ޚިޔާލު / ޑިޕްރެޝަން

ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!

ޑިޕްރެޝަނުން ސަލާމަތް ވުމަށްޓަކައި އެހެން މީހުން މަދަދު އިންތިހާ އަށް ބޭނުންވޭ.

ޑރ. މުހައްމަދު ޒިޔާދު

05 މާޗް 2017 - 06:39

10 comments

"...ދެން ފަހެ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޔާއަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އައިމިނަތު ފަރީދާ (އަސްލު ނަމެއް ނޫން) ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ ރުޖޫއު ކުރުމަށް އަމުރުކޮށް އަދި ލިބުނު ގެއްލުމުގެ ބަދަލުގައި އެއްލައްކަ ނަވާރަހާސް ރުފިޔާ އެކީ އެއްފަހަރާ ފަނަރަ ދުވަހުގެ ތެރޭގައި ދިނުމަށް އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ."

ކޮން ފަދަ އުފާވެރި ޚަބަރެއްތޯ އެވެ. އިންސާފު ލިބުނީ އެވެ. ފަރީދާ މޮޅުވީ އެވެ. އުފާ ފާޅުކުރުން އޮތީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި އެހެރަ އަންނަނީ އަލްއުސްތާޒާ އައިމިނަތު ފަރީދާ އެވެ. ދެ ކޯ ވަޅު ވަދެ، ގައިން ފެންދެމި، ހިކިވެ އަނަރޫފަ ވިޔަސް މިއަދު އޭނާ ހާސިލް އެކުރީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހައްގެވެ. އެންމެ މުހިއްމު އެވޯޑެވެ. ނަމަވެސް މިއަދު އެ އެވޯޑް އުފުލާނެހާ ބާރެއް އޭނާގެ ކިބަޔަކު ނެތެވެ. އަތެއް ފައެއް ހަލުވާލުމަކީ ފަރުބަދައެއް އުފުލުންހާ ބުރަ ކަމެކެވެ. ބަހެއް ބުނެލާނެހާ ހިތްވަރެއް އަދި ފަންވަރެއް ވެސް ނެތެވެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާ ދުނިޔެމަތިން ފޫހިވީ އެވެ.

އެހެންޏާ ފަހެ، އޭނާގެ ކުށަކީ އޮފީސް ކުދިންނާއެކު ދަތުރު ނުދިޔުމެވެ. ސަކަރާތްޖަހައި މަޖާ ނުކުރުމެވެ. ބޮސްއާ އެކީގައި ކޮފީތަކަށް ނޭރުމެވެ. އޭނާގެ ހިތް ގަނެވޭ ވަރަށް ވުރެ މާ އަގުބޮޑީ އެވެ. "އާރުޓީ ކަން ވެސް" މާ ގަދައީ އެވެ. އެހެންކަމުން ލިޔާށެވެ. އަދި ފަރީދާ އަށް އަންގާށެވެ.

" .....މި އޮފީހުގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ފަރީދާގެ ލަޔާގަތާއި ގާބިލުކަން މާ ދަށެވެ. އެކުގައި އުޅޭ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ހުނަރު ފަރީދާގެ ކިބަޔަކު ނެތެވެ. ވެރިން ދެއްވާ ނަޞޭހަތާއި އިރުޝާދު ފަރީދާ ގަބޫލް ނުކުރާތީވެ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ފަރީދާ މި އޮފީހުން މިއަދު ފެށިގެން ވަކިކޮށްފީމެވެ."

ފަރީދާ ޑިގްރީ ހާސިލް ކުރެއްވީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީއަކުންނެވެ. އޭނާ އަކީ އެ ބެޗްގެ ވެސް އެއްވަނަ އެވެ. ބަޔަކު ޒާތީ ތައައްސުބުން ފުރިގެން ކޮންމެ ގޮތަކަށް ލިޔުނަސް ހަގީގަތް އެނގޭ މީހުން ބައިވަރެވެ. ހަސަދައިގެ އަލިފާނުގައި ފަރީދާ ރޯވެ އަދަމުންދިޔައިރު އެހީއަށާއި މަދަދަށް ވެސް ގޮވި އެވެ. ނަމަވެސް ދުނިޔޭގެ ޖާހަތަށްޓަކައި އެކުވެރި ރައްޓެހިން ވެސް ދިނީ ބީރު ކަންފަތެކެވެ.

ލިބުނު ފުންހިތާމާގައި ފަރީދާ އަޑުން އަޑުނަގައި ރުޔެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށާއި އެކިއެކި މުއައްސަސާތަކަށް އެތައް ސިޓީއެއް ލިޔުނެވެ. ނަމަވެސް އެކަންވީ ކަނޑުގައި އަޅާލި ރޮނގެއް ފަދައިންނެވެ.

ރެހި އުކަންޖެހޭ މަސްއައިނަކަށް މުގުރާން އުކުމުން ދޯނި މަހާ ނުވާ ފަދައިން ފަރީދާ އެނބުރި ގެއަށް ދިޔައީ ހުސްއަތާ އެވެ. އެ ހިސާބުން ކަޅުވެން ބޮޑުމަސް ތިލަވެ ފަރީދާ ވަށައިލީ އެވެ.

"....އިއްޒަތްތެރި ފަނޑިޔާރު! ވަޒީފާ އަށް އަޅުގަނޑު ކުފޫހަމަނުވާ ކަމަށް އެ ބޭފުޅުންނަށް ވިސްނުނީ ވަޒީފާ އަދާކުރާތާ ފަސް އަހަރު ފަހުންތޯ އެވެ؟ އަޅުގަނޑުގެ ސިވިލް ސާވިސް އެޕްރައިސަލް ފޯމަށް 96 ޕަސެންޓް ދީފައި ވަނީ ނިދާފައި ތިބެތޯ އެވެ؟ މި ތިއްބެވި ބޭފުޅުންގެ މުނިފޫހިފިލުވައިދޭނެ ނީލަން މުދަލަކަށް އަޅުގަނޑު ނުވުމުން ވަޒީފާ އިން ކަނޑާލަން ޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. މިއޮތީ އަޅުގަނޑަށް މި ތިއްބެވި ބޭފުޅުން ކޮށްފައިވާ މެސެޖްތައް. ދައްކާފައިވާ ހަޑިހުތުރު ވާހަކަތައް. އަންހެނެއްގެ އިއްޒަތާއި އަބުރާ ކަރާމާތަށް މި ތިއްބެވި ބޭފުޅުން އަރާފައިވާތީވެ ފިޔަވަޅު އަޅައިދިނުމަށް އަޅުގަނޑު އެދި ގޮވާލަން..." ޝަރީއަތުގެ މަޖިލީހުގައި ފަރީދާ ހަގީގަތް ހާމަކުރި އެވެ.

އެބޭފުޅުން ދިފާއުގައި ދައްކާނެ ވާހަކައެއް ނެތުމުން ޖަވާބުދާރީ ވުމަށް ނަގަމުން ދިޔަ މުއްދަތުތައް ހަފްތާއިން މަސްތަކަކަށް ބަދަލުވަމުން ދިޔަ އެވެ. އެންމެ ފަހުން ޝަރީއަތް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔައީ އެވެ. ފަރީދާގެ މާޔޫސްކަން އިތުރުވެ ހަތަރު އުދަރެސް ފެނުޖެހުނީ އެވެ. ކުއްޔަށް އުޅެމުންދިޔަ ގެއިން ނިކުންނަން ޖެހުނީ އެވެ. ދަރަންޏަށް ފައިސާ ނަގަމުން ގޮސް ދަރާ ވިކުނީ އެވެ. މީހުންގެ މަލާމާތް ރައްދުވާ ވަރުން ލަދުން ބޯދިއްކޮށްލަން ވެސް ނުކެރެ އެވެ. ބޮޑެތި އިލްޒާމުތަކުން ފަރީދާގެ ފަސްބައި ކިލަނބުކޮށްލައިފައި ވަނީ ތިޔަހެނެއް ނޫނެވެ.

ކާހިތެއް ނުވެ އެވެ. ނިދެނީކީއެއް ނޫނެވެ. ކަމެއް ކުރާހިތް އެއްގޮތަކަށް ވެސް ނުވަނީ އެވެ. ލިބިފައިވާ ޓްރޮފީތަކަށް ބަލަހައްޓައިގެން އޮވެ އެކަނި ހުރެ ވާހަކަ ދައްކަން ވެސް ފަށައިފި އެވެ. ކިޔެވީ ކީއްކުރަންހޭ ބުނެ އަމިއްލަ ނަފްސު ކުށްވެރި ކުރަން ފަށައިފި އެވެ. އިރުކޮޅަކުން ހީގަނެފާނެ އެވެ. ދެން ކުއްލިއަކަށް ހަޅޭލަވައިގެނެ ޓްރޮފީ ނަގައި ބިންމަތީގައި ޖަހައިފާނެ އެވެ. އަދި މަރުވަނީއޭ ކިޔައި ރޯން ވެސް ފަށައިފާނެ އެވެ. ފަރީދާގެ އާއިލާގެ މީހުންނަށް އޭނާ ބެލެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވުމުން އެންމެ ފަހުން ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކުރީ އެވެ.

ތިޔަ ވިދާޅުވެލެއްވީ ފަރީދާގެ ހަޔާތުން ކުޑަމިންވަރެކެވެ. އެއީ ޑިޕްރެޝަންގެ ޝިކާރައަކަށް އެ ފަކީރު ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. އޮފީސް މާހައުލުގައި ދިމާވި ހަނގާކުރުމާއި ނަސްލީ ތަފާތުކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ ނަތީޖާ އެވެ. އަޅުގަނޑުމެންގެ މި މުޖުތަމައުގައި ފަރީދާ ފަދަ އެތައް ބަޔަކު އެބަތިއްބެވެ. ހަގީގަތުގައި މިފަދަ މީހުންނަށް، އެހެން މީހުންގެ އަޅައިލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު، މުޖުތަމައު އިން އެކަހެރިކޮށް ބާކީ ކޮށްލުމަކީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.

މިފަދަ ދިމާވާ ބޮޑެތި ހިތާމަތަކުން އަރައިގަތުމަށް އެތައް ބަޔެއްގެ އެހީއާއި މަދަދު ބޭނުންވެ އެވެ. އިތުބާރު ކުރެވޭ މީހެއްގެ ގާތުގައި ދިމާވެގެން އުޅޭ ވާހަކަ ކިޔައިދޭށެވެ. އަޑުއަހާ މީހާ ކަނުލައި އަޑުއަހައި ރަނގަޅު ގޮތް ބުނެދޭށެވެ. ނަފްސާނީ ޑޮކްޓަރެއްގެ ނުވަތަ އެހީތެރިއެއްގެ ބޭނުން ހިފާށެވެ. ކެތްތެރިކަމާއެކު މާތް ﷲ ގެ ހަޟުރަތުގައި ދުއާ ދަންނަވައި އެހީއާއި މަދަދަށް އެދޭށެވެ. އަނިޔާ ލިބޭމީހާގެ ދުއާ އާއި އެކަލާނގެ އާއި ދެމެދު އެއްވެސް ހުރަހެއް ނުވެ އެވެ. ދުނިޔެ ރަންވުމުގެ ކުރިން އަސްބާބުގައި ހިފައި ހައްގަށް މަސައްކަތް ކުރާށެވެ.

10 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 92%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކހޖޖ

07 November 2020

ލިޔުމުގެ މަގްސަދު ވަރަށް ސާފު

The name is already taken The name is available. Register?

މަރީ

13 March 2017

މމި ޖީލުގެ ކުދިންނަށް އޮތީ ސަލާން ޖެހުމުގެ ސަޤާފަތެއްގެ ނު=ިކަމެތިކަން

The name is already taken The name is available. Register?

އަހުސަން

08 March 2017

އަހަރެންނަކީ ވެސް ހަމަ ތިހާލު ޖެހިފަވާ ފިރިހެން ކުއްޖެއް. ޤުރައިދޫއަށް އަދި ގެންދަން ނުޖެހޭކަށް. ތިކިއްޖާ ވާހަކަ އަޑުއިވުނީމަ ހަމަ ވަރަށް ދެރަވެއްޖެ. އަދި ތީ އަންހެން ކުއްޖެއްވީމަ ވާނެ ވަރު ވިސްނާލެވުނީމަވެސް ވަރަށް އަސަރު ކުރޭ. މި ދިވެހި ރާއްޖޭގެ އިންސާފު ހޯދަން އުޅޭ ބަޔަކަށް ވާނީ ހަމަ މިވަރު. އަމިއްލަ މީހަ ދަރަނިވެރިވެ އެންމެފަހުން ހަމަ މޮޔަވާނީ. ނަމުގަ ޤާނޫނުގަ އިންސާފުގެ ވާހަކަ އޮތަސް އެއީހަމަ ލިޔެލާ ބަސްކޮޅެއް އިންސާފު ހޯދަން އުޅުނު ބަޔަކަށް އެކަން ވަރަށް ރަގަޅަށް އިނގޭނެ

The name is already taken The name is available. Register?

އަހްމަދު

05 March 2017

ވަރަށް ފުރިހަމަ ލިޔުމެއް. މިއީ ރަާއްޖޭގައި ވަރަށް އާމުކޮށް ދިމާވާ ކަމެއް. ޝުކުރިއްޔާ ޑރ

The name is already taken The name is available. Register?

އޭބީ

05 March 2017

ދިވެހި ތަޢުލީމީ ހާލަތު މިއޮތީ ފުން އަދަވަޅެއްގައެވެ. އިޖުތިމާޢީ ފޭރާމޭ ކިޔައިގެން ވާހަކަ ދައްކާ ގިނަމީހުންވެސް ތިބީ ރޯ ބަރަހަނާގައެވެ. އަނދިރިކަމުން އެކަން އެގެންނެތީއެވެ. މަތީ ސެޓްފިކެޓްތައް ހިފައިގެން ކިތަންމެ ބަޔަކު ނިކުންކަމުގައި ވިޔަސް އޭގެތެރެއިން ގިނަބައެއްގެ ޢަޤީދާއާއި އީމާންތެރިކަން ހަމަ ސުމެކެވެ، ޤައުމުގެ ހަފަރާތުން ފެންނަނީ މީގެ މިސާލުތަކެވެ. މިކަމަށް މަގުކޮށައިދީ މަގުދައްކަނީ ހަރުފަތްބަރީގެ ހަމައެންމެ މަތިންނެވެ. ރަނގަޅުމަގުން ހިގަންބޭނުންވާ މީހުންނަށް އެކަމަށް ދަތިވަނީ މިހެންވެގެންނެވެ.

The name is already taken The name is available. Register?

ރަނޑު

05 March 2017

އަހަންނަކީވެސް ހަށިގަނޑުގަ ހުރި އުނިކަމެއްގެ ސަބަބުން މީހުންގެ ބުލީކުރުމާ މަލާމާތް ކުރުމުގެ ސިކާރަޔަކަށްވެ ދުނިޔެމަތިން ފޫހިވެފާ މީހެކީމެވެ ޑޮކުޓަރުގެ މި އިރުސާދާއެކު މިކަމުން ސަލާމާތް ވާން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަށް

The name is already taken The name is available. Register?

ކުމާރު

05 March 2017

ވަރަށް ތަފާތު ގޮތަކަށް ވަރަށް ކިޔާހިއްވާ ގޮތަކަށް ގެނެސްދީފާވާ ލިޔުމެއް ޑޮކުޓަރުގެ މިފަދަ ލިޔުންތަށް ގިނަގިނައިން ފެންނާނެ ކަމަށް އުންމީދުކުޜަން

The name is already taken The name is available. Register?

ވިސްނާތި

05 March 2017

ރާއްޖޭގެ މޮޑަރން ޖީލު މެލޭޝިއާގައި ކިޔަވާ ގޮތް ވެސް މަމެން ދަންނަމެވެ. އަދި އެމެން ތީސީސް ލިޔާ ގޮތާއި ތީސީސް ކޮޕީ ކުރާ ގޮތާއި މިހުރިހާ އެއްޗަކީ މަމެން އޭގެ އިނަރ ކޯރ އަށް ދަންދެން ދަންނަ އެއްޗެކެވެ. ރާއްޖޭގެ ޒުވާން ޖީލު މެލޭޝިއާ ގައި ކިޔަވަނީ ވެސް އަދި އެހެން ގައުމު ތަކުގައި ވެސް ކިޔަވަނީ މެނޭޖްމަންޓް ފަދަ ވަރަށް ސިމްޕަލް ސަބްޖެކްޓްސް ތަކެވެ. އެއީ ފަހާ ފޮށީގެ ތިނޯހަށް ރޮދިލެއްވުން ފަދަ ފަސޭހަ ސްކޮލަރޝިޕްސް ތަކެވެ. ސައެންސް އެއްވެސް ސަބްޖެކްޓެއް އަދި މެތެމެޓިކްސް އާއި ފިޒިކްސް އިން ފުރިފަިއވާ ސަބްޖެކްޓެއް ނުވެސް ކިޔަވާނެއެވެ. އެހެންވެ މިޚަބަރުގައި ތިޔަ ވިކްޓިމް އަށް ބަދަލުވި ފަރީދާ ޑިޕްރެޝަން އަށް ދާން ޖެހުނީ ސަރުކާރުގެ ވަޒީފާ އިން ވަކި ވުމުން. އެނޫން ނަމަ ދާން ނުޖެހޭނެއެވެ. މިސާލަކަށް އާރިކެޓްކްޓްރަލް އިންޖިނިއަރިންގް އަދި އިންޓީރިއަރ ޑިޒައިނިންގް ނުވަތަ ކްއަންޓިޓީ ސާރވޭއިންގް ފަދަ އެއްޗަކުން ޑިގްރީ ހެދިނަމަ ހަމަ އެކަނި ކުރެހުމުގައި ސޮޔެއް ޖަހާލަދޭނީ 1000 ޑޮލަރު ދިނުމުންނެވެ. މީ ރާއްޖޭގެ ޒުވާން ޖީލު ސްޕެޝަލީ އަންހެން ކުދިން ކެރިއަރ ބިލްޑް ކުރުމުގައި ވިސްނަން ޖެހޭނެ ކަމެކެވެ.

The name is already taken The name is available. Register?

ކޮންޑަމްރޭސް

05 March 2017

ސަރުކާރަކީ ސްޕެޝަލީ ސިވިލް ސާރވިސް އަކީ އެއީ ޕާރފޯމް ކުރުމަށް ވުރެން ބޮޑަށް އެންޖޯއި ކުރާ ބަޔެއް ސަރުކާރުގެ ރިސޯސް ތަކާއި. ސަރުކާރުގެ މަސައްކަތެއް ނަމަ ކުރަނީ އެއީ ސަރުކާރުގެ ކުންފުނި ތަކުންނެވެ. ދެން ރައީސް އޮފީހުންނެވެ. ދެން ސަރުކާރަކު ނުހުންނާނެ ސިވިލް ސާރވެންޓުން މަސައްކަތް ކޮށްގެން ނަތީޖާ ނެރެދޭ ތަނެއް. ދެން ޓީޗަރުން އަދި ނަރުހުން އެމަސައްކަތް ކުރަނީ އެއީ އެމެން އަމިއްލަ އަށް ފެނިގެންނެވެ. ސިވިލް ސާރވެންޓުން ކަމަށް މަމެން މާނަ ކުރަނީ އެއީ މިނިސްޓްރީ ތަކުގައި ކަމެއް ނުކޮށް އަލިފުލައިލާ ވާހަކަ ކިޔަން ތިބޭ މީހުންނެވެ. އެމީހުން ކަމަކީ މަޖާ ކުރުމެވެ. ސިވިލް ސާރވިސް އަކީ އެއީ ވަރަށް ބޮޑަށް ސްޓްރީމް ލައިން ކޮށް އަދި ޕީއެސްގެ މަގާމް ތައް އުވާލަން ޖެހޭނެ ތަނެކެވެ. ގާނޫނަކު ނޯންނާނެ ޕީއެސް މެން ތިބެން ޖެހޭނެ ކަމަށް. ޕީއެސް އަކީ އެއީ ދާއިމީ މަގާމް އަކަށް ވެގެން ނުވާނެއެވެ. އެވާން ޖެހޭނީ ރިވޯލްވިންގް މަގާމް އަކަށެވެ. ޕީއެސްގެ މަގާމް އުވާލާ މިނިސްޓްރީ އެއްގެ އެންމެ އިސްމަގާމް ގައި ހުންނަން ޖެހޭނީ 2 އަހަރުގެ މުއްދަތަށް ޑިރެކްޓަރ އެވެ. 2 އަހަރުގެ މުއްދަތު ހަމަވުމުން އަނެއް ޑިރެކްޓަރަށް އެމަގާމް ހަވާލު ކުރާނީ އެވެ. އެއިރުން ސަރުކާރުގެ އޮފީސް ތަކުގައި ކޮންޑަމް ރޭސް ނުޖަހާނެ ކަން އެއީ ކަށަވަރު ކަމެކެވެ.

The name is already taken The name is available. Register?

ދިސްވޭ

05 March 2017

ރާއްޖޭގެ ކިޔަވައިގެން އަންނަ ކޮމިއުނިޓީގެ އެންމެ ބޮޑު މައްސަަލަ އަކީ ކިޔަވައިގެން އަންނަ ކޮންމެ މީހަކު ބޭނުންވަނީ ހަމަ ސަރުކާރުގެ ވަޒީފާ އަދާ ކުރަން އެވެ. ޑިގްރީ މެލޭޝިއާ އިން ހަދާފައިވާ މީހަކު ނުޖެހޭނެ ދޯ ފަހަތަށް ޖެހެން. ސަރުކާރުގެ އޮފީހަކުން ކަނޑާލުމުން ދެން ރިސޯރޓެއްގެ ވަޒީފާ އަކަށް ނައްޓާލި ނަމަ ރިސޯރޓަކުން ވަޒީފާ ލިބޭނެއެވެ. އަދި އެއަށް ވުރެން ފަސޭހައިން އަމިއްލަ ކުންފުންނަކުން ވަޒީފާ ލިބޭނެއެވެ. އަމިއްލަ ކުންފުންނެއް ގެ ވަޒީފާ އަދި ރިސޯރޓް ތަކުގެ ވަޒީފާ އަކީ މާ ބޮޑަށް ހިތް ހަމަޖެހޭ ވަޒީފާ ތަކެވެ. މީގައި އެންމެ ބޮޑު މައްސަލަ އަކީ ބޭރުން ކިޔަވައިގެން އަންނަ ހުރިހާ މީހުން ސަރުކާރުގެ ވަޒީފާ އަށް ދިމާ ކުރާތީއެވެ. އެކަން އެކުރަނީ އެއީ ހިހޫ ތަނުން ކައިގެން ބޮޑު ގޮނޑީގައި ވޮޑިގެން އަމުރުުކުރަން ބޭނުންވެ ގެން ކުރާ ކަމަކަށް ވާތީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454