މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު: ހަ އަހަރަށް ފަހު އޭނާ ރާއްޖެ ވަޑައިގަތުމާ އެކު ވަނީ ފުރުން މަނާކޮށްކޮށްފައި.
05 އޯގަސްޓް 2024 - 10:21
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލަމުން ދަނިކޮށް ރާއްޖެ އިން ފުރާވަޑައިގަތް މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މީގެ ހަ އަހަރު ކުރިން، މާނު ރާއްޖެއިން ފުރާވަޑައިގަތީ މޯލްޑިވް ގޭސްއާ ގުޅޭ ބޮޑެތި މައްސަލަތަކެއްގައި، އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އޭސީސީން ކޯޓުގައި އެދިފައި އޮއްވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭސްގެ އެމްޑީއަކަށް ހުންނެވި މާނު 2018ގެ ފަހުން، ދިރިއުޅުއްވީ ރާއްޖެ އިން ބޭރުގަ އެވެ.
އެކަމަކު އޭސީސީން ތަހުގީގު ނިންމައި މާނުގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަތަކެއް ވަނީ ފޮނުވައިފަ އެވެ.
ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ މާނުއަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑެރިންގެ މައްސަލަ ފުލުހުންނަށް ކަމަށެވެ. މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ފުލުހުންނަށެވެ.
ޝިފާން ވިދާޅުވީ އެ މައްސަލައިގައި މާނު ތަހުގީގަށް ހާޒިރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނު ކަމަށެވެ. އެކަމަކު އެ އަމުރާ ގުޅިގެން އޭނާ ރާއްޖެވަޑައެއް ނުގަންނަވަ އެވެ.
ޝިފާން ވިދާޅުވީ މާނު މާލެ ވަޑައިގަތްކަން އެނގުމާ އެކު ފުރުން މަނާކުރީ އޭނާގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައި އޮތުމުން ކަމަށެވެ.
މާނުގެ މައްޗަށް އޭސީސީން ދައުވާކޮށްދޭން އެދުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަމަށް ތަހުގީގުކުރި މައްސަލައެއްގަ އެވެ. އެ ތުހުމަތުތައް އޭރު މާނު ވަނީ ދޮގުކުރައްވައިފަ އެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ؛
1. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
2. ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
3. ކުށެއް ކުރަން އެދުމުގެ ދައުވާ
4. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
5. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
6. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
އޭސީސީން ބުނެފައިވާ ގޮތުގައި ދައުވާކުރަން ފޮނުވި މައްސަލައަކީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް ބެލި މައްސަލައެކެވެ. އެ ތަހުގީގުން، ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ މާނުއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާގެ އާއިލީ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިދް
06 August 2024
އަދިވެސް ތިބޭނެ މިކަހަލަ ބައިވަރު މީހުން، މި އެންމެން ހިފާ ހައްޔަރު ކުރަންވީ.. މިޔަކަށް ނުކިޔާނެ ސިޔާސީ ގޮތުން އަނިޔާވެރި ވަނީއޭ.. ރައްޔިތުން މިކަންތައް ބޮޑު ތަނުން ބަލައިގަންނާނެ.
ސޯފިޔާ
06 August 2024
ސާބަހޭ ހުރިހާ ވަގުން އިންސާފުގެ ކުރިމަޗަށް ގެންނަންވީ.. އެއްވެސް މީހަކަށް ލުއި ދީގެން ނުވާނެ.
ސޮބާހް އަހްމަދު
05 August 2024
މިހެން ވާން ޖެހޭނެ. ފިލައިގެން އުޅެވިގެން ނުވާނެ ދައުލަތުގެ ފައިސާގަ ޖެހިގެން. ރައީސް މުއިއްްޒް ގަދަ
އަޝްމަލް
05 August 2024
ވައްކަން ތައް ބަލައި ދައުލަތުން ގެއްލުނު ފައިސާ މި 5 އަހަރު ރައީސް މުއިއްްޒް ހޯދާނެ.
އިސްމާއިލް އުޝާމް
05 August 2024
ޔާމީންއަށް ފެންނާނެ ކަމަށް އުއްމީދުކުރަން. ވައްކަން ބަލާނެ.
އަމްޝާދު އަޒީޒް
05 August 2024
ޔާމީންގެ މަސައްސަލަވެސް ބަލަން ވީ. ލާރި ހޯދަން ވީ ގެއްލުނު
އަބްދުލް މަޖީދު
05 August 2024
މަ ވަރަށް ތާއިދު ވައްކަން ކުރާ މީހުންނާއި އެމީހުންގެ ބައިވެރިންގެ މައްސަލަ ބަލަންޔާ. ވަރަށް ބަރާބާރު
ތޫބާ ނާޒިމް
05 August 2024
ރައީސް މުއިއްްޒް ބުނި ގޮތަށް ވަގުންގެ މައްސަލަ ތައް ބަލަމުން މިދަނީ
ބަކުރުު
05 August 2024
މިހާރު ނޫހުގެ ވަރަށް މުހިންމު ބޭފުޅެއްހެންހީވޭ. މިބުނީ ވަޑައިގަންނަވާ ބޭފުޅަކަށްވީތީ.
އަސާސް
05 August 2024
މާނު މާލޭގަައި އުޅޭތާ މިހާރު 2 މަސް ވެދާނެ. ހުޅުމާލޭގައި ޖޮގިންއަށް ނިކުމެ އުޅޭތަން ފެނޭ. ޕޮލިހުންނަށް ރާކާލީ އަދިކިރިޔާތަ. ސަލާމަތްވާނެ ދޮރެއް ހޯދާފަ ރާއްޖެ ތިއައީ. ޕޮލިހުގެ އިންވެސްޓިގޭޝަން ޓީމުގެ ހުރި ފެންވަރެއްވެސް އެގިދާނެތާ.. 2013ގައި ޑްރީމް ސައިކަލްގަޑެއް ދުއްވި މީހެއް 5 އަހަރު ތެރޭގައި ކުއްޔަށް އުޅެމުން އެޕާޓްމަންޓްތަށް ގަނެލެވޭނީ ވަރަށް ބޮޑު މުސާރައެއް ލިބިގެން. އަދި 2018އިން ފެށިގެން ދުބާއީގައި އުޅެލެވޭނީ ހާދަހާ ފައިސާއެއް އޮވެގެންނޭ.