ފިނޭންސް މިނިސްޓަރު ޒަމީރު: މޫޑީސް އިން ފާހަގަކޮށްފައިވާ ފަދައިން، ރާއްޖެ އަށް ބޭރު ފައިސާ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި.---ފޮޓޯ: މަޖިލިހުގެ އިދާރާ
04 ޑިސެމްބަރ 2024 - 09:23
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓިޔަސް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ފާހަގަކޮށްފައިވާ ރިސްކުތައް ކުޑަކުރަން، މިހާރު އަޅަން ފަށާފައިވާ މާލީ އަދި އިގުތިސާދީ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ ރޭޓިން މޫޑީސް އިން "ސީއޭއޭ2" އަށް ބަދަލުކޮށް، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އައުޓްލުކް "ރިވިއު" އަށް ލައިފަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެ އިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން އޭރު ބުންޏެވެ.
އެކަމަކު ރޭޓިން ރިވިއު ކުރި މުއްދަތަށް ފަހު، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި އަދިވެސް ދަމަހައްޓަން ނިންމީ މޫޑީސް އިން އިއްޔެ ބުނި ގޮތުގައި، ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ރިއާޔަތްކޮށެވެ.
ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭއިރު، މޫޑީސް އިން ބުނި ގޮތުގައި، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ފިލައިގެނެއް ނުދެ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މޫޑީސް އިން ވެސް ފާހަގަކޮށްފައިވާ ފަދައިން، ރާއްޖެ އަށް ބޭރު ފައިސާ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލް ވެފައިވާ އެވެ. އޭގެ ތެރޭގައި، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އާއި އިންޑިއާއާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ގޮތަށް، ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން، ދަރަނި ދެއްކުމަށް އޮތް ރިސްކުތަކަށް ހައްލެއް ލިބޭނެ އެވެ.
އަމިއްލަ ފަރާތްތަކާ ގުޅިގެން، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ހަރުދަނާކުރަން ފައިނޭންސިން ހޯދައި، ތެލަށް ކުރާ ހޭދަ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"މޫޑީސް އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ދިވެހި ސަރުކާރުން ބަލައިގަނެ، މިހާރު އަޅަން ފަށާފައިވާ މާލީ އަދި އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒު ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ އިސްލާހީ އެޖެންޑާ ފުރިހަމައަށް ތަންފީޒު ކުރެވުމުން، ރާއްޖޭގެ އިގުތިސާދަށް ކުރިއެރުން ލިބި، ދެމެހެއްޓެނެވި މިންވަރަކަށް ދަރަނި ގެނެވޭނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
އަންނަ އަހަރު ދަރަނި ދައްކަން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު، ޖެހިގެން އަންނަ 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން އާ ގާތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިޓިކަލް އާރޓް
05 December 2024
ދިވެހި ރައްޔިތުން ބަނޑަށް ޖައްސަން ބޭނުންނުވަންޏާ އަހަރެން މިބުނާގޮތް ހަދައިދީބަލަ ރައްޔިތުން ވޯޓުންހޮވާފައިތިބި މިހާރު މަޖިލީހުގައި އަދި ވަޒީރުންގެ މުސާރަ ދެގުނަ ކުޑަކުރުން ދެވަނަކަމަކީ ރައްޔިތުންގެ ވޯޓުންހޮވާފައި މިހާރު ފެއިލްވެފައި ތިބި އެންމެންނަށް ދޭ އެލަވަންސް ތައް ހުއްޓާލުން ތިންވަނަ ކަމަކަށް ބޭރުގައި ޤާއިމްކޮށްފައިތިބި އެންބަސީތަކުގެ މުވައްޒަފުން މަދުކޮށް އެމީހުންގެ މުސާރަތައް ކުޑަކުރުން ރައްޔިތުންނަށް ޓަކައި މިކަން ކުރަންކެރޭނެ ބާ!
ގައުމީ ދޫ!
04 December 2024
އެ ދާއިރާއެއްގެ ތައްލީމާއި ތަޖްރިބާއަކީ ދާއިރާތަކުގެ އިސްމަގާމްތައް ފުރާ މީހުންނަށް ކިހާ މުހިއްމު އެއްޗެއްކަން ދައުލަތުގެ ފިނޭންސް މިނިސްޓަރު ވާހަކަ އަޑު އަހާލުމުން ދިވެހިންނަށް އެނގޭނެ! ރާއްޖެއަށް ތެޔޮ ގަންނަން ބޭނުންވަނީ ސޯރސް މާރކެޓަކުން ނޫން. މިޑްލް މޭން އަތުން، މިކަމުން ވެސް ފައިދާވާ ބަަޔަކު އުޅޭނެތާ! ހެވެއްނު ގައުމާއި ރައްޔިތުން ބަނގްރޫޓްވިއަސް.
ޢަސްކަނި
04 December 2024
ތެލަށް ކުރާ ހޭދައިގެ ވާހަކަދައްކާއިރު ކަރަންޓު ބިލް ބޮޑު ކޮއްގެން ރައްޔިތު މީހާއްތުން ނަގައި ފަސައަށް ހަދަނި ކިހިނެއްބާ ؟
އަސްލީ
04 December 2024
ޓެކްސް ބޮޑުކޮށްފައި، ސަބްސިޑީސް ކަޑާލާފައި ސީޔާސީ މަގާމު އިންތިހާ އަށް އިތުރުކޮށްފައި ސިޔާސީ ބޭނުމަށް ދައުލަތުގެ ބަޖެޓުން އިންތިހާ އަށް އިސްރާފް ކުރަމުން އިގްތިސާދު އިސްލާހް ވާނޭގޮތެއް އަހަރެންނަކަށް ނޭގޭ. ވަޒީރަށް އިގްތިސާދު ނޭގުމަކީ ރައްޔިތުން ހަނާކުރަންޖެހޭ ސަބަބެއެް ނޫން.
އަފްރާސިޔާބު
04 December 2024
ވާސަރީވާ! ޚަރަދު ކުޑަކުރުމުގެ ބަރު ފިޔަވަޅުތަކެއްތާ ތިއަޅަނީ. ޓޫރިސްޓުން އައުން ހުއްޓުމަކަށް އަންނަނީ. ދެން ބުނޭ ކުރީ ސަރުކާރުން ކުރިކަމަކުންނޭ ނާންނަނީ.
އާދަންރަމީޒުބަޑޭ
04 December 2024
ސުވާލަކީ ދިވެހީންގެރާއްޖެއަށްް އާދެވުނު ހިސާބުން އިޤްތިސާދު ކުއްލިއަކަށް މިހާބޮޑު އަދަވަޅަކަށް ވެއްޓިގެން ބަގުރޫޓްވާ ހިސާބަށް މިދިޔައީ ކޮންހާލަތެއްމެދުވެރިވެގެންތޯ؟؟؟
މަހްމޫދު ނަސީރު
04 December 2024
ސަރުކާރުން މިގައުމުގެ އިގްތިސާދުވެސް ހަމަޔަކަށް އަޅުވާނެ. ނަތީޖާ ނެރޭނެ. މިދިޔަ ސަރުކާރު ތަކުން ހޭވި ހަޑިތައް ސާފްކުރާނެ. އެކަންކަން މިދަނީ ފެންނަމުން.
އެކްސްް
04 December 2024
ކޮން އިސްލާހެއްގެ ވާހަކަ މިދައްކަނީ؟
ޒަނީރު
04 December 2024
ކިހިނެއް ކުރާނީ އެނެއްދުވަހު ކެންސަލް ކުރާނީ ކުރިންދުވަހު ބުނިއެތި.
ޔަގީންޓާރ
04 December 2024
ފިޔަވަޅެއް ނޭޅުނެތްނޫންތޯ! ޑަބަލް ޕެންޝަން ކަނޑާލާކަށް ނުކެރުނު، ސިފައިންނާ ފުލުހުންގެ ހައްދެއްނެތް މެޑިކަލް ސްކީމް އިސްލާހުކުރާކަށް ނުކެރުނު، ސަރުކާރުގެ ކުންފުނިތަކަށް ބޭނުމެއްނެތް ގޮތަށް އެތައްސަތޭކަ މުވައްޒަފުންނެތް ނެގުން ހުއްޓާލާކަށް ނުކެރުނު! ޚަރަދު ކުޑަކުރުމުގެ އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅިފައިނެތް!