ރާއްޖެ-ޖަޕާންގެ 50 އަހަރުގެ ގުޅުން ދައްކުވައިދޭ ލޯގޯ.
01 މާޗް 2017 - 12:49
ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ލޯގޯއެއް ތައާރަފްކޮށްފި އެވެ.
ޖަޕާން އެމްބަސީން އިއްޔެ ބުނީ އެ ގައުމުގެ ރައްޔިތުންނާއި ދިވެހިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި 24 ލޯގޯ ހުށަހަޅާފައިވާ ކަމަށެވެ. މި ހުރިހާ ލޯގޯއެއް ފޮނުވީ ޖަޕާނުން ކަމަށް އެމްބަސީން ބުންޏެވެ.
އެންމެ ރަނގަޅު ލޯގޯ ހޮވީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަޕާންގެ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ. އެންމެ ރަނގަޅު ލޯގޯއަކަށް ހޮވީ އަކިރާ އުނޯ ނަމަކަށް ކިޔާ މީހަކު ހުށަހެޅި ލޯގޯ އެވެ.
ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ބާއްވާ އެކިއެކި ހަރަކާތްތަކުގައި މި ލޯގޯ ބޭނުން ކުރާނެ ކަމަށް ޖަޕާންގެ އެމްބަސީން ބުންޏެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގަ އެވެ. ރާއްޖޭގެ އެކި ދާއިރާތަކަށް ޖަޕާނުން އަންނަނީ އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy