ދުނިޔެ / ފެންބޮޑުވުން

ވިއްސާރާގައި އިންޑިއާއިން މަރުވި އަދަދު 150 އިން މައްޗަށް

އިންޑިއާގެ ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބުން މަރުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

31 ޖުލައި 2024 - 19:20

އިންޑިއާގެ ދެކުނު ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފި އެވެ.

ކެރެލާގައި ސައިފަތް ހެއްދުމަށް މަޝްހޫރު އަދި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ވައިނަދު ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ގޮސް ބައެއް އަވަށްތައް އެއްކޮށް ވަޅުލެވިފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ސައިފަތް ހެއްދުމުގެ މަސައްކަތުގައި އުޅުނު މީހުންނާއި އެ މީހުންގެ އާއިލާތަކުގެ މީހުން ކަމަށް ބެލެވެ އެވެ.

ވަޅުލެވިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާއިރު، މެދުނުކެނޑި ވާރޭ ވެހުމާއި ފެން ބޮޑުވުމުގެ ސަބަބުން މަގުތައް ބަންދުވެފައި ވާތީ އެހީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.

އިންޑިއާގެ ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބުން މަރުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އަވަށްތައް ކަމަށްވާ ޗޫރަލްމަލާ އާއި މުންޑައްކައި އަށް ދެވެން އޮންނަ ހަމަ އެކަނި ބްރިޖް ވެސް ހަލާކުވެފައި ވާތީ، މަރުވެފައިވާ މީހުންގެ ހަށިތައް ވެސް އެ އަވަށްތަކުން ނަގައިގެން ގެންދަން ޖެހިފައިވަނީ ބޮޑުވެފައިވާ ފެންގަނޑުގެ މަތިން ވަލެއް ދަމައި އޭގައި އެލުވައިގެންނެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުން ސަލާމަތްވެގެން އެހެން ހިސާބުތަކަށް ދިޔަ ބައެއް މީހުން ވަނީ ކައިރީގައި އޮތް ކޯރެއް ފުރި ބަންޑުން ވުމުގެ ސަބަބުން އޮޔާ ގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެންމެ ފުރަތަމަ ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބުތަކުން އިއްޔެގެ ނިޔަލަށް ވަނީ 500 މީހަކު ސަލާމަތްކޮށްފަ އެވެ.

އިންޑިއާގެ ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބުން އިމާރާތެއްގެ އެއްބައި ކިސަޑުތަކުގެ ތެރޭ ފޮރުވިފައި. -- ފޮޓޯ: އޭއެފްޕީ

"މިހާތަނަށް ވަނީ 150 މީހެއްގެ ހަށިގަނޑު ފެނިފައި. ދިރިހުރި މީހަކު ފެނޭތީ ބެލުމަށް އަދިވެސް ބަލަންޖެހޭ ވަރަށް ބޮޑު ސަރަހައްދެއް އެބަ އޮތް،" ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އަޖިތު ކުރާމު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ، މޫސުމީ ދަނޑުވެރިކަމަށް ގޮސް ތިބި މީހުންނާއި އެ މީހުންގެ އާއިލާތައް ތިބި، އެޅި ގަލުން ހަދާފައިވާ އާދައިގެ ގެތަކުގެ ތެރެއަށް ބާރު ގަދަކޮށް ފެނާ އެކު ކިސަޑު ވަދެ ބަންދުވުމުންނެވެ. ހާދިސާ ހިނގި ވަގުތު ގިނަ މީހުން ތިބީ ގެތަކުގައި ނިދާފަ އެވެ.

ކެރެލާގެ ޑިޒާސްޓާ އެޖެންސީން ބުނީ ކުރިއަށް އޮތީ ވެސް ގަދަ ވަޔާއި ވިއްސާރަ ކަމަށެވެ. މިދިޔަ ދެ ދުވަސް ތެރޭ އެކަނި ވެސް 572 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454