މީގަ ވެދާނެ ގާނޫނުއަސާސީ އުފެއްދިއިރު އެއީ އެންމެ ރަނގަޅު ގޮތްތޯ ބެލުން ކަމަށް ވެސް. މިހާރަށް އެބަ ޖެހޭތޯ ބަދަލެއް ގެންނަން ވެސް،" އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ މުއައްސަސާތަކަށް ވެސް މަޖިލީހާ މެދު ވެސް ރައްޔިތުންގެ އިތުބާރު ނެތުމަކީ ގައުމުގެ ޑިމޮކްރެޓިކް ނިޒާމަށް އަންނަ ހީނަރުކަމެއް ކަމަށެވެ. އެހެންކަމުން، މިކަމަކީ ވަރަށް އަވަހަށް ހައްލު ހޯދަން ޖެހޭ ގައުމީ މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އެދިވަޑައިގެންނެވީ މަޖިލީހުން ވެސް މުއައްސަސާތަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެ މުއައްސަސާތަކުން ދައްކާ ވާހަކަ ވެސް އަޑުއަހައިގެން ހައްލުތައް ހޯދަން މަސައްކަތް ކުރުމަށެވެ.

"އެބަ އެނގޭ، ފެނޭ މަސައްކަތް ނުކުރެވޭކަން. އެހެންވީމަ ދެން ހޯދަންވީ މަސައްކަތް ކުރާނެ ގޮތްތަކެއް،" އާހިދު ވިދާޅުވި އެވެ.

57 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދޫ

31 July 2024

ގައުމުގތިޔަ ބުނާހާލަތަށް ވައްޓަލުމުގަ ބޮޑުރޯލްކުޅުނީ އެމްޑީޕީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ނޫނަކަމަކަށް ނުހެދޭނެ. ސްޕްރީމްކޯޓަކީ މިނިވަންކަމައެކު ބަސްބުނެވޭ އަމިއްލައަށް އިސްނަގައިގެން ބަލާޗެކްކޮށް މަޖިލީހުންފާސކުރާގާނޫނުވެސް ގާނޫނުއަސާސީއާއިތައާރަޒްވާނަމަބާތިލްކުރެވޭފަދަ ގޮތަށް އޮތްބާރެއ.ް އެމްޑީޕީގެވެރިކަމުގަ މިކަންނުކުރވޭގޮތަށް ގާނޫނުވަނީފާސކޮށްފަ ފަނޑިޔާރުންނަށް ބިރުދައކާސްލޫކީއައސް ހުރިހާ މުވައސަސާވަކިކޮށް އެމީހުންބޭނުންވާބަދަލު ގެނައީ

The name is already taken The name is available. Register?

ޢަހުމަދު ޝިޔާމް

22 July 2024

އެއީ މައްސަލައެއް ނޫން.؟ އެބޭފުޅުންނަށް ބަރާބަރަށް މުސާރަ ލިބޭ. އެނިމުނީ.؟!

The name is already taken The name is available. Register?

އޮޑިހަނު

22 July 2024

މުއައްސަސާތަކަށް "ވާކަމެއް ހަރާން"، މައްސަލަތަކަކީ ކޮބާ؟ ޖަވާބު: ޒިންމާދާރު ނުކުރެވޭތީ. މަތިން ތިރިއަށް. ޒިންމާދާރު ކުރުވުމަކީ ކޮން އެއްޗެއްކަންޗެސް ނޭނގޭތީ މިޒަމާނުގެ މީހުންނަށް.

The name is already taken The name is available. Register?

ފުވައްމުލަކި މީހާ

22 July 2024

ޓްރާންސްޕޭރެންސީ މޯލްޑިވްސް އަކީ މޫސުން މޫސުމަށް ތިލަވާ ދޫންޏެއް. އެ ތަނުގެ ނަޒާހަތްތެރިކަން ދިވެހި ދައުލަތުގެ މުއައްސަސާތަކާ އެއްވަރު ތަނެއް. އެއީ ހުޅަގުގެ އެޖެންޑާ ޕްރޮމޯޓް ކުރާ ހުޅަގުގެ ޕަޕެޓެއް.

The name is already taken The name is available. Register?

އައިމިނާ

22 July 2024

މައްސަލައަކީ ދުނިޔޭގެ ބޮޑެތި ގައުމުތައް ކޮޕީކުރުން އެ ވަރުގެ އާބާދީއެއް ނެތް. އެއްފަސްވެފައެއް ނެތް. ބަޔަކު ވެރިކަމަށް އެރުނީމަ ހެސް ކިޔާފަ މުއައްސަސާ ތަކާއި ކައުންސިލަރުން ނެގީ.ކުރީގަ އޮތް ގޮތް އުވާލީ.

The name is already taken The name is available. Register?

ލލލލލ

22 July 2024

ދައުލަތުގެ އެޑްމިނިސްޓްރޭޓިވް އެފުއް މިފުށަށް ޖަހާލާ އަލުން އެކުލަވާލަންވީ. މިނިވަން މުއައްސަސާއެއް ހުރުމުގެ ބޭނުމެއްނެތް. ކޮންމެ ނަމެއްކިޔަސް ދައުލަތުން ދޭ ފައިސާއިން ހިންގަނީ. އެހެންވީމަ ކުރަންވީ ކަމަކީ މަކަރާ ހީލަތާ ވައްކަމާ ޚިޔާނާތްތައް ނުހިންގޭނެ ގޮތަށް ދައުލަތުގެ މުއައްސަސާތައް އަލުން އެކުލަވާލާ ކޮރަޕްޝަންގެ ބަދަލުގެ ޚިޔާނާތާ ވައްކަން އެއަށް ކިޔަންވީވެސް. އެކަންކަންކުރާ މީހުނަށް ބޮޑެތި އަދަބުތައް އަވަސްމުއްދަތެއްގައި ދެވޭގޮތަށް ހަދަންވީ.

The name is already taken The name is available. Register?

45455

22 July 2024

ދިވެހި ހަރުބަހެއްގައި އޮވޭ 2 ކަނޑިއަށް އެއް އުރައެއްގައި ނޯވެވޭނެއޭ. އެއީ ހަމަތެދެއް. މިނިވަން މުއައްސަސާތައް ފެއިލްވަނީ ކޮންމެ ތަނަކަށް އެތައް ބައިވަރު މެންބަރުން ލީމަ. އެތަން ހިންގަނީ ބައްދަލުވުންތަކުގައި މެޖޯރިޓީން ނިންމާގޮތަކަށް. މީހެއްގެ މައްސަލައެއް ބަލާނީތޯ ނުވަތަ ނޫންތޯ ނިންމަނީ ހެތްކާ ގަރީނާއަށްވުރެ ބޮޑަށް ތާކުންތާކުނުޖެހޭ ގޮތަށް މެންބަރުން ނިންމާ ނިންމުމެއްގެ މައްޗަށް. ކޮރަޕްޝަން ހަމަ. ނިކަން ތަންތަން ހިންގަން އެންމެ މެންބަރެއްލާބަލަ.

The name is already taken The name is available. Register?

ރެރެެރެ

22 July 2024

މިނިވަން މުއައްސަސާތަކަށް އެތަށް މެންބަރުންނެއްލާ ގޮތަށް ގައުމުގެ ރައީސްއަށްވެސް 30 މީހުން ލާން ރަނގަޅުވާނެ. ދެން އޭގެ ތެރެއިން ސީނިއަރ ރައީސް ކިޔާފަ އެކަކު ނަގާނީ ދެން ތިބި ރައީސުލްޖުމްހޫރިއްޔާ މެންގެ ވޯޓުން. ގައުމު ހިންގާނީ ހަފްތާއަކު އެ ބާއްވާ ބައްދަލުވުމުން ނިންމާ ގޮތަކަށް. އެހެން ހެދީމަ ގިނަ މީހުންގެ ރައުޔުގަ ގައުމު ހިންގޭނެނު. ހިނގާނެ ޚަރަދަށް ބަލާނެ ކަމެއްނެތް. މަސްހުނި ގަނޑެއްހެން ގައުމުވެސް ބޮޑެލީމަ ސަޅިވާނެ.

The name is already taken The name is available. Register?

މިންހާޖު

22 July 2024

މުއްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކޮށް އެ ސަލާމަތްވާ ފައިސާ މުއްސަސާގެ އަސްލު މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުން މާ ރަނގަޅުވާނެ ކަންނޭގެ

The name is already taken The name is available. Register?

އަނާނު

22 July 2024

ކަންކަން ނުވަންޏާ މިނިވަން މުއައްސަސާތަށް މަދު ކުރަންވީނު. ކޮންމެ ކަމަކަށްް މިނިވަން މުއައްސަސާއެއް ހުންނާކަށް ނުޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454