ވިޔަފާރި / ރިޕޯޓް

ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!

ޑޮލަރު މާރުކުރުމުގެ ލައިސަންސް ދީފައިވާ ބައެއް ފަރާތްތަކުން ބުނީ އެމްއެމްއޭ އަށް ކޮންމެ ތިން މަހުން ފޮނުވަނީ ވެސް އޮޅުވާލާފައި އޮންނަ ރިޕޯޓެއް ކަމަށް.

ފައިސާ މާރު ކުރަން ހާއްސަ ތަނެއް. އެތަންތަނުން ވެސް ލިބެނީ ކަޅު ބާޒާރުގެ ރޭޓުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މި މަހުގެ ކުރީކޮޅު ހިންގި އެއް އޮޕަރޭޝަން އަމާޒުކުރީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ ބައެއް ފިހާރަތަކަށެވެ. ހުއްދަ ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ދެ ތަނެއް އެ އޮޕަރޭޝަންގައި ބަންދުކޮށް ހަރުކަށި ފިޔަވަޅު އެޅި އެވެ. އޭގެ ތެރެއިން އެ ފިހާރައަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށް "ބަންދު" ބޯޑު އެޅުވި އެވެ.

އެކަމަކު ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހުއްދަ އެމްއެމްއޭގެ ގަވާއިދުގެ ތެރެއިން ރަސްމީކޮށް ހޯދައިގެން ތިބެ، ޒަމާނުއްސުރެ ފެށިގެން ބްލެކް މާކެޓުގައި ޑޮލަރު މާރުކުރާ ފަރާތްތަކުގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކަ އެވެ. "ރަސްމީ ހުއްދަ" އިގެ ދަށުން ފާޅުކަން ބޮޑު ގޮތެއްގައި އަހަރެމެން ރަސްމީ ރޭޓުގެ ބޭރުން ބޮޑު އަގުގައި ޑޮލަރު ގަންނަ މި ޖެހެނީ އެ މީހުންގެ އަތުންނެވެ. ހަގީގަތަކީ، މިހާރު ޑޮލަރު ގަންނަން އެފަދަ ތަނަކަށް ކައިރި ވާނީ ވެސް ޑޮލަރުގެ ރަސްމީ ރޭޓަކީ "ކަޅު ބާޒާރު" ރޭޓު ކަމަށް ބަލައިގެން ކަމެވެ.

ސުވާލަކީ އެ ފަރާތްތައް ގާނޫނާއި ގަވާއިދުގެ ތެރެއަށް ނުވެއްދެނީ ކީއްވެ ހެއްޔެވެ؟ ހަމަ ބަންދު ބޯޑު އަޅުވައި، ޑޮލަރު މާރުކުރުމުގެ ހުއްދަ ވަގުތުން ބާތިލް ކުރާ ހިސާބަށް ނުދޭ ހެއްޔެވެ؟ ނުފެންނަ ކަމަށް ހަދައިގެން އެންމެން ތިބެންވީ ހެއްޔެވެ؟

ރާއްޖޭގައި ޑޮލަރު އެކްސްޗޭންޖު ކުރަން ހުއްދަ ދީފައިވާ ތަންތަނުން ޑޮލަރު ވިއްކަމުން އަބަދުވެސް ދަނީ ކަޅު ބާޒާރު ނުވަތަ އެ މީހުން އަމިއްލަ އަށް އުފައްދައިގެން އުޅޭ ރޭޓުތަކުގަ އެވެ. އެހެންވެ، ލައިސަންސް ނަގައިގެން ވެސް އެމީހުން އެ ކުރަނީ ގާނޫނާ ހިލާފު ކަމެކެވެ. މިއީ މިއަދު އެކަނި ކުރާ ކަމެއް ނޫނެވެ. ލައިސަންސް ނަގައިގެން ތިބެ ޑޮލަރު މާރުކޮށްދޭ ފަރާތްތަކުގެ މާޒީ އަށް ބެލީމާ އެކަން ފެންނާނެ އެވެ.

އެކަމަކު ގާނޫނާއި އެމްއެމްއޭ އިން ހަދާފައިވާ ގަވާއިދުގައި ވެސް އޮންނަނީ އެހެން ގޮތަކަށެވެ. ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް އެމްއެމްއޭގައި އޮތީ 1987 ވަނަ އަހަރު ހެދި ކުރު ގަވައިދެކެވެ. އެ ގަވައިދުގައިވާ ގޮތުން މަނީ ޗޭންޖަރުންގެ ލައިސަންސަށް އަހަރަކު 1،200ރ. ގެ ފީއެއް އެމްއެމްއޭ އަށް ދައްކަން ޖެހެ އެވެ. ކޮންމެ މަަހަކު ވެސް ހިންގި ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލުތައް މަރުކަޒީ ބޭންކަށް ހުށަހަޅަން ޖެހެ އެވެ. އެ އުސޫލުގެ ތެރެއިން ފައިސާ ގަނެ ވިއްކި ގޮތުގެ ހިސާބު ހުށަނާޅާ ތިން މަސް ވެއްޖެ ނަމަ ލައިސަންސް ބާތިލުކުރުމުގެ ބާރު އެމްއެމްއޭ އަށް ލިބެ އެވެ.

ކަނޑައަޅާފައިވާ ރޭޓަށް ވުރެ އިތުރަށް ކޮމިޝަނެއް ނެގުމަކީ އެމްއެެމްއޭގެ ގަވާއިދުގައި މަނާ ކަމެކެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކުންގެ ލައިސަންސް ބާތިލު ކުރުމުގެ ބާރު ވެސް މަރުކަޒީ ބޭންކަށް އޮވެ އެވެ.

އެމްއެމްއޭ އިން ވެސް ބުނީ، ޑޮލަރުގެ މުއާމަލާތްތައް ކުރަން ލައިސަންސް ދީފައިވާ ފަރާތްތަކުން ގަވާއިދާ ހިލާފުވާ ހާލަތުތަކުގައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެކަމަކު، މި ގައުމުގެ އެތައް ލައްކަ މީހުންގެ ކުރިމަތީގައި އެ ކަން އެ ކުރަނީ އެހެން ވެއްޖެ ނަމަ ސީދާ ގަވާއިދާ ހިލާފަށެވެ. ކޮންމެ ދުވަހަކީ އޭގެ ދުވަހަކެވެ. ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ތަންތަނަށް ވަދެ، ބޮޑު އަގުގައި ނޫނީ އެކަކަށް ވެސް ޑޮލަރެއް ނުލިބޭނެ އެވެ.

އެކްސްޗޭންޖް ރޭޓުގެ ތާރީހު

- 1980 އާއި 1985 ވަނަ އަހަރު އޮތީ ޑުވެލް ރޭޓެއް. އޭރު ރަސްމީކޮށް ގެންގުޅުނީ ޑޮލަރަކަށް 3.77ރ. ދެން ގެންގުޅުނު އަނެއް ރޭޓަކީ 7.55ރ.

- 1987-1994 ގައި ގެންގުޅުނީ ފްލޯޓިން ރޭޓެއް. އޭރުގެ ރޭޓު 8.50ރ. އިން 11.50ރ. އަށް މައްޗަށް އެރި.

- 1997-2001 އާ ހަމައަށް އަނެއްކާ ވެސް ޕެގް ރޭޓް ނިޒާމެއް ގެންގުޅު. އޭރު ވެސް ރޭޓު އުޅެނީ 8.50ރ. އިން 11.50ރ. އާ ދެމެދު

- އެންމެ ފަހުން ރޭޓަށް ބަދަލު ގެނައީ 2011 ގައި. އެ ފަހަރު އެކްސްޗޭންޖް ރޭޓް ވަނީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ޕެގް ރޭޓަކަށް ބަދަލުކޮށްފައި.

އެމްއެމްއޭއަށް ހުށަހަޅަނީ ފޭކު ޑޮކިއުމެންޓް، ނުއެއް ބެލޭ

މާލޭގައި އެންމެ ގިނައިން މަނީ އެކްސްޗޭންޖް ކުރާ ތަންތަން ހުރީ ޗާނދަނީ މަގާއި ހެންވޭރު ކޮޅުގަ އެވެ. މުޅި މާލޭގައި ފާޅުގައި އެ ވިޔަފާރި ކުރަނީ ވިއްސަކަށް ތަނުންނެވެ. އެކަމަކު، ރާއްޖޭގައި މިހާރު ވެސް ޑޮލަރުގެ މުއާމަލާތް ކުރުމަށް 220 ފަރާތަކަށް ލައިސަންސް ދީފައި ވެ އެވެ.

އެ ވިޔަފާރިކުރާ ތަންތަނަށް "މިހާރު" ގެ ނޫސްވެރިން ގޮސް ޑޮލަރުގެ ރަސްމީ ރޭޓުގައި ޑޮލަރު ނުވިއްކަނީ ކީއްވެތޯ އެހުމުން ގިނަ މީހުން އެ ސުވާލުތަކަށް ޖަވާބެއް ނުދިނެވެ. އަނެއްކޮޅުން އެފަދަ ގިނަ ތަންތަނުގައި ތިބެނީ ވެސް ބިދޭސީންނެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން ވަނީ އެކަން ކުރަމުން އަންނަ ގޮތް "ޝަތުރުތަކާ އެކު" ކިޔައިދީފަ އެވެ.

ޗާންދަނީ މަގުގައި ފައިސާ މާރުކުރާ ތަނެއް. މިވަގުތު ޑޮލަރުގެ އަގު އުޅެނީ 18ރ. އިން މަތީގައި -- ފޮޓޯ:ނިޝާން އަލީ / މިހާރު

ޑޮލަރުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުނީ، ޑޮލަރު މާރުކުރުމުގެ ލައިސަންސް އޮތަސް، ޑޮލަރު އަގު ބޮޑުކޮށް ވިއްކަނީ އެ ފަރާތްތަކަށް ވެސް އަގު ބޮޑުކޮށް ޑޮލަރު ލިބޭތީ ކަމަށެވެ. އޭނާ ބުނީ، އެ ނޫން ގޮތަކަށް އެކަން ނުކުރެވޭ ކަމަށެވެ.

"އެންމެންނަށް ވެސް އެނގޭ މިކަން ކުރާ ގޮތް. މިއީ ސިއްރުން ކުރާ ކަމެއް ނޫން. މި އަގުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އައިސް ގަންނަން ޖެހެނީ،" އޭނާ ބުންޏެވެ.

ޑޮލަރުގެ ވިޔަފާރި ކުރުމުގައި އުޅޭ އެހެން ވިޔަފާރިވެރިއަކު ބުނީ، އެމްއެމްއޭ އަށް ކޮންމެ ތިން މަހެއްގެ މުއާމަލާތްތައް ފޮނުވި ނަމަވެސް، އެއީ "ފޭކު" ލިޔުންތަކެއް ކަމަށެވެ. ކޮންމެ ތިން މަހަކުން އެމްއެމްއޭ އަށް ރިޕޯޓް ފޮނުވަން ގަވާއިދުގައި އޮންނާތީ އެކަން ކުރަނީ އެވެ. އެކަމަކު، އެ އިދާރާ އަށް ފޮނުވާ ލިޔުންތަކުގައި ޖަހަނީ ބޭންކުގެ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. އެވެ.

އެމްއެމްއޭ އިން ހަދާފައިވާ ގަވާއިދުގައި ރަސްމީ ރޭޓަށް އިތުރު ކޮމިޝަންތަކެއް ނުވަތަ ފީތަކެއް ނުނެގޭނެ ކަމަށް ބުނެފައި ވެ އެވެ. ނަމަވެސް ޑޮލަރުގެ އަސްލު ރޭޓަކީ "ކަޅުބާޒާރުގެ" ރޭޓު ކަމަށް ޑޮލަރުގެ ވިޔަފާރި ކުރާ މަނީ އެކްސްޗޭންޖަރުން ގަބޫލު ކުރެ އެވެ. މިވަގުތު ޑޮލަރުގެ އަގު އުޅެނީ ވެސް 18.30ރ. އާއި 18.40ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ރަސްމީ ރޭޓުގައި ހިސާބުތައް ދިމަލެއް ނުވާނެ. ބައެއް ފަހަރު ފުޅާކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރާ މީހުންގެ ބޭންކް ސްޓޭޓްމެންޓާ ދިމާނުވެ، އެފަދަ މައްސަލަތައް ދިމާވެފައި އެބަހުރި،" ރަސްމީ ކުޑައިގެ ދަށުން ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ މީހަކު "މިހާރު" އަށް ބުންޏެވެ.

މައްސަލަ ޖެހި ބޮޑެތި އަދަދުތަކުން ބޭންކް ސްޓޭޓްމެންޓާ ދިމާނުވާ ހާލަތްތަކުގައި އެކި އެޖަސްޓްމެންޓުތައް ގެންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، މިއީ ރަސްމީ އިދާރާތަކަށް ނޭނގި ޒަމާނުއްސުރެ ފެށިގެން ކުރާ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ހައްލު ކުރާނީ ކިހިނެތް؟

ރާއްޖޭގައި ކޮންމެ މީހަކަށް ވެސް ޑޮލަރު އެކައުންޓެއް ހުޅުވެން އޮންނަނީ ވަރަށް ފަސޭހަ ގޮތެކެވެ. އެހެންވެ، އެ މީހެއް އަތުގައި ޑޮލަރު ހުރުމުން، އެ ވިއްކަން ބޭނުންވެއްޖެ ހާލަތެއް ދަންނަ ކޮންމެ މީހަކަށް ވެސް ވިއްކޭނެ އެވެ. ލައިސަންސް ވަކި ބަޔަކަށް ދީފައި އޮތަސް ކޮންމެހެން އޭޖެންޓުންގެ ގާތަށް ނުގޮސް ވެސް އެކަން ނިންމައިލެވެ އެވެ.

ރާއްޖޭގެ އިގުތިސާދީ ދާއިރާ ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވީ، ލައިސަންސް ނަގައިގެން ތިބި މަނީ އެކްޗޭންޖަރުންގެ އިތުރަށް، އެކަން ކޮންޓްރޯލް ކުރަން މުހިއްމު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

"ހައްދެއް ނެތި އޮންނަންޏާ އެކަން ކޮންޓްރޯލް ކުރަން އުނދަގޫވެސް ވާނެ،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، މިކަން ހައްލު ކުރުމަށް އެމްއެމްއޭ އިން ފިޔަވަޅުތައް އެޅުން މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރާ އިރު، އިގުތިސާދުގައި އެކްސްޗޭންޖް ރޭޓަށް ބަދަލު އަންނަ ހުރިހާ ކަމަކަށް ހައްލެއް ގެނައުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސްޗޭންޖު މާކެޓަށް މި ބަދަލުތައް އަންނަނީ ސްޕެކިއުލޭޝަންތަކާ ހެދި. މިހާރު އެބަ އެނގޭ ސަރުކާރަށް ވެސް ޑޮލަރުގެ ތާށިކަން އެބަހުރިކަން. ބަޖެޓުގައި ޖެހި ފައިނޭންސް ނުލިބޭކަން. މިކަންކަން މިގޮތަށް ހުރިއްޔާ ޑޮލަރުގެ އަގު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކޮންމެ ދަނޑިވަޅެއްގައި މަނީ އެކްސްޗޭންޖަރުން ޑޮލަރު ހޯލްޑުކޮށް، ވަކި ވަރެއްގައި ޑޮލަރު ބަހައްޓަން ދިމާކުރެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި މައްސަލަ ހައްލު ކުރެވޭނީ، ބޭންކުތައް މެދުވެރިކޮށް ނޫނީ ޑޮލަރު މާރު ނުކުރެވޭނެ ގޮތް ހަދައިގެންނެވެ. އެކަމަކު، އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެމްއެމްއޭ އިން ވެސް ވަނީ އެކަން ކުރުމަށް މަނިޓަރީ ގަވައިދަށް އިސްލާހުތަކެއް ގެންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ރަސްމީ ރޭޓުގައި ހިސާބުތައް ދިމަލެއް ނުވާނެ. ބައެއް ފަހަރު ފުޅާކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރާ މީހުންގެ ބޭންކް ސްޓޭޓްމެންޓާ ދިމާނުވެ، އެފަދަ މައްސަލަތައް ދިމާވެފައި އެބަހުރި،" --- މަނީ އެކްސްޗޭންޖާއެއް

މީގެ ކުރިން ކޮވިޑު ދުވަސްވަރުގައި ވެސް ކަޅު ބާޒާރު ކޮންޓްރޯލް ކުރަން ގިނަ ފިޔަވަޅުތަކެއް އަަޅަން އެމްއެމްއޭ އިން މަސައްކަތް ކުރި އެވެ. އެ ފަހަރު ވެސް އެކަން ނުވީ، ޑޮލަރު އެންމެ ގިނައިން ލިބޭ ވިޔަފާރިތަކުން އެކަން އެގޮތަށް ކުރަން ނުރުހުމުންނެވެ.

ރާއްޖޭގެ މާލީ ދާއިރާގެ އެހެން ތަޖުރިބާކާރަކު ވިދާޅުވީ، މަނީ އެކްސްޗޭންޖަރުންގެ މުއާމަލާތްތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓޭނެ ޕްލެޓްފޯމެއް ގާއިމް ކުރިޔަސް މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން މިހާރު ހަދާފައިވާ "ފަވަރަ" ފަދަ އޮންލައިން ޕްލެޓްފޯމެއް އެކްސްޗޭޖްކުރާ ފަރާތްތަކަށް ވެސް ހެދުމުން، މަނީ އެކްސްޗޭންޖަރުން ހަދާ މަކަރުތައް ހުއްޓޭނެ ކަމަށެވެ.

އެކަމަކު މަނީ އެކްސްޗޭޖަރުންނަށް ހަރުކަށި ފިޔަވަޅު އަޅައިފި ނަމަ އެ މީހުން ދެން އެ ކަން ކުރަން ފަށާނީ، މިހާރަށް ވުރެއް ސިއްރުންނެވެ. އޭރަށް އެފަދަ ފަރާތްތަކުން، ހޯދައި، އެކަން ހުއްޓުވަން ކަމާ ގުޅޭ އިދާރާތަކަށް އިތުރަށް ދަތިވާނެ ކަމަށް ތަޖުރިބާކާރު ވިދާޅުވި އެވެ.

"ދެން އެ މީހުން އެކަން ކުރާނީ އަންޑަގްރައުންޑުކޮށް. އޭރަށް ޑޮލަރުގެ ތާށިކަން އިތުރަށް ބޮޑުވެ، މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ، މަނީ އެކްސްޗޭންޖަރުން ރެގިއުލޭޓު ކުރުމުގެ އިތުރަށް، އިގްތިސާދީ ގޮތުން މިހާރު ކުރިމަތިވެފައިވާ ޑޮލަރަށް ޖެހިފައި އޮތް އޮތުމަށް ހައްލު ނައިސް ޑޮލަރުގެ ރޭޓު ކުޑަ ނުކުރެވޭނެ ކަމަށެވެ. އެހެންވެ، މުޅި މައްސަލަ ހައްލު ކުރާ ނަމަ ޑޮލަރު ވަންނަ ގޮތްތައް އިތުރުކޮށް، ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ރިފޯމުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއީ އެއް ކަމެއް ހައްލު ކުރުމަށް ވުރެ މާ "ކޮމްޕްލެކްސް" މައްސަލައެކެވެ. ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ބޭނުންވާ ކަމަށް އައިއެމްއެފާއި ވޯލްޑް ބޭންކްގެ އިތުރުން އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ. ލައިސަންސް ލިބިފައިވާ ފަރާތްތަކުން މިންގަނޑަށް ފެއްތުމުގެ އިތުރަށް ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ޓޫރިޒަމުން ލިބޭ ޑޮލަރުގެ އާމްދަނީން ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭ ވަރު އިތުރުކޮށް، ޑޮލަރުގެ ޑިމާންޑް ކޮންޓްރޯލް ކޮށްގެންނެވެ.

60 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ.

19 September 2024

ދެން އަގު ބޮޑު ކޮން ޑޮލަރު ވިއްކާ ރިސޯޓް އޯނަރުން ގެ ވާހަކަ ކީއްވެތަ ލިޔަން ބިރުން ތިތެޅެނީ؟ ފުޑް ޗޭންގެ އެންމެ މަތީގަ ތިބީ އެމީހުން...އެމީހުން ތި ޑޮލަރެއް އެކޮންޓޮރޯލް ކުރަނީ ދެން މާމޮޅު ވާހަކަ ތިދައްކަނީ...ދިވެހި ރުފިޔާގެ ބަދަލުގަ ޑޮލަރު ގެންގުޅެން ވީނު ދެން ރަސްމީ ކަރަންސީއަކައް..ބޭންކުން ވިޔަފާރިތަކައް އެންމެ ޑޮ އެއްވެސް ނުދޭ...ދެން ބުލެކޭ ފަހާފޮއްޓޭ ނުކިޔާ

The name is already taken The name is available. Register?

ސުޓުޕިޑް ގާއި

18 September 2024

ފިއާޓް މަނީ އުވާލާ ބޮލި ބޭނުން ކުރަންވީ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

17 September 2024

ހުސްބޭކާރު އަގަތެޅުމެއް! އެމް.އެމް.އޭ އިން ކޮންމެ ދިވެހި ރައްޔިތަކަށް ދުވާލަކު 500 ޑޮލަރ ވިއްކަންވީނު! ވެބްސައިޓެއް ހަދާ ލޮގިން ވާގޮތް ހަދާފަ އައިޑީ ކާޑްގެ ސޮފްޓެއް ފޮނުވާލާ އެމްއެމްއޭގެ އެކައުންޓައް ދިވެހިފައިސާ ޓްރާންފަރ ކުރީމަ އެމްއެމްއޭއިން މިހާގެ ޑޮލަރ އެކައުންޓައް ޑޮލަރ ޖަމާކޮއްދީބަލަ! އޭރުން އެއްފަހަރުން ބުލެކް މާކެޓް ދިޔައީ! ކަންކުރަން ނުކެރި އެހެންމީހުންގެ ކަރުގައި ހިފިޔަސްކަން ހައްލެއް ނުކުރެވޭނެ!

The name is already taken The name is available. Register?

އާއުންމީދު

17 September 2024

ކިތަންމެނވަރަކަށް އަން ލައިކް ކުރިޔަސް މިކަންްނޙައްލުކުރަން މުއިއްޒު މަސައްކަތް ކުރާތަން އެބަފެނޭ. ސާޅީހަކަށް އަހަރުވީ މާލީ ޤަވާއިދު އިސްލާހް ކުރުމުގެ މަސައްކަތް ކުރަނީ ޤައުމަށް ފާގަތި ދުވަހެއް ހޯދާދޭންކަން ޔަޤީން. ވޭތުވެ ދިޔަ ސަރުކާރަކީ ޑޮލަރަށް އިހުމާލުވެ މާލީ ނިޒާމު ފޫދުއްވާލާ އަތުޖެހުނު ގޮތަކަށް މާލިއްޔަތު ދަވާލި ސަރުކާރެއް. އަނދިރި ކަމުން އަލިކަމަކަށް ނެރެވޭނެ ކަމަށް އެދި ދުޢާކުރަން.

The name is already taken The name is available. Register?

ކޮރަލް

17 September 2024

ރަސްމީ ރޭޓް އަށް ވުރެ އަގުބޮޑު ކޮށް ޑޮލަރު ވިއްކާ ނަމަ ލައިސަންނސް ބާތިލް ކުރަން ވީ އެވެ. އާ ބަޔަކަށް ލައިސަންސް ދޭން ވީ އެވެ. މިކަން އެއުޅެނީ ނުކުރެވިގެންނެވެ. ނޫނީ ކުރަން ނުކެރިގެންނެވެ.

The name is already taken The name is available. Register?

ާޔޫޔޫ މާރަންދޫ

17 September 2024

ތިކަންކަމުގައި ގިނައިން އެއުޅެނީ ގޫބައްޑާތަށް،މާލެ ހަލާކު ކޮށްފި އެބައިގަނޑު އައިސް،ރަށުގައި ތިބެބަލަ މިތަން ފަސާދަ ނުކޮށް،

The name is already taken The name is available. Register?

ޓްރަލަލާ

18 September 2024

އެމީހުން އައިފަހު މިހާރު މާވަރުވާ މަލެއެއް މީހުންނަށް ހަދައިދިނީ.

The name is already taken The name is available. Register?

ހާސަރު

17 September 2024

ބްލެކްމާރކެޓް ހުއްޓުވޭނީ އެހެން ގައުމުގަކުގައިވެސް އޮންނަގޮތަށް މިގައުމުން ވިއްކާ މުދަލާއި ޓްއަރިޒަމުން އަދި އެނޫންގޮތަކުންވެސް ގައުމަށް ލިބޭ ބޭރުފައިސާ ރާއްޖޭގެ ބޭންކްތަކަށް ވަދެގެން. ޢެކަންކުރަން ކެރުނު ވެރިއެއް އަދި މިގައުމަކަށް ނުލިބޭ.

The name is already taken The name is available. Register?

އަލީ

17 September 2024

ތިޔަ ބުނަނީ ކަޅު ބާޒާރުން ޑޮލަރު ނުގަންނާށޭ. ދެން އަހަރެން ބޭރަށް ބޭސް ފަރުވާއަށް ދާންވެގެން ބޭންކުން މިދޫކުރަނީ ޓިކެޓަކަށް 500 ޑޮލަރު. ދެން އިތުރަށް ނުލިބޭތީ ތިޔަ ބުނަނީ އަހަރެން ކަޅު ބާޒާރުން ޑޮލަރު ނުގަންނަން ވީއޭ? ބޭންކުން 15.42 ގަ ލިބޭ ނަމަކަ އެތަންތާކަށް ނުދާނަން. ދެން ތިޔަ ބުނަނީ އެތަންތަނުން އަގު ބޮޑުކޮށް ޑޮލަރު ވިއްކަންޔަ ބަންދުކުރާށޭ. ދެން ކޮމްތާނުން އަހަރެން ޑޮލަރު ހޯދާނީ?

The name is already taken The name is available. Register?

ޑޮލަރޭ.ޑޮލަރޭ

17 September 2024

ޑޮލަރު ލިބޭ މި ހުންނަނީ މާކަ ގިނަ ތަންތަނެއް ނޫން.. ޑޮލަރު ލިބޭ ވިޔަފާރިތަކުން އެ ޑޮލަރަށް ހަދާ ގޮތް ދެނެގަތީމާ ޑޮލަރު ކަޅުބާޒާރު ހުއްޓުވަން ހައްލެއްގެނެވޭނެ...

The name is already taken The name is available. Register?

ގާދިރު

17 September 2024

މި ޤައުމުގަ ވަރަށް ފުރިހަމަ ޤާނޫނުތައް އެބަހުރި އެކަމަކު އެޤާނޫނު ތައް ތަންފީޒުކުރަންވީ ނުވަތަ ބެލެނިވެރިޔަކީ ކާކުކަމެއް ނޭގި އެމީހަކު ބޭނުންގޮތަކަށް ބޭނުން ކަމެއް ކުރަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454