މިއަދު ބޭއްވި ޗައިނާ-ސެޗުއާން ކޮންފަރެންސް ގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
06 އޯގަސްޓް 2024 - 13:10
ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ކުރިއަށްދާ "މޯލްޑިވްސް-ސެޗުއަން ޓްރޭޑް އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން ކޮންފަރެންސް" ފައްޓަވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ބޭންކެއް ހުޅުވުމަށްޓަކައި ވަރަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭންކެއް ހުޅުވުމުގެ އިތުރުން ޗައިނާއާ އެކު ހަދާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ތެރެއިން، ގައުމަކަށް ހޯދޭނެ ހުރިހާ ފައިދާއެއް ރާއްޖެއަށް ލިބޭނެ އެވެ. ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލު ކުރަނީ އަންނަ މަހުން ފެށިގެންނެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ގާނޫނުތައް ވެސް ހަދާފައިވާ ކަމަށެވެ.
ފްރީ ޓްރޭޑްގެ ތެރެއިން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ރުފިޔާ އާއި ޗައިނާގެ ޔުއާން ހިމެނޭ "ލޯކަލް ކަރެންސީ ސެޓުލްމެންޓެ"އް ހެދުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ ބޭނުންކޮށްގެން ޗައިނާ އިން ތަކެތި ގެނެވޭނެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ބޭއްވި ކޮންފަރެންސްގެ ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ދެ ގައުމުގެ ވިޔަފާރިވެރިންނަށް ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިހާރު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތް. އެ މަސައްކަތް ވެސް ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި އެމްއެމްއޭއާ އެކު ވާން ޖެހޭ އެއްބަސްވުމުގެ މަސައްކަތްތައް މިހާރު ވެސް އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ޑޮލަރަށް އޮތް ޑިމާންޑް ދިވެހި ރުފިޔާ އާއި ޔުއާނަށް ބަދަލު ކުރެވޭނެ އެވެ. އަދި ތަރުކާރީ އާއި މޭވާ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް އާއި ޓެކްނޮލޮޖީ ދާއިރާއާ ގުޅޭ ތަކެތި ގެންނަން ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއަށް ޗައިނާ އިން އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރެ އެވެ.
"ހަމައެކަނި ޝިޖުއަން ޕްރޮވިންސް އިން ވެސް 19 މިލިއަން ޑޮލަރު އެތެރެ ކުރޭ. ނުވަތަ އެވަރުގެ ވިޔަފާރި ވޮލިއުމް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދާއި ކެބިނެޓުގެ ބައެއް ވަޒީރުން މިއަދުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
މި ކޮންފަރެންސްގައި ޝިޖުއަން ޕްރޮވިންސް އާއި ރާއްޖޭގެ 100 އަށް ވުރެ މީހުން ބައިވެރިވެ އެވެ. އެއް ދުވަހަށް ކުރިއަށް ގެންދާ ކޮންފަރެންސްގެ ބޭނުމަކީ، ރާއްޖެ އާއި ޗައިނާގެ ކުންފުނިތަކުގެ ވިޔަފާރި ގުޅުންތައް އިތުރުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ މައުލޫމާތުތައް ޗައިނާގެ ކުންފުނިތަކަށް ދިނުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަ21
07 August 2024
ރަނގަޅު ކަމެއް. އެކަމަކު ކޮބައިތޯ ޑިވެލޮޕްމަންޓް ބޭންކު. އަދި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ. އެތަންތަން ހުޅުވަން ކުންފުނި ހަދައި ޗެއަރޕާސަން އާއި ބޯޑު މެންބަރުނަނަށް މުސާރަ އެބަ ހިނގާ ނޫންތޯ، އެކަމަކު ތަނެއް އަދި ފެންނާކަށް ނެތް. ކޮބައި ޕްލޭންއަކީ. ކިހާތާކުބާ އެކަން ވާނީ.
އަލިއެއެގެ ހުސެއިނާ
06 August 2024
މީ އަނގައިން ހުރިހާކަމެއް ކުރާ ވަޒީރެއް... ކޮބާ އީ ވޮލެޓާއި ޑޮލަރު މައްސަލަ ހައްލު ކުރުމާއި ވިސާ މާސްޓަރ ކާޑް ޑޮލަރު ލިމިޓް އުވާލުން..
ފާތިމަތު އަލީ
06 August 2024
އަޅުގަނޑުމެންގެ ވިޔަފާރިތައް ކުރިއަރައިގެންދާނެ. ސަރުކާރުން ކުރަން އުޅޭ ވަރަށް ރަނގަޅު ކަމެއް
ހަސަން އިބްރާހީމް
06 August 2024
ޗައިނާގެ ބޭންކެއް ހުޅުވޭކަން އަޑުއިވުނީމާ ވަރަށް އުފާވެއްޖެ. މީގެ ސަބަބުން އިތުރު އިންވެސްޓްމަންޓް ފުރުސަތުތައް ލިބި، އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރައިގެންދާނެ.
އަލީ ރަޝީދުު
06 August 2024
މި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް
އައިޝަތު އަހްމަދު
06 August 2024
ދިވެހިރާއްޖޭގައި ޗައިނާގެ ބޭންކެއް ހުޅުވުމަކީ ވަރަށް ރަނގަޅު ކަމެއް. މިކަމުގެ ސަބަބުން ޗައިނާއާއެކު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ. މި ދުރުވިސްނުންތެރި ފިޔަވަޅަށްޓަކައި ސަރުކާރަށް މަރުހަބާ
ހުމާމް
06 August 2024
އަލްހަމްދުﷲ.. މިއަދަކީ ތާރީހީ ދުވަހެއް. މިގައުމުގެ އިތުބާރު ގެއްލިފައިވާ އިގްތިސޯދަށް ހަމަ މަގަށް އަޅުވާނީ ރައީސް ޑރ. މުއިއްޒު
މަމްނޫން
06 August 2024
އާ ވިޔަފާރީގެ އެއްބަސްވުމާއި ބޭންކު ހުޅުވުމަކީ ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް.. ރައީސް މުޢިއްޒުގެ މަސައްކަތްޕުޅުގެ ސަބަބުން، ރާއްޖެއަށް އިތުރު އިޤްތިސާދީ ކުރިއެރުމާއި ހަމަޖެހުން ލިބިގެންދާނެ
ނުއުމާން
06 August 2024
ރައީސް މުޢިއްޒު ވަނީ ރާއްޖެއާ ޗައިނާގެ އިންވެސްޓަރުން ޝައުޤުވެރިވާ ތަނަކަށް މިތަން ހަދަމުން. ކުރިއަށް އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ މުހިންމު ފިޔަވަޅެއް އެޅިގެންދާނެ ކަމެއް
ރިމާހް
06 August 2024
މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް މުހިންމު ތަކެތި އިމްޕޯޓްކުރުމަށް ފަސޭހަވެގެންދާނެ.