އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ބައެއްގެ މައްޗަށް އިއްޔެ ވަނީ ދައުވާ އުފުލާފައި. -- ފޮޓޯ: އޭއެފްޕީ
09 ނޮވެމްބަރ 2024 - 11:39
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން އަންގައިގެން މަސައްކަތްކުރި ކަމަށް ބުނާ ބައެއްގެ މައްޗަށް އެމެރިކާއިން އިއްޔެ ދައުވާކޮށްފި އެވެ.
ޓްރަމްޕްގެ އިތުރުން އީރާން ދަރިކޮޅުގެ އެމެރިކާގެ ނޫސްވެރިޔަކަށް ހަމަލާދޭން ރޭވި ކަމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ޓްރަމްޕް އަވަހާރަކޮށްލަން ރޭވީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކަމަށާއި އެއީ 2020 ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް ހުންނެވި އިރު އޭނާގެ އަމުރަށް ދިން ހަމަލާއެއްގައި އައިއާރްޖީސީގެ ޖެނެރަލް ގާސިމް ސުލައިމާނީގެ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް ކަމަށެވެ.
ދައުވާގައިވާ ގޮތުން މިކަން ހަވާލުކުރީ މިހާރު އީރާނުގައި ހުރި ކަމަށް ބެލެވޭ އަފްޣާނިސްތާނު މީހެއް ކަމަށްވާ ފަރުހާދު ޝަކަރީ، 51، އަށެވެ. ޝަކަރީ އާއި އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ އެމެރިކާ ދެ މީހުން ކަމަށްވާ ކާލިސްލް ރިވެރާ، 49، އާއި ޖޮނަތަން ލޯޑްހޯލްޓް، 36، އެވެ. މި މީހުންނަށް ވަކިން ދައުވާ އުފުލާފައިވަނީ ނިއު ޔޯކްގައި އުޅޭ، އީރާންގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކާ ނޫސްވެރިޔަކު މަރާލަން އުޅުނު ކަމަށް ބުނެ އެވެ.
އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޯފާ ރޭ ވިދާޅުވީ، މި ދައުވާތަކުން ހާމަވަނީ އިންތިޚާބީ ރައީސް ޓްރަމްޕާއި، ސަރުކާރުގެ އެހެން ލީޑަރުންނާއި އީރާންގެ ވެރިކަމަށް ފާޑުކިޔާ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށް އީރާނުން ރާވައި ނުރައްކާތެރި ރޭވުންތައް ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޝަކަރީ އަކީ އީރާންގައި އުޅޭ "އައިއާރްޖީސީގެ އެސެޓް" އެކެވެ. އޭނާ އަކީ ކުޑައިރު އެމެރިކާއަށް ހިޖުރަކުރި މީހެއް ކަމަށާއި އެކަމަކު ބޮޑު ވައްކަމެއްގެ ކުށް ސާބިތުވެ ޖަލުގައި 14 އަހަރު ހުރުމަށް ފަހު 2008 ވަނަ އަހަރު އޭނާ ޑީޕޯޓްކޮށްލާފައިވާ ކަމަށް ބުންޏެވެ.
"ފާއިތުވި މަސްތަކުގައި ޝަކަރީ ވަނީ އެމެރިކާގެ ޖަލުގައި ހުރި އިރު ބައްދަލުވި ކުށްވެރިންގެ ނެޓްވޯކެއް ބޭނުންކޮށްގެން އައިއާރްޖީސީއަށް އޮޕަރޭޓަރުން ހޯދައިދީ، އައިއާރްޖީސީގެ ޓާގެޓްތައް ހޯދައި މީހުން މެރުމުގެ ރޭވުންތައް ކުރިއަށް ގެންގޮސްފައި،" ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ލޯޑްހޯލްޓާއި ރިވޭރާ، ޝަކަރީގެ އިރުޝާދުގެ މަތިން، އީރާނަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތަކަށް ފާރަލުމުގައި އެތައް މަހެއް ހޭދަކޮށްފައިވާ ކަމަށެވެ. އީރާނުގެ ވެރިކަމަށް ފާޅުގައި ފާޑުކިޔާ މި ނޫސްވެރިޔާވަގަށް ނެގުމަށާއި މަރާލުމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު އެކި މީހުން މަސައްކަަތްކޮށްފައިވާ ކަމަށްވެ އެވެ.
އެމެރިކާގެ މި ތުހުމަތުތަކާ އެކު އީރާނުން މިއަދު ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
މި އަހަރު ތެރޭ ވަނީ ޓްރަމްޕް އަވަހާރަކޮށްލަން ދެ ފަހަރަކު މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ހަމަލާ ދިނީ އޭނާ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ. އެފަހަރު ސަލާމަތްވީ ބޮލަށް އަމާޒުކުރި އުންޑަ، ކަންފަތު ފޫޅުގަނޑަށް އެރުމުންނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
09 November 2024
އަދި އެއުޅެނީ ރައީސް ކަމުގެ ހުވާވެސް ނުކުރެވި. މިހާ އަވަހަށް އީރާނާ އެ ދިމާކޮށްލީ. ވެރިކަމަށް ހޮވެން ވެގެން އުޅުނު އިރުވެސް މިބޭ އީރާނަށް ވަރަށް ބަހުގެ ޙަމަލަ ދީދީފަ އުޅުނީ.
އަފްރާސިޔާބު
09 November 2024
ތިޔަ ކަމަކީ އެފްބީއައި އާއި ސީއައިއޭ ގުޅިގެން ޑްރަމްޕު ދުއްވާލަން ޖެހި މަޅިއެއްގައި ﷲގެ ކުޅަދުންވަންތަކަމުން ޓްރަމްޕް ސަލާމަތް ކުރެއްވުމުން އެކަމުގައި އުޅުމީހާ އެފްބީއާއި ސީއައިއޭ އިން މަރާލާފައި އީރާނުގެ ބޮލުގައި އަޅުވަން ކުޑައި އެމެރިކާއަށް ދިޔަ އަފްޣާން މިހެކޭ އައި އަރ ޖީސީ އޭ ފަލޮޅޭ ކިޔައިގެން ވެސް ބޮޑު ބުހުތާނު ވާހަކަތަކެއް ހަދައިގެން އެމެރިކާގެ ކުށްވެރިން ލައްވައި ޓްރަމްޕުގެ ދުވަސް ދުއްވާލަން އުޅެ ނާކާމިޔާބު ވެފައި ތިޔަވަނީ.