ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޑިސެމްބަރ 2024 - 22:17
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން އުފެއްދި ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސެޓުލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދުތަކާ ގުޅިގެން އިބޫގެ މައްސަލައެއް އޮތްތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގައި އަދި ދައުވާ ކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އަންގަން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އެވެ.
އިބޫގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލައެއް ވެސް އޮތްތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގައި މައްސަލަތަކެއް އުޅޭ ނަމަ ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދެން ވެސް ކޮމިޓީން ފާސްކުރި އެވެ.
އިބޫ އާއި އަލީ ޝިޔާމަކީ ދެ ޅިޔަނުންނެވެ.
ކުރީގެ ރައީސް އިބޫ އާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމް.
އިބޫ އާއި އަލީ ޝިޔާމްގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމީ އެއީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާސް ކަމަށް ވާތީ އެވެ. ސެޓުލްމަންޓް އެއްބަސްވުންތައް ހެދީ ކެބިނެޓުގެ ދަށުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ.
އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އެދެން ނިންމީ މާލިއްޔަތު ކޮމިޓީން ބުނި ގޮތުގައި، އެއީ އެއްބަސްވުންތަކަށް ވާސިލްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ މައްސަލަތައް ކޮމިޓީ އަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ނިންމި ނިންމުންތަކަށް ބަލާއިރު، ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓުލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް ކަނޑައެޅި އެވެ.
ކޮމިޓީ އަށް އެގޮތަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވަނީ ނިންމައިފަ އެވެ.
މާއްލިޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ބޭރުން އެއްވެސް ބަޔަކަށް އެއްވެސް ބަދަލެއް ދީފައިވޭތޯ ބެލުމަށާއި އެގޮތަށް ބަދަލު ދީފައިވާ ނަމަ އެ އެއްބަސްވުންތައް ވެސް ބާތިލުކުރުމަށާއި ބަދަލުގެ ގޮތުގައި ދިން އެއްޗެއް ނުވަތަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ވެސް އެޓާނީ ޖެނެރަލް އާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން މާލިއްޔަތު ކޮމިޓީން ފާސްކުރި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު މަމްދޫހު ވިދާޅުވި ގޮތުގައި، ސެޓުލްމަންޓް ކޮމިޓީ މެދުވެރިކޮށް އިބޫގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު 7 ގައި އޭޖީ އޮފީހުން އަންގައިގެން އެ ފައިސާ ދޫކުރުން މިނިސްޓްރީން ވަނީ މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
12 December 2024
މިކަމުން އެނގޭހާވެސް އެއްޗަކީ، ދިވެހި ދައުލަތަށް އެކަކުވެސް އިތުބާރުކޮށްގެން ނުވާނެކަން. ސަރުކާރުން ވެފައިވާ ވައުދުތައް ބާތިލުކޮށް، އެ ވައުދުތަކާ ގުޅިގެން ކުރެވިފައިވާ މުއާމަލާތްތައް. އުވާލެވިގެން ނުވާނެ. މިކަހަލަ ކަންތަކަކީ ދިވެހިރާއްޖޭގެ އިތުބާރު، ދުނިޔޭގެ ފެންވަރުގައި ކެނޑޭނެ ކަންތައް.
އޮޑިހަނު
12 December 2024
އިތުބާރެއް އޮވެގެން ދޯ އެ ގެއްލޭނީވެސް. ތިބުނާ އެއްޗެއް ދިވެހިންގެ ކިބައިން ގެއްލުނުތާ އެތައް އަހަރެއް ވެއްޖެ. މިހާރު އާންމު މީހާވެސް ބަލަނީ ލިބުނު ގޮތަކުން ވަގުތުއޮތްއިރު ބޮނޑިވަރެއް ހޯދައިލަން. އެހެޔޮ މީހަކަށް ލަނޑެއް ނޫނީ ދޯކާ ދީގެން ވިޔަސްމެ. ކުރިން އިވޭނީ ކައިރިއަށް އޮތް ޤައުމެއްގެ މީހުން މިވެނި އެވެނި ގޮތަކަށޭ އުޅެނީ. ދެން އެކަމަކު މިހާރު ދިވެހިންގެ ވާހަކަ އަޑުއަހާފަ ހަމަ ލަދުގަނެ ދެރަވޭ.
ސަރުކާރުތައް
12 December 2024
ކޮންމެ ސަރުކާރެއްގެ ދައުރު ނިމުނީމައި ކުރީ ސަރުކާރުގެ ކަންކަން ބަލާ ނިމިގެން އެ ސަރުކާރުން ކަމެއް ކުރާނެ ވަގުތެއް ނޯވޭ. މިއަދަ އެބަ ޖެހޭ ހުއްޓުވެން. އެއްވެސް ބަޔަކަށް ގޯހުން ކަންކަން ނުކުރެވޭނެ ފަދަ ނިޒާމެއް ބިނާކުރާނެ ބަޔަކު ނާދޭ. ކޮންމެ ބަޔަކުވެސް ބަލަނީ ކުރިން ކޭ މީހުންނަށްވުރެ އަވަހަށް އެއަށްވުރެ ގިނައިން ކެވޭނެ ގޮތެއް.
އަސްލު........
12 December 2024
ބަދަލުގެ ގޮތުގައި ދެއްވާފައިހުރި ފައިސާއެއް ނުހޯއްދެވޭނެ، ބަދަލުގެ ގޮތުގައިކަމަށް ބުނެ އޮޅުވާލައިގެން ފައިސާއެއް މީހަކަށް ދެއްވާފައިވާނަމަ ހޯއްދެވިދާނެ، އިދިކޮޅު ލީޑަރ ސަރުކާރެއް އަހަރެއްވީފަހުން ޖަލްސާއެއް ބޭއްވީމަ އަނެއްދުވަހު އިއުލާން ތިކުރެއްވީ އެމަނކުފާނު ހައްޔަރަށް ގެންދޭނެ ގޮތެއްފެނޭތޯ ލަދުހަޔާއްކުޑަ.. .
ބަޑިތަކުރު
12 December 2024
ތިޔަ ފައިސާ އަނބުރާ ދައުލަތަށް ހޯދޭނީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނުދައްކާ ހުންނަ މީހާއާއި އޭނާގެ އަނބިދަރިން އިފްލާސްކޮށްގެންވެސް އެފައިސާއެއް ހޯދޭމިންވަރަށް ތިކަން ހަރުކަށިކޮށްގެންނެވެ. އެހެންނޫނީ ތިޔަވާނީ ހަމަނަމަކަށް ކުރާކަމަކަށެވެ. ކިތަންމެ ވަރަކަށް އަޑުއެރުވިޔަސް ދީފައިހުރި އެއްޗެއް އަނބުރާ ހޯދުމަކީ ވާނެކަމެއް ނޫނެވެ. ދެންވެސް ކަމެއް ކުރަންޏާ ކުރިޔަށް އޮތްތާނގައި އެފަދަކަމެއް ނުކުރެވޭގޮތަށް ޤާނޫނުތައް ހަރުދަނާކޮށްބަލާށެވެ.
ފީނާ
12 December 2024
އަމިއްލަ އެއްޗެހިހެން ތި ފައިސާ ބަހާލި މީހުނަށް ފުޔަވަޅު އަޅާ އަދި އެކަން ތަކުރާރު ނުވާނެގޮތް ހެދުން އެންމެ މުހިންމީ! އެމްޑީޕީއަށް ދެދައުރު ވެރިކަން ދެވުނުކަން ދެރައީ.
ފަރަންޖީ
12 December 2024
ދެ ޕާޓީއަށްވެސް ސިޔާސީ ކުޅިވަރު ތިހެން ކުޅެވިދާނެ. އެކަމަކު އާޚިރުގައި ގެއްލުންވަނީ ހަމަ ރައްޔިތުންނަށް. މިއަދު ތި ސެޓްލްމަންޓަތައް ކެންސަލްކޮށް ދައުވާ ކުރިވެދާނެ. މިއަންނަ ސަރުކާރުން އަނެއްކާ އިޔާދަ ކުރާނެ. މީން ކޮންމެ ބުރަކު ތިސެޓްލްމަންޓް ލިބޭމީހާއަށް އެތިކޮޅެއް އިތުރުވާނެ. ނިމޭއިރު ގެއްލުން މިވަނީ ހަމަ ރައްޔިތުމީހާއަށް.
ކިނާރީ
12 December 2024
މީނަ އެބަޖެހޭ ކޯޓަށް ދާން މީނަގެ ވެރިކަމުގަ އެހެން ރައީސަކު ވެސް ކޯޓަށް ދަނީ . އަންނާށޭ ބުނާއިރަށް.
ޒަރީލާ
12 December 2024
ޒިކުރާ މިސްކިތް ނާޅައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އެޑްވާންސް ގެ ގޮތުގައި ދިން 30 މިލިއަން ހޯދަން ތި ކޮމިޓީއިން ނުނިންމާނަމަ ތި ކަމުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭނެ! އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާ!
ޒާ
12 December 2024
ހަޖަމް ނުވި ޖަލުސާ
ހޯރަބޭ
12 December 2024
ރަނގަޅު ވާހަކައެއް. ހުރިހާ މައްސަލައެއް ބަލަންޖެހޭ. ކޮބައިތޯ އެޓޯލްސް މިނިސްޓްރީގައި ހިންގި ކޮރޮޕްޝަން މައްސަލަތައް. އަތޮޅު ފިހާރަތަކުގެ މައްސަލަތަކާއި ދިދަ ހެއްދި މައްސަލައާއި މިނޫންވެސް ބޮޑެތި މައްސަލަތައް