ރައީސް ޑރ. މުހައްމަދު މުއިއްޒު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއާ އެކު: ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް އުޝާމް ވިދާޅުވި - ފޮޓޯ: މިހާރު
11 ޑިސެމްބަރ 2024 - 14:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި އެކަމުގެ ނިޔަތެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބާރު ގަދަކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށާއި އެކަން ނުކޮށް މި ސަރުކާރުން ހުއްޓައެއް ނުލާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ސަރުކާރުގެ ސްޓޭންޑަކީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވުން ކަމަށާއި އަދި މިހާތަނަށް ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ ސްޓޭންޑް އޮންނާނީ އެގޮތަށް ކަމަށާއި ޝަރުއީ ދާއިރާގެ އެއްވެސް ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން ވެސް، އެހެން ކޯޓެއްގެ ބެންޗު ބަދަލު ކުރުން ވެސް އަދި އެއްވެސް ކޯޓެއްގެ އެއްވެސް ކަމަކާ ގާނޫނާ ހިލާފަށް ބެހުމަކީ ސަރުކާރުގެ އެއްވެސް ނިޔަތެއް އޮތް ކަމެއް ނޫން، އަދި ސަރުކާރުން ކުރިއަށް ދާާނީ ވެސް އެ ގޮތުގައި،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭޖީ އުޝާމް: ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވި
އުޝާމް ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ވަކި މައްސަލައެއް ވަކި ގޮތަކަށް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުން ފަދަ ކަންކަމަކީ މި ސަރުކާރުން އެއްގޮތަކަށް ވެސް ކުރާނެ ކަމެއް ނޫން ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަން ހިނގާނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި އެ އޮންނަ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރިކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ބެންޗަށް ވެސް ބޮޑު ބަދަލެއް ގެނެސް، ދަށުގެ ކޯޓުތަކުގެ ގާޒީން ވެސް ކުރީގެ ސަރުކާރުގައި ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއިން ބަލައި، އެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައިވެ އެވެ. މިހާރު ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ވެސް ކުރީގެ ރައީސް އައްޔަން ކުރައްޔަން ކުރެއްވި ބޭފުޅުންނެވެ.
އޭގެކުރިން އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފައިވެ އެވެ. އެންމެ ފުރަތަމަ ގާނޫނު ބަދަލުކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާން ނާގާބިލް ކަމަށް ބުނެ މަގާމުން ވަކިކުރި އެވެ.
ދެވަނަ ފަހަރަށް ބެންޗަށް ބަދަލު ގެނައީ 2018 ވަނަ އަހަރު ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެކަމާ ގުޅިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖަލަށްލުމުން ދެ ބޭފުޅުން މަގާމު ގެއްލުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އަލުން އިތުރުކުރީ މިދިޔަ ސަރުކާރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްޔާނުގެ ދަންތުރަ
26 February 2025
އަނބުރާ ނުނުކުމެވޭވަރުގެ ދަންތުރައެއްގައި ސަކާރު މި ތާށިވެށިވެ ފަނޑިޔާރުންގެ އަތްދަށުވެފައި
ކައްޒާ
12 December 2024
ނިޔަތެނެތޭ ބުނެފިއްޔާ އެކަންކުރަން ނިންމާފަ އޮންނާނީ.
ބެންޗް
12 December 2024
މިހާރު ހުންނާނީ ތިކަން ރާވާ ނިންމާފަ. ޔަގީން
އޮނަރަބްލް އަފީފު ދީދީ
11 December 2024
ދައުލަތުގެ އެންމެ މަތީ ބާރު ކަމުގައިވާ ދިވެހި ދައުލަތުގެ ސުޕްރީމްކޯޓްގެ މިހާރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާއާއި އެ ކޯޓްގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންނަކީ ދިވެހި ރައްޔިތުންގެ ތެރެއިން "ގިނަ ބަޔަކު އެމީހުނާއިމެދު އިތުބާރު ކުރާ" ބަޔަކަށް ވާއިރު "އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންގޮތަކަށް" ސުޕްރިމްކޯޓް ފަނޑިޔާރު އަދި ބެންޗުގައިތިއްބެވި ފަނޑިޔާރުންނާއިކުޅެން ސަރުކާރުން މަސައްކަތްކޮށްފިނަމަ ދުނިޔޭގެކުރިމަތީގައި ރާއްޖެ ނިކަމެތިވެ އެކަހެރިވެދާނެ.
ބޮލު
12 December 2024
އުއްތޭ އަކަށް އިތުބާރެއް ނެތް. ޝަރުއީ ދާއިރާއަށް އަޅާލުން ކުޑަވެ ކްރިމިނަލް ކޯޓު ބޮލަށް ވެއްޓި، ކޯޓުތަކަށް މުވައްޒަފުން ނުލިބި، ގަލަން ފަންސޫރު ނުލިބޭ ވަރަށް ބަޖެޓު ހިފަހައްޓާލިއިރު ކޮބާ އޭނަ؟ ބޮލަކަށް ތިންވަނަ ބާރުގެ ވެރިޔާ ކިޔާފަ ބަހައްޓާނެ ކަމެއްނެތް. އެއްވެސް ކަހަލަ ހިންގުންތެރިކަމެއް ނެތް.
ވޮކީލް
11 December 2024
ބޭރުކުރަންޖެހޭ މީހުން ޖޭއެސްސީން ޖެހޭނެ ބޭރުކުރަން. ސިވިލް ކޯޓަކީ އެންމެ އަވަހަށް ހަމައަށް އަޅުވަންޖެހޭ ކޯޓު. އިންތިހާއަށް މައްސަލަ ހިންގުން ލަސް ނާގާބިލު ފަނޑިޔާރުން އެބަތިބި. އަޑުއެހުން ނިންމާފަވެސް ދެއަހަރުވަންދެން ހުކުމްނުކޮށް. މުސާރަ ނަގައިގެން ކުރާކަމެއް ނޭންގެ. ހީވާކަހަލަ ބޮޑު މަގާމުވީމަ ޒިންމާދާރުވާންނުޖެހި ބޭނުން ގޮތަކަށް އުޅެވެންޖެހޭނެޔޭ.
ސުރު
12 December 2024
ނޫނޭ ތިކަމެއް ނުވާނެ. ޝަކުވާކޮށްކޮށް ބަލިވެއްޖެ. އަޅާނުލާ ޖޭއެސްސީއަކުން. އެތާ ތިބި މީހުން ބޭނުންވާ މައްސަލަ ހިންގާ ދެންޏާ އެމީހުންނަށް އޯކޭވާނެ. އެމީހުންގެ މައްސަލައެއް ނުހިންގާ ދުވަހަކުން ކަމެއްވާނީ
ބުންޗު1
11 December 2024
ގޮނޑިތައް ބަދަލުކުރީމާ ބެންޗު އަމިއްލައަށް ހިނގައިދާނެ.
ހަސަންބެއްޔާ
11 December 2024
ނުކުރާނަމޭ ބުނާ ހުރިހާ ކަމެއް ކުރާ ބަޔަކު އެކަމެއް ނުކުރާނަމޭ ބުނީމާ، އަންނަނީ ހިންޏެވެ.
ގުއިއްޒު
11 December 2024
ގާނޫނާ ޚިލާފަކަށް ކޯތުތަކާ ނުބެހޭނެ. ބެހޭނީ ގާނޫނު ބަދަލު ކުރުމަށްފަހު. އޭރުން ތިކިޔާ އެއްޗެއް ދިމާވާނެ.
ނުބެހޭނެ.
11 December 2024
ނުބެހެ. އަތެއްވެސް ނުބާނާ. މަޖުބޫރު ކުރަނީ.
ދިވެހިބިން
11 December 2024
އެހެންވީއިރު ތި ޔަޤީންވީ ބަދަލުކުރާނެކަން!