ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް: އޭނާ ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި ސުލްހަޔަށް މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
09 ނޮވެމްބަރ 2024 - 11:40
ފަލަސްތީނުގެ ޣައްޒާގައި "އިންސާފުވެރި އަދި ދާއިމީ ސުލްހައެއް" ގާއިމުކުރުމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
"އައްބާސް ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެ، ބައިނަލްއަގްވާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި އަދި ފުރިހަމަ ސުލްހައެއް ގާއިމުކުރުމަށް ޓްރަމްޕާއެކު މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި" ކަމަށް އައްބާސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސުލްހަޔަށްޓަކައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވެސް ދެއްވި އެވެ.
"ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ރައީސް އައްބާސް އާއި މި ސަރަހައްދާއި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާ އެކު އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ." ބަޔާނުގައިވެ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި އަމަލުތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ކުރިއަށް ގެންދިޔަ ރިޔާސީ ކެމްޕެއިނުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިޒްރޭލަކީ އެމެރިކާގެ "އެންމެ ގާތް ބައިވެރިޔާ" ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސް ނައްތާލާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
09 November 2024
މިވީހާތަނަށް މުސްލިމުންނަށް އެންމެ ދުއްޕާންކުރި އެމެރިކާގެ ރައީސަކީ ޓްރަމްޕް. އެވަރުގެ ނުބައިނުލަފާ މީހަކު ފަލަސްތީނަށް އެއްބާރުލުން ދީފާނެކަމާމެދު ސުވާލުއުފެދޭ. އަލަށް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމާއެކު ފުރަތަމަ ކަމަކަށްވެސް ކުރިކަމަކީ މުސްލިމުންނަށް ޖެއްސުންކުރުމާއި ގޯނާކުރުން. އަދި މުސްލިމުންނަށް އެމެރިކާއަށް ޒިޔާރަތްކުރުންވެސް އޭނާއަކަށް ހަޖަމެއްނުވި. އެވަރުގެ މީހެއް ތިޔަ ޓްރަމްޕެޓަކީ
ގަމާރިންގަ
09 November 2024
ތިކަމެއްގަ އުޅޭތާ ކިހާދުވަހެއްވެއްޖެތަ؟ ތި އެމެރިކާގަ ކޮންމެ މީހަކު ހުއްޓަސް ތިކަމަކަށް ހައްލެއް ނާންނާނެ. މުސްލިމުން އެކަތިގަނޑަކަށް ވެގެން ނޫނީ ތިކަމެއް ނުވާނެ
ބައޮކަލޯ
09 November 2024
އަބަދުވެސް ދުޢާއަކީ އިޒްރޭލުގެ ޝައިޠާނީ އަނިޔާވެރިކަމުން ސަލާމަތްވެ، ފަލަސްޠީނަށް ދާއިމީ ޞުލްޙަވެރި ޙައްލެއް ލިބުން. ނަން މަޝްހޫރު ޢަރަބި ޤައުމުތަކުގެ ވެރިންގެ ހިތުގައި ފަލަސްޠީނަށް ޙަޤީޤީ އަޚުވަންތަކަމުގެ ލޯބި އަށަގަތުން. ފަލަސްޠީނަށް ހުރިހާ ގޮތަކުން އެހީތެރިކަން ދިނުން. އެމެރިކާ އަކީ އެމެރިކާ. މަސައްކަތްކޮށް ފަލަސްޠީނަށް ޞުލްޙަ ހޯދައިދީފިއްޔާ ކިތަންމެހާވެސް ރަނގަޅު
ދާދު
09 November 2024
ޓުރަންޕަށް ކަމެއްކުރެވެންޏާ ލަސްނުކޮށް ތިކަން ކުރާންވީ.