މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
12 ޑިސެމްބަރ 2024 - 15:44
ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލު ދިނުމަށް ހެދި އެއްބަސްވުންތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އިއްޔެ ފޮނުވި ރިޕޯޓް މަޖިލީހުގެ ޖަލްސާގައި މިއަދު ފާސްކުރީ 55 މެންބަރުންގެ ވޯޓާ އެކުގަ އެވެ. އެ ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އިބޫގެ އިތުރުން އޭރުގެ އިކޮނޮމިކް އަދި އެމްޑީޕީގެ ޗެއާޕާސަން މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދެން ވެސް މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓުގައިވެ އެވެ.
ދެ ޅިޔަނުން ވެސް ކަމަށްވާ އިބޫ އާއި އަލީ ޝިޔާމްގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމީ އަލީ ޝިޔާމަކީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމަށް ވާތީ އެވެ. އޭރު ސެޓްލްމަންޓް އެއްބަސްވުންތައް ހެދީ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ.
އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްސަލަ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އެދެން ނިންމީ މާލިއްޔަތު ކޮމިޓީން ބުނި ގޮތުގައި، އެއީ އެއްބަސްވުންތަކަށް ވާސިލްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ސަރުކާރު ހިމެނޭ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެހެންވެ، އެ ހުރިހާ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވެސް ނިންމާފައިވެ އެވެ.
ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ކުރީގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ ފައިސާ ދޫކުރުން އޭޖީ އޮފީހުގެ އެންގުމަކަށް ވަނީ މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
13 December 2024
އިބޫއަކީ ވަރަށް ގޯސްތައް ހެދިވެރިއެއް. ބާރުގެ ބޭރުން ނަހަމަ ގޮތުގައި ހިފައިގެން ވަކި ބަޔަކަށް ފައިދައި ހޯދައިދިން. ރައީސްކަން ކުރާ މީހުން ވެސް ޖަރީމާތައް ހިންގައިފިއްޔާ އެކަން ބަލަންޖެހޭ. ދެން ކޮންމެ މީހަކުވެސް ވެރިކަމަށް އަރާ ބޭނުންގިތަކަށް ވެރިކަންކޮށްފައި އެއްވެސް ކަމަކަށް ނުވަންޏާ މިގައުމުގައި ނޯންނާދެން ހަމައެއް ލަމައެއް. ރައްޔިތުން އެބަޖެހޭ ރޯފިލަން އެބަ
ދޮޅި ހުސޭނު
12 December 2024
މި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ވާހަކައަކީ އައު ވާހަކައެއް ނޫން. ކަންކަން ކުރަނީ ބުނާ ބަހާ ދިމާ އިދިކޮޅަށް. ކަމެއް ކުރާނަމޭ ބުނެފިއްޔާ އެކަމެއް ކުރާ ތަނެއް ނުފެންނާނެ. ކަމެއް ނުކުރާނަމޭ ބުނެފިއްޔާ އެކަމެއް ބަރާބަރަށް ލަހެއް ފަހެއް ނެތި ކުރާނެ. މުނާފިގުކަމުގެވެސް އިންތިހާ. މިއީވެސް ނުކުރާނަމޭ ސީދާ ވެރިމީހާގެ އަނގައިން ބުނާ އަޑު އިވިފައިވާ ކަމެއް. އެހެން ވީމަ އިހުލާސްތެރިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ!!!
އައްޑޫ އުދުހޭ އަފީފު
12 December 2024
މިކަން މުއިއްޒު ކޮށްފަ ބައިތުލްމާލުން ގެއްލުނު ބައި ހޯދަދީފިނަމަ ދެން އަންނަ ދައުރެއްގައި ރައްޔިތުން ބޮޑުތަނުން އާއެކޭ ބުނާނެ މިވެރިކަމަށް. ފައްޔާޒުމެން މުޅީން ގޯސްހެދީ
ކަަކު
12 December 2024
ކޮންމެ ބަޔަކު ދަވްލަތަށް ގެއްލުންވެ އަމިއްލަ ފައިދާއަށް ކޮއްފަ ހުންނަ ކަންތައް ބަލަންޖެހޭނެ ބަދަލް ދޭންވާނީ ޝަރީޢަތުގެ މަރުހަލާތައް ނިންމާފަ
ތެން
12 December 2024
ދީބާޖާއަށް ދިނުމަށް ކޯޓުން ހުކުމް ކުރީ ވަރަށް ބޮޑު އަދަދެއް. ބައެއްފަހަރު ނެގޯޝޮއޭޓް ކުރުމުން ދައުލަތަށް ލުއިވޭ. ދައްކަންޖެހޭވަރު ކުޑަވޭ!
މިއޮތީ
12 December 2024
މިއީ އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ސަރުކާރެއް. އެކަމަކު މިހުރިހާ ދުވަހު ތަހުޤީޤެއް ހިންގާކަށް ނޫޅޭ. ހުރިހާ އެންމެން ރައްޔިތުންނަށް ހިދުމަތްކުރަންށޭ ކިޔާފަ ރީތިކޮށް ތިބީ. ދެން މިހާރު ކުއްލިޔަކަށް ތަހުޤީޤެއް ހިންގާ ވާހަކަ ދެއްކުމުން މި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދަންޖެހޭ. މި ސަރުކާރަށް ކަމެއް ނުކޮށްދެވޭކަން ފޮރުވަން ނުވަތަ އެކަން އޮޅުވާލަން މިކަހަލަ ތަހުޤީޤެއް ހިންގާ ވާހަކަ ދެއްކުމަކީ ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް.
ރަށްފުށުސޮރު
12 December 2024
ތީގެން ބައިލާރި ފޮއްޗެއްވެސް އަނބުރާ ތިޔަ މީހުން އަތުން ނުހޯދޭނެ!
ސާރާސާ
12 December 2024
ބަދަލުދޭން ޖެހޭނެ ގޮތަށް ކަންތައްކުރި މީހުންވެސް ތަޙްޤީޤް ކުރަންވީނުން؟. ދައުލަތުން ގޯސްކޮށް ކަންތައްކޮށްފަނެތްނަމަ، ބަދަލުދޭން ނުޖެހުނީސް! ފުރަތަމަ ބަލަންވީ ދައުލަތަށް ގެއްލުން ލިބޭގޮތަށް އެއްބަސްވުންތައް އުވާލިމީހުންގެ މައްސަލަ…
ނޫމު
12 December 2024
ގައުމުގެ ކޮންމެ ސަރުކާރެއް ނިމި އެސަރުކާރުގެ އިސްވެރިން ޖަލަށް ދާންޖެހުމަކީ ގައުމު ސިޔާސީ ގޮތުން ތަސައްރަފު ނުގުދޭ ކަމުގެ ހެއްކެއް. މިކަން ހުއްޓުވުމަށް އިތް ހައްލަކީ މުއައްސަސާތައް ހަރުދަނާވެ، ގާނޫނުތައް ތަންފީޒު ކުރެވި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ވުން.
ގެދާނޯމޮސް
12 December 2024
މީނަ ފެއިލްވީމާ އަވަހަށް ޔާމިން މިނިވަން ކޮށްލައިގެން މިކަންތައްގަނޑު އޮއްބާލުމަށް ޑރ މުއިއްޒު އާއި ޔާމިން ޖެއްސޭތޯ ކުރި ހުރިހާ ކަމެއްފެއިލްވީ އެވެ، ކުށް އޮށްބާލަން ޕާޓީމީހުން އެއްކޮށް ހަދާނެއެވެ! ހުދުކާފޫރަށް ނުވެވޭވަރަށް ކައިފައި ވާ ރެކޯޑް މިންވަރެކެވެ.
ނަޝީދު މުހައްމަދު
12 December 2024
ވަގްތުން ވަގްތަށް ހިފާ ހައްޔަރުކޮށް ފުރިހަމަ އަދަބު ދޭންވީ.