މީގެ ދެ އަހަރު ކުރިން ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ބޭއްވި އިހުތިޖާޖް: މިރޭ ވެސް ހަމަ އެ ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން ދަނީ އިހުތިޖާޖުކުރަމުން.-- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2024 - 22:34
މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަމުން ދަނީ ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ ހިސާބު ކައިރީގަ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޓެކްސީ ޑްރައިވަރުން އެ އިހުތިޖާޖު ފެށީ ދުއްވާ އެއްޗިއްސަށް ހުޅުމާލެއިން ހައިވޭއަށް ނޭރޭ ގޮތަށް އެ މަގު ބްލޮކް ކުރުމަށް ފަހުގަ އެވެ. މަގު ބްލޮކުރީ ޓެކްސީ ޑްރައިވަރުންގެ ކާރުތައް މަގު މެދަށް މަޑުކޮށްގެންނެވެ. ނަމަވެސް، ފަހުން ފުލުހުން ގޮސް ވަނީ ޓެކްސީތައް ދުރަށް ޖައްސުވައި އެ މަގުން ދަތުރުކުރެވޭނެ ގޮތް ހަދައިފަ އެވެ.
ފުލުހުންގެ އޮފިޝަލަކު ވެސް "މިހާރު" އަށް ވިދާޅުވީ އެ ސަރަހައްދުގައި އިހުތިޖާޖު ކުރިޔަސް އެ މަގުން ދަތުރުތައް ކުރެވޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން ފުލުހުން އަދި ކަށަވަރުކޮށް ނުދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ. ނަމަވެސް ޓެކްސީ ފްލީޓް ފެށުމަށް ސަރުކާރުން އަމަލީ ގޮތުން އަދި އެއްވެސް ކަމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރެމެޓިކްސް
12 December 2024
ސަރުކާރުން ވަޔާ ކަނޑާ އެއްގަމު ދަތުރުފަތުރުކުރޭ. ތެލާ، ފެނާ، ކަރަންޓާ، ކާބޯތަކެތީގެ ވިޔަފާރިވެސް ކުރޭ. ސަރުކާރުން ކުރާ ވިޔަފާރިތައް ކުރާ އަމިއްލަ މީހުން އެމީހުންގެ ރިޒުގު ބަންދުވެދާނެތީ މަގުމައްޗައް ނުކުމެ ރައްޔިތުންނަށް ޖެއްސުމެއް ނުކުރޭ. ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަކީ މިހާރު ޓެކްސީ ކުރާ މީހުން އިހުތިޖާޖުކޮށް އެހެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަންޖެހޭ ކަމެއް ނޫން. ޓެކްސީ ކުރާ މީހުންނަކީ މިހާރުވެސް ހިތުހުރިގޮތަކަށް އެޅޭ ބައެއް.
ކިނާރީ
12 December 2024
ވުޖޫދު ނުވާކަންކަން ، ހިޔާލަށް ޖައްސާ ވާހަކަ ހަދާ ސިޔާސި މީހުން ގިނަ ގައުމެއް. އަސްލެއް ނެތް ވާހަކަ ސިޔާސި ބޭނުމަށް ދައްކާ ސަމާލު ކަން ހޯދާ ، ގައުމުގެ މުސްތަގްބަލަށް ، ދިގުއުދުޅި ބާނަށް މަސައްކަތް ކުރާމީހުން ސިޔާސި މީހުން އުޅޭ ގައުމެއް. ވެރިކަން ކުރިޔަ ވެސް ދޭނީކީނޫން ރައްޔިތުން ގެ ވޯޓުން ހޮވާއިރު . ކޫސަނި ކަންކަމާ ހިފާނެ ކަންބޮޑު ކޮއްލާ ހަމަޖެހުން ނަގާލާނެ . ރަގަޅަށް ވެރިކަމެއް ނުކުރެވުނު ފުރުސަތު ދޭއިރު .
އެމްސް
12 December 2024
ކޮންމެ ޓްރާންސްޕޯޓް މިނިސްޓަރަކަށްވެސް އުޅެންޖެހެނީ ޓެކްސީޑްރައިވަރުންގެވެސް ދަށުވެގެންނެވެ! ޖެހިގެން އޮންނަ އަތޮޅަށް ދާން -/500 އާއި -/1،000 އާއި ދެމެދުން ނަގާ ޤައުމެއް މިނޫނީ އޮންނާނެ ބާއެވެ؟ ހުޅުމާލެއަށް ބަހެއްގަދާން -/1 އަށްވުރެ ބޮޑުވީމަ ބޮޑެވެ! ޓްކްސީއެއްގަ ނަމަ ކޮޅަކަށް -/10 ނެންގަސް ފައިދާވާނެއެވެ! އެހެނީ ހުޅުމާލެ ފޭސް 2 އިން ވިލިމާލެ ފެރީ ޓާމިނަލްއަށް ގޮއްސަ އަންނަން 1 ލީޓަރ ޕެޓްރޯލްވެސް ނުދެއެވެ!
ސަންނޭ
12 December 2024
މާލެ ތެރެއިން ޓެކްސީއެއް ހޯދަން ވެއްޖެއްޔާ އަހަރެމެން މިޖެހެނީ މަގު މަތީގައި އަތް ހޫރަހޫރާ ތިބެ މުޒާހަރާ ކުރަން. ކަލޭމެން ޓެކްސީ ޚިދުމަތޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ.
އަލީ ފާރޫގް
12 December 2024
ހަމަ މިގޮތަށް ، ސަރުކާރުން އެބަޖެހޭ ތި މީޑިއާނެޓް ކިޔާ ބަޔަކު ކުޅޭ މޮނޮޕޮލީ ހުއްޓުވަން. އެމީހުން ހިތަށް އެރި އަގެއްގަ އެ ދެނީ ޕެކޭޖް ތައް. އިހަކަށް ދުވަހު ގެނައި އަޕްޑޭޓެއްގެ ސަބަބުން ކުރިން ލިބެމުން ދިޔަ ބައެއް ޗެނަލްސް ތައް މިހާރަކު ނުފެނޭ.. އެހެން ބަޔަކަށް މިކަން ވިޔަނުދީ މުޅި ޤައުމުގަ މި މީހުންގެ ނުފޫޒް. ޓެކްސީ ޑްރައިވަރުންވެސް، މީޑިއާނެޓް ވެސް، މިކަހަލަ ނުފޫޒް ގަދަ ވަކިހިއްޕާފަ ތިބޭ މީހުން، ސަރުކާރުން އެބަ ޖެހޭ އެމީހުން ހަމަ ބިމަށް ގެންނަން.
ޙައްޕު
12 December 2024
ޥަރަށް ރަނގަޅު ވާހަކައެއް.
ހަސަން22
12 December 2024
ބަލަ ތިމީހުންނަކަށް މާލެ ތެރޭ ދަތުރެއް ނުކުރޭ އަދިވެސް އެމީހުންތަ އިހުތިޖާޖު ކުރަންވި
ކަރީމު
12 December 2024
މާލޭ އާއި އެއަރޕޯޓަށް ހުޅުމާލޭ ރައްޔިތުން ދާން އޮންނަ މަގު ބަންދުކުރުން ބަލައެއް ނުގަނެވޭ، އިހުތިޖާޖު ކުރަންވީ މުޒާހަރާވެސް ކުރަންވީ އެކަމަކު ތިމާމެންގެ ހައްގު ހޯދަންވީ އެހެންމީހުންގެ ހައްގުތަކަށް އަރާގެންތޯ؟
ނޯކަރު
12 December 2024
އެވެސް އާދައިގެ މީހާއަށް ޖެއްސުންކޮށްގެން. ބަލަގަ ނިކަން ބޮޑުންގެ މީހަކާ ދެކޮޅަށް ތިޔަ މުޒާހަރައެއް ކޮށްބަލަ. ށަޙާދެއް.
ދޫނުދޭތި
12 December 2024
ޓެކްސީ ޑްރައިވަރުންނަށް މިފަހަތު ސަރުކާރުން ދޫދީގެން ނުވާނެއޭ ދޫނ7ދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި ދޫނުދޭތި
ޒުނާދޮންބޭސް
12 December 2024
މިއި ޓެކްސީ ޑްރައިވަރުންނަށް ވެސް ހުތުރު އަރުވަން އުޅޭބައެއް ތިޔަ 20 ކަށް 30 ޑްރައިވަރުން އެކަނިތަ ޓެކުސީ ދުއްވާގެން އާމްދަނީ ހޯދަނީ، ހަގީ ޓެކްސީ ޑްރައިވަރުން މިއަދުވެސް ތިބީ ޓެކްސީ ކުރަން
ހަކީމް
11 December 2024
ވެރިކަމުގެ މިހާކުރީ ކޮޅުގައި ސަރުކާރާ މިހާ ގިނަބަޔަކު ނުރުހުންވި ވެރިކަމެއް ރައީސް ނާސިރުގެ ފަހުން އަދި ނާދެއެވެ. މަޖިލިސް ހިތަކަށް ލިބި ޤައުމު ހިތަކަށް ލިބުނީމައި ބޮޑާވެ ގަދަބަސް ނުބުނިނަމަ؟ ރައްޔިތުން އަތަށް ފަޔަށް އޮބި ނޯންނަވަރަށް ޓެކްސް ނުކުރިނަމަ؟ މަޖިލިސް ޢައުލަބިއްޔަތު ހޯދިއްޖެއެވެ. ކަންވެ ނިމި ބެލިއިރި ރައްޔިތުންގެ ޢައުލަބީއްޔަތެއް ނެތެވެ. ރައްޔިތުންގެ ފަޅި އެއީ ފަސްދާނުލެވުނު މީހުންގެ ފަޅިތޯއެވެ؟ ދިރިތިބީން އެބަ ޝަކުވާކުރެއެވެ.
ބަރުބާދު
12 December 2024
ހަކީމު ތީ ރައިއްޔަތުންގެ ހައްގުތަކަށްވުރެ އަމިއްލަހައްގު ނޫފުލޭވަރަށް ބޮޑުވެގެންއުޅޭ ޓެކްސީޑްރައިވަރެއްތަ؟.