ޖެޖޫ އެއާގެ މަތިންދާބޯޓު ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ވެއްޓި ރޯވެފައި. -- ފޮޓޯ: ޔޮންހެޕް ނިއުސް އެޖެންސީ
29 ޑިސެމްބަރ 2024 - 06:22
ދެކުނު ކޮރެއާގެ މަތިންދާބޯޓެއް 181 މީހުންނާ އެކު އެ ގައުމުގެ މުއާން އެއާޕޯޓަށް ވެއްޓި 29 މީހަކު މަރުވެއްޖެ އެވެ.
"175 ފަސިންޖަރުންނާއި ހަ ކްރޫ މެންބަރުން ތިބި ބޯޓެއް މުއާން އެއާޕޯޓަށް ވެއްޓިއްޖެ،" ޔޮންހަޕް ނިއުސް އެޖެންސީން ބުންޏެވެ.
ދެކުނު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި 29 މީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ޔަގީންވެފަ އެވެ.
"މި ހާދިސާގައި މިހާތަނަށް 29 މީހުން މަރުވެފައިވާކަން ކަށަވަރުކުރެވިއްޖެ،" ލޯކަލް ފަޔާ ޑިޕާޓްމަންޓުގެ ރެސްޕޮންސް ޓީމުގެ އޮފިސަރެއް ކަމަށްވާ ލީ ހިޔޯން-ޖީ އޭއެފްޕީއަށް ވިދާޅުވި އެވެ.
"ސީރިއަސް ޒަހަމްތައް ހުރި މީހުން ވަރަށް ގިނަ. އެހެންވެ، މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވޭ."
"ޖެޖޫ އެއާ" ގެ މި ބޯޓު އެކްސިޑެންޓުވީ ތައިލެންޑުން އައިސް ޖައްސަން އުޅުމުގެ ތެރޭގަ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
BREAKING: Video shows crash of Jeju Air Flight 2216 in South Korea. 181 people on board pic.twitter.com/9rQUC0Yxt8
— BNO News (@BNONews) December 29, 2024
ޖެޖޫ އެއާގެ ބޯޓު ރަންވޭގައި ކޮންޓްރޯލް ނުވެ އެކްސިޑެންޓު ވަނީ
ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނީ އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އެއާޕޯޓަށް މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ދޫނި ބައިގަނޑެއްގައި ޖެހި ލޭންޑިން ގިޔަރުގައި މައްސަލަ ޖެހިގެން ކަމަށް ބެލެވެ އެވެ.
މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާން ރޯވެ ގަދަޔަށް ދުން އަރަމުންދެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރަންވޭއަށް ބޯޓު ޖެއްސުމަށް ފަހު ކޮންޓްރޯލް ނުވެ ގޮސް ފެންސެއްގައި ޖެހުމާ އެކު ބޯޓު ގޮވައި ހުޅުގަނޑު ފަޅައިގެން ދަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހުވަ ތަށި
29 December 2024
މިޚަބަރުގަ ބޯޓު ވެއްޓިއްޖެ ކަމަށް އޮތަސް ބޯޓު ވަނީ ލޭންޑިންގ ޕްރޮސީޖަރާ އެއްގޮތަށް ލޭންޑްކޮށްފަ. ތަފާތަކީ ލޭންޑިންގ ގިއަރާ ނޯޒް ގިއަރު ތިރިނުވެ ހުރިކަން. ލޭންޑިންގ ގިއަރ ދޫނި ބައިގަނޑެއްގަ ޖެހިގެން މައްސަލަ ޖެހުމަަށްވުރެ ހައިަޑްރޯލިކް ސިސްޓަމް ފަދަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ތިރިނުވެ ހުރިކަމަށް ބެލެވެނީ .