ސްކޭމްތައް ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފުލުހުން މަރުކަޒީކޮށް، މި އަހަރުގެ މާޗު މަހު އެންޓި-ސްކޭމް ސެންޓަރު ގާއިމްކުރި ފަހުން މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި، ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 37 ޕަސެންޓު އަނބުރާ ހޯދާފައިވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި ހެޑް އޮފް އެންޓި ސްކޭމް ސެންޓާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމް ހުއްޓުވުމާއި ސްކޭމްތަކުގައި ގެއްލޭ ފައިސާ އަބުރާ ހޯދުމުގައި ރާއްޖޭގެ އެންޓި ސްކޭމް ސެންޓަރުން ހޯދީ އެހެން ގައުމުތަކާ އަަޅާ ބަލާއިރު ވެސް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޭމެއް ހިނގުމާ އެކު އެންޓި-ސްކޭމް ސެންޓަރުން އެންމެ އިސްކަމެއް ދީގެން ކުރަނީ އެ ސްކޭމެއްގައި ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތާއި ސްކޭމްގައި އިތުރު ބަޔަކު ޖެހުނަ ނުދީ، ސްކޭމަރުން ބޭނުންކުރި ވަސީލަތްތައް ނައްތާލުމުގެ މަސައްކަތެވެ. އެއީ ސްކޭމެއް ހިނގުމާ އެކު ވަގުތުން ކުރާ މަސައްކަތެއް ކަމަށް ވެސް ނަވީދު ވިދާޅުވި އެވެ.

ސައިބާކްރައިމް ސެންޓަރުން މިއަދު ބޭއްވި މީޑިއާ ބްރީފިން. ފޮޓޯ: ފުލުހުން
ސައިބާކްރައިމް ސެންޓަރުން މިއަދު ބޭއްވި މީޑިއާ ބްރީފިން. ފޮޓޯ: ފުލުހުން

އޭނާ ވިދާޅުވި ގޮތުގައި، އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން މިދިޔަ 10 މަސް ތެރޭގައި 37 ޕަސެންޓު ފައިސާ އަނބުރާ ހޯދައިދިނުމަކީ ކުރިއަރާފައިވާ 12 ގައުމެއްގެ އެންޓި-ސްކޭމް ސެންޓަރުތަކުގެ. ނަތީޖާއާ އަަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

"އަޅުގަނޑުމެންގެ މި ނަތީޖާއާ ކިރިޔާ ވެސް ހަމަކުރެވޭ ހިސާބެއްގައި މިއުޅެނީ ސިންގަޕޫރު، ދާދި ފަހުން އަޅުގަނޑު މިއައީ ސިންގަޕޫރުގެ އެންޓި-ސްކޭމް ސެންޓަރުގެ ބައްދަލުވުމުއްގައި ބައިވެރިވެފައި، ސިންގަޕޫރުގެ މި އަހަރުގެ ހިސާބުތަކަކީ، މި އަހަރުގެ މިހާތަނަށް ސިންގަޕޫރުން އެކަނި އެއް ބިލިއަން ޑޮލަރު ސްކޭމަރުން ފޭރިގަނެފި. އެ ބޭފުޅުންގެ މަސައްކަތުން ރިކަވާ ކުރެވިފައި ވަނީ 22 ޕަސެންޓް،" ނަވީދު ވިދާޅުވި އެވެ.

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމުގެ ކުރިން ރާއްޖޭގައި ސްކޭމްތައް ހިންގަމުން ދިޔައީ އޭނާ ވިދާޅުވި ގޮތުގައި މިހާރަށް ވުރެ މާ ގިނައިންނެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެކުށް އިތުރުވާން ފެށީ ކޮވިޑް-19 ޕެންޑެމިކްގެ ތެރޭގަ އެވެ.

ނަވީދު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000 އަށް ވުރެ ގިނަ ރައްޔިތުން ސްކޭމްތަކުގައި ޖެހި އޭގެ ތެރެއިން 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލުނެވެ.

އެންޓި-ސްކޭމް ސެންޓަރުގެ ބައެއް ތަފާސްހިސާބު

- ހުށަހެޅި މައްސަލަތަކުގެ އަދަދު: 1،663

- ގެއްލުނު ފައިސާގެ އަދަދު: 22.7 މިލިއަން ރުފިޔާ

- އަނބުރާ ހޯދި ފައިސާގެ އަދަދު: 8.5 މިލިއަން ރުފިޔާ

މިއަދުގެ ޕްރެސް ބްރީފިންގައި އެންޓި-ސްކޭމް ސެންޓަރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވި ގޮތުގައި ސްކޭމްތަކުގައި ފައިސާ ގެއްލިގެން އެ ސެންޓަރަށް މައްސަލަ ހުށަހެޅި 539 މީހެއްގެ އަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ހޯދުނު އިރު 143 މީހެއްގެ އަތުން ގެއްލުނު ފައިސާގެ ބައެއް ހޯދި އެވެ.

ޢިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު
ޢިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު

ނަވީދު ވިދާޅުވީ، ސްކޭމްތަކުގައި ގެއްލުނު ފައިސާ އަނބުރާ ހޯދަން ކުރާ މަސައްކަތުގެ އިތުރުން ސްކޭމްތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާޖެނެރަލް ގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ވެސް އެންޓި-ސްކޭމް ސެންޓަރުން އަންނަނީ ކުރަމުން ކަމަށެވެ.

"އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުމެންނަށް ހުށަހެޅުނު މައްސަލަތަކުގެ 37 ޕަސެންޓޭ ރިކަވާވީ. އަަޅުގަނޑުމެންގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ބާކީ އޮތް 63 ޕަސެންޓް މައްސަލަ އަށް ވެގެންދާނީ ކިހިނެތްތޯ؟ އަޅުގަނޑު ދަންނަވާނީ އާ އަަހަރު ފަށާއިރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، އަޅުގަނޑުމެން އެންމެ ޕްރިއޯރިޓީ ދޭނެ ކަމަކީ މި ދެންނެވި 63 ޕަސެންޓު މައްސަލަތައް، އިރާދަކުރެއްވިއްޔާ މީގެ 30 އިންސައްތަ ދައުވާ ކުރުމަށް ޓަކައި މި ޖެހިގެން އަންނަ އަހަރު ޕްރޮސެކިއުޓް ކުރުމުގެ އަޒުމުގައޭ މިތިބީ،" ނަވީދު ވިދާޅުވި އެވެ.

އެ ސެންޓަރުގެ މަސައްކަތް ހަރުދަނާކުރަން އަންނަ އަހަރު އިތުރަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.