މ. ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޑިސެމްބަރ 2024 - 11:44
މިއަދު ހެނދުނު މ. ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓެއް އެ އިދާރާއަށް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދެންމެ ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ އެހީތެރިކަން ބޭނުންވެގެން އެ އޮތޯރިޓީ އަށް މިހާތަނަށް 50 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ވަގުތީ ހިޔާވަހިކަން ހަމަޖައްސަން ބޭނުންވެގެން ލިބުނު އެއްވެސް ރިޕޯޓެއް ނުހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ ސަރަހައްދުގެ ގެތަކުން ނުކުންނަ ޖެހުނު އާއިލާތަކުން ދިޔައީ އެމީހުން އަމިއްލައަށް ހަމަޖެއްސި ހިޔާވަހިތަކަށް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ގްރީން ބިލްޑިންގްގައި ރޯވުމާ ގުޅިގެން، އެތަނުގެ ކައިރީގައި ހުންނަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން އެންޑީއެމްއޭ އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ވެސް ހަދައިފަ އެވެ. އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުން ފެތުރުމާ ގުޅިގެން، ކައިރީގައި ހުރި ގެތަކުން ވަނީ ގިނަ އަދަދެއްގެ މީހުން ހުސްކޮށްފަ އެވެ.
އެންޑީއެމްއޭ އިން ބުނީ އެހީތެރިކަން ބޭނުންވާ މީހުން އެ އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅުމަށް ނުވަތަ އިވެކުއޭޝަން ސެންޓަރަށް ދިއުމަށް އެދޭ ކަމަށެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހިންގާ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔަ އެންޑް ރެސްކިއު އިން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy