ޚިޔާލު / ދީން

ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން

ހަދީސްގައިވާ ގޮތުން އަންހެނެއްގެ ބަރަކާތް އޮންނަނީ އޭނާގެ އެންގޭޖްމަންޓްގައި އަދި ކައިވެނީގެ ރަނުގައި ލުއިފަސޭހަ ކޮށްދޭ މިންވަރެއްގެ މައްޗަށް ކަމަށް.

މުޖުތަމައުގެ އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށާއި މުޖުތަމައު އެއްބައިވަންތަ ކުރުމަށްޓަކައި އާއިލާތައް އުފެއްދުމާއި އާއިލާތައް ހިމާޔަތް ކުރުމަށް މުޅި މުޖުތަމައު އިން މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން ކުރަންޖެހޭ އެއް ކަމަކީ ކައިވެންޏަށް ހިތްވަރުދީ އެ ކަމަށް މަގުފަހިކޮށްދިނުމެވެ.

ކައިވެނި ކުރުމަށް މާއްދީ ގޮތުން އެހީވުން

ކައިވެންޏަށް ހިތްވަރު ދިނުމަށްޓަކައި މުޖުތަމައު އިން ކުރަންޖެހޭ އެއްކަމަކީ ކައިވެނި ކުރުމަށް މާއްދީ ގޮތުން އެހީވުމެވެ. ވަޒީފާ ނެތުމާއި ގެދޮރު ނެތުން ފަދަ މާއްދީ މައްސަލަތައް ހައްލު ކޮށްދިނުމާއި ކައިވެނީގެ ޚަރަދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި މުޖުތަމައުގެ ތަނަވަސްކަން އަދުލުވެރި ގޮތުގައި ބެހިގެންދާނެ ގޮތް ހެދުމާއި އިޖުތިމާއީ ތަކާފުލުގެ ނިޒާމު ގާއިމު ކުރަން ޖެހެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިން މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ﷲ ގެ މައްޗަށް އޮތް ހައްގެކެވެ. (އެއީ) ﷲ ގެ މަގުގައި ޖިހާދު ކުރާ މީހާ އާއި މިނިވަންވާން އެދޭ އަޅުމީހާ އާއި ޢިއްފަތްތެރިވުމަށްޓަކައި ކައިވެނި ކުރަން އެދޭމީހާ އެވެ." (އަޙުމަދު، ތިރުމިޛީ، އިބްނު މާޖާ، ނަސާއީ).

އެހެންކަމުން ޒުވާނުން ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތްތަކުގެ ދާއިރާތައް ފުޅާކުރުމާއި ޖާގަތައް އިތުރު ކުރަން މުޖުތަމައު އިން މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ދައުލަތުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ހިންގައިގެންނެވެ. އަދި މިގޮތުން އުފެއްދޭ މަސައްކަތުގެ ނުވަތަ ވަޒީފާތަކުގެ ޖާގަތަކަށް އަދުލުވެރި ގޮތުގައި ފުރުސަތު ދޭން ޖެހެ އެވެ. ދެ ވަނަ ކަމަކަށް ޒުވާނުންނަށް ދިރިއުޅޭނެ ތަންތަން ލިބޭނެ މަގުފަހި ކުރަން ޖެހެ އެވެ. ގޯތި ދޭނެ ބިން ނޯންނަ ހާލަތްތަކުގައި މައްޗަށް އުފުލާ އިމާރާތްތަކުން ވިއަސް ފުލެޓު ލިބޭނެ އިންތިޒާމުތައް ރާވަން ޖެހެ އެވެ. މި ކަމުގައި ވެސް ހަމަ އަދުލުވެރިކަމާ އެކު، އެންމެ ބޭނުން ޖެހިފައިވާ މީހާ އަށް އެންމެ ކުރިން ފުރުސަތު ލިބޭނެ ގޮތަށް މިކަން ރާވަން ޖެހެ އެވެ. މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ތަނަވަސްކަން ހުންނަ މީހުންނަށް އަބަދު މި ކަހަލަ ފުރުސަތު ލިބޭ ނަމަ ބައެއް ޒުވާނުންނަށް ޖެހޭނީ ކައިވެނި ކުރުމަށްޓަކައި ބޮޑުއަގުގައި ތަންތަން ކުއްޔަށް ހިފާށެވެ. އެހެން ނޫން ނަމަ ކައިވެނި ނުކޮށް ފަސްކުރާށެވެ.

ކައިވެންޏަކީ ޒުވާނަކު ދަރަނިވެރިވެގެން ކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ.

މުސްލިމުންގެ މެދުގައި އިޖުތިމާއީ ތަކާފުލުގެ ނިޒާމު ގާއިމު ކުރުމަކީ ވެސް ދީނީ ގޮތުން ވާޖިބު ކަމެކެވެ. ﷲ އަންގަވަނީ ހެޔޮކަންކަމާއި ތަޤުވާވެރި ވުމުގައި އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމަށެވެ. (އަލްމާއިދަތު 2).

އެހެންކަމުން މާއްދީ ތަނަވަސްކަމެއް ނެތިގެން ކައިވެނި ނުކުރެވިފައި ތިބޭ ޒުވާނުންނަށް ދައުލަތުގެ ފަރާތުންނާއި އާއިލާގެ މެންބަރުންނާއި އާންމުންގެ ތެރެއިން ތަނަވަސްކަން ހުރި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ ޒިންމާއެކެވެ. މުޣީރަތު ބުނު މިޤުސަމް ގެ ކިބައިން ރިވާވެގެންވާ ހަދީސަކުން އެނގޭ ގޮތުގައި ފަދަކުގެ ބިމުން ލިބޭ އާމްދަނީ އިން ބަނީ ހާޝިމު ވަންހައިގެ ކައިވެނި ކުރައްވަން ބޭނުންޖެހިފައިވާ ބޭފުޅުންނަށް ކީރިތި ރަސޫލާ ﷺ ހޭދަ ކުރެއްވި އެވެ. (އަބޫދާއޫދު – ނިކަމެތި ހަދީސެއް).

ކައިވެނީގެ މުހިންމު ކަމާ މެދު މުޖުތަމައު ހޭލުންތެރި ކުރުވުން

ކައިވެންޏަށް ހިތްވަރު ދިނުމަށްޓަކައި މުޖުތަމައު އިން ކުރަންޖެހޭ ދެވަނަ ކަމަކީ ޝަރުއީ ކައިވެނީގެ މުހިންމު ކަމާއި އެއީ ފަރުދީ ހައްގެއްކަން ބަޔާންކޮށް ފަރުދުން ހޭލުންތެރި ކުރުމެވެ. ކައިވެނީގެ ކުޅަދާނަކަން ލިބުމާ އެކު، ކައިވެނި އަވަސްކުރަން ޒުވާނުންނަށް ކީރިތި ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުގެ މަތިން ހަނދާން ކޮށްދެވިދާނެ އެވެ. ތަނަވަސްކަން ލިބުމަށް ފަހު ކައިވެނި ނުކޮށް ލަސްކުރަމުންދާ ނަމަ އެކަމުން ނުކުމެދާނެ އިޖުތިމާއީ އަޚުލާގީ މައްސަލަތަކާ މެދުވެސް ހޭލުންތެރި ކުރުވިދާނެ އެވެ. ކައިވެނީގެ ސަބަބުން ޒިންމާތަކެއް އުފުލަން ޖެހުނަސް އެ އުފުލާ ކޮންމެ ޒިންމާ އަކީ ވެސް ﷲ ގެ ހަޒުރަތުން ދަރުމަ ލިބިގެންދާނެ ކަމެއްކަން ހަނދާން ކޮށްދެވިދާނެ އެވެ.

ދެ ޖިންސުގެ މީހުން ބައްދަލުވުމުގައި ދީނީ މިންގަނޑު ހިފެހެއްޓުން

ތިންވަނަ ކަމަކީ ދެ ޖިންސުގެ މީހުން ބައްދަލުވާން ނުޖެހޭ ހާލަތްތަކުގައި ބައްދަލު ނުވުމާއި ބައްދަލުވާން ކޮންމެހެން ޖެހިއްޖެ ނަމަ ޝަރުއީ ހަމަތަކުގެ މަތިން އިސްލާމީ ވަޒަން ހަމަ ސުލޫކުގެ މަތީ ދެމިތިބުމަށް މަގު ދެއްކުމެވެ. މިގޮތުން ބެލުންތައް ތިރިކުރުމާއި އެކަހެރި ނުވުމާއި ދިގުދެމިގެންދާ ތަކުރާރުވާ ބައްދަލުވުންތައް ނުބޭއްވުމާއި ޝައްކު އުފެދޭ ކަހަލަ ކަންކަން ނުކުރުން ހިމެނެ އެވެ. އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދެ ޖިންސުގެ މީހުން ވެސް ހެދުން އެޅުމާއި އަނެއް ޖިންސުގެ ސަމާލުކަން ދަމައިގަނެފާނެ ފަދަ ކަންކަމުން ދުރުހެލިވުން ހިމެނެ އެވެ. މި ކަންކަމުގެ ބޭނުމަކީ އިންސާނާގެ ކިބައިގައިވާ ޖިންސީ ޣަރީޒާ އަކީ ޝަރުއީ ކައިވެނީގެ ތެރެއިން ނޫނީ ފުއްދުން ހުއްދަ ނުވާނެ ކަމެއް ކަމުގައި ހެދުމެވެ. ކައިވެނީގެ ބޭރުން މި ލައްޒަތު ހޯދަން ފުރުސަތު ހުޅުވާލައިފިއްޔާ ދެން ކައިވެންޏަކީ އެހާ މުހިންމު ކަމެއް ކަމުގައި ނުދެކެން ފަށައިފާނެތީ އެވެ.

ކައިވެނީގެ ރަނުގެ އަގު ބޮޑު ނުކުރުން

ކައިވެންޏަށް ހިތްވަރު ދިނުމަށްޓަކައި މުޖުތަމައު އިން ކުރަންޖެހޭ ހަތަރު ވަނަ ކަމަކީ ކައިވެނީގެ ރަނުގެ އަގު ބޮޑު ނުކުރުމެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ކައިވެނީގެ ރަނުގެ ގޮތުގައި ކިތަންމެ ބޮޑު މިންވަރެއް ވެސް (ކުޅަދާނަކަން ހުރިއްޔާ) ނެގިދާނެ އެވެ. މިއީ ޢުމަރުގެފާނު ކައިވެނީގެ ރަން ކުޑަކުރަން އުޅުމުން އަންހެން ކަނބަލަކު ޤުރްއާނުން ހެކި ދެއްކެވި ކަމެކެވެ. އެހެންނަމަވެސް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަނީ ކައިވެނީގެ ރަން ބޮޑު ނުކުރުމަށެވެ. އެކަލޭގެފާނު ހަދީސް ކުރައްވާ ގޮތުގައި ބަރަކާތުގެ ގޮތުން އެންމެ މަތިވެރި ކައިވެންޏަކީ ކައިވެނީގެ ރަނުގެ ގޮތުން އެންމެ ލުއިފަސޭހަ ކައިވެންޏެވެ. (އަޙުމަދު).

އެހެން ހަދީސެއްގައިވާ ގޮތުން އަންހެނެއްގެ ބަރަކާތް އޮންނަނީ އޭނާގެ ޚުތޫބަތު (އެންގޭޖްމަންޓް) ގައި އަދި ކައިވެނީގެ ރަނުގައި ލުއިފަސޭހަ ކޮށްދޭ މިންވަރެއްގެ މައްޗަށެވެ. (އަޙުމަދު). މީގެ އިތުރުން ކައިވެނީގެ ރަން މަތި ނުކުރުމަށް ޢުމަރުގެފާނު އިރުޝާދު ދެއްވި އެވެ. ވީމާ ކައިވެންޏަކީ ފަސޭހައިން ކުރެވޭ ކަމެއް ކަމުގައި ހެދުމަށްޓަކައި ތަނަވަސް ކަން ކުޑަ މީހުންނަށް ކައިވެނީގެ ރަން މަތި ނުކުރުން މުހިންމެވެ.

ކައިވެނި ކުރަން ބޭކާރު ޚަރަދު ނުކުރުން

އަނެއް މުހިންމު ކަމަކީ ކައިވެނި ކުރުމުގެ އެކި ކަންކަމަށް ބައެއް މީހުން ކުރާ ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލުމެވެ. ކައިވެންޏަކީ ޒުވާނަކު ދަރަނިވެރިވެގެން ކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ. އެހެނީ އިސްލާމް ދީނަކީ އިސްރާފު ކުރުމަށް އިންތިހާ އަށް ނަފުރަތު ކުރާ ދީނަކަށް ވާތީ އެވެ. އެއީ ﷲ ލޯބިވެ ވޮޑިނުގަންނަވާ ކަމެކެވެ. (އަލްއަންޢާމު 141، އަލްއަޢުރާފު 31). ކީރިތި ރަސޫލާ ﷺ ނަހީ ކުރައްވާފައިވާ ކަމެކެވެ. (އަޙުމަދު އާއި ނަސާއީ).

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އިގުތިސާދު ކުރުމަށް އިސްލާމް ދީން ބާރުއަޅަ އެވެ. ވީމާ މިފަދަ ބޮޑެތި ޚަރަދުތައް ކޮށްގެން ޒުވާނުންނަށް މިކަން ކުރަން ޖެހޭ ނަމަ ބައެއް ޒުވާނުން ކައިވެނި ނުކޮށް ނުވަތަ ފަސްކޮށް ހަދަން ޖެހިދާނެތީ މި އާދަ މުޖުތަމައު އިން ނައްތާލުމަށް އެންމެން ވެގެން މަސައްކަތް ކުރަން ޖެހެއެވެ.

ޒުވާންއިރު ކައިވެނިކުރަން ހިތްވަރުދިނުން

ކައިވެންޏަށް ބާރު އެޅުމުގެ ގޮތުން މުޖުތަމައު އިން އަދާކުރަންޖެހޭ އަނެއް ދައުރަކީ ޒުވާން އިރު ކައިވެނި ކުރަން ޒުވާނުންނަށް ހިތްވަރު ދިނުމެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ އިޖުތިމާއީ އަދި އަޚުލާގީ ގޮތުން ޒުވާނުން މަގުން ކައްސާލިޔަ ނުދިނުމެވެ. އިއްފަތްތެރިކަމާއި އަބުރު ރައްކާތެރި ކުރުމެވެ. ނަމަވެސް މި މަގުސަދު ހާސިލު ކުރުމުގެ ނަމުގައި އާއިލާއެއް އެކުލަވާލައި ބެލެހެއްޓޭ މިންވަރަށް މާއްދީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތައްޔާރު ނުވަނީސް މިކަން ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ކީރިތި ރަސޫލާ ﷺ ޒުވާނުންނާ މުޚާތަބު ކުރައްވައި ކައިވެނި އަވަސް ކުރަން ގޮވާލެއްވި އިރު ވެސް އެކަލޭގެފާނު ގޮވާލެއްވީ އެ ތައްޔާރީ ނުވަތަ ކައިވެނީގެ "ބާއަތު" ލިބިއްޖެ ކޮންމެ ޒުވާނަކު ކައިވެނި ކުރުމަށެވެ.

އެ ތައްޔާރީ ފުރިހަމަ ނުވާ ނަމަ ރޯދަ ހިފައިގެން ޖިންސީ ޝަހުވަތު މަތަ ކުރުމަށެވެ. (މަޝްހޫރު ހަ ފޮތް). އަދި ދީންވެރިކަމާއި ޚުލުގެ ގޮތުން ރުހޭ މީހަކު ތިމާގެ ދަރިފުޅާ ކައިވެނި ކުރަން އެދިއްޖެ ނަމަ އެކަމަށް އިޖާބަ ދެއްވަން އެކަލޭގެފާނު ދެއްވި އިރުޝާދާއި މި ނޫނަސް ޒުވާންއިރު ކައިވެނި ކުރަން ދެއްވި އެހެން ހުރިހާ އިރުޝާދެއް ދެއްވި އިރު ވެސް ކައިވެނީގެ ތައްޔާރީ ލިބިފައި ނުވާ މީހުން ކައިވެނި އަވަސް ކުރުމަކީ އެކަލޭގެފާނުގެ މުރާދަކަށް ނުވާނެކަން ޔަގީނެވެ.

މިފަދަ ކަންކަމުގައި މުޖުތަމައުގެ އެއްބާރުލުން ވަރަށް ވެސް މުހިންމެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

01 September 2024

ކައިވެންޏަކީ ބައެއް މީހުން ވަކާލާތު ކުރާ ގޮތުން އަޅުވެތިވުމެއް. އާއިލާ ރޭވުމުގެ ނަމުގައި މީހުންނާ އިނުން ލަސްކޮށް ޢުމުރުން ވަކި ވަރެއްވުމުން ބަލިވެ އިނުމަކީ ނުރައްކާ ކަމެއްގެ ގޮތުގައި ކިޔައިދޭ. އެހެންވެ، 25 އަހަރު ވާއިރު އަދި އިންނާކަށް ނޫޅޭ ތިރީހުން މައްޗަށް ދާއިރު ބަލިވެ އިނުން ނުރައްކަލޭ ބުނޭ. ދެން ހާރަކަސް ތަރާވީހަކަސް މިއޮންނަނީ ފަސް އަހަރު. ކިހިނެތް އިންސާނީ ނައުޢު ދަމަހައްޓާނީ.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

31 August 2024

ވ ރަނގަޅު ލިއުންކޮޅެއް. ނީންނާނެ މީހަކު ނީންނާނެ ކިތަންމެ އެއްބާރުލުމެއްދިނަސް. މިހާރުގެ ޒުވާންކުދިން ރައްޓެހިންނާއެކު ވީކެންޑް ނައިޓް މަޖާކޮށް އުޅެންބޭނުންވާ މިނިވަންކަންމަތީ ނޫޅެވޭނެތީ ބޭނުންނުވޭ، ނީދެވެސް ބޭނުންގޮތަކަށް އެކީގައި އުޅެވެންއޮތީމަ. ބާކީތިބި އަންހެނުންތިބީ ސޭޓެއްނުލިބިގެން. އިނދެ ވަރިވެފަ ތިބި މީހުންނަށް ހެޔޮލަފާ ފިރިހެނަކު ނުފެންނަކަމަށްވަނީ.

The name is already taken The name is available. Register?

ހަޑިއީސަ

01 September 2024

ދަލޭކާދައިތަ ހީވޭވަރައް މީހުންނަށް އެއްބާރުލުން ދީފަހުރިހެން ނެތްތަ އަގުހެޔޮކޮއް 2 ރޫމް އެޕާރޓުމެންޓެއް؟ އިންނަންބޭނުންވެފަ ގޮވައިގެން ވަންނާނެ ތަނެއް ނެތި މިހުންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454