އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) މީގެ ދުވަސްކޮޅެއް ކުރިން ރަޝިޔާއަށް ވަޑައިގެން ރައީސް ލަޑީމިއާ ޕުޓިންއާ އެކު. -- އޭއެފްޕީ
20 އޯގަސްޓް 2024 - 06:11
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ޔުކްރެއިނުން ނުރުހުން ފާޅުކުރިތާ ގިނަ ދުވަސްތަކެއް ނުވެ މޯދީ ހުކުރު ދުވަހު ޔުކްރެއިނަށް ވަޑައިގަތުމަށް ހަމަޖައްސަވައިފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނީ މޯދީ ހުކުރު ދުވަހު ޔުކްރެއިނަށް ވަޑައިގަތުމުގެ ކުރިން ބުރާސްފަތި ދުވަހު ޕޮލެންޑަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
އިންޑިއާ އަކީ ޒަމާނުންސުރެ ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާއިރު ރަޝިޔާ/ޔުކްރެއިން ހަނގުރާމައިގެ މައްސަލާގައި މޯދީ ގެންގުޅުއްވަނީ ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ އެކު ވަރަށް ހަމަހަމާ ގުޅުމެކެވެ. ރަޝިޔާއާ އެކު އޮންނަ ގުޅުމަށް ބަދަލެއް ނުގެނެސް އިންޑިއާއިން ދަނީ ހުޅަނގުގެ ގައުމުތަކާ އެކު ސަލާމަތީ ކަންކަމުގައި ގާތް ގުޅުމެއް ބާއްވަމުންނެވެ.
ރަޝިޔާއިން ޔުކްރެއިނަށް އެރުމާ އެކު ފެށުނު ހަނގުރާމައިގެ ތެރޭގައި ރަޝިޔާ ކުށްވެރިކޮށް އިންޑިއާއިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ބުނެފައިވަނީ ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ މޯދީގެ ދަތުރުގައި، ރަޝިޔާ/ޔުކްރެއިން ހަނގުރާމައާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.
"އިންޑިއާއިން އަބަދުވެސް ބުނަމުން އަންނަ ގޮތަށް، ވާހަކަ ދެއްކުމާއި މަޝްވަރާ އިސްކުރަންޖެހޭ،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މޯދީ ފުރަތަމަ ފަހަރަށް ޔުކްރެއިނަށް ވަޑައިގަންނަވާ މި ދަތުރުގައި ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބެ.
20 August 2024
މޯދީ ކީއްވެތަ ރާއްޖެ ނާންނަނީ. ވަރަށް މިސްވޭ. އަހަރުމެން އިންޑިއާ އައުޓު ގޮވީ މަޖަލަކަށް. އެއްވެސް ހިތްބަރުކަމެއް ނުބާއްވާތި.
ކަބީލާބެ
20 August 2024
މޮދީ މިހަދަންއުޅޭ އެއްޗެއް ސާފެއްނުވޭ.
ގަބީލު
20 August 2024
އެއުޅެނީ އަނގައިން ހިފަހައްޓާލަން. އެއްވެސް ކޮޅަކަށްނުޖެހި. ދިވެހިން އުޅޭހެން މޮޔަވެގެން ނޫޅޭނެ. އަހަރެމެނަށްވާގޮތަކީ ދުނިޔޭގައި ބަޔަކު ފޮޑިއެއްޖެހިއަސް ވަކިކޮޅަކަށްގޮސް ހުސްވާނެ. މޯދީ ބޯބޮޑެއްނު؟ ވިސްނަބަ