ވިޔަފާރި / ރިޕޯޓް

މުނައްވަރުގެ އެންމެ ބޮޑު އަމާޒަކަށް ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެމްއެމްއޭ ޒަމާނީ ކުރުން

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހަތް ވަނަ ފަންގިފިލާގައި އޭނާ އަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށް ވަން އިރު އޭރު ވެސް އިންނެވީ، އެ ތަނުގެ އިސް ބޭފުޅަކާ އެކު ހާއްސަ މަޝްވަރާއެއްގަ އެވެ. އޭނާގެ ކެރިއަރުގެ ބޮޑު ބައެއް މަރުކަޒީ ބޭންކްގައި ހޭދަކުރެއްވުމުން، މިއީ އޭނާ އަށް އާ މާހައުލެއް ނޫނެވެ. ހަމައެކަނި ބަދަލުވީ އިށީންނަވާ ގޮނޑި އެވެ.

މިދިޔަ ދެ ހަފުތާގެ ތެރޭގައި އާ ގަވަރުނަރު، އަހުމަދު މުނައްވަރު އެ މަސައްކަތް ކުރައްވަނީ، އެމްއެމްއޭގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ކައިރިން ބައްލަވައި، އޭނާގެ އަމާޒަށް ވާސިލުވާނެ ގޮތްތަކަށް ކަންކަން ބަދަލު ކުރެއްވުމަށެވެ.

މުނައްވަރު، އެމްއެމްއޭއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު އޮފިސަ ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ 14 އަހަރު ފަހުން އެ އިދާރާ އިން ވަކިވެވަޑައިގަތް އިރު ހުންނެވީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ ސީނިއާ މެނޭޖާ/އިކޮނޮމިސްޓްގެ މަގާމުގަ އެވެ. މަގާމުން ވަކިވެވަޑައިގެންނެވިއިރު، ޑަބަލް ޕްރޮމޯޝަން ލިބުނަސް އޭނާގެ ވިސްނުން އޭރު ވެސް ހުރީ، ކެރިއާ އިތުރަށް ފުޅާކުރުމަށް އެހެން އިދާރާއަކާ ގުޅިވަޑައިގަތުމަށެވެ. އެހެންވެ، އެމްއެމްއޭ އަށް ފަހު ގުޅިވަޑައިގަތީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ ނެޝަނަލް ޑައިރެކްޓަރުގެ މަގާމާ އެވެ.

ގަވަރުނަރު މުނައްވަރު "މިހާރު" އާ ވާހަކަދައްކަވަނީ. އޭނާ ވަނީ އެމްއެމްއޭގައި 14 އަހަރު ދުވަހު މަސައްކަތް ކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ ޖުލައި 31 ގައި ގަވަރުނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުނައްވަރު މި ވަގުތަށް ހިއްސާ ކުރެއްވީ އޭނާގެ ޕްލޭނުގެ މަދު ކަންތައްތަކެކެވެ. ރާއްޖޭގެ އިގުތިސާދާ ގުޅޭ ވާހަކަތަކާއި އަޅުއްވާނެ ފިޔަވަޅުތައް އަދި ކުރިއަށް އޮތީ އެވެ.

މުނައްވަރު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރު ދެ ގުނަ ކުރުން ކަމަށެވެ. މި ވަގުތު ރާއްޖޭގެ މާލީ ދާއިރާ އޮތީ ޖީޑީޕީގެ ނިސްބަތުން 6.4 ޕަސެންޓުގަ އެވެ. އެ އަދަދު 12 ޕަސެންޓަށް އިތުރު ކުރުމަށްޓަކައި އޭނާ ވަނީ މަސައްކަތްތައް މިހާރު ފައްޓަވައިފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ، ފައިނެންޝަލް ސެކްޓަރު ފުޅާކުރުމަށްޓަކައި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ޓޫރިޒަމް ސެކްޓަރާ އެކު ފައިނޭންޝަލް ސެކްޓަރު ބޮޑު ކުރުމުގެ ޔަގީންކަން

ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓަކީ، މުޅި ދުނިޔެ ގަބޫލު ކުރާ، އެތައް ބަޔަކު މިސާލަށް ނަގާ ދާއިރާއެކެވެ. ދުނިޔޭގެ ހޮސްޕިޓާލިޓީ ދާއިރާގެ ނަން މަޝްހޫރު ކުންފުނިތަކެއް ރާއްޖެ އަށް އޮތީ ޖަމާވެފަ އެވެ. މުނައްވަރު ގަބޫލު ކުރައްވާ ގޮތުގައި، އޭގޭ ބޭނުން ހިފައިގެން، ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދެވޭނެ އެވެ.

ރާއްޖޭގައި މިވަގުތު 8 ބޭންކެއް ހިންގާއިރު، އޭގެ ތެރޭގައި ވެސް ގިނައީ ބޭރުގެ ބައެއް ބޭންކްތަކުގެ ކުދި ބްރާންޗުތަކެވެ. މިދިޔަ ދުވަސްތަކުގައި މާލީ ދާއިރާ ކުރި ނޭރި އެއް ސަބަބަކީ އިންވެސްޓަރުން ބޭނުންވާ ފަދަ ލުއިތައް ރާއްޖޭގެ ބޭންކްތަކުން ނުލިބުމެވެ. މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިތައް ފުޅާކުރަން ބޭނުންވާ "ކެޕިޓަލް" ވެސް ބޭންކްތަކުން ނުލިބުމެވެ.

"އަޅުގަނޑު ބޭނުންވޭ އެމްއެމްއޭ ލީޑު ކުރަން ފައިނޭންޝަލް ސެކްޓަ ޑިވެލޮޕްމެންޓް އޭރިއާގައި. މިއީ އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް. މި ވަގުތު ފައިނޭންޝަލް ސެކްޓާގެ އެސެޓުގެ ޖުމްލަ އަދަދަކީ ހަ ބިލިއަން. ހަ ބިލިއަން އެސެޓުގެ ތެރެއިން ޑިޕޮސިޓުގެ ގޮތުގައި މި އުޅެނީ ހަތަރު ބިލިއަން ޑޮލަރު. އެހެންވެ ސުވާލަކީ، ފްލޯ ވާން ޖެހޭ ހަތަރު ބިލިއަނަށް ވަނީ ކީއްހޭ؟،" އޭނާ ވިދާޅުވި އެވެ.

އެ ސުވާލަށް ގަވަރުނަރު މުނައްވަރަށް އަދި ޖަވާބެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ޓޫރިޒަމް ސެކްޓާ އިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ ރަނގަޅު ނިޒާމެއް ނެތް ކަން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އެހެންވެ، އިންވެސްޓަރުން ބޭނުންވާ ފަދަ ހިދުމަތްތަކެއް ރާއްޖޭގެ ބޭންކިން ދާއިރާއިން ލިބޭނެ ގޮތްތަކެއް ފަހި ކުރުމަށް އެމްއެމްއޭ އިން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މުނައްވަރު "މިހާރު" އާ ވާހަކަދައްކަވަނީ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ ދެ ގުނަ ކުރުން -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑުމެންގެ ގާނޫނުތައް ހެދިފައި ހުންނައިރު، އެ ބޭފުޅުންނަށް މޯގޭޖު ކޮށްފައި މިސާލަކަށް އެސެޓުތަކެއް ކްރިއޭޓްކޮށް، އެ އެސެޓުތައް މައްސަލަތަކެއް ޖެހިގެންދާއިރު، ކޯޓު މަރުހަލާތަކުގައި އެބަހުއްޓޭ އެ ބޭފުޅުން ރިސްކު ނަގަން ބޭނުން ނުވާ މިންވަރަށް އުނދަގޫތަކެއް. އެ ބޭފުޅުން [ބޭންކްތަކުން] އެބަ ފާހަގަކުރޭ 8 އަހަރު ވަރު އެބަ ނަގައޭ، އެސެޓު ރިކަވަރީ އަށް،" އޭނާ ވިދާޅުވި އެވެ.

މިކަން ބަދަލުކޮށް، ބޭންކްތަކަށް ވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އާ ގަވަރުނަރު ވިދާޅުވި އެވެ. އޭރުން ވެސް ރާއްޖޭގެ މާލީ ދާއިރާ އަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ސަރަހައްދުގެ އިސްލާމިކް ފައިނޭންސިން ހަބަކަށް ހެދުން

މުނައްވަރު ފަސްޓް ޑިގްރީ ހާސިލު ކުރީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިންނެވެ. އެހެންވެ، އިސްލާމިކް ފައިނޭންސް ދާއިރާ އިން ހުރި ފުރުސަތުތައް އޭނާ އަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވަ އެވެ.

ރާއްޖެ އަށް އިސްލާމިކް ފައިނޭންސް ގެނެސް، އެއީ ނަފާ ނެރެވޭނެ ދާއިރާއަކަށް ހެދުމަކީ މުނައްވަރުގެ ވަރަށް ބޮޑު ހުވަފެނެކެ އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް، އިސްލާމިކް ފައިނޭންސް ދާއިރާއާ ގުޅޭ ކުންފުނިތަކެއް ވެސް އޭރު ހެއްދެވި އެވެ. ނަމަވެސް، އޭރު އެމްއެމްއޭގެ ތެރެއިން ބޭނުންވާ ކަންކަން ނުކުރެވި، އެކަން އޮތީ ވަޅުޖެހިފަ އެވެ. އެހެންވެ މިއީ މުނައްވަރު ވިދާޅުވި ގޮތުން އޭނާގެ "އަންފިނިޝްޑް ބިޒްނަސް" އެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިޔައީ، އެ ދާއިރާ އަށް އެހާ ބޮޑަށް އިސްކަން ދެވިފައި ނުވާތީ އެވެ.

މުނައްވަރު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ރާއްޖޭގައި ފުޅާ ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖެއަކީ، މުސްލިމް ގައުމަކަށް ވާއިރު، މަރުކަޒީ ބޭންކްގެ ތެރެއިން ބޭންކިން ޕްރިންސިޕަލްތަކުގައި އިސްލާމިކް އުސޫލުތަކަށް އިސްކަން ދޭ ނަމަ އެ ދާއިރާ ކުރިއަށް ގެންދެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިސާލަކަށް ހަމަހަމަ ކަމާއި އެންމެންނަށް ވެސް އިކުއިޓަބަލް މެކޭނިޒަމަށް ދިއުމާއި މި ކަންކަން އެބަހުރި. މެލޭޝިއާގައި އިސްލާމިކް ފައިނޭންސް ކުރިއަރައި ދިޔަ އިރު އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިފައި، ރާއްޖެ އަށް ގެނެވިދާނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ބޭންކިން އަށް އިސްކަން ދޭނެ، އަދި އެ ބޭންކިންއަށް ފަހިވާ ގޮތަށް އުސޫލުތައް އެކުލަވައިލާނެ ކަމަށެވެ. އެހެން ހަދައިފި ނަމަ އެ ދާއިރާ އިން ކިޔަވަން ވެސް މީހުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ގާނޫނީ ކަންކަން ފުރިހަމަ ކުރާނެ އެވެ.

ޑިޖިޓަލް ކަރެންސީއެއް އުފެއްދުން

ދުނިޔެއަށް މާލީ އީޖާދުތައް ތައާރަފްވެގެން އަންނަނީ، ކޮންވެންޝަނަލް ބޭންކިން ނިޒާމުތަކުގެ އުސޫލުތައް ބަދަލު ކުރެވޭ ވަރަށް ވުރެ އަވަސް ސްޕީޑެއްގަ އެވެ.

މުނައްވަރު ވިދާޅުވީ. ފާހަގަކުރެވޭ ޑިޖިޓަލް ކަރެންސީތަކަށް ފުރުސަތު ދިނުމަށް ވުރެ އަމިއްލަ ޑިޖިޓަލް ފައިސާއެއް އުފެއްދުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން ޑިޖިޓަލް ކަރެންސީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ ސްޓޭބަލް އަދި ރައްކާތެރި ފައިސާއަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މި ދައުރުގެ ތެރޭގައި [ފަސް އަހަރު] ޑިޖިޓަލް ކަރެންސީއެއް އެހެން ސެންޓްރަލް ބޭންކްތަކާ އެކު ވެސް މަޝްވަރާ ކޮށްގެން ހާއްސަކޮށް ސިންގަޕޫރު ފަދަ ގައުމުތަކުގެ މޮޑެލް ރާއްޖެ އަށް ގެނައުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިންޑިޖިޓަލް ކަރެންސީއެއް އުފެއްދުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ / މިހާރު

މުނައްވަރު ވިދާޅުވީ، ޑިޖިޓަލް ކަރެންސީއާ އެކު "ކޭޝް" ބޭނުން ކުރުން ވަރަށް ބޮޑަށް މަދު ކުރެވޭނެ ކަމަށެވެ.

ޑިޖިޓަލް ކަރެންސީއެއްގެ އިތުރުން، އިތުރު ފައިނޭންޝަލް ޓެކްނޮލޮޖީތައް ވެސް ރާއްޖެއަށް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން މި ބޭނުންވަނީ ހިދުމަތް. ލޯނު އެޕްލިކޭޝަނެއް ވިއަސް، ޑިޖިޓަލް ބޭންކިން ސެޓަޕް ކުރެވިގެން ކަންކަން ވާނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ޑިޖިޓަލް ބޭންކިން ކުރިއަށް ގެންދަން އެންމެ ފިޓް އެއް ގައުމު ކަމަށެވެ. އެކަމުގައި ހަދަން ޖެހޭ ގާނޫނީ ބަދަލުތައް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ދާއިރާ ކުރިއަށް ގެންދިއުމަށް މި ވަގުތު ގަވަރުނަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އަދިވެސް ދިވެހިންނަށް ހިދުމަތް ދެވޭ ބޭންކްތައް މަދުވުމެވެ. ކުރިއަށް އޮތްތަނުގައި އާ ބޭންކްތައް ތައާރަފްކޮށް، އާންމުންނަށް ގިނަ އޮޕްޝަނުތައް ފޯރުކޮށްދިނުމަކީ މުނައްވަރު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމެވެ. އެކަން ކުރަން ބޭނުންވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް އެންމެ ޒަމާނީ ހިދުމަތްތައް ވެސް ތައާރަފް ކޮށްގެންނެވެ.

އޭނާގެ އެ އަޒުމް އެބަހުއްޓެވެ. މާލީ ސެކްޓަރު ފުޅާކޮށް، ޒަމާނީ ސްޓައިލަކަށް ހިންގުމުގައި މުނައްވަރުގެ ޒަމާނީ ތަޖުރިބާ ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަން ޔަގީނެވެ.

49 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 3%
icon inlove icon inlove 52%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑަމީ

12 August 2024

ސިޔާސަތު ތަކާ ހެދި އަތަށް ޑޮލަރު ކޮޅެށް ނުލިބިގެން އުޅޭއިރު، ފާޑު ފާޑުގެ ފޮނި އަނގަ ނުތަޅާ

The name is already taken The name is available. Register?

ހޮޓްކިންގ

12 August 2024

ރާއްޖޭގައި އެތައް ރިސޯޓެއްއޮތްއިރު ޓޫރިސްޓުން ހޭދަކުރާ މިލިއަން ޑޮލަރުން ޒައްރެއްވެސް ރާއްޖޭގެ ބޭންކެއްގައި އެންމެ ދުވަހަކަށްވެސް ނުބަހައްޓާ ގޮތަށް މަނިޓަރީ ގާނޫނާއި ގަވައިދު ގަދައިގެން ތިބެ ވާހަކަ ދައްކަން ލަދުގަންނަންވާނެ. ރާއްޖެއަކީ ނަންބަރު1 ޑެސްޓިނޭޝަންކަމަށް ލަގަބު ދީގެން ތިބޭއިރު މިރާއްްޖޭގެ ރަށްތައް ވިއްކައިގެން ހޯދާ ޑޮލަރު ބިލިއަނަކަށް އަރާއިރު ޑޮލަރެއް ލޮލަށް ނުފެނި ދިވެހިން ގަނަ ތަޅުވަނީ ދޯހަޅިކަމުން، ގަސްތުގަ.

The name is already taken The name is available. Register?

ފޮނިފޮނި

12 August 2024

ކޮންވެންޝަނަލް އިންޓްރެސްޓް ރޭޓް ހުއްޓާލާނީ ކޮންއިރަކުން.. އިސްލާމިކް ހަބަކަށް ހަދަން އުޅޭ އިރު އިންޓްރެސްޓް ރޭޓު ކޮންތާކަށް ވައްދަނީ......

The name is already taken The name is available. Register?

ބްރޯސް

12 August 2024

ޒަމާނީ ކުރުމަކީ "ޒަމާނަށް" ފެތޭގޮތަށް ތަން ސިޔާސީ ކުރުން ދޯ؟

The name is already taken The name is available. Register?

ހޮޅިދޯމިވީ

12 August 2024

މިހާރު އިސް މަޤާމެއް ލިބޭއިރަށް، ކޮންމެ މީހަކުވެސް، ގޮނޑީގަ އިނދެފަ ކަނާތް މައްޗަށް ނަގައި މުށް ފުޅާކޮށް ހުޅުވާލާފަ ފޮޓޯއެއް ނަގާފަ ނޫހުގަ ޖަހައި، އިންޓަވިއު ދިނުމަކީ ޓްރެންޑެއް ނޫންތޯ. މުނައްވަރުވެސް އިސްތިސްނާއެއް ނުވޭ. ދެން މީހުން އަތްޖަހާކަހަލަ ބަސްބަސް (މިސާލަކަށް އިސްލާމިކް ފައިނޭންސް) ކީމަ ހުންނާނީ ރަނގަޅަށް. ކިޔޭ އެއްޗެއްގެ މާކަ ބޮޑު އޮއްޓަރެއް މާނައެއް ނެތަސް ކަން އޮތީ އެބީދައިން.

The name is already taken The name is available. Register?

މަހުދީ

12 August 2024

މުނައްވަރުގެ ގާބިލުކަމާމެދު ސުވާލު އުފައްދާނެ ޖާގައެއްނެތް. މިފަދަ ދަޑިވަޅެއްގަ ކަންކުރަންވީ ގޮތް އެމަނިކުފާނަށް އިނގޭނެ

The name is already taken The name is available. Register?

ނިދަން މިޔަރު

12 August 2024

ކަލޯ ތިކަންވެސް ނަފީވާނެ 2 މަހެއް ތެރޭ

The name is already taken The name is available. Register?

ޢަލީ ވަޙީދުު

12 August 2024

ބޭންކިންގ ޚިދުމަތްތަކުގެ ހަލުވިކަމާއި ފަސޭހަކަން އިތުރުވެ، ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެކަމަށް މި ގަބޫލުކުރަނީ

The name is already taken The name is available. Register?

އަދީބު

12 August 2024

ބޭންކާ ކޮން ގުޅުމެއް؟ ބޭންކުން ކުރެވޭނެ ކަންކަން އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅީމަ ނިމުނީ ދޯ. ހަލުވި ނުވެގެން ނޫޅެ ދޯ. ލޯނު ލިބޭ 15 ޕަސެންޓުގައި، މި އަދުވެސް. ކާޑު ބޭނުން ކުރީމާ 2.3 ޕަސެންޓު ވަގުތުން އަތުލަ. ޗެކް ބައުސު ވީމަ އެތައް ސަތޭކައެއް ނަގާ ވަރަށް ހަލުވިކޮށް. ބޭންކަށް ޑޮލަަރު ދެނީތަ އެމް އެމް އޭ އިން. އަންގާލާތި. އަހަރެނވެސް 15.42 އަށް ބޭންކުން ހަލުވިކޮށް ޑޮލަރު ހޯދަން ބޭނުން

The name is already taken The name is available. Register?

ފާޠިމަތު އިބްރާހީމް

12 August 2024

ބޭންކުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ގަވަރނަރ މުނައްވަރު އަޅުއްވާ ފިޔަވަޅަކީ ވަރަށް ދުރުވިސްނުންތެރި ފިޔަވަޅެއް. މިކަމުގެ ސަބަބުން ރާއްޖޭގެ ބޭންކުތަކަށް ވިޔަފާރިތަކަށް އެހީތެރިވުމުގެ ޤާބިލުކަން އަވަސް މުއްދަތެއްގައި ލިބިގެންދާނެ

The name is already taken The name is available. Register?

އެޑްވައިޒަރު

12 August 2024

އެޑްވައިޒުން ބޭންކަށް ފޮނުވަނީ ތަ ބޭންކުގެ ގަލިބުކަން އިތުރުކުރަން

The name is already taken The name is available. Register?

ޙަސަން ސަޢީދު

12 August 2024

ޑިޖިޓަލް ފައިސާއެއް ތަޢާރަފުކުރުމަށް އަޅުއްވާ ފިޔަވަޅަކީ ކުރިމަގަށް ވިސްނައިގެން އެޅުއްވޭ ފިޔަވަޅެއް. މިއީ އަޅުގަނޑުމެންގެ މާލީ ނިޒާމު ޒަމާނީކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމެކެވެ.

The name is already taken The name is available. Register?

ޑިޖިޓަލް ވޮލެޓު

12 August 2024

ޑިޖިޓަލް ކަރަންސީގެ ސްޕެލިން ނޭންގޭ މީހުނަށް ކުރެވޭނީ ކޮން ކަމެއްބާ. ބަލަގަ މަގޭ ޑިޖިޓަލް ވޮލެޓެއްގައި ލާރިކޮޅު މިހާރުވެސް އެހެރީ ގޭމިން ޕްލެޓްފޯމުތަކުގައި ތާށިވެފައި އަތަކަށް ނުގެނެވޭ މަގޭ ބްލޫކާޑު ބޭނުންކުރެވެނީ ރާއްޖޭންބޭރުގައި. ލިބޭ މަސައްކަތަކަށް ފައިސާކޮޅު ބީ އެމް އެލް ގެ ގައިވައިދުގެ ތެރެއިން ޖަމާނުކުރެވޭ. ކަލޯ އަހަރުމެން ބިޓްކޮއިންގެ ހާސްބައިކޮށްފައިއެއްބައިން ވިޔަފާރި ނުކުރެވިގެން ނޫނޭ މިއުޅެނީ. މަހަށްދޭ

The name is already taken The name is available. Register?

ޢާއިޝާ މުޙައްމަދު

12 August 2024

އަޅުގަނޑުމެންގެ ޘަޤާފަތާއި އިސްލާމީ އާދަތަކާ އެއްގޮތްވާ ގޮތުގެމަތިން މާލީ ނިޒާމު ބައްޓަންކުރުމަށް އިސްކަންދެއްވާތީ ނުހަނު އުފާވޭ

The name is already taken The name is available. Register?

އިންޓަރެސްޓް

12 August 2024

އާން ދީނީ ކާދު. ތުނބުޅި ބަހައްޓާފައި، ކުރު ފަޓުލާފައި އަވަހަށް ރިސޯޓުތައް ބަންދުކުރޭ ފުރަތަމަވެސް. އިސްލާމީ ފައިސާ ހޯދަން. އަދި ބޭންކޮ އޮފް މޯލްޑިވްސްގެ ލޯނުތަކާއި ނޮން އިސްލާމިކް އެކައުންޓުތައްވެސް ބަންދުކުރޭ ހީ ހީ ހަލާކު. ރައްޔަތުން ގުނބޯ ހައްދާލާފައި ތިޖޫރި އިން ވަޅުގަނޑު ދެން އިންނާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454