ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ވަޑައިގެން، ނިހާނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 މާޗް 2017 - 16:22
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ، ފ. އަތޮޅު ތަރައްގީ ކުރުމަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ގެންނަން އުޅޭ ބިޔަ މަޝްރޫއު ދެކެ ބިރުން ކަމަށް ޕީޕީއެމް ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރުޕީގެ ބައެއް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިކުރަނީ ސައޫދީގެ ރަސްގެފާނުގެ ޒިޔާރަތުގެ ސަބަބުން މިއިން ޒަމާނަކު ވެސް ނުލިބޭހާ ތަރައްގީ ރާއްޖެ އަށް ލިބޭނެކަން އެނގި، އިދިކޮޅު މީހުން މޭކަރާތީ ކަމަށެވެ.
މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ފަސޭހަކަމާއެކު ޕީޕީއެމް ކޯލިޝަނުން ނާކާމިޔާބު ކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ސައުދީގެ އިންވެސްޓްމެންޓްތަކެއް ރާއްޖެ އަތުވެއްޖެ ނަމަ، ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރުޕީގެ ވާހަކަ ނޫން ވާހަކައެއް ނުދައްކާނެ ކަމަށެވެ.
"މިއުޅެނީ މަސީހު އެއްވެސް ކަމެއް ކުރައްވައިގެންނެއް ނޫން. މިއީ ތިން ވަނަ ހަފުތާގައި އޮންނަ [ސައޫދީގެ ރަސްގެފާނުގެ ދަތުރުފުޅު] ދަތުރުފުޅު ދެކެ ގަންނަ ބިރެއްގެ ސަބަބުން ކުރި ކަމެއް،" އާރިފް ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ނަގާ މި ވޯޓު އޭނާ ސިފަ ކުރެއްވީ ދިވެހި ރައްޔިތުންނާ އިދިކޮޅަށް، ރައްޔިތުންނަށް ޣައްދާރުވާ ބަޔަކު ކުރާ ކަމެއްގެ ގޮތުގަ އެވެ.
ނިހާން ވިދާޅުވީ މިއީ ޒާތީ ހަސަދައެއް ކަމަށާއި މިކަމުގައި އިސްކޮށް އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އެންމެ ފުރަތަމަ މަސީހު ގެންނަވަން އުޅުނުއިރު، ދެކޮޅު ހެދި ބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވަކި ކަންތައްތައްތަކެއް ހާސިލް ކުރުމަށް، ވަކި އެދުމެއްގައި ކުރާކަމެއް ކަމެއް ކަމަށެވެ.
"ރިޔާސަތުގައި މަސީހު އިންނަވައިގެން އެ މީހުން ބޭނުންވާ ގޮތަކަށް، ބޭނުންވާ ފުރުސަތުތަކެއް ނުލިބޭނެކަން އެނގޭ. އެހެންވެ، އޭގެ ބަދަލުގައި ޖެއްސުން ކުރުމަށް ސަރުކާރަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި ކުރާ ކަމެއް މިއީ،" ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ. މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މަޖިލީހަށް ހުށަހެޅުއްވި 26 މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
އެކަމަކު ލަތީފްއާ ހަވާލާދެއްވާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ އެއީ "މާކުރިން ސޮއިކޮށްފައިވާ އެއްޗެއް" ކަމަށާއި އެއީ ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. އަދި މިހާރު އެކަމެއް ނެތް ކަަމަށް ވެސް ލަތީފްއާ ހަވާލާ ދެއްވައި ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހު ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ 22 މެމްބަރެއްގެ ސޮޔާއެކު ހުށަހެޅި އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރީ
12 March 2017
މިފަހަރު ތިކަން ވާނެ އަދި ތިކަން ވުމަކީ ދެން ހުރި ކަންކަން ކުރުމަށް ލިބޭނެ ބާރެއް . އިންޝާﷲ
ފިނދަނާ
09 March 2017
ނޫން. ދިވެހި ޤައުމަށް ރައްކާތެރިކަމާއި ސަލާމަތްކަން އޮތީ އެފަދަ ޚާއިނުންތައް އެއްކާރިކުރުމުން. އެހެންވެ ބޭރުކުރަން ޖެހެނީ.
ގާޒީހަސަނު
09 March 2017
ތީތި ދާނީ އެންމެ ގިނައިން ފައިސާ ދޭ ކޮޅަކަށް .. ތީ ހަމަ އަނެއްކާވެސް މެމްބަރުންގެ ޖީބު ބޮޑުކޮށްލަން ކުރިކަމެއް. ގޯނި ގޯންޏަށް އަޅައިގެން .. އެބަ އާދެ.. ހިފަން ތައްޔާރަށް ތި ތިބީ ވެސް..
ބާކީ
09 March 2017
މަސީހުގެ އެދިލައވައިގެން ކުރާ ކަމެއް ނޫންބާ؟ މަސިހުވެސް ބޭނުމެއް ނުވާނެ މިގައުމުން ބިން ވިއްކާކަށް.
ޕޮކަންޑި މޭން
09 March 2017
ޝައްކެއްވެސް ނެތް. އެއްބިލިއަން ޑޮަލަރު ހަޖަމު ވެދާނެ. އެކަމަކު ކިހިނެއްތޯ ދިހަބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއް ހަޖަމުކުރަނީ. މިރައީސްގެ ތަރައްޤީގެ އަމާޒުތައް މިހުންނަނީ އިދިކޮޅުމީހުން އެއާ ދޭތެރޭ ވިސްނާލާފިނަމަ އެބައިމީހުންގެ ހެޔަށް ގޮތްވާ ހިސާބުގައި.
އަފީފްދީ
09 March 2017
އިންވެސްޓް ކުރަނީއޭ ކިޔައިގެން އޮޅުވާލުމެއްގެ ތެރޭގައި ގައުމުގެ ބިން ބޭރުފަރާއްތަކަށް ވިއްކާލާ ހިބަކޮށް ދިނުން ، ނުވަތަ މިލްކުކޮށް ދިނުމަކީ އެއްގޮތަކަށް ވެސް ކުރުން ހެޔޮވާ ވަރުގެ ކަމެއްނޫން. އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއްނޫން ، އަދި ކުރެވިގެންވާނެ ކަމެއްވެސް ނޫން . އެތަކެއް ޒަމާނުއްސުރެ މުސްލިމް ރައްޔިތުން ތަކެއް ދިރިއުޅެމުންދާ މިނިވަން އިސްލާމީ ދައުލަތެއްގެ ބިން އެތާގާ ދިރިއުޅެމުންދާ ވަޒަންވެރިން ބޭރުކޮށް ، ބޭރުގެފަރާއްތަކަށް ވިއްކާ މިލްކު ކޮށްދިނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިގެނެއްނުވޭ. އެކަމަށް ފުރުސަތު ލިބޭގޮތަށް ހަދާ ގާނޫނު ތަކަކީ ވެސް ބާދިލު އެއްޗެއް. އިސްލާމީ ޝަރީއަތުގާ އަދުލުވެރިކަމާ ، އިންސާފާ، ހައްގުތަކެއް ގެއްލޭ ގޮތަށް. ނުވަތަ ހައްގުތަކުން މަހުރޫމުވާ ގޮތަށް ، ނުވަތަ ފުރުސަތުލިބޭގޮތަށް ގާނޫނެއް ނެހެދޭނެ. އްއެއީ ހުއްދަ ކަމެއްނޫން. އިސްލާމީ ޝަރީއަތުގާ ހުއްދަ ކަމެއްނޫން. ގައުމުގެ މިނިވަންކަން ގެއްލި ހިގައިދާ ފަދަ ކަންކަން ސަރުކާރުންވެސް ކޮށްގެން ނުވާނެ.
ޓްރެއިޓާސް
09 March 2017
މަލިކަކީ ކުރިން ދިވެހިރާއްޖޭގެ ރަށެއް. ވެރިކަން ދިފައުކުރަން ދިވެހި ރަދުން މަލަބާރީންނާ ހެދި ޑީލެއްގެ ސަބަބުން މަލިކު އެއްކޮށްގެއްލިގެން ދިޔައީ. އެހެންވީމާ ފާފު އޮތޮޅު ކަންތަކާ ބިރު ނުގަންނާނީ ހަމައެކަނި ގައުމަށް ގައްދާރުވާ މީހުން އެކަނި!
މެންޓަލިސްޓް
09 March 2017
މިދަނޑިވަޅުގައި މަސީހް ބޭރުކުރަން އުޅުމަކީ ހަގީގަތުގައި ބޮޑުވިޔަފާރިއެއްކަމުގައި ފެންނަނީ ،، އެއީ ދުވަސް ގަނޑެއްވެއްޖެ މަޖިލިސް މެންބަރުންނަށް ގަނޑުކޮށް ފައިސާނުލިބޭތާ ،، އެހެންވީމައި މިދަނޑިވަޅަކީ އަނެއްކާވެސް ހުރިހާ މެންބަރުންނަށް ފައިސާގެ ބޮޑެތި އިނާމްތަށް ބަޓަންއަށް ފިއްތާލާތަނުން ލިބިގެން ދާނެ ވަގުތެއް ، ،ދެން ތީގައި އޮތް އަނެއްކަމަކީ ގައުމުވިއްކާލަން ވޯޓްދީގައިއޮތީ ހަގީގަތުގައި މަޖިލިސްއިން ،،، ދެން މިހާރު ތިޔަޖަހާސަކަރާތުން މީހުންގެ ފޯކަސްގެއްލިގެންދާނެ ،،، މިދެކަން ހާސިލް ކުރަންވެގެން ޖަހައިގެން އުޅޭސަކަރާތެއް ތިޔައީ ،، ތިޔަމަޖިލިސްއަކީ ފައިސާގެ މަޖިލިސްއެއް ،،، އެމީޙުންގެ މަސައްކަތަކީވެސް ފައިސާހޯދުން ،،،، ވަރަށްވެދުން
ސައްތާރު /މހއ
09 March 2017
މިހާރުދެން ހަމަ ކޮންމެ ކަމެއް މިގައުމުގާ ހިގިޔަސް މިވަނީ ފ.އަތޮޅު ވިއްކުމާއި ދީނާ ބެހުމަށް. މިދަރަޖަޔަށް ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރުގެ ވެރިން ދިޔައިމާ އެބައިގޭ ވަރަށް ބޮޑެތި ގޯސްތައް ހެދިގެން ފޮރުވަން އެބަ މަސައްކަތް ކުރާކަން. ދޮގާއި މަކަރު ނެތް ނަމަ ނިކަން ކެރިގެން ނުކުންނަވާ ރައްޔިތުންނާއި ކުރިމަތިލައްވާ ކަން ކުރުމަށް ރާވާފާ ވާގޮތާއި ރައްޔިތުންނަށް ލިބޭނެ ފައިދާ ރައްޔިތުންނަށް ކިޔާލަދޭން ނުކެރިގެން ސަރުކާރުން މިއުޅެނީ ކީއްވެގެންތޯ އެބަސުވާލު އުފެދޭ.
ކަލޯ
09 March 2017
ފ، އަތޮޅުވިއްކާ ނިމުނީމަ މަޖިލިހުގެ ރައިސްގެ ބޭނުން އޮންނާނެ ތޯ ؟ ދެންވާނީ ކިހިނެއް؟