ލައިފްސްޓައިލް / މީހުން

ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފޮރުވިފައިވީ ފަސް ތަރީގެ ވާހަކަތައް

ޓީވީއެމްގެ ހަޔާތުގައި ފަސް ރައީސުންގެ ކެމެރާމަންކަން ކުރި ހަމައެކަނި ތަޖުރިބާކާރަކީ މި އެވެ. ޓީވީގެ އެންމެ ކްލެސިކް ޝޯތަކާއި ދިވެހި ސިނަމާ ފަޅުފިލުވައިދިން އެންމެ ހިޓު ފިލްމުތައް ކެމެރާކުރީ އޭނާ އެވެ. ސިޔާސީ އެންމެ ބޮޑެތި ހަމަނުޖެހުންތަކާއި ބިރުވެރި ހާދިސާތައް ވެސް ރިކޯޑްކުރީ އޭނާ އެވެ.

ތުއްޓޭ ކެމެރާއަކާ އެކު ޓީވީއެމްގެ އިކްއިޕްމަންޓް ރޫމްގައި ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީވީއެމްގައި އުޅޭ މުހައްމަދު ރަޝީދޭ ބުނީމާ އެއީ ކާކުކަން ނޭނގުނަސް، ތުއްޓޭއޭ ބުނުމުން އޭނާގެ ތައާރަފެއް ހަމަ އެކަކަށް ވެސް ބޭނުމެއް ނުވާނެ އެވެ. އެންމެ އާދައިގެ މީހާއިން ފަށައިގެން ގޮސް ގައުމުގެ ރައީސާ ހަމަ އަށް ވެސް ތުއްޓޭ އަކީ އެވަރުގެ ލެޖެންޑެކެވެ.

އެކަމަކު ކެމެރާމަނެއްގެ ގޮތުގައި ޓީވީއެމްގައި 35 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ރަޝީދަށް، ތުއްޓޭގެ ވަނަން ހަރުވީ އޭނާގެ މި އާދަޔާ ހިލާފު ޝަހުސިއްޔަތު އުފަންކުރުވި ދާއިރާގައި ދެއްކި ހުނަރަކާ ގުޅިގެނެއް ނޫނެވެ. ތުއްޓޭ ލިޔެ ޑައިރެކްޓްކޮށް، ކެމެރާ އިން ރިކޯޑްކުރި އޭނާގެ އަމިއްލަ ލައިފްސްޓޯރީގައި އަންނަ ފުރަތަމަ ޓްވިސްޓަކީ ވެސް މި އެވެ.

"އެއީ ކުޑަ މޫސަ ދިން ނަމެއް."

މިހެން ބުނެފައި ތުއްޓޭގެ މޫނުމަތިން ފައުޅުވެގަތް ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް މި އިންޓަވިއު ދަމައިގަތެވެ.

ސްކޫލްގެ ކިޔެވުން ކުޅިވަރަކަށް ހަދާލައިގެން ގޮސް ގަލޮޅު ދަނޑުގައި ފުޓްބޯޅަކުޅެން އުޅުނު ފުރާވަރުގެ ފޯރިގަނޑެއްގެ ތެރެއަށެވެ. ދިވެހި ފުޓްބޯޅައިގެ ރަންޒަމާނުގެ ސުޕަސްޓާރުން ކަމުގައިވީ "އަންދަރޭ އާއި ނަދީމާއި ކުޑަމޫސަމެން" އެ މީހުންގެ ބާރުގަދަ ޝޮޓުތަކުން ގޯލާއި ދަނޑި އާއި ދާގަނޑުގައި ޖަހަމުން ގެންދިޔަ ހަނދާންތަކެއްގެ ތެރެއަށެވެ.

ތުއްޓޭގެ އުމުރުން އޭރު ސޯޅަ ވަރަކަށް އަހަރެވެ. ނިއު ރޭޑިއަންޓުން ޖާގައެއް ނުލިބުނަސް އޭނާ އޭރު ގެންދިޔައީ ކުޑަމޫސަމެންނާ އެކު ގަލޮޅު ދަނޑުގައި ގަވާއިދުން ޕްރެކްޓިސް ކުރަމުންނެވެ. ގަލޮޅު ދަނޑުގައި އޭރު އެންމެ ބާރަށް ޝޮޓު ހެދި ފޯވާޑުންނަށް ދޫނުކުރާ ވަރުގެ ހަމަލާތަކުން ފުޓްބޯޅައިގެ ތަރިން ހައިރާންކޮށް އަންތަރީސް ކުރަމުންނެވެ.

ތުއްޓޭ އޭނާގެ ހަޔާތުގެ ވާހަކަތައް 'މިހާރު ލައިޓް' އަށް ކިޔައިދެނީ.

ޓީވީއެމްގައި ތުއްޓޭ ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ސައީދު އަލީ އޮންނާނީ ގޯލުގައި. ދެން ޝޫޓުކުރަން ފަށާނީ ފަހަރަކު ކުޅުންތެރިޔަކު. އެ މީހަކަށް ޖެހުނު އެންމެ ބާރަކަށް ބޯޅައިގައި ޖަހަމުން ހަމަލާތައް އުފައްދަމުން ގެންދާނީ. ދެން އަޅުގަނޑު ފުދޭވަރަކަށް ބާރަށް ބޯޅަ ޖަހާތީ އެކަން ފާހަގަކުރެވިގެން ކުޑަމޫސަ އަޅުގަނޑާ ދިމާލަށް ކިޔަން ފެށީ ޝޫޓޭއޭ،" ތުއްޓޭގެ ވަނަން އުފަންވި މަންޒަރު ފިލްމީ މަންޒަރެއްހެން ސިފަކޮށް އޭނާ ކިޔައިދިނެވެ.

"ދެން އެ ނަމުން ގޮވަން މާ އުނދަގުލޭ ކިޔާފައި ދިން ވަނަމެއް ތުއްޓޭ އަކީ. އެ ހިސާބުން ފެށިގެން ތުއްޓޭގެ ވަނަން ހަރުވެއްޖެ ދަނޑުގައި ރައްޓެހިންގެ މެދުގައި. ހިސާބުގަނޑު އެންމެން ވެސް ގޮވަން ފަށައިފި ތުއްޓޭއޭ ކިޔާފައި."

އޭރު ޓީވީއެމްގައި ކެމެރާމަނެއްގެ ހަޔާތް ވެސް އޮތީ ފެށިފަ އެވެ. ނަމަވެސް ތުއްޓޭ އަކީ ކާކުކަމެއް އޭރަކު އަދި ޓީވީގެ އެއްވެސް ބަޔަކަށް ނޭނގެ އެވެ. އެކަމަކު އެ ވާހަކަ އޮތް ހިސާބުގައި ބާއްވާފައި ތުއްޓޭގެ "ފިލްމީ ހަޔާތުގެ ޓޭޕު" މިހައި ހިސާބުން ރިވައިންޑް ކޮށްލަމާ ހިނގާށެވެ.

ރިވައިންޑް ކުރަމުން ގޮސް މަންޒަރު މި ހުއްޓެނީ ސްކޫލުގެ ކިޔެވުން ކުޅިވަރަކަށް ހަދާލައިގެން އުޅެނިކޮށް އޭނާގެ މައްސަލަ ރައީސް އޮފީހުގެ ސަމާލުކަމަށް އައި ދުވަހަށެވެ. ރައީސް އޮފީހުގެ އެންގުމަށް، ތުއްޓޭ އެ ދުވަހު ގޮސް ބައިންދާފައި އިނީ ދިވެހި ރާއްޖޭގެ އަޑުގެ އޭރުގެ ވެރިޔާ ސަމަރުބްލޫ އަހުމަދު މަނިކުގެ އޮފީހުގަ އެވެ.

"ސްކޫލްގައި ކިޔަވައިދޭ ދުވަސްތަކުގެ ތެރެއިން ޖެހިޖެހިގެން 10 ދުވަހު ސްކޫލް ކަޓުވާލައިފި ނަމަ ރައީސް އޮފީހަށް އެ ކުއްޖެއްގެ ނަން ފޮނުވާނެ އޭރު. އެންމެ ފުރަތަމަ ދޭނީ ނަސޭހަތް. އެގޮތަށް ތިން ފުރުސަތު ދީފައި އިސްލާހު ނުވެއްޖެ ނަމަ އަންގާނީ ސިފައިންގޭގެ ވަޒީފާ އަށް ވަންނަން،" އެއީ ނޮވެމްބަރު ތިނެއްގެ ހަމަލާ އަށް ފަހު މުޅި ގައުމުގައި އިއުލާނުކޮށްފައި އާންމު ހާލަތެވެ.

ފެންވަރުން އަޅާ ކިޔާ ނަމަ ގައުމުގެ ވެރިންނާ އަޅުގަނޑަކާ އަޅާ ނުވެސް ކިޔޭނެ. އެކަމަކު ﷲގެ އިރާދަފުޅުން ވަރަށް ގިނަ ރައީސުންނާ އެކުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ. ޓީވީއެމްގެ ތާރީޚުގައި ވެސް އެންމެ ގިނަ ރައީސުން ގެންގުޅުނު ކެމެރާމަނަކީ އަޅުގަނޑު: ތުއްޓޭ

ތުއްޓޭ މީގެ އަހަރުތަކެއް ކުރިން ރަސްމީ ހަފުލާއެއް ކަވަރުކުރަނީ: އޭނާ ބުނީ އެންމެ ބިޒީކޮށް އުޅުނު ދުވަހަކީ ސުނާމީ އަރައިގެން ރައީސް މައުމޫނު އަބްދުލް ގައްޔޫމާ އެކު މުޅި ދުވަހު އުޅެން ޖެހުނު ދުވަސް ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތުއްޓޭ މީގެ އަހަރުތަކެއް ކުރިން ރަސްމީ ހަފުލާއެއް ކަވަރުކުރަނީ: އޭނާ ބުނީ އެންމެ ބިޒީކޮށް އުޅުނު ދުވަހަކީ ސުނާމީ އަރައިގެން ރައީސް މައުމޫނު އަބްދުލް ގައްޔޫމާ އެކު މުޅި ދުވަހު އުޅެން ޖެހުނު ދުވަސް ކަމަށް.

ސަމަރުބްލޫ އިބްރާހިމް މަނިކުގެ އޮފީހަށް ތުއްޓޭ ހާޒިރުކުރީ ނަސޭހަތް ދީގެން ވެސް އިސްލާހުނުވީމަ އެވެ. ސިފައިންގޭގެ ވަޒީފާ އަށް ދާން ވެސް ދެކޮޅު ހަދަން ފެށުމުންނެވެ. ކުރުކޮށް ބުނަނީ ނަމަ ތުއްޓޭ އިނީ ހަމަ އެއްވެސް މީހެއްގެ ބަހަށް ކިޔަމަންވާ ގޮތަކަށް ނޫނެވެ. އެ އަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ފޯރީގައި ޖެހިފަ އެވެ.

"އޭރު ފަތިހު ފަހެއް ޖަހާއިރު ހޭލައިގެން ދާނީ ބޯޅަ ކުޅެން. ސްކޫލަށް ފޮނުވީމަ ވެސް ސްކޫލަށް ނުގޮސް ދަބަސް ހިފައިގެން ދާނީ ސީދާ ހެންވޭރު ދަނޑަށް،" ތުއްޓޭގެ ހިތް ފުޓްބޯޅައިގެ ތެރެއަށް ވަދެ ގެއްލިފައި އޮތީ މިވަރަށެވެ.

އެހެންވެ، ކިތަންމެ ބޮޑު އޮފީހަކަށް ހާޒިރު ކުރިޔަސް ފުޓްބޯޅައިގެ އެ ހުވަފެނުން އޭނާއަކަށް ނުހޭލެވުނެވެ.

"ދެން އެހެން އިންދައި ގޮވާލާފައި މަނިކު ވިދާޅުވެއްޖެ، ބަލަ ކޮންމެވެސް ތަނެއްގައި އުޅެން ޖެހޭނެ ނޫން ހެއްޔޭ؟ ކޮންތާކު ހެއްޔޭ ކަލޭ މަސައްކަތް ކުރަން ބޭނުންވަނީ؟،" މަނިކުގެ އަޑަށް ވުރެ ބާރަށް އޭރު ވެސް ތުއްޓޭގެ ކަންފަތްދޮށުގައި އެނބުރެމުން ދިޔައީ ފުޓްބޯޅައިގެ ފޯރީގެ އަޑެވެ.

އެކަމަކު އިބްރާހިމް މަނިކުގެ ވާހަކަ ކުރުނުކުރެއްވުމުން އެންމެފަހުން "ވަޒީފާގެ މަޅިން" ސަލާމަތްވާނެ ގޮތަކާ މެދު އޭނާ ވިސްނަން ފަށައިފި އެވެ. އޮފީސް ތެރެއަށް ބަލައި ހޯދަން ފަށައިފި އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ މަނިކުގެ ބޯމަތިން ގޮސް، ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯގަނޑެކެވެ.

"އެ ފޮޓޯގަނޑާ ދިމާލަށް ބަލަން އިނދެފައި އަޅުގަނޑު ބުނެފިން އޭގެ މީހަކަށޭ ވާން ބޭނުމީ،" އެހެން ބުނުމުން މަނިކު ވެސް އެ ފޮޓޯގަނޑަށް ބައްލަވާލައްވައިފި އެވެ.

އެ ފޮޓޯގަނޑުން ފެންނަނީ ކެމެރާއެއް ކޮނޑަށް ލައިގެން އިން މީހެކެވެ.

ތުއްޓޭ ޓީވީއެމްގެ ލައިވް ސްޓޫޑިއޯއެއްގައި ކެމެރާ އޮޕަރޭޓްކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީވީއެމްގެ ކްރޫއަކާ އެކު ތުއްޓޭ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ކެމެރާ އޮޕަރޭޓްކުރަނީ: ޓީވީއެމްގެ މަޝްހޫރު ގިނަ ޝޯތަކެއް އޭނާ ވަނީ ނަގާފައި.

"އެކަމަކު އޭރަކު ނޭނގޭ އެއީ ކެމެރާއެއް ކަމެއް ވެސް. އަދި ކެމެރާ އަކީ ކީއްކުރާ އެއްޗެއް ކަމެއް ވެސް. އަޅުގަނޑުގެ އަމާޒަކަށް ވެފައި އޮތީ ވަޒީފާއަކަށް ނުދިއުން. އަވަހަށް ސަލާމަތްވާނެ ގޮތެއް ހޯދަން މި ބުނީ [ކެމެރާމަނަކަށޭ] ވާން ބޭނުމީ،" މިހެން ބުނެފައި ތުއްޓޭ ހީގަތެވެ.

އެކަމަކު ސަމަރޭ އެ ދުވަހު އިނީ ދިރިއުޅުން ކުޅިވަރަކަށް ހަދާލައިގެން އުޅުނު މި ޒުވާނާގެ ކުރިމަތީގައި ދޫދެއްވާ ގޮތަކަށް ނޫނެވެ.

"ޓީވީގައި ކެމެރާމަނެއްގެ ވަޒީފާއެއް ނެތެއް ނޫން ހެއްޔޭ ބުނީމަ މަނިކު ވިދާޅުވެއްޖެ އުނހޫއޭ. ދެން ފޯނުން ވަގުތުން ގުޅާލައިފި ޓީވީ އަށް. އަދި އަންގަވައިފި ހަމަ ވަގުތުން ޓީވީ އަށް ދިއުމަށް،" ތުއްޓެ ކިޔައިދިނެވެ.

އެ ހިސާބުން ދުމެއް ޖަހާފައި ތުއްޓޭ ގޮސް ވަނީ ޓީވީ އަށެވެ. އެކަމަކު 'ދަ ލެޖެންޑް އޮފް ތުއްޓޭ' ގެ މި ފިލްމު ދެން ވެސް ޕްރިޕޮރޮޑަކްޝަނުން ކުރިއަށް ކަނޑާ ގޮތެއް ނުވި އެވެ. ޓީވީ އަށް އޭނާ އެ ދުވަހު ދިޔައީ އެއްގޮތަކަށް ވެސް އަނެއް ދުވަހު ވަޒީފާ އަށް ނުކުންނަ ހިތަކުން ނޫނެވެ. މާމަމެންގޭގައި އޭރު ހުރި ބްލެކް އެންޑް ވައިޓް ޓީވީއަކުން އަށެއްގެ ޚަބަރު ބަލައިގެން ޓީވީގެ ރަންޒަމާނަށް އޭނާގެ ހިތުގައި އުފެދިފައިވީ ޝައުގުވެރިކަން ހަމަ ލޮލުން އިހުސާސް ކޮށްލުމުގެ ބޭނުމުގަ އެވެ.

އެކަމަކު ޓީވީއެމަށް ގޮސް ހަމަ ވަންތަނުން 'އިންޓަވިއު' އިން އޭނާ ފާސްވެއްޖެ އެވެ.

"އަޅުގަނޑު ފެނުމާ އެކު [ޓީވީގެ އޭރުގެ ވެރިޔާ] އަލީ ޝަރީފު ވިދާޅުވެއްޖެ ކެމެރާމަނެއްގެ ހުންނަން ޖެހޭ އިސްކޮޅު އެބަހުއްޓޭ އިރާދަކުރެއްވިއްޔާމު. މިއަދު ފަހެއް ޖަހާއިރު ނުކުންނާށޭ ވަޒީފާ އަށް،" ތުއްޓޭ ކިޔައި ދިނެވެ.

"އެކަމަކު ދެން އެ ގަޑި މި ދިމާވަނީ އަޅުގަނޑު ފުޓްބޯޅަ ކުޅެން ދާ ގަޑިއާ. ދެން އަޅުގަނޑު ބުނެފިން ފަހެއް ޖަހާއިރު ނާދެވޭނެއޭ. ހެނދުނުއޭ އާދެވޭނީ. ދެން ބުނެފި ހެނދުނު ވެސް އޯކޭއޭ،" ފުޓުބޯޅައިން ދުރަށް ނުދެވޭނެކަން އެ ފަހަރު ވެސް ތުއްޓެ ހާމަކޮށްދިނެވެ.

ޖެހިގެން އައި ވަޒީފާގެ ފުރަތަމަ ދުވަސްވީ ތުއްޓެގެ ޒުވާން ހަޔާތުގައި އޭނާ އެންމެ ބިރުގަންނަވާލި އެއް ދުވަހަށެވެ.

މި ދާއިރާގައި އަޅުގަނޑަށް އުޅެވުނީ އާއިލާގެ ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ލިބިގެން. އަންހެނުންނާއި ކުދިން ނުފެނި އުޅެން ޖެހިދާނެ އެތައް ދުވަހެއް ވަންދެން ވެސް: ތުއްޓޭ

ތުއްޓޭ ޓީވީއެމްގެ ލައިވް ސްޓޫޑިއޯއެއްގައި ކެމެރާ އޮޕަރޭޓްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތުއްޓޭގެ ވެޑިން ޕާޓީ ބޭއްވި ދުވަހު މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް: ތުއްޓޭ ބުނީ އެންމެ އުފާވަނީ މަންމަ ދިން ނަސޭހަތް ގަބޫލުކޮށް ޓީވީއެމްގެ ވަޒީފާގައި ދެމިހުރެވުނީމަ ކަމަށް.

"އަޅުގަނޑު ގެންގޮސް ހަވާލުކުރީ ރުއްކޮށީގެ މުހައްމަދު މަނިކުއާ. މަނިކަކީ އޭރު ޓީވީއެމްގެ އެންމެ ސީނިއާ އެއް ކެމެރާމަން. އޭނާ އަކީ އޭރު ރާއްޖޭގެ އެންމެ ވަރުގަދަ ކެމެރާމަން،" ތުއްޓެގެ ވާހަކަތައް އެނބުރެމުން ދިޔައީ ފިލްމެއްގެ މަންޒަރުތަކެއްހެންނެވެ.

"ދެން އަޅުގަނޑު ގެންގޮސް މަނިކު ކިޔައިދޭން ފަށައިފި ކެމެރާ. ކެމެރާ، މަތިން ތިރިއަށް އެއްކޮށް ކިޔައި ދިނީމަ ގަންނާކުރެއްވި ބިރުން އަވަހަށް ގެއަށް ދިޔައީ. ދެން ގެއަށް ގޮސް އަޅުގަނޑު މަންމަ ގާތު ބުނެފިން މިއީ ވާވަރުގެ ކަމެއް ނޫނޭ. ނުވާނެއޭ މި ކަމެއް،" ތުއްޓެ ބުންޏެވެ.

"ދެން ނުދަން. އެގޮތަށް ނުގޮސް ހުއްޓައި ހަފުތާއެއްހާ ފަހުން އަނެއްކާވެސް ޓީވީއެމުން ގުޅައިފި. އަދި އަންގައިފި ޓީވީ އަށް ދާށޭ. ގޮސް އެތަނުގައި އުޅޭށޭ. އެހެން ނޫން ކަމުގައި ވަނީ ނަމަ ކަލޭ ދެން ވައްދާނީ ސިފައިންގެ އަށޭ."

ތުއްޓެގެ ބޮލުން ދުން އަރައިގަތެވެ. ފިލަން އުޅުނު ވަޒީފާގެ މަޅީގައި އޭނާ ހަމަ ރަނގަޅަށް ވެސް އެންމެ ފަހުން ބެދިއްޖެ އެވެ. އެ ހާސްކަމުގައި ވަނިކޮށް އެންމެ ފަހުން އޭނާ ސަލާމަތްކޮށްދިނީ އޭނާގެ މަންމަ އެވެ. އެ ދުވަހު މަންމަ ދިން ނަސޭހަތް ތުއްޓެ މިއަދު ވެސް ސިފަކުރަނީ އޭނާގެ 54 އަހަރުވީ ހަޔާތުގެ އެންމެ އަގުބޮޑު ރައުސްމާލުގެ ގޮތުގަ އެވެ.

"މަންމަ ބުނީ ކަމެއް ކުރާ ނަމަ ޝައުގުވެރިކަމާ އެކު، ވީ އެންމެ ރަނގަޅަކަށް އެކަމެއް ކުރަން އާދަކުރަން ވާނެއޭ. މިއަދު ގޮސް މާދަން ނުގޮސް، އެހެން ނަހަދައްޗޭ. ކަމެއް ކުރާ ނަމަ ރަނގަޅަށޭ ކުރަން ވާނީ. އެހެންވީމަ މުހައްމަދު ދާށޭ ޓީވީގައި މަސައްކަތް ކުރަން. ކިޔަވަން ނުދިޔައީމަ ނޫން ހެއްޔޭ މިއަދު އޮފީހެއްގައި މަސައްކަތްކުރަން ދާން ތި ޖެހުނީ،" މަންމަގެ އެ ނަސޭހަތުގައި ކިޔަމަންވެ ތުއްޓޭ ހިނގައިގަތީ އަނެއްކާވެސް ޓީވީއާ ދިމާލަށެވެ.

ރަތް ދޫލައެއް ނެތަސް އެ ދުވަހަކީ ތުއްޓެގެ ލައިފް އެއްކޮށް ބަދަލުކޮށްލި އޭނާގެ އެންމެ ދިގު ހިނގުމެވެ.

"މަންމަގެ ބަސް އަހައިގެން ގޮސް އެ ދުވަހު ޓީވީއެމް އަށް ދިޔަ ގޮތަށް މިއަދާ ހަމަ އަށް ވެސް އަޅުގަނޑު މި އުޅެނީ އެތަނުގައި. މިހާރު 36 އަހަރު ވަނީ. އަދި އެ ދުވަހުން ފަށައިގެން މިއަދާ ހަމަ އަށް ވެސް ނުހުންނާނެ އަޅުގަނޑު ވަޒީފާ އަށް ނުދާ ދުވަހެއް، ސަލާމް ބުނި ދުވަހެއް އަދި ގަޑި ޖެހުނު ދުވަހެއް ވެސް."

ތުއްޓޭ ރާއްޖެ އިން ބޭރަށް ކުރި ދަތުރެއްގައި އޭނާގެ ކެމެރާއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ޓީވީއެމްގެ ކްރޫއަކާ އެކު ތުއްޓޭ (ވ) ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ އަކީ މިހާރު ޓީވީއެމްގެ ވަޒީފާގައި އެންމެ ދުވަސްވީ ކެމެރާމަން.

އެންމެ އުފާވަނީ މަންމަގެ ނަސޭހަތުގައި ދެމިހުރެ މި ހިސާބަށް އާދެވުނީމަ. އެންމެ އުފާވަނީ ފަސް ރައީސުންގެ ފަހަތުގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ. އެންމެ އުފާވަނީ އަޅުގަނޑާ އެކުގައި މަސައްކަތްކުރި އެންމެންގެ ލޯތްބާއި އިހުތިރާމު އަޅުގަނޑަށް ލިބުނީމަ: ތުއްޓޭ

ޓީވީގައި ކެމެރާމަނެއްގެ ޒިންމާތައް ރަސްމީކޮށް ކޮނޑުއަޅައި، އޭނާގެ ކޮނޑަށް ލައިގެން އަބަދު އުޅުނު ފުޓްބޯޅައިގެ ހުވަފެން އެހިސާބުން އެއްކޮށް ދޫކޮށްލީ އެވެ. އެއީ 'ކެމެރާމަން ތުއްޓޭ' ގެ ވާހަކަ ރަސްމީކޮށް ފެށުނު ދުވަހެވެ. އެކަމަކު މިގޮތަށް ލިޔެލާ ލިޔުމަކުން އޭނާގެ ހިދުމަތަށް އަދި ކިތަންމެ ތަރިއެއް ދިނަސް އޭނާގެ ގައުމީ މި ހިދުމަތުގެ އަގު އަދައެއް ނުކުރެވޭނެ އެވެ.

ތުއްޓެ އަކީ ހަމައެކަނި ޓީވީއެމްގެ ކެމެރާމަނެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް ގައުމީ ޖޯޝުން ފުރިފައިވީ ބަތަލެކެވެ. އޭނާ ދާން ބޭނުން ނުވި ވަޒީފާގައި އެންމެ ފަހުން މުޅި މި ގައުމުގެ އެންމެންނަށް ހިދުމަތް ކުރުމުގައި ދެމިހުރެ ނަމޫނާ ދެއްކި ލެޖެންޑެކެވެ. ދިވެހިންގެ ޓީވީ އާއި ފިލްމުގެ ދުނިޔޭގައި ކުލަ ހެޔޮވަރުކޮށްދިން ހަގީގީ ފަންނުވެރިއެކެވެ.

އޭނާގެ ނަން އޮތީ ޓީވީގެ އެންމެ މަޝްހޫރު ޑްރާމާތަކާއި ޕްރޮގްރާމުތަކުގެ ފަހަތުގައި އެކަންޏެއް ނޫނެވެ. މުހައްމަދު ރަޝީދު (ތުއްޓެ) ގެ ނަން ނެތް ކްލެސިކް ޝޯއެއް، ޕްރޮގްރާމެއް ނުވަތަ ފިލްމެއް ވެސް ރާއްޖޭގައި ނުއުފައްދައޭ ބުނެވިދާނެ އެވެ. އެއް ވަނަ ކެމެރާމަނެއްގެ ގޮތުގައި އޭނާ ނެގި ޑްރާމާ އަކީ 'މަހުރަބު އިއްބެގެ ކުރެހުމަކީ ކަރުކެހުން ތަގުރީގު' ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން 'ފެނުއަޑީގެ ކެންސަރު' އެވެ. އޭގެ ފަހުން 'ކައްތިރި' އާއި 'ދިރިއުޅުމަކީ މިއީބާ؟" އަދި 'ހޭޔަންބޯ' އާއި 'ހެނދުނު ހެނދުނާ' އާ އަރައި ހަމަވިއިރު ވެސް ތުއްޓޭގެ މަސައްކަތުގެ އިރު އަދި މެދު ވެސް ނުޖެހެ އެވެ. ޓީވީއެމްގެ ޑްރާމާގެ ރަންޒަމާނުގެ ތަރި މެދުއުޑަށް ގެންގޮސްދިން 'ރޭޝަމް' އާއި 'އައިޝާ' އާއި 'ކުޅޭބޭބެ' ފަދަ އެތައް މަސައްކަތެކެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތުގެ ތާރީޚު ބަދަލުކޮށްލި ސިފައިންގެ ޑްރާމާ 'ވޭން' އާއި ދިވެހި ސިނަމާގައި މިއަދާ ހަމަ އަށް ވެސް ގެނެސްދިން އެންމެ ރީތި ލޯބީގެ ފިލްމުތަކާއި އެންމެ އަސަރުގަދަ ފިލްމުތައް ވެސް ނަގަން ކެމެރާގެ ފަހަތުގައި ހުރީ މި ތުއްޓޭ އެވެ. ކެމެރާމަނެއްގެ ގޮތުގައި އޭނާ ގައުމީ ފިލްމު އެވޯޑްސްގައި ތަރި ޖެހި ބޮޑު ފިލްމަކީ ރީކޯ މޫސަ އާއި މަރިޔަމް ނިޝާގެ 'ހައްގު' އެވެ. ދިވެހި ސިނަމާ ބަދަލުކޮށްލި ޔޫސޭގެ 'މަސްތު' އަދި އޮލިމްޕަހުގެ ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެގެންދިޔަ 'ނާއުއްމީދު' އާއި 'ކަލާޔާނުލާ' އަދި 'ޒުލޭޚާ' އަކީ ވެސް ތުއްޓެގެ ނެގުންތަކެވެ.

މި ހުރިހާ ޝޫޓިންތަކެއްގައި އުޅެމުން ދިޔައިރު ތުއްޓެ އަކީ ރާއްޖޭގެ ރައީސްގެ ކެމެރާމަން ވެސްމެ އެވެ. ޓީވީގެ ހަޔާތުގައި ވެސް އޭނާ އަކީ ރާއްޖޭގެ ފަސް ރައީސުންގެ އެއް ވަނަ ކެމެރާމަނުގެ ޒިންމާތައް އަދާކުރި ފުރަތަމަ ކެމެރާމަނެވެ. އަދި ރައީސްގެ އިވެންޓެއް ކެމެރާކުރަން ރައީސް އޮފީހަށް ފުރަތަމަ ދިޔަ ދުވަހަކީ މިއަދު ވެސް އޭނާގެ އެންމެ ކުލަގަދަ އެއް ހަނދާނެވެ.

ރައީސާ އެކު އިންޑިއާ އަށް ކުރި ދަތުރެއްގައި ތުއްޓޭ ކެމެރާއާ އެކު: އޭނާ އަކީ ޓީވީއެމްގެ ތާރީޚުގައި ވެސް ފަސް ރައީސުންނާ އެކު އެއް ވަނަ ކެމެރާމަންގެ ޒިންމާ އަދާކުރި ފުރަތަމަ ކެމެރާމަން.

ދިވެހި ފިލްމު 'ހައްގު' ގައި ތުއްޓޭ ކުރި މަސައްކަތުން އޭނާ އަށް ލިބުނު ގައުމީ ފިލްމު އެވޯޑާ ހަވާލުވަނީ: އެންމެ މަޝްހޫރު ދިވެހި ފިލްމުތައް ނެގި އެއް ކެމެރާމަނަކީ ތުއްޓޭ.

"އޭރު ވެސް ވަރަށް ފުޓްބޯޅަ ވެފައި ފެޝަން ވާނެ. އެ ދުވަހު ރައީސް އޮފީހަށް ދިޔައިރު އަޅުގަނޑު ހުރީ ބޯދިގުކޮށްލާފައި. އެންމެ ފެޝަން ވިދާ ގަމީހެއް ލައިގެން ޓެނިސް ބޫޓަކަށް އަރައިގެން ދިޔައިރު އަޅާފައި އޮތް ބެލްޓް ވެސް އޮތީ ގޮށްޖަހާފައި،" ހީގެންފައި ތުއްޓެ ކިޔައިދިނެވެ.

"ދެން އެ ދުވަހު ރައީސް އޮފީހަށް ގޮސް ރައީސްގެ ޝޫޓިން ނިންމާލާފައި އޮފީހަށް ދިއުމާއެކު އަޅުގަނޑު ހާޒިރުކޮށްފި. ހާޒިރުކޮށްފައި އަޅުގަނޑަށް އެންގީ ވަގުތުން ވަގުތަށް ބޯކޮށަން. ހަނދާން ވަނީ ލާރި ވެސް ދިން ހެން. ލާރި ދީފައި އެންގީ ހަމަ މިހާރުން މިހާރަށް ބޯކޮށާށޭ. ކަލޭގެ ތިހިރަ ސްޓައިލް އެއްކޮށް ބަދަލުކުރާށޭ. ތިޔަ ވިދާ ގަމީސްތަކާއި ބެލްޓެއް ވެސް ނޭޅޭނެއޭ ތި ގޮތަކަށް."

އެކަމަކު ކެމެރާމަނެއްގެ ގޮތުގައި ތުއްޓެ އޭރު ކަމަރު ބަނދެ ބާރުކޮށްފި އެވެ. އަދި އޭނާގެ ކެމެރާމަނުގެ ހަޔާތުގައިވީ ވިދުންގަނޑު އެ ދުވަހުން ފެށިގެންވީ އިތުރަށް ގަދަ އެވެ. އެކަމަކު އޭނާގެ މި ހިދުމަތްތަކުން ރަންރިހީގެ ދަޅަތަކެއް އެރުވިޔަސް ތުއްޓެގެ މި ހަޔާތުގައި އޭނާ ތަޖުރިބާކޮށްފައި ނެތް ހަފުލާއެއް އަދި އެބައޮތެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރާނެ ރަސްމީ ހަފުލާ އެކެވެ.

ގައުމީ އިނާމު ދިނުމުގެ ހަފުލާތައް ދަރުބާރުގޭގައި އެންމެ ގިނައިން ކެމެރާކުރި އެކަކަކީ ތުއްޓެ އެވެ. އެކަމަކު އެ ސްޓޭޖު މަތިން އޭނާ އަދި ނުފެނެ އެވެ. ނަމަވެސް ތުއްޓެގެ ހިތް އޮތީ ފުރިފަ އެވެ.

ތުއްޓޭ ޓީވީއެމްގައި: އޭނާގެ އުމުރުގެ ވަރަށް ގިނަ ދުވަހާއި ވަގުތު ހޭދަކޮށްފައި ވަނީ މި އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެންމެ އުފާވަނީ މަންމަގެ ނަސޭހަތުގައި ދެމިހުރެ މި ހިސާބަށް އާދެވުނީމަ. އެންމެ އުފާވަނީ ފަސް ރައީސުންގެ ފަހަތުގައި މަސައްކަތް ކޮށްލަން ފުރުސަތު ލިބުނީމަ. އެންމެ އުފާވަނީ އަޅުގަނޑާ އެކުގައި މަސައްކަތްކުރި އެންމެންގެ ލޯތްބާއި އިހުތިރާމު އަޅުގަނޑަށް ލިބުނީމަ،" ތުއްޓެ ބުނެލި އެވެ.

އެއަށް ފަހު އޭނާ ބުނެލީ މިހެންނެވެ.

"ވިސްނަންވީ އޮފީހެއްގައި މަސައްކަތް ކުރާއިރު އަޅުގަނޑުމެން އެ ތަނަށް ކަމެއް ކޮށްދޭން ޖެހެނީ އެތަނުން ތިމާ އަށް ކަމެއް ކޮށްދޭތީއެއް ނޫންކަން. އޭގެ ބަދަލުގައި މުޅި ގައުމަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި މަސައްކަތްކުރަން ވިސްނަންވީ"

"އަޅުގަނޑުމެން ކެމެރާއާ ކުޅެން ދަސްކުރީ ކެމެރާގައި އަތް ވެސް ނުލާ. ކެމެރާތައް އަތަށް ނުލިބޭއިރު ދުރުގައި ނުވަތަ ކައިރީގައި ބަލަން ތިބޭނީ ކެމެރާމަން އެއާ ކުޅޭތަން. ބަލަން ތިބެފައި ގަލަމަކުން އަތުގައި ނޯޓުކޮށްލާނީ ކެމެރާގެ ކޮން ތަނަކަށްތޯ އޭނަ ފިތާލީ،" މި އިންޓަވިއުގެ ރިކޯޑިން ފުރުނުއިރު ވެސް ތުއްޓެގެ ހަޔާތުގައިވީ ވާހަކަތައް ހުސްނުވި އެވެ.

އޭނާ އެ ގެންދަނީ އަދިވެސް، ކޮންމެ ދުވަހަކު ވެސް އައު މަންޒަރުތަކާއި ތަޖުރިބާތައް ރިކޯޑްކުރަމުންނެވެ.

މިދިޔަ 35 އަހަރުގެ ދިވެހި ރާއްޖޭގެ ވަރަށް ގިނަ މަންޒަރުތައް ވީޑީއޯގެ ގޮތުގައި ފެންނަން އެހެރީ ތުއްޓޭ އޭނާގެ ވަޒީފާގެ ޒިންމާތައް އަދާކުރި ފުރިހަމަކަމުންނެވެ. ބޮން ގޮއްވުމާއި ބަޑިޖެހުމާއި މުޒާހަރާތަކުން ފަށައިގެން ގޮސް ހިތްތަކަށް ފިނިކަމެއް ގެނެސްދިން އެންމެ އުފާވެރި މަންޒަރުތައް ވެސް އަހަރެމެންނަށް ރިކޯޑްކޮށްދިން އެކަމަކު އަހަރެމެންނަށް ނުފެނި ހުރި މީހަކީ އޭނާ އެވެ.

މިއަދު ވެސް އެހެރީ ގައުމީ ހިދުމަތުގައި ދެގޮތެއް ނުވެ ރިކޯޑްކޮށްލަ ކޮށްލަ އެވެ. ތުއްޓެ އަކީ ހަމަ އަސްލަށް ވެސް ރާއްޖޭގެ ރިކޯޑެކެވެ.

21 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 88%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކުބެ

13 October 2024

އަސްލުގަވެސް ތުއްޓޭއަކީ މަސައްކަތަށް ވަރަށް ފަރުވާތެރި ޝައުޤުވެރިކަމާއެކު މަސައްކަތްކުރާ މީހެއް. ދުވަހަކުވެސް ތުއްޓޭގެ ފަރާތުން އެހީތެރިކަމާ ހިތްހެޔޮކަންނޫނީ ފެނިފައެއްނުވޭ. ވަރަށް ބަރާބަރު މީހެއް އެއީ!

The name is already taken The name is available. Register?

މުރާސިލް

10 October 2024

"ސްކޫލްގައި ކިޔަވައިދޭ ދުވަސްތަކުގެ ތެރެއިން ޖެހިޖެހިގެން 10 ދުވަހު ސްކޫލް ކަޓުވާލައިފި ނަމަ ރައީސް އޮފީހަށް އެ ކުއްޖެއްގެ ނަން ފޮނުވާނެ އޭރު. އެންމެ ފުރަތަމަ ދޭނީ ނަސޭހަތް. އެގޮތަށް ތިން ފުރުސަތު ދީފައި އިސްލާހު ނުވެއްޖެ ނަމަ އަންގާނީ ސިފައިންގޭގެ ވަޒީފާ އަށް ވަންނަން،" ކިހާ އުފާވެރި އަދި ޒިންމާދާރު ކަމެއްް ހެއްޔެވެ؟ އެއްވެސް ކުއްޖަކު ޤައުމަށް ޚިދުމަތް ކުރުމުން ބާކީވިޔަ ނުދިނުމުގެ ފުރިހަމަ މިސާލެކެވެ.

The name is already taken The name is available. Register?

މުރާސިލް

10 October 2024

"މަންމަގެ ބަސް އަހައިގެން ގޮސް އެ ދުވަހު ޓީވީއެމް އަށް ދިޔަ ގޮތަށް މިއަދާ ހަމަ އަށް ވެސް އަޅުގަނޑު މި އުޅެނީ އެތަނުގައި. މިހާރު 36 އަހަރު ވަނީ. އަދި އެ ދުވަހުން ފަށައިގެން މިއަދާ ހަމަ އަށް ވެސް ނުހުންނާނެ އަޅުގަނޑު ވަޒީފާ އަށް ނުދާ ދުވަހެއް، ސަލާމް ބުނި ދުވަހެއް އަދި ގަޑި ޖެހުނު ދުވަހެއް ވެސް." މިޤައުމުގައި ނަމޫނާއަކަށް ބަލަށް މީ ކިހާ ''ފުރިހަމަ'' ނަމޫނާއެއް ހެއްޔެވެ؟ ތުއްޓޭއަށް އުފާވެރިކަން މިންވަރުކުރައްވާ އުމުރު ދިގުކުރައްވާށިއެވެ.

The name is already taken The name is available. Register?

ޟަމީރު

10 October 2024

ހަމަ ތިއަށް ވުރެން އަދި ގަދަ މީހެއް ތިތާ ހުންނާނެ..... އަތޫފު.... އޭނަގެ ލިސްޓް އަދި މާދިގުވާނެ

The name is already taken The name is available. Register?

ދެފައި އެއްތާކުނުޖެހޭ

10 October 2024

މިޒަމާނުގައި ސިވިލް ސަރވިސްގައި ތަޖުރިބާކާރުން ކަމަށް ބަލަނީ ދެފައި އެއްތާކު ނުޖެހި އެއްތަނުން އަނެއްތަނަށް ދުވާ މީހުންނެވެ. ތަނެއްގައި ހަރުލައި ހުރެގެން ހެޔޮހިތުން ތެދުވެރި ޚިދުމަތެއް ދޭ މީހަކު ނަމަ އެމީހަކަށް ދޭނޭ ކުރިއެރުމެއް ނޯވެއެވެ. ކުރިއެރުން ދެވެން އޮންނަނީ ދެފައި އެއްތާނު ނުޖެހި އެއްތަނުން އަނެއްތަނަށް ދުވާ، ވަގު ސެޓްފިކެޓާއި މަކަރާއި ހީލަތުގެ ސެޓުފިކެޓުގެ އަހުލުވެރިންނަށެވެ.

The name is already taken The name is available. Register?

އޮފީސް

10 October 2024

ތުއްޓޭ ފަދަ ޒަމާންވީ ޚިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ތެދުވެރި އިޚުލާޞްތެރި މަދު ބަޔަކު ދައުލަތުގެ އޮފީސްތަކުގެ ތެރޭގައި މަދުމަދުން އެބައުޅެއެވެ. އެކަމަކު އެއީ އެއޮފީސްތަކުގައި މިހާރު މާކަމުދަނިވި ބަޔަކަށް ނުވެއެވެ. އެ މީހުންގެ ކިބައިގައި ހުންނަ ތެދުވެރިކަމާއި ކަމަށްކަމޭހިތުމާއި ގަޔާވެގެން މަސައްކަތްކުރުމާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން މިއަދު ވެފައި އޮތީ ކަޓު ބޯދާ ކަމަކަށެވެ. އެހެންވެ އެމީހުންގެ ނަންގަނެލާނެ މީހަކު މިހާރަކު ނޫޅޭނެއެވެ.

The name is already taken The name is available. Register?

އުމަރު

10 October 2024

މި އާޓިކަލް އިން ދޭހަވި އެއްކަމަކީ، އޭރު ދިވެހި ގައުމު ހިންގަންތިބި ވެރިން ދިވެހިދަރިން އުފައްދަން ކުރި މިންނަތް މަސައްކަތް. ސީދާ ރައީސް އޮފީހުން ސްކޫލްތަކުގެ ކުދިންގެ ކަންތައް މޮނީޓަރ ކުރޭ. ކުއްޖާ ކިޔެވުން ދޫކަށްލިޔަސް އެހެން ކަމަކަށް ކުއްޖާ ތައްޔާރުކުރޭ.

The name is already taken The name is available. Register?

ކީސްފިލާ

10 October 2024

މިހާރު ވަޒީފާތަކުގައި އުޅޭ މީހުންގެ އިސްތަށިގަނޑު ކިތަންމެ ދިގުކޮށް ބެހެއްޓިޔަސް ނުވަތަ ހުޅިޖަހާފައި ބެހެއްޓިޔަސް އެފަދަ އަމުރެއް ކުރަންކެރޭ ވެރިޔަކުވެސް ނުހުރޭ.

The name is already taken The name is available. Register?

ޕީޗީ

10 October 2024

ގައުމީ އިނާމުތައް ދިނުމުގައި ހުރި އުނިކަން މިކަމުން އެނގިގެންދިއައީ. އަދި މީހަކު ސިޔާސީ ކުލައަކާ ގުޅިފައިނުވާނަމަ އެމީހެއްގެ މަސައްކަތުގެ އަގުވަޒަންނުކުރެވޭކަން މި ފެންނަނީ. އެދުމެއް ނެތި ވެދުން ކުރާ މީހުންނަކީ ތިފަދަ ޚިދުމަތްތެރިން. ސުވާލާ ޝަކުވާ ގިނަނުކޮށް މައިންބަފައިންގެ ބަސްއަހާ، ވެރިންނަށް ކިޔަމަންވެ، ނުލިބެނީ ކޮން އެއްޗެއްތޯ އަބަދު ނުބަލާ މީހުންނަކީ ވަޒީފާގަ ދެމިތިބޭނެ މީހުން.

The name is already taken The name is available. Register?

ނުހައްގު ހައްގު

10 October 2024

އިހުގެ އުސޫލުތައް މާ ސަޅިކަން ތުއްޓޭގެ ވާހަކައިން އެނގިއްޖެއެވެ. ފާޑެއްގެ ހައްގުތަކެއް އައި އައިނުން، މީހުންގެ އަހުލާގެއް، ޒިންމާއެއް ނެތް އެއްޗަކަށްވެ، މުޅި ގައުމު މިދަނީ ހަލާކުގެ ތެރެއަށެވެ. "ހައްގޭ ކިޔާ" ކަންކަން ވަކި އިމެއްގެ ތެރޭގައި ދައުލަތަކުން ހިފަހައްޓަން ޖެހެނީ ކީއްވެގެންކަން ތުއްޓޭގެ ސްޓޯރީއާއި މިއަދުގެ ހާލަތު އަޅާކިޔާލުމުން ވިސްނާލަން ފަސޭހައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454