ގޯލްޑެން ގްލޯބްސް 2025 ގެ ނޮމިނޭޝަންތައް ހޮލީވުޑްގެ އެކްޓްރެސް މިންޑީ ކެއިލިން އިއުލާންކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖެސް
10 ޑިސެމްބަރ 2024 - 07:08
އަންނަ އަހަރު ބާއްވާ ގޯލްޑެން ގްލޯބްސް އެވޯޑުގެ އެންމެ ގިނަ ނޮމިނޭޝަންތައް ފްރާންސްގެ ފިލްމެއް ކަމަށްވާ "އެމިލިއާ ޕެރޭޒް" އަށް ލިބިއްޖެ އެވެ.
ގޯލްޑެން ގްލޯބްސް 2025 ގެ ނޮމިނޭޝަންތައް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ކަރްލާ ސޯފިއާ ގަސްކޯން އާއި ޒޯއީ ސެލްޑާނިއާ އަދި ސެލީނާ ގޯމޭޒް މުހިންމު ރޯލުތައް ކުޅުނު "އެމިލިއާ ޕެރޭޒް"އަށް ވަނީ 10 ނޮމިނޭޝަނެއް ލިބިފަ އެވެ. އޭގެ ތެރޭގައި، މިއުޒިކަލް ނުވަތަ ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަން އާއި އިނގިރޭސި ބަސް ނޫން ބަސްތަކުން ގެނެސްދީފައިވާ ފިލްމުތަކުގެ ކެޓަގަރީން ވެސް އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަން ހިމެނެ އެވެ.
ދެވަނަ އަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފިލްމަކީ ތާރީހީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން "ދަ ބްރޫޓަލިސްޓް" އެވެ. އެ ފިލްމަށް ވަނީ ހަތް ނޮމިނޭޝަން ލިބިފަ އެވެ.
ސީރީޒްތަކުގެ ކެޓަގަރީން އެންމެ ގިނަ ނޮމިނޭޝަން ލިބުނީ އެމެރިކާގެ ކޮމެޑީ-ޑްރާމާ ސީރީޒް "ދަ ބެއާ" އަށެވެ. އެ ސީރީޒަށް ވަނީ ފަސް ނޮމިނޭޝަނެއް ލިބިފަ އެވެ. އަދި އެ ސީރީޒްއާ އެންމެ ގާތުން ވާދަކުރި ޖަޕާނުގެ ތާރީހީ ޑްރާމާ "ޝޯގަން" އަދި އެމެރިކާގެ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން"އަށް ވަނީ ހަތަރު ނޮމިނޭޝަން ލިބިފަ އެވެ.
މިފަހަރު އެންމެ ގިނަ ނޮމިނޭޝަންތައް ކާމިޔާބުކުރީ ނެޓްފްލިކްސްގެ އުފެއްދުންތަކުންނެވެ. އެއީ ފިލްމުތަކަށް ލިބުނު 13 ނޮމިނޭޝަނާއި ސީރީޒްތަކަށް ލިބުނު 23 ނޮމިނޭޝަނާ އެކުގަ އެވެ. ދެން އެންމެ ގިނަ ނޮމިނޭޝަންތައް ކާމިޔާބުކުރި އެޗްބީއޯ މެކްސް އާއި އޭޓުވެންޓީފޯ އިންނެވެ.
ދުނިޔޭގެ ފިލްމާއި ސީރީޒްތަކަށް ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ގޯލްޑެން ގްލޯބްސް އެވޯޑު ބާއްވަނީ އަންނަ މަހު ފަހެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy