ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި އޭނާގެ އަންހެނުން ގޯރީ ހާން.-- ފޮޓޯ: އޭއެފްޕީ
06 ސެޕްޓެމްބަރ 2024 - 06:54
އިންޑިއާގައި މި އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ވެއްޖެ އެވެ.
ވިޔަފާރިގެ ޚަބަރުތައް ގެނެސްދޭ މެގަޒިން "ފޯޗިއުން އިންޑިއާ" އިން ރިޕޯޓްލުރި ގޮތުގައި، މި އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި އިންޑިއާގެ ސެލެބްރިޓީއަކީ ޝާހު އެވެ. ޝާހު ވަނީ ޓެކްސްގެ ގޮތުގައި، 92 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
ޝާހު އަކީ މިދިޔަ އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ބޮލީވުޑްގެ ތަރި އެވެ. މިދިޔަ އަހަރު ގެނެސްދިން އޭނާގެ ތިން ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" އަދި "ޑަންކީ" އަކީ ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމުތަކެވެ.
ދެވަނައަށް އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ވިޖޭ އެވެ. އޭނާ ވަނީ ޓެކްސްގެ ގޮތުގައި، 80 ކްރޯޑް ރުޕީސް (9.5 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
ލިސްޓުގެ ތިންވަނައިގައި އޮތް ބޮލީވުޑްގެ ތަރި ސަލްމާން ހާން ވަނީ ޓެކްސްގެ ގޮތުގައި، 75 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން ވަނީ ޓެކްސްގެ ގޮތުގައި 71 ކްރޯޑް ރުޕީސް (8.5 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. ދެން އެންމެ ގިނައިން ޓެކްސް ދެއްކި އިންޑިއާ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ވަނީ 66 ކްރޯޑް ރުޕީސް (7.9 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
އަޖޭ ދޭވްގަން ޓެކްސްގެ ގޮތުގައި 42 ކްރޯޑް ރުޕީސް (ފަސް މިލިއަން ޑޮލަރު) ދެއްކި އިރު، ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީ ވަނީ 38 ކްރޯޑް ރުޕީސް (4.5 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
ރަންބީރް ކަޕޫރް ވަނީ 36 ކްރޯޑް ރުޕީސް (4.3 މިލިއަން ޑޮލަރު) ޓެކްސްގެ ގޮތުގައި ދައްކައިފަ އެވެ. ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އަދި ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު ވަނީ 28 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ޓެކްސްގެ ގޮތުގައި ދައްކައިފަ އެވެ.
އިންޑިއާގެ އަންހެން ސެލެބްރިޓީންގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކީ ކަރީނާ ކަޕޫރް ހާނެވެ. އޭނާ ވަނީ 20 ކްރޯޑް ރުޕީސް (2.4 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. އަދި ދެން އެންމެ ގިނައިން ޓެކްސް ދެއްކި އަންހެން ސެލެބްރިޓީ ކަމަށްވާ ކިއާރާ އަދުވާނީ ވަނީ 12 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) ދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހުރަކިފުޅު
06 September 2024
އަހަރެމެންނަށް ހެޔޮ އޭނަ ކިތައްމެ ވަރަކަށް ޓެކްސް ދެއްކިޔަސް! އަހަރެމެންނަށް އޮތީ ކޮން ފައިދާ އެއް! ލިބެނީ ކޯޗެއް!ޓެކްސް ދައްކަ ދައްކާ ހުރެދާނެ ނު!
ސިއްތިދޮންތަ
06 September 2024
ރަޖުނީބެއަށް ގަދަ 10 އަކުން ޖާގައެއްނުލިބުނު އުތަ.