ފޮރިން މިނިސްޓްރީގެ އިމާރާތް: ސީރިޔާގެ ހިސާބެއްގައި އިޒުލޭން ވަޒަންވެރިވާން އުޅޭތީ ދިވެހި ސަރުކާރުން އެކަން ވަނީ ކުށްވެރިކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ޑިސެމްބަރ 2024 - 16:00
ސީރިޔާގެ ސަރަހައްދެއް ކަމަށްވާ ގޯލަން ހައިޓްސް އިން އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ސަރަހައްދުގައި ޔަހޫދީ ވަޒަންވެރިން އިތުރުކުރަން އިޒްރޭލުން ނިންމުމުން އެކަން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒުރޭލުން މީހުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފުޅާކުރަން އިޒްރޭލުން ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ނިންމުމެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމަށް އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިޒުރޭލުން ސީރިޔާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަށް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ގަރާރުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިޒުރޭލަށް މަޖުބޫރުކުރުވުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުށް ދިވެހި ސަރުކާރުން ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އަމަލުކުރުމަށް އިޒުރޭލަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ތާއީދުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
ދިވެހި ސަރުކާރުން ބުނީ ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެ ގޮތަށް، އެ ގައުމުގައި ސުލްހަ އާއި ސަލާމަތާއި އިސްތިގުލާލު ގާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަވެރިން ފެށި ހަރަކާތްތައް ވަރުގަދަކޮށް، ވެރިރަށް ދިމިޝްގަށް ވަދެގަތުމާ އެކު ބައްޝާރު ވަނީ އިސްތިއުފާ ދެއްވުމަށްފަހު ގައުމުން ބޭރަށް ވަޑައިގެން ފިއްލަވައިފަ އެވެ. އަދި އެވަގުތާ ދިމާކޮށް، އިޒްރޭލުން ވަނީ ސީރިއާގެ ގޯލަން ހެއިޓްސްގައި މީހުން ވަޒަންވެރި ކުރުމުގެ މަސައްކަތް ފުޅާކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޒބސ
17 December 2024
ހަންފަތުރާ އިޒުރޭލު. މިމީހުންގެ ވަާހަކަ ފޮތްތަކުގައި ނުލިޔާށޯ. ޓެރަރިސްޓުންގެ ވާހަކަ ބުނެދޭށޯ. ނުލަފާ