މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން.-- ފޮޓޯ: މަޖިލިސް
12 އޯގަސްޓް 2024 - 23:40
ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ހެދުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި، އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކުންފުނިތަކުގައި މުވައްޒަފުންނަށް މިހާރު ދެމިތިބެވޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ކުންފުނީގެ ތެރެއިން އިތުރު ކޮރަޕްޝަން ހިންގުމުގެ ފުރުސަތު އެ މުވައްޒަފުންނަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުށަހެޅުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތައް ހުޓުވުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިގޮތަށް ފާހަގަވެގެން ސަރުކާރަށް ހުށަހެޅޭ ކަންތައްތައް އަމަލީ ފިޔަވަޅު އެޅޭނެ ގޮތަށް ކުންފުނިތަކުން ހިއުމަން ރިސޯސް ޕޮލިސީއާ އެއްޗެހި ބަދަލުކުރުމަށް ކުންފުނިތަކަށް ނުވަތަ ސަރުކާރަށް އެންގުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު ކުންފުނީގެ ބޯޑަށް އޮޅުވާލައިގެން ހަތް މިލިއަން ޑޮލަރުގެ ހިޔާނާތަކަށް މަގުފަހިވާ ގޮތަށް ސެޓުލްމަންޓް އެގްރީމަންޓެއް ހަދާފައި އޮތް މައްސަލައެއް މިހާރު ވެސް އޭނާ އިންނަވާ އެހެން ކޮމިޓީއަކުން އަންނަނީ ބަލަމުންނެވެ.
"މިހާރު ވެސް އެ ކުންފުނީގައި ތިބޭނެ އެކަން ކުރި މީހުންނާއި އެކަމަށް ވާގިވެރިވި މީހުންނާއި އެކަމަށް ލަފާދިން މީހުންނާއި ބާރުއެޅި މީހުން. އެހެންވީމަ އެކަމުގައި ބައިވެރިވެފައި ތިބި މުވައްޒަފުން ކުންފުނީގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެއީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްއާ ގުޅޭ މައްސަލައެކެވެ.
ނާޒިމް ވިދާޅުވީ ކޮރަަޕްޝަނަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް ހުށަހަޅައި ތަހުގީގަށް އެ މީހަކު "ފްލެގުވާ" ހިސާބުން ކޮމިޝަނުން ސަރުކާރަށް އެކަން އެންގުމުން އެ މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ވަޒީފާގެ އޮނިގަނޑު ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
ނާޒިމްގެ މި ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ތާއިދުކުރައްވައި، ކޮމިޓީގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ނޫހް
13 August 2024
އިރާދަކުރެއްވިޔާ މި 5 އަހަރު ވާނީ ކޮރަޕްޝަން އެއްމެ ދަށް 5 އަހަރަށް. ފެށުންވެސް ވަރަށް ރަނގަޅު. ބިލްތައް ވެސް
މާޝާ މުހައްމަދު
13 August 2024
މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ އައު ބޮޅެއް މިއީ.
ޝައްމާން
13 August 2024
މިކަން ވާނެ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ބޮޑު ފިޔަވަޅަކަށް.
އާސިމް މުހައްމަދު
13 August 2024
ވަރަށް ރަނގަޅު ނިންމުމެއް. ކޮރަޕްޝަން ހިންގުމަށް ބުނެވޭ ބޮޑު ނޯއެއް ނިއިއ
އާސިމް ރިޒާ
13 August 2024
ހަގީގީ މާނާގައި ކޮރަޕްޝަންއަށް ނޫނެކޭ ބުނާނެ މި ސާރުކާރުން
ސައިފްްް
13 August 2024
ކޮރަޕްޝަން ހިންގާ ކަމަށް ސާބިތުވާ ހިސާބުން އެ މީހަކާ ދޭތެރޭ ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ. މީގެ ސަބަބުން އިތުރު ހިޔާނާތްތައްް ހިންގުމަށް ދެވޭ ފުރުސަތު ކުޑަވެގެންދާނެ.
ލިޔާއުުުު
13 August 2024
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމަކީ ދައުލަތުގެ ވިޔަފާރިތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާވަރު ދައްކުވައިދޭ ކަމެއް
ހާމިދުު
13 August 2024
މިފަދަ ބޮޑެތި ފިޔަވަޅު އަޅާނަމަ ކޮރަޕްޝަންގެ އަމަލު ހިންގާ މީހުން އެ އަމަލުތައްް ހިންގަން ފަސްޖެހޭނެ. މީ ރާއްޖެގައި ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް.
ބާރީީ
13 August 2024
ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުންނަށްް ވަގުތުން ފިޔަވަޅި އެޅުމަކީ ވަރަށް މުހިންމު ކަމެއް. ވަޒީފާއިން ވަގުތުން ވަކިކުރާ ކަމުގަ ވާނަމަ ކޮރަޕްޝަންގެ އަމަލު ހިންގުން މަދުވާނެ.
ނުވޭސް
13 August 2024
ވައްކަންކޮށްކޮށް ވަރުބަލިވާއިރުވެސް ވަކިކުރާނެކަމެއްނެތް ، ސަރުކާރުގެ މިނިސްޓްރީ ތަކާ ކުންފުނިތައްވެސް ހިނގަނީ އެއްގޮތަކަށް މަޖިލީހުން ތިގޮތައް ނިންމާއިރު ވައްކަމުގެ ތުހުމަތު ކުރެވިގެން ވަކިކުރާ މުވައްޒަފަށް އެކުރާ ތުހުމަތުން ބަރީޢަ ވުމުގެ ފުރުޞަތު ލިބެނީ ކިހާވަރަކަށްތޯ ބެލޭނެ ނިޒާމެއްވެސް ޤާއިމް ކުރެވެންވާނެ ( މިހާރުވެސް ޓްރާންސްޕޯރޓް މިނިސްޓްރީގައި 2025 އަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ވެރިންވެސް އެބަތިބި)