ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރަން ފެނޭތޯ މާދަމާ ވޯޓަށް އަހާނެ.- ފޮޓޯ: މަޖިލިސް
28 ފެބުރުއަރީ 2017 - 21:42
ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ޖަލްސާގެ އެޖެންޑާގައި އޮތީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމެވެ. ބިލް ދިރާސާކުރި އިގްތިސާދީ ކޮމެޓީ އާއި މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދު ދެ ގުނަ އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.
މި ބާވަތްތަކުގެ އަގު ބޮޑުވާ ގޮތަށް އިސްލާހު ގެނެސްފައި ވަނީ ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނެގުމަށެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ވެސް ލިޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ.
މީގެ އިތުރުން ކޮންމެ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓްގެ ކޮންމެ އިންވޮއިސްގެ ޖުމުލަ އަގުން 25 ޕަސެންޓް ނެގުމަށް ވަނީ ހިމަނައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި 2ރ. ނަގާ ގޮތަށެވެ.
ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 1.25ރ. އެވެ.
ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާއިރު، މިގޮތަށް ފާސްކޮށްފި ނަމަ ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް ބަދަލުވެގެން ދާނެ އެވެ. އެއީ ސިނގިރޭޓް ފޮއްޓަކުން 20ރ. ގެ ބޮޑުވުމެކެވެ. އަދި އެނާޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާނެ އެވެ.
ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރިއިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gan Island
01 March 2017
ރައްޔިތުންގެ ސިއްޙަތަށް ލިބޭ ގެއްލުން ހުއްޓުވުމަށް ޤާނޫނު ތަކަށް ތިޔަ ބަދަލު ގެންނަ ކަމަށް ވާނަމަ MALE' AERATED WATER COMPANY ގެ ފަރާތުން ރާއްޖޭގައި އުފައްދާ Fizzy Drinks އިން ދައުލަތަށް ބޮޑު ރޮޔަލްޓީ އެއް ނަގާން ތިޔަ ޤާނޫނުގައި ހިމަނާން ވާނެ. . . އެހެން ނޫން ނަމަ ތިޔަ ޤާނޫނަކީ ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާއި ހިލާފު ޤާނޫނަކަށް މެނުވީ ނުވާނެ
ޖޖ
01 March 2017
މިބައި މީހުންގެ މުސާރަ ބޮޑުކުރަން މިމީހުން ކުރާކަމެއް ދޯ؟
ޖަމަލު
01 March 2017
21 ވަނަ ގަރުނުގެ ރަންނަ،މާރި އެރީމާ ގައިގެ ކޮންމެ ގުނަވަނަކުންވެސް ޓެކުސް ނަގާ ރައްޔިތުން ފެލާނެއެވެ. ބުނާތީ އަޑު އެހިން މިމީހުނަށް ވެރިކަން ލިބުމުގެ ކުރިން ޖސޓ ހަރާމޯލަ...
އިބުރާހިމް
28 February 2017
އެނާޖީ ޑުރިންކައްވުރެ ރަލުގެ ޑިއުޓީ ކުޑައީ ރަލުންފާދާކުރާވަރުބޮޑީޓޯ
މެންޓަލިސްޓް
28 February 2017
އަދިއެބަހުރި ސަރުކާރަށް ފައިސާހޯދަން ޑިއުޓީބޮޑުކުރަންޖެހޭ ބައެއްތަކެތި ،، ކޮފީއަކީ ވަރަށް ގިނައިންމިހާރު މީހުން ބޭނުންކުރާ ބުއިމެއް ،،، އެހެންވީމައި ކޮންމެ ކޮފީތައްޓަކުން ޑިއުޓީގެ ގޮތުގައި 2 ރުފިޔާލިބޭގޮތަށް ހެދީމައި އޯކޭވާނެ ، އަދި މަމީނޫޑްލްއިން ކޮންމެ ޕެކެޓަކުން 2 ރުފިޔާ ، ދެން ކޮންމެ ކަނޑުއޮޅިއެކުން 500 ރުފިޔާ ދަތުރުކުރާ ކޮންމެފަހަރަކު ،، މާލޭ ފަޅަށް ވަންނަ ކޮންމެ އުޅަނދަކުން ކޮންމެ ފަހަރަކު 100 ރުފިޔާ ،، އެއަރޕޯޓަށް ވަންނަ ކޮންމެ އުޅަނދަކުން ކޮންމެ ފަހަރަކަށް 30 ރުފިޔާ ، މުދާއުފުލާ އުޅަނދުތަކުން އެމް.ޕީ.އެލްއަށްވައްދާ ކޮންމެ ފަހަރަކު 1500 ރުފިޔާ،،، ޓީޖެޓީން 1000 ރުފިޔާ ،،، މިހުރިހާ ކަމެށް ކޮއްލީމައި ސަރުކާރު ހިންދެމިލެވިދާނެކަމަށް ހީއްކުރަން ،،، ވަރަށްވެދުން