ކުރިނބީގެ ޓީ-ޖެޓީ ސަރަހައްދު: ބަނދަރުގެ މަސައްކަތް ހުއްޓުމުން އެތަން ވަނީ ރައްޔިތުން ނިކުމެ ކޮނެފައި
24 ނޮވެމްބަރ 2024 - 15:01
ހދ. ކުރިނބީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން، ދެ ބަނދަރު ގުޅުވާލާ ޓީ-ޖެޓީ ސަރަހައްދު އެ ރަށުގެ ރައްޔިތުން ނިކުމެ ކޮނެފި އެވެ.
އެ ރަށުން ވާހަކަ ދެެއްކި މީހަކު މިއަދު ބުނީ، ބަނދަރު ބޮޑުކުރަން 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރި ފަހުން އެ ތަން ކޮނެފައިވާ ކަމަށެވެ. ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ބަޔަކު ނުކުމެ، އެ ދެ ބަނދަރު ގުޅުވާލާފައިވާ ޓީޖެޓީގެ ސަރަހައްދު ކޮނެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ހަޅަޖަހާ މޫސުމުގައި ބަނދަރުގައި އުޅަނދުތައް ބާއްވައިގެން އުޅެން އުނދަގޫ ވަރަށް. އެހެންވެ، އަލަށް ހަދާ ބަނދަރާ ދިމާލުގައި ބާއްވަން ވެގެން އެ ދެމެދު ސާފުކުރީ ފުން ތަނެއްގައި ބާއްވަން،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ޓީ-ޖެޓީ ސަރަހައްދު އިއްޔެ ކޮންނަނީ.
އޭނާ ބުނިގޮތުގައި ބަނދަރު ހަދަން ގެންގުޅޭ ބައެއް ސާމާނު ވެސް އެ ރަށުން މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ނުނިމި މިހާރު ދިގުލަނީ އެ ތަނުގެ ޑިޒައިނަށް ބަދަލު ގެންނާތީ ކަމަށެވެ. އެ ތަނުގެ ކޮންސެޕްޓް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ޓީ-ޖެޓީ ސަރަހައްދު
ނޭކުރެންދޫގައި ވެސް ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ ބައެއް ސާމާނުތައް އެ ރަށަށް ބަދަލުކުރީ މަސައްކަތް އަވަސްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަނދަރުގެ މަސައްކަތްތައް މަޑުޖެހިފައި އޮތީމަ ނޭކުރެންދޫ ބަނދަރު ހަދަން ސްޕީޑް އަވަސްކުރަން ފޮނުވީ." އޭނާ ވިދާޅުވި އެވެ.
އެ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް މިދިޔަ އޮކްޓޯބަރު މަހު ފޮނުވި ސިޓީގައި ބުނީ ބަނދަރުގެ އެއްގަމު ތޮށިން ބޮޑު ބައެއް ހަލާކުވެފައިވާތި ބަނދަރުން ރަށަށް އަރައި ފައިބަން ބޭނުން ކުރަނީ އެންމެ ސިޑިއެއް ކަމަށެވެ.
އާއްމު ހާލަތްތަކުގައި ރަށަށް މުދާ ބާލަން ޖެހިއްޖެނަމަ އުޅަނދުތައް ބަނދަރުން ނެރެ، މުދާ ހުސްކުރުމަށް ފަހު އަލުން ބަނދަރަށް ވައްދަން ޖެހުމުން އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ވެސް ސިޓީގައި ބުންޏެވެ.
ކުރިނބީގައި މި ވަގުތު ކުޑަ ދެ ދޯންޏާއި ޑިންގީތައް ގެންގުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލިމްބާއި
24 November 2024
ތިހެން އުޅެން ވީ ބައެކޭ. ފަކީރާ ޖަހައިގެން ދެން ކޮނެ ނިންމާލާ. ދައުލަތައްވެސް ލުއިވާނެ. މި ދައުރުގަ ހިޔެއްނުވޭ ދެން އެއްޗެއް ލިބޭނެ ހެނެއް
ާއެގްރީ
25 November 2024
އަހަރުމެން ކުޑައިރު، ކަތީބުން ތިބި ޒަމާނުގައި، މިފަދަ ގޮތަކަށް ރައްރަށުގައި ކަކް ކުރަމުން އައީ. މި ޒަމާނުގައި މުޅިންމެ މި ފެންނަނީ ދެބަސްވުމާއި އަރާރުންވުން. ކަންކަން ފަސޭހަކަމާ އެކު ޓެކްނޮލޮޖީއާއި އެހެނިހެން ގޮތްގޮތުން ގައުމު ކުރި އަރާފައި ވާއިރު މުޅިންމެ މި ޑިމޮކްރެސީ ސިސްޓަމް ދިވެހިން އަހުލުވެރި ކުރުވަމުން ދަނީ ޖާހިލިއްޔަ ޒަމާނުގެ ވިސްނުމަށް.
އެހެންނު
24 November 2024
ދެދޯންޏަ ޑިންގީއަށް ފުދި އިތުރުވިޔަސް ސައިޒު ބޮޑުކުރަންއުޅެންހަދައިގެން ވާގޮތް. ކުރިންއޮތްބަނދަރު ކުޑައެއްނޫން.
އަޅި އަލީ
24 November 2024
"ކުރިނބީގައި މި ވަގުތު ކުޑަ ދެ ދޯންޏާއި ޑިންގީތައް ގެންގުޅެ އެވެ." ވަރަށް ވާހަކަ!! ދެން ތިޔަ ރަށަށް މަދުވަނީ އެއާޕޯޓަކާ ދޯނި އެހެލާ ބާލާނެ ފެސިލިޓީއެއް އަދި މަސް ބަންދުކުރާ ކާރުހާނާއެއް!
ޓީމް މަލްޝާ
24 November 2024
މިހާދަތި ދުވަސްވަރެއްގަ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ނިކުމެ އުމުރާނީ ތަރައްޤީ ހޯދަން އަމިއްލައަށް ބުރަމަސައްކަތްކުރުން ވ. މުހިއްމު!
ރަދީފްއޮފިޝަލް
24 November 2024
އާޓިކަލްގެ އެންމެ ފަހު ޖުމްލައިން ވަރަށް ގިނަ ވާހަކަ ކިޔައިދޭ.
ސަހަރޯއި
24 November 2024
އެކަމަކުވެސް ހެޔޮ. އާގުބޯޓުފަހަރަށް ވަދެވޭވަރުގެ ބޮޑުބަނދަރެއް ހަދަން މަމެންބޭނުން.
ވާނުވާ1
24 November 2024
ބަނދަރު ހެދީމަ އޮޑިދޯނި ފަހަރު ގިނަވާނީ. ތިރަށަކީ އަތޮޅުމެދުގަ އޮންނަ ރަށެއް.
ރަންތަރީސް
24 November 2024
ޒަމާނުއްސުރެ ހީވާގި ހިތްވަރުގަދަ ޒުވާނުން އުޅޭ ރަށެއް ކުރިނބީއަކީ. މިޔަ ސަރުކާރުގެ ފިނިހަކަ ސުޕީޑުގަ ކަންކަން ކުރަން ކުރާކަށް ނުތިބޭ މިޔޮށް ކޮށްލާނީ. މަރުހަބާ.
ރަންތަރީސްބެ
24 November 2024
2022 ގަ ފެށި ކަމެއް. ފިނިހަކަ ސްޕީޑީ ކޮންބައެއްކަން ނޭނގުނު. ކީއްވެ ވެރިކަން ނިމުނު އިރު ނުނިންމީ؟ ހީވާގި މީހުން މިހާ ދުވަހު ބަނދަރު ނަހަދާ ކީއްކުރީ؟
ފުއްޓަކި
25 November 2024
ކުރީސަރުކާރުން ނުނިންމާ ހުރި ހުރިހާ ކަމެއް މިސަރުކާރު އައިފަހުން ވަނީ ހުއްޓިފަ. އެއްވެސް ކަމެއް މިސަރުކާރުން ނުކުރޭ. މަނަދޫ މަގުހަދަން ކުރީސަރުކާރުން ގެންގޮސްފަހުރި ހޮޅިތައްވެސް އެހެން ދިމަދިމާލަށް ގެންގޮސް ހުސްކޮށްފި. ނާމަގު ޖެޓީވެސް އޮތީ ހުއްޓިފަ. ދާއިރާ މެމްބަރު އުޅެނީ ޕާޓީ ޕްރޮމޯޓް ނުކުރެވިގެން. ރައްޔިތުންގެ އެއްވެސް ކަމެއްގަ ނޫޅޭ. ދެން ވިސްނާނީ ގޮނޑިގެއްލިދާނެތީނުން.