އިނގިރޭސި ވިލާތުގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އޮކްސައިޓެކްގެ ލެބެއްގައި މަދިރި މޮޑިފައިކޮށް އާލާކުރުމަށް ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ
20 ނޮވެމްބަރ 2024 - 06:54
އެފްރިކާގެ ކުޑަ ގައުމެއް ކަމަށްވާ ޖިބޫތީގައި މެލޭރިއާއާ ދެކޮޅަށް އާ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ހަފްތާއަކު ވެސް ޖެނެޓިކަލީ މޮޑިފައިޑް (ޖީއެމް) އެތައް ހާސް މަދިރިއެއް ދޫކޮށް، އަޖުމަ ބެލުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.
އޭޝިއާ އާއި މެދުއިރުމަތީގައި ވެސް އާންމުކޮށް އުޅޭ މަދިރިއެއް ކަމަށްވާ "އެނޯފިލްސް ސްޓެފަންސީ" ޖިބޫތީއަށް ތައާރަފްވެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ. މިއީ އާބަން ސަރަހައްދުތަކުގައި އާލާވާ އަދި އިންސެކްޓިސައިޑްތަކުން ނައްތާނުލެވޭ މަދިރިއެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ޖިބޫތީ އާއި އިތިއޯޕިއާގައި މެލޭރިއާގެ ކޭސްތައް އާދަޔާ ހިލާފަށް އިތުރުވުމުގައި މި ބާވަތުގެ މަދިރީގެ ދައުރު ބޮޑު ކަމަށާއި އެފްރިކާގެ އިތުރު ހަ ގައުމަކުން މިހާތަނަށް މި ވައްތަރުގެ މަދިރި ފެނިފައިވާ ކަމަށެވެ.
ޖިބޫތީގައި މެލޭރިއާ ކޮންޓްރޯލްކުރުމަށް ޖެނެޓިކަލީ މޮޑިފައިޑް މަދިރި ބޭނުންކުރަން ފެށުމުގެ ވިސްނުން އައީ ބްރެޒިލްގައި ޑެންގީ މަދިރިއާ ދެކޮޅަށް މަދިރި މޮޑިފައިކޮށްގެން ބޭނުންކުރާ ވާހަކަ، ރައީސްގެ ހެލްތް އެޑްވައިޒަރު އަބްދުﷲ އަހްމަދު އަބްދީ އަށް 2019 ވަނަ އަހަރު އިވި ވަޑައިގަތުމާ އެކުގަ އެވެ.
އިނގިރޭސި ވިލާތުގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އޮކްސައިޓެކް އިން އުފެއްދި "ފްރެންޑްލީ" މަދިރިއަކީ ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ފިރިހެން މަދިރި އެވެ. މި މަދިރީގައި އޭގެ ދަރިފަސްކޮޅު އާލާނުވާނެ ހާލަތެއް މެދުވެރިކުރުވާ ޕްރޮޓީންއެއް ހިމެނެ އެވެ.
މޮޑިފައިކޮށްފައި ހުންނަ ފިރިހެން މަދިރި ކިތަންމެ ގިނައިން ދޫކުރި ކަމުގައި ވިޔަސް އޭގެ ސަބަބުން އިތުރު ނުރައްކަލެއް ނޯންނަނީ ކަށި ޖަހައި ބަލި ފަތުރަނީ ހަމައެކަނި އަންހެން މަދިރި ކަމަށް ވާތީ އެވެ.
ފިރިހެން މަދިރި މޮޑިފައިކޮށްފައި ހުންނަ ގޮތުން އަންހެން މަދިރި ބިސް އަޅައިގެން ވިހެއުމަށް ފަހު އުފަންވާ މަދިރީގެ ސަބަބުން އެސޮރުމެންގެ އާބާދީ އިތުރުވުން ކޮންޓްރޯލްވެ އެވެ.
ޖިބޫތީން މެއި މަހު 40،000 ޖީއެމް މަދިރި ދޫކޮށްލައި މި ޕްރޮގްރާމް ފަށާފައިވާއިރު، އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ވަނީ ހަ މަސް ދުވަސް ވަންދެން ކޮންމެ ހަފުތާއަކު މި އަދަދަށް މަދިރި ދޫކުރަން ނިންމައިފަ އެވެ.
ޖީއެމް މަދިރިއާ މެދު، ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރާ ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތެވެ. ޖީންވޮޗް ޔޫކޭ އިން އިސްނަގައިގެން 2019 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އޮކްސައިޓެކްގެ ޓެކްނޮލޮޖީގެ ސަބަބުން މަދިރީގެ އިވޮލިއުޝަނާއި ބަލިތައް ފެތުރޭ ގޮތް ބަދަލުވުމުގެ ނުރައްކާ އޮންނާނެ އެވެ.
އޮކްސައިޓެކްގެ ނަތީޖާއާ މެދު ސުވާލު އުފައްދައި، އެ ޖަމިއްޔާއިން ބުނެފައި ވަނީ، ދަރިމައިނުވާ ފިރިހެން މަދިރިއާ އެކު އެތައް އަންހެން މަދިރިއެއް ވެސް ދޫކޮށްލެވިދާނެ ކަމަށެވެ. އަދި މިއީ އާންމުން ނޫޅޭ ހިސާބުތަކުގައި އުޅޭ "ވައިލްޑް" މަދިރި އާންމުންގެ ސަރަހައްދުތަކަށް ދޫކޮށްލެވޭ ހާލަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy