މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ސެޕްޓެމްބަރ 2024 - 00:17
މި އަހަރުގެ އޯލެވެލް ގަދަ 10 ގައި ހިމެނުނު ކުދިންގެ ކާމިޔާބީ އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ފާހަގަކުރަން ހާއްސަ ހަފުލާއެއް ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަށް ދައުވަތު ދީފައި ވަނީ އޯލެވެލްގެ އެއް ވަނައިގައި ހިމެނުނު ކުދިންނަށް އެކަނި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ބެލެނިވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި "މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާގައި، ބެލެނިވެރިންގެ އެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެ ހަފުލާ ބޭއްވުމުގެ ތައްޔާރީތައް ވަމުން ދިޔައިރު އޯލެވެލްގެ ގަދަ 10ގެ ކާމިޔާބީ ފާހަގަ ނުކުރާނެ ކަމުގެ އަޑުތައް ފެތުރުނު ކަމަށެވެ.
އެކަން ދޮގު ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް އެކަން ސާފު ކޮށްދެއްވަން ބޭނުންވާ ކަމަށެވެ.
"ބައެއް ފަރާތްތަކަށް އަދިވެސް އޮޅުން އަރާފައި އެބައޮތް، އަދި އެންމެ ރަނގަޅު ނޫން ވާހަކަތައް ވެސް ފެތުރެމުންދާތީ ހިތައް އެރީ ރައްޔިތުންނަށް، ދަރިވަރުންނަށް، މުދަރިސުންނަށް އެނގިފައި އޮތުމަކީ ކުރަން ޖެހޭ ކަމެކޭ،" އިސްމާއިލް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ބައިވެެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
އެގޮތުުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެ ހަފުލާ ބާއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"އެޑިއުކޭޝަން މިނިސްޓްރީގައި އޯލެވެލް ޓޮޕް 10 ފާހަގަކުރުމާ ބެހޭ ގޮތުން ވަރަށް ސާފު، ރަނގަޅު ޕޮލިސީއެއް ވަނީ އެކުލަވާލެވިފައި. އެ ޕޮލިސީގައި އޮތް ގޮތަށް ތުނޑުތުނޑަށް އަޅުގަނޑުމެން ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، އޯލެވެލްގެ ގަދަ 10 ގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާ ބާއްވާނެ ދުވަސް ކަނޑައަޅާނީ ސްކޫލްތަކުގައި މިހާރު ހިނގަމުން އަންނަ އިމްތިހާނު ނިމި، ކުދިންނަށް ދޭ ހަފުތާއެއްގެ ބަންދަށް ފަހު ސްކޫލްތައް ހުޅުވުމުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ މަޝްވަރާއާ އެކު އެވެ.
"އަޅުގަނޑު އުންމީދު މި ކުރަނީ އިރާދަކުރެއްވިއްޔާމު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެކަން ހާސިލްވާނެ ކަމަށް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ މީގެ ކުރިން ވިދާޅުވެފައި ވަނީ "މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާގައި، އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދިން ނަމަވެސް، އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް އަދި ފާހަގަކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭބެ
13 September 2024
ސްކޫލް ޕްރައިޒްޑޭގަ މިކަން ކުރަންވީ. ކީއްކުރަން އިތުރު ޖަލްސާއެއް؟
ނޭންގޭތީއަހާލީ
13 September 2024
ތި ބާއްވާ ޖަލްސާތަކަށް ކިހާވަރެއް ހަރަދުވޭ؟
ވާނުވާ ވަޒީރު
13 September 2024
އޮކްޓޯބަރު މަހު ކުދިންގެ އޭއެސް ލެވެލް އިންތިހާނު އޮންނާނެ. ތިމީހުން ޖަހާ ސަކަރާތްގަނޑެއް ޖެހުން އެއަށްވުރެ ފަސްކުރަންވީނުން. ކުދިންގެ އިމްތިހާނަށް ހުރަސް ނާޅާ. " ބަންދަށް ފަހު ސްކޫލްތައް ހުޅުވުމުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ މަޝްވަރާ" މިއީ ކަނޑައެޅިގެން ދޮގެއް. މި މިނިސްޓަރު އެއްވެސް ވަރަކަށް ބޭނުން ނުކުރޭ މީހެއްގެ ލަފައެއް އިރުޝާދެއް. އަހާބަލަ 11 މަސް ވިއިރު ކިތައް ޕްރިންސިޕަލުންނާ ޕާސަނަލީ ބައްދަލުކުރިންތޯ؟ ނުކުރޭ. ޓީޗަރަކާ އަނގައިންނުބުނޭ.
ހަކީމް
13 September 2024
އޮކްޓޯބަރ މަހަކީ ކުދިންގެ އޭ.އެސް ލެވެލް އިމްތިޙާން އޮންނަ މަސް. މިފަދަ ޖަލްސާތަކުގެ ޕްލޭން ބެލެނިވެރިންނަށްވެސް ދުރާލާ އެނގެންޖެެހޭ.
ހަޖަމޯލާ
13 September 2024
ކިހާވަރެއް ޚަރަދުވޭތަ ތިޔައިން ޖަލްސާއަކަށް؟؟ ދަތިކަމުން އަހާލެވުނީ..