ދިވެހި ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު މަޝްވަރާކޮށްފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޖަޕާނުގައި ތައުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް، އެ ފުރުސަތު ފަހިކޮށްދިނުމަށް ޖަޕާނުގެ އެމްބަސީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާތައް ކުރުމަށް އެމްއެމްސީގެ އިސްވެރިން މިއަދު ވަނީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓެކުއެޗީ މިޑޯރީ އަދި އެ ގައުމުގެ ރިސާތާ/ އެޑްވައިޒަރު އޯޓާ ޔޮޝޫއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު އާއި ކައުންސިލްގެ މެމްބަރުން ކަމަށްވާ އަލީ ހުސެއިނާއި އިބްރާހިމް ފައުޒީ އަދި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ.
"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމްއީއެކްސްޓީ ސްކޮލާޝިޕް ޕްރޮގްރާމްތަކެެއް ނޫސްވެރިންނަށް ހޯދައިދިނުމާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.