ރިޕޯޓް

ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟

މީހަކު ވޭޕްކުރަނީ: ދުންފަތުގެ ބަދަލުގައި ބޭނުންކުރާ މިފަދަ ބާވަތްތައް ވެސް ކޮންޓްރޯލްކުރަން ވަނީ ޖެހިފައި. -- ފޮޓޯ | މިިހާރު

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ފެށިއަސް އެކަމާ މެދު މީހުން އެހާ ސީރިއަސް ހެން ހިއެއް ނުވެ އެވެ. އެގޮތަށް ނުވާންވީ ސަބަބެއް ވެސް ހަގީގަތުގައި ނެތެވެ. މީގެ 14 އަހަރު ކުރިން ހެދި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އާއްމު ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނަލެވެ. ކެފޭ/ރެސްޓޯރެންޓާއި މީހުން އެއްވެ އުޅޭ ތަންތަނާއި ސަރުކާރުގެ އިދާރާތައް ކައިރީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކޮށްފައި އޮތަސް ވަރަށް ފާޅުގައި އެކަން ކުރެ އެވެ.

ފުލުހުންގެ ކުރިމަތީގައި ކުރިޔަސް ފިޔަވަޅެއް ނޭޅެ އެވެ. އެންމެ ބޮޑު ވަރަކަށް ޖޫރިމަނާކޮށްލި ކަން އަންގައިލުމުން ނިމުނީ އެވެ. މިހާރު ވެސް އާންމު ތަންތަނުގައި އާދަޔާ ހިލާފަށް ގިނައިން ވޭޕް ބޭނުން ކުރަމުން ދާއިރު ވެސް އެންމެން އެ ތިބެނީ ބަލަހައްޓައިގެންނެވެ. ކެފޭ/ރެސްޓޯރަންޓްތަކުގެ ތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި ވޭޕް ބޭނުންކުރާއިރު އެކަން ހުއްޓުވަން އެ ތަންތަނުގެ މުވައްޒަފުން ވެސް މަސައްކަތެއް ނުކުރެ އެވެ. ބަރާބަރަށް ހިދުމަތް ދެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އޮކްޓޯބަރު މަހު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކެފޭ/ރެސްޓޯރެންޓުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފު ވެގެން ފުލުހުން މިހާތަނަށް ދޫކޮށްފައިވަނީ ޖޫރިމަނާގެ 8 ސްލިޕެވެ. އެކަމަކު ޔަގީންވާ ކަމަކީ އެ ނަމްބަރު އެތައް ގުނައެއް މައްޗަށް އަރާނެ ކަމެވެ.

އެ ގާނޫނު ތަންފީޒު ނުކުރެވިގެން އުޅެނިކޮށް، ގާނޫނަށް އިސްލާހު ގެނެސް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕްގެ ޖޫރިމަނާ ކުރަން ވަނީ ފަށައިފަ އެވެ.

ފުރަތަމަ ތިން ދުވަހު، ފުލުހުން ހަތަރު މީހަކު ޖޫރިމަނާ ކުރި އެވެ. ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ހަފުތާއެއް ވި އިރު އެ އަދަދު، ގިނަވެ މިހާތަނަށް ނުވަ މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.

އޭގެ ތެރެއިން އެކަކު 10،000ރ. އިން ޖޫރިމަނާކުރީ އީ-ސިނގިރޭޓް ބޮމުން ސައިކަލު ދުއްވުމުންނެވެ. ދެން ތިބި މީހުން ޖޫރިމަނާކުރީ 5،000ރ. ގެ ރޭޓުން ޖުމްލަ 50،000ރ. އެވެ.

ފުލުހުން ބުނީ ގާނޫނާ ހިލާފުވެގެން ޖޫރިމަނާ ކުރާ މީހުންނަށް އެކަމުގެ މައުލޫމާތު އަންގާނީ މޯބައިލް ފޯނަށް ފޮނުވާ ކުރު މެސެޖަކުން ކަމަށެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓް ލިންކެއް ހިމަނާފައިވާނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ އެ ލިންކުން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހިސާބުން އުފެދޭ ސުވާލަކީ އެ ޖޫރިމަނާ ނުދައްކައިފި ނަމަ އަޅާނެ ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ މަނާ ތަންތަނުގައި ދުންފަތުގައި އިސްތިއުމާލްކުރާ މީހުން ވެސް ނުހުއްޓުވެ އެވެ. އެހެންވެ، ވޭޕްކުރާ މީހުން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟

ބޮޑު އަދަދަކުން ޖޫރިމަނާ ކުރިޔަސް އެ ޖޫރިމަނާ ނުދައްކައިފި ނަމަ އެޅޭނެ ފިޔަވަޅެއް ގާނޫނުގައި ނެތެވެ. އެހެންވެ، ޖޫރިމަނާ ކުރުމަކީ ސީރިއަސް ފިޔަވަޅެއްގެ ގޮތުގައި ދުންފަތަށް ދެވިހިފާފައި ތިބި މީހުން ބަލައެއް ނުގަނެ އެވެ. ސިނގިރޭޓް ޖޫރިމަނާއެކޭ އެއްގޮތަށް ވޭޕް ޖޫރިމަނާ ވެސް އެއީ ނަމެއްގައި ކުރާ ކަމަކަށް ދޫކޮށްފި ނަމަ ނަތީޖާ ހަމަ ސުމެކެވެ.

ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ބުދަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ ބުދަ ދުވަހު ވިދާޅުވީ ސިނގިރޭޓްގެ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވުމަކީ އާއްމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމަކު، ވޭޕްގެ ޖޫރިމަނާއާ ގުޅޭގޮތުން އާއްމުން ސުވާލު އުފެއްދިއަސް، މި ފަހަރު ފެންނަނީ މާ އުއްމީދީ މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ކަމަކީ މި ކަންބޮޑުވުން ރައްޔިތުންގެ ތެރެއިން ސަރުކާރަށް އައިސް މަސައްކަތް ފެށިފައި އޮތުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުން. ދެ ވަނަ ކަމަކީ މާ ކޮލަބްރޭޓް އެފޮޓެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ މުއައްސަސާތައް ގުޅިގެން ކުރާތަން ފެނޭ. ތިން ވަނަ ކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ މި ކަމުގައި ގެންގުޅުއްވާ ޕެޝަނޭޓް ވިސްނުމާއި އެ މަނިކުފާނު ދަތުރުފުޅު ކުރައްވަން ބޭނުންވާ މިސްރާބު ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވެފައި ހުރީމަ،" ނާޒިމް ވިދާޅުވި އެވެ.

"މި ތިން ކަންތަކާ ގުޅިގެން އަޅުގަނޑު ދެކޭގޮތުގައި، ކުރީ ފަހަރު ކަންތައްތައް ދިޔަ ގޮތަށް [މި ފަހަރު] ވާނެ ކަމަކަށް އަޅުގަނޑު އުއްމީދެއް ނުކުރަން. އަބަދު އެއްގޮތަކަށް ކަންތައް ހިނގާނެ ކަމަށް އުއްމީދު ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން."

މާލެ ސްކޫލަކުން އަތުލައިގަތް ވޭޕްތަކެއް.-- ފޮޓޯ: މިނިސްޓްރީ

ގާނޫނުގައި މި ފަހަރު އޮތީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރެއިން، ދުންފަތުގެ ގާނޫނާ ހިލާފުވާ ނަމަ ކެފޭ/ރެސްޓޯރެންޓުތަކާ ދެކޮޅު ފިޔަވަޅު އެޅުން ހިމެނެ އެވެ. އޭގެ އެންމެ ފަހު މަރުހަލާކަމަށް މި ފަހަރު އޮތީ ވިޔަފާރީގެ ހުއްދަ ބާތިލްކުރުމެވެ.

އާއްމު ސިއްހަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާ، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކުންފުންޏެއް އުފައްދާއިރު، ކުރީގައި ކުންފުންޏެއް އޮވެއްޖެ ނަމަ އެ ޖޫރިމަނާ އެއްކޮށް ދެއްކީީމާ ނޫނީ ކުންފުނި ރަޖިސްޓަރީކޮށް ނުދޭ ކަމަށެވެ.

އެކަމަކު، އޭނާގެ ސުވާލަކީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާތައް އެ ކެޓަގަރީ އަށް ނުވައްދާ މައްސަލަ އެވެ.

"އެންމެ މުހިއްމު އެއް ކަމެއްގައި އޮތް ކަމެއް، އެ ކަން ނުވާ ކަމަށް ވަންޏާ އެ އަށް މީހުން އަމަލުކުރާ ވަރު ކުޑަވާނެ. މިއީ އާ ކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއް ނޫން. އޯލްރެޑީ އެކަން އެގޮތަށް އެސްޓަބްލިޝް ވެފައި އޮތް ސިސްޓަމެއް އެބައޮތް ރާއްޖޭގައި،" އަފްއާލް ވިދާޅުވި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބައެއް ހިދުމަތްތަކުގައި ވެސް ބެލޭ ކަންނޭނގެ މިހާރު. ދުންފަތުގެ ސަބަބުން މިވާ މައްސަލަތަކުގައި ޖޫރިމަނާކުރުން. ބައެއް ފަހަރަށް އެ ފައިސާ ނުލިބޭތީ މިހާރު އަޅުގަނޑުމެންނަށް ލިބޭ ބައެއް މައުލޫމާތަކީ މީގެ އިންސެންޓިވް އެއް ނެތޭ ޖޫރިމަނާ ކުރާކަށް. ނުދެއްކިއަސް ވަރި ހަމައޭ، ބައެއް ފަހަރު ލޯ އެންފޯސްމަންޓުން ވެސް ބައެއް ފަހަރު ފަރުވާ ކުޑަވުމެއް ހުރޭ."

އަފްއާލް ވިދާޅުވިގޮތުގައި، އެ ފައިސާ ލިބުމާއި ނުލިބުނަސް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން، އެ މީހުންގެ ޒިންމާ އަދާކުރެ އެވެ .

"ދައުލަތުގެ ވަޒީފާތަކުގައި ހާއްސަކޮށް ހުވާކޮށްގެން ތިބޭ ފަރާތްތަކުން އެބަޖެހޭ މި ކަހަލަ ކަންކަމުގައި ސަމާލުކަމެއް ދޭން. މި ހުރިހާ ކަމަކަށް ބަލާއިރު ވެސް، ދުންފަތް ކޮންޓްރޯލްކުުރުމުގައި އުޅޭ އެންމެންނަށް ވެސް އޮންނަ ކްރިޓިޒަމްއަކީ އަމަލު ނުކުރެވޭ ނުވަތަ ތަންފީޒުނުކުރެވޭ ގާނޫނެއް ހަދައިގެންނޭ މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ ގާނޫނު ތަންފީޒުކުރާ މީހުން އެކަން ކުރަން ބޭނުންވާ ނަމަ އަމަލުކުރެވޭނެ ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ، ސިނގިރޭޓް ބޮމުން ސައިކަލު ދުއްވުމުގެ މައްސަލަ ބޮޑުވުމުން އެކަން ހުއްޓުވަން ފުލުހުން މީގެ ހައެއްކަ އަހަރު ކުރިން ކުރި މަސައްކަތެވެ. ނަމަވެސް، މިހާރު އަނެއްކާ ވެސް އެ ހުރިހާ ކަމެއް ފެންނަ ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ނަމަ ބައެއް ކަންކަން އެ މީހަކަށް ނުކުރެވޭ ގޮތަށް ރާއްޖޭގައި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރޭގައި މިހާރު ވެސް ވަނީ ހިމަނައިފަ އެވެ. ކުދިންގެ ހަރަދު ނުދޭ މީހަކު، އެހެން ކައިވެންޏެއް ކުރަން ފައި ނަގައިފި ނަމަ އޭނާ ފުރަތަމަ ކުރަންޖެހޭ އެ ސާބިތު ދަރަނި ހަލާސް ކުރުމެވެ. އެހެން ނޫނީ އޭނާ ކިތަންމެ ބޭނުންވިޔަސް އެހެން ކައިވެންޏެއް ކުރެވޭނެ ގޮތެއް ފެމިލީ ކޯޓުން ހަމަޖައްސައެއް ނުދެ އެވެ.

ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ނުދައްކާ މީހުންނަށް ވެސް ހަމަ މިފަދަ ހަރުކަށި އުސޫލުތަކެއް ހަމަޖައްސައިގެން ނޫނީ ވޭޕާއި ސިނގިރޭޓްގެ ޖޫރިނަމާގެ ނަތީޖާ ހާސިލް ވާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ޕޮލިސީ ލެވެލްގައި ސަރުކާރުން ނިންމަން ޖެހޭ ނިންމުމެކެވެ.

ޓެކްސް އަދި ޖޫރިމަނާ ބަލައިގަންނަ މީރާއިން ވެސް ބުނީ މިހާރު އޮތީ ވޭޕްގެ ޖޫރިމަނާ އެކަނި ބަލައިގަންނަ ކަމަށެވެ. އެ ނުދައްކާ ނަމަ ވަކި ފިޔަވަޅެއް އެޅުމެއް ނޯވެ އެވެ. ނަމަވެސް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ވަކާލާތުކުރާ އެންމެން ވެސް ގަބޫލުކުރަނީ ޖޫރިމަނާ ކުރުމާއި އެ ފައިސާ ހޯދުމުގައި ހަރުކަށި ވާންޖެހޭނެ ކަމަށެވެ. ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމައިގެން ނޫނިއްޔާ އަދިވެސް ކާމިޔާބު ވާކަށް ނެތެވެ.

48 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސަރި

04 January 2025

ތަންފީޒީ އިދާރާތަކުން ކަމެތްކުރަށް ޖެހިޖެނަމަ ވަރައަވަހަށް އެކަން ނުކުރެވޭނެހާ ބަހަނާ ދައްކައި އެކަން ބޮލުން ކަނޑުވާލަނީއެވެ. ދުނިޔޭގައި އުލޭއިރު ކޮންމެ ކަމަކަށް ގާނޫނެތް އޮންނަށް ޖެހޭނެ ތޯ ؟ ކުރީ ބުނަމުން ދިޔައީ ގަވާއިދާ ޚިލާފަ އުޅޭ ބިދޭސީން އަތުލައި ބޭރުކުރެވޭނެ ގޮތެށްނެތް ކަމަށެވެ. މިއަދު ބޭރުމީހުން އަތުލައި އެކަން ކުރަނީ ހަމަކުރީން އޮތްގާނޫނެގެ ތެރެއިންނެވެ. ހަމަ ޖޫރިމަނާ ނުދައްކާނަމަ ގާނޫނުގެ ތެރެއިން ކުރެވޭނެ ގޮތްތަށް ބައިވަރު އެބަހުއްޓެވެ.

The name is already taken The name is available. Register?

ޖޫރިމަނާ

26 December 2024

އަސްލުމީ ވަރަށް ފަސޭހަކަމެއް. އައި.ޑީ ކާާޑް ހައްދާއިރު ނުވަތަ ޕާސްޕޯޓް ހައްދާއިރު ޖޫރިމަނާއެއް އޮތިއްޔާ އެދައްކާފަ ނޫނީ ހައްދާނުދީ. އެއޮތީ ނިމިފައެކަން

The name is already taken The name is available. Register?

ބުރަތޭރީ

26 December 2024

ވޭޕް ކުރާމީހުން ޖޫރިމަނާ ފައިސާ ދެއްކުމުން ނޫނީ ސަރުކާރާއި، ބޭންކާއި، ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކުން ދެވޭ ޚިދުމަތް އެފާރާތަށް ނުލިބޭ ގޮތަށް ސިޔާސަތު ބައްޓަން ކުރެވިއްޖެނަމަ، މަގުސަދު ހާސިލްވާނެ ކަމަށް ފެނޭ.

The name is already taken The name is available. Register?

ގަމާރުއެމްޕީން

26 December 2024

މިހާރު ހަދާ ގާނޫނު ތަކުގެ ފެންވަރު ތިއީ. ނުކިޔަވާ ތިބެ އައިސް ސިޔާސީ ޕޯޑިއަމުމް ޑިގްރީ ނެގީމަ ގާނޫނުތައް ހަދަން އެރުވީމަ ވާނީ ތިހެން. އަދަބާ ނުލާ ކަންކަން މަނާ ކުރަންޏާ ތިހަދާ ގާނޫނަކި ހުސްދެލިގަނޑެއްކަން މިވެރިންނަށް ދަސްކޮށްދޭން ކުލާހެއް ނަގާދޭން ފެންނަނީ.

The name is already taken The name is available. Register?

ދޮބާސީ

25 December 2024

އެހެންވީމާ ތިޔަ ގާނޫނު ތިއޮތީ އަމާބުނީތީ ފަރަށް ގޮސްފާ

The name is already taken The name is available. Register?

ސުދީރު

25 December 2024

ތިއީ މިރާއްޖޭގައި ހުރިހާ ކަމެއްވެސް އޮންނަގޮތް. ގާނޫނާއި ގަވާއިދަކީ ދިވެހިން ދަންނަ އެއްޗެއްނޫން. ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަކީ ސަރުކާރުތަކުންވެސް ދަންނަކަމެއްނޫން. މިގައުމުގައި އޮންނަ އުސޫލަކީ ބޮޑުމީހާއަށް ބޮޑުގޮތް ނިކަމެތި ރައްޔިތުމީހާއަށް ނިކަމެތިގޮތް. ގަވާއިދާއި ގާނޫނު ހުންނާނީ ކަރުދާހުގައި ލިޔެފައި ވެރިން ސިޔާސީ ޕޯޑިއަމްތަކުގައި އެވާހަކަތަށް ދައްކާނެ. ދިސް އިޒް މޯލްޑިވިއަން ސްޓައިލް.

The name is already taken The name is available. Register?

އަފްރާސިޔާބު

25 December 2024

އެއީ ކޮންމެހެން ހުއްޓުވަން ކުރާ ޖޫރިމަނާއެއް ނޫން. އެއީ ފައިސާ ހޯދުމަށް ކުރާ ޖޫރިމަނާއެއް. އެދެއްކިއަސް ނުދެއްކިއަސްވަރިހަމަ. އެންމެ ގިނަވާނީވެސް ލޯ އެންފޯސްމަންޓްގެ މީހުން ބޯބުއިން.

The name is already taken The name is available. Register?

ަސދފ

25 December 2024

ފުލުހުންގެ ތެރޭގަވެސް ދުންފަތުގެ އިސްތިއުމާލު ކުރޭ...ފުރަތަމަ އެކަން ހުއްޓުވަބާ..

The name is already taken The name is available. Register?

ސަމްގާ

25 December 2024

އައްފާލު ބުނާގޮތަށް ޤައުމު ހިންގާށެވެ. ކުރީ ފަހަރު މައިމޫނާ ބުނާގޮތަށް ރައްޔިތުން ގެއިން ނިކުތުނަ ނުދީ ސޯލިހް ޤައުމު ހިންގިއެވެ. ނަތީޖާއަކީ ސޯލިހް ޖެހުނީ ގެއަށްދާށެވެ. މިފަހަރު މި އައްފާލު އާއި ހެދި މުއިއްޒަށް ލިބޭނީ މިބޮޑިއެވެ.

The name is already taken The name is available. Register?

ދޮން

25 December 2024

ސަރުކާރުގެ އެންވެސް މުޢާމަލާާތެއް ކުރެވޭނީ ޖޫރިމަނާދެއްކުމުން ކަމުގައި ހެދީމަ ނިމުނީ . އެހެންވެ މަބުނަނީ މަޖްލީހަށް އަދިވެސް ހޮވަންވީ އަސާސީ ފެންވަރުގެ މީހުންނޭ . އޭރުން ތާ ފަހަތަށް ދާނީ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454