މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ: ރާއްޖޭން ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް ހުއްދަ ނެތި އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭން ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
09 ޑިސެމްބަރ 2024 - 15:37
ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ހުންނަ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުންނަ ޑޭޓާ ލިބިގަތުން ނުވަތަ އެ ޑޭޓާއަށް އެކްސެސްވުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމުން 58 މެންބަރަކު ވަނީ އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
މި އިސްލާހަކީ ކުރީގެ ސަރުކާރުން ޑްރާފްޓްކޮށް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ބިލެކެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު ވެސް އެ ބިލާ މެދު އެއްވެސް ގޮތެއް ނިމިފައިނުވާތީ، އާ މަޖިލީހަށް އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކުރިން ވެސް ބިލް އޮތްގޮތަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި އިސްލާހަކީ ސައިބާ ކްރައިމްތައް ހުއްޓުވުމަށް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހެކެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުރާ ކުށަކާ ގުޅިގެން ނުވަތަ ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ އެ ނޫން ވެސް ކުށަކާ ގުޅިގެން ބޭރު ގައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ނުވަތަ 24/7 ނެޓްވޯކަކާ އެކު ރާއްޖޭގެ އިދާރާތަކަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.
ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި މައުލޫމާތު ހޯދުމުގެ ބާރު ވެސް އިސްލާހުގައި ދީފައިވެ އެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ކޮމްޕިއުޓަރު ޑޭޓާ ހާމަކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތުގެ ރުހުން، ގާނޫނާ އެއްގޮތަށް ހޯދުމަށްފަހު ރާއްޖޭގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއް ބޭނުންކޮށްގެން އެ ޑޭޓާ ލިބިގަނެވޭނެ ކަމަށާއި ނުވަތަ އެ ޑޭޓާއަށް އެކްސެސްވެވޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައިހުރި ޑޭޓާއަށް އެކްސެސްވެވޭނީ ދެ ހާލަތެއްގަ އެވެ. އެއީ؛
- އަމިއްލަ ފަރުދުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުން
- ރާއްޖޭގައި ގެއްލުން ލިބުނު މީހުންގެ އަދަދަށް ބަލާއިރު ނުވަތަ ގެއްލުމުގެ މިންވަރަށް ބަލާއިރު އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް މެދުވެރިވުން.
ބޭރު ގައުމެއްގެ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމާ ގުޅޭ ބޭރު ގައުމަކަށް އެ ޑޭޓާ ލިބިގަތް ނުވަތަ ޑޭޓާއަށް އެކްސެސްވި އިދާރާއިން އަންގަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ތަހުގީގަކަށް ނުވަތަ ޝަރީއަތަކަށް ހޯދާފައިވާ އެއްވެސް މައުލޫމާތަކީ ބޭރު ގައުމަކަށް ނޫނީ އެޖެންސީއަކަށް ބޭނުންވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ބޭރު ގައުމަކުން ނުވަތަ އެޖެންސީއަކުން ހުށަހެޅުމުން އެ މައުލޫމާތު ހިއްސާ ކުރެވިދާނެ އެވެ.
އެ މައުލޫމާތެއް ރައްކާތެރިކޮށްދީ، ރާއްޖޭގެ ކޮމްޕިޓަރެއްގައި ހުރި ޑޭޓާއަށް އެކްސެސްވެ، އެ މައުލޫމާތެއް ހޯދުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ބޭރު ގައުމަކުން ނުވަތަ އެޖެންސީއަކުން ހުށަހެޅުމުގެ އިހްތިޔާރު ވެސް އިސްލާހުގައި ވަނީ ދީފަ އެވެ. އަދި މި ހާލަތުގައި ޕްރޮސިކިއުޓާ ޖެނަރަލް އަމަލު ކުރަން ޖެހޭ ގޮތް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގާއި ޝަރީއަތްތަކަށް އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ ފަރާތެއް، ފުލުހުންގެ ހިދުމަތުގައި ގާއިމް ކުރަން ވެސް އެ އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ.
24/7 ނެޓްވޯކް އިން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން:
- ޑޭޓާ ޕްރިޒާވްކުރުން
- އިލެކްޓްރޯނިކް ހެކި ހޯދުން
- ގާނޫނީ މައުލޫމާތު ދިނުން
- ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވީތަނެއް ހޯދުން
- ފަންނީ ލަފާ ދިނުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބްސް
10 December 2024
މިގޮތަށް ކިތަންމެ ޤާނޫނެއް ހެދިޔަސް އެބަޔެއްގެ ފެންވަރު ނެތިއްޔާ ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ.
ރާވެރިބެ
10 December 2024
ޜާއްޖެއިން ބޭރުގެ ކޮމްޕިއުޓަރުތަކަށް ވަދެ ޑާޓާ ނަގަން ހުއްދަދޭ އިރު ރާއްޖޭގެ އެތެރޭގެ ހުރިހާ ކޮމްޕިއުޓަރަކަށް ވްދެ ނަގާނެ އެއްޗެއް ނަގާނެތާ! މިގޮތް ހެޕީތަ؟
އަކްމެޑް
10 December 2024
އެހެން ގައުމުތަކުގެ ގާނޫނަށްވުރެ ރާއްޖޭގެ ގާނޫނު ބާރުގަދައީތަ؟ ރާއްޖެއިން ބޭނުންވެއްޖިއްޔާ ނެގޭ، އެމީހުން ބޭނުމިއްޔާ މިޖެހެނީ ސިޓީބިޓީ ލިޔަން.
ވާނުވާ.
10 December 2024
ޢަވަހައް އިސްރާއީލް ރައީސްގެ ޕީސީ ފަޅާލާ...ހަހަހަހަ
ވާންޗޯސް
09 December 2024
މުޅި ގައުމު ބޮޑު ޖޯކަކަށްވެ ނިމިއްޖެ، ދިވެއްސެކޭ ބުނަންވެސް ލަދުގަނޭ މިހާރު.
ރާވެރިބެ
09 December 2024
މި ޙަބަރު ރަގަޅު ނަމަ ތިބުނަނީ ބޭރު ގައުމެއްގެ ފަރާތެއްގެ ކޮމްޕިއުޓަރަށް ވަދެ އެފަރާތުގެ ހުއްދައަކާ ނުލައި ޑޭޓާ ނެގުމަށް ދިވެހި ފުލހުންނަށް ހުއްދަ ލިބޭ ގާނޫނެއްގެ ވާހަކަ. ދިވެހިރާއްޖޭގެ ގާނޫނު ހިގާނީ ރާއްޖޭގަ ރާއްޖޭގެ ސަރަހައްދުތެރޭ. މޮޔަފުޅު ނުވޭ. ތިގޮތަށް ގާނޫނެއް ފާސް ކުރިޔަސް އެވާނީ ބައިނަލް އަގުވާމީ ކުށަކަށް. އަދި ބޭރުގެ އެފަދަ ގައުމަކަށް ރާއްޖެއާ ދޭތެރޭ އެގައުމެއްގަ އޮންނަ ގާނޫނުގެ ދަށުން އަދަބު ދެވޭނެ.
މޮޔަމީހެއް
09 December 2024
"ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި މައުލޫމާތު ހޯދުމުގެ ބާރު ވެސް އިސްލާހުގައި ދީފައިވެ އެވެ." މީ ދުނިޔޭގެ ކޮން މުއާހަދާ އެއްގެ ދަށުން ހުރިހާ ގައުމެއް އެއްބަސް ވެގެން ކުރާ ކަމެއްތޯ؟ އެހެން ގައުމެއްގައި ހުރި ސާވަރ ނުވަތަ ކޮންޕިއުޓަރަކަށް ހުއްދަ ނޮހޯދާ ވަނުމަށް ކިޔާ އުޅެނީ ހެކް ކުރުން. އެކަމަކީ އެއްވެސް ގައުމެއްގައި ހުއްދަ ކަމެއް ނޫން. އެހްވެ ނަމަ ރާއްޖެ ވެބްސައިޓް ކެކް ކުރީމަ ކުށަކަށް ނުވޭނެ. މީހަމަ ޖޯކެއް
އެމްސް
10 December 2024
އިންޓަނެޓް މެދުވެރިކޮށް އެހެން ޤައުމެއްގެ ބޭންކަކަށް ވަދެ ލާރި ނެގުމުގެ ހުއްދަ ނުދިންކަން ނަސީބުތާއެވެ!
މޮޔަމީހެއް
09 December 2024
މީ ކޮން ކަހަލަ ސުރުހީއެއް. ސާބަސް. ތިއައްވުރެ ރަގަޅަށް ތި އިބާރާއް ކުރުން ނޭގެނީތަ.
ޚެކެކެ
09 December 2024
ހީހީ ހަލާކު. ތި މީހުންގެ ނުހުންނާނެ އެ ފެންވަރު.
ަނޯނީ
09 December 2024
އަވަހަށް އެފްބީއައި ފަޅާލާ. ތިއޮތީ ހުއްދަ ލިބިފަ