ޔާމީން: އެމަނިކުފާނުގެ ޝަރީއަތް ލައިވްކޮށް ދައްކަން ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
21 އޯގަސްޓް 2024 - 10:26
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަލުން ހިންގާއިރު އެ މައްސަލަ ލައިވްކޮށް ދައްކަން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލާގެ ޝަރީއަތް ކުރިން ވެސް ލައިވްކޮށް ދެއްކި ކަމަށާއި އެހެންވެ، މިފަހަރު ވެސް ޝަރީއަތް ލައިވްކުރަން އެދޭ ކަމަށެވެ.
އެހެންވެ، ދެން އޮންނަ އަޑުއެހުމުން ފެށިގެން ޝަރީއަތް ލައިވްކުރަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި އެވެ.
އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔައީ އެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށެވެ.
އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމުގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދިނުމަށާއި ޔާމީނާ ދެކޮޅަށް ފަހުން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް އެ ކޯޓުން އަންގާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އާ ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ދައުލަތުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެހެންވެ، ދައުލަތުން ބުނީ ސުޕްރީމް ކޯޓުން މައްސަލަ ނިމޭ ގޮތަކުން ހެކިތަކާ ގުޅޭ ބަޔަށް ބަދަލެއް އަތުވެދާނެ ކަމަށެވެ.
ނަމަވެސް ދެން ހުރި ބައިތައް މިވަގުތު ކުރިއަށް ގެންދިއުމަށް ދައުލަތުން ދެކޮޅެއް ނަހަދަ އެވެ. ޔާމީންގެ ވަކީލުން ވެސް ބުނީ އެގޮތަށެވެ. އެހެންވެ، ގާޒީ ނިންމެވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށެވެ.
އެހެންކަމުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެ ފަރާތުން ވެސް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޖަވާބު ހުށަހަޅަން ގާޒީ ފުރުސަތު ދެއްވި އެވެ.
އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ހައި ކޯޓުން އޮތީ އަންގައިފަ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޑޯ
22 August 2024
މިގައުމު ހިގާ ގޮތުން ދެން އޮންނާނީ މިމައްސަލަ ބަލާ ފަނޑިޔާރު ހަވަރަށް ދީ ސަދޫމަށް ގޮވުން. އެހެޔޮ ކޮންމެ ކޮޅަކަށް މައްސަލަ ނިމުނަސް. ތައުޒިޔާ ނަދީމް
ނިލިސް
21 August 2024
ކުރިން ހަރާމް ހުކުމޭ ބުނީ ބަލަންޖެހޭ ވަރަށް ނުބަލާދޯ
ހަސަނު
21 August 2024
ކޮބާ ފުރީ ޔާމީން ގުރޫޕް? ކޯޓު ދޮށަށް އެއް ނުވޭތަ މިހާރު. ކުރިން ހަރާމް ހުކުމް ހަލާލުވީދޯ
ސަމަދު ބެ
21 August 2024
ޔާމީންގެ ވެރިކަމުގަ ކުރި ވައްކަން ތަކުން އަރައިގަންނާނެ ގޮތެއް ހަމަ ނުވި ދޯ.
ޒުހައިރް ހުސެއިން
21 August 2024
މި މައްސަލަ ލައިވްކުރީމާ އެނގޭނެ ސަރުކާރުން އެއްވެސްވަރަކަށް ނުފޫޒް ފޯރުވާފަނެތްކަން މި ޝަރީއަތަށް. ބަލަން ތިބޭނެ ބަޔަކު މިކަން ހެކިކުރާނެ. ސަބަބަކީ ރައީސް ޔާމިން ނުކުރާކަމަކަށް ނުވަތަ އެކަމަކަށް ހެކި ނެތް ކަމަކަށް ރައީސް ޔާމިންގެ މައްޗަށް ދައުވާއެއް ނުކުރާނެ.
އިޒްހާން
21 August 2024
މިއީ މިދިޔަ ސަރުކާޜު ނިމުނުއިރު ބަލަމުންދިޔަ މައްސަލަތަށް. ރައީސް މުއިއްޒުގެ އަތްމަތީގައޮތްކަމެއް ނޫން މިއީ މައްސަލަ ނުބަލާ ދޫކޮށްލުން. އޭރަށް ވާނީ ޝަރުއީ ނިޒާމަށް އަތް ބޭނުންކަމަށް.
އަރުހަމްް
21 August 2024
ރައީސް ޔާމިންވެސް ގޯސްކޮށް ކަމެއް ކޮށްފައިނިއްޔާ އެޔަށް އަދަބު ދޭންޖެހޭ.
ރިޒާާ
21 August 2024
ލައިވް ކުރަންވީހަމަ. ނުކޮށްފިއްޔާ ބުނާނެ މި ސަރުކާރުން އަތް ބާނަނީއޭ. ޔާމިނަކަށް ނޯންނާނެ ސަލާމަތެއް.
އެޑްމުންޑޯ
21 August 2024
މިހާރު އެންމެ އަޑުއަހާ ހިތްނުވަނީ ޔާމީނުގެ ޚަބަރުތަށް ، ވަރަށް ފޫހިވެއްޖެ
ސުފިޔާނު
21 August 2024
ޔާމީން ޖަލަކުން ނޭރި ދޯ! ގޭގަ މަޑުން އިން ނަމަ ތި ހެން ނުވީސް! އާއިލާ މީހުން ވެސް މި ޔާނު އކަށް ސަޕޯޓެއް ނުދިން! ތިމާގެ ހުރިހާ ކަމެއް ބެލި އެއްބަފާ ބޭބެ ގެ ދަރިން ވެސް އަޅާނުލާ! އެ ބޭބެ ގެ ސަޕޯރޓެއް ވެސް ނެތި އެކަނި މާ އެކަނި ގިނިކަންޏާ ދެން ކާމިޔާބެއް ނެތް! ޕީޕީ އެމް ވެސް އަތުން ދޫވެ ބާކީ ވީ! ހައްޕު ޖަހާގެން މަޑުން ގޭގަ އިން ނަމަ އަނެއްކާ ތި ގޮތަށް ކޯޓަށް ދުވާ ކަށް ނުޖެހުނީސް! ދެން މުޅި އުމްރު ގަ ޖަލު ގަ އޮންނަން ބޭނުންވެގެން އުޅޭ ކަހަލަ!